މޯލްޑިވިއަންގެ ސީޕްލޭނެއް ތިރިކުރަނީ. އެ އެއާލައިނުން އަންނަ ހަފުތާގައި ކަމަދުއަށް ސީޕްލޭން ދަތުރުތައް ފަށާނެ: ފައިލް ފޮޓޯ/މިހާރު
03 ސެޕްޓެމްބަރ 2025 - 12:10
ގައުމީ އެއާލައިން، މޯލްޑިވިއަން އިން ބ. ކަމަދުއަށް ކުރަން ހަމަޖައްސާފައިވާ ސީޕްލޭން ދަތުރުތައް އަންނަ ހަފުތާގެ ބުރާސްފަތިދުވަހު ފަށަން ނިންމައިފި އެވެ.
މޯލްޑިވިއަން މި ދަތުރުތަކާ ބެހޭ ގޮތުން ކޮށްފައިވާ އިޝްތިހާރެއްގައިވާ ގޮތުން އެ އެއާލައިނުން ކަމަދުއަށް ސީޕްލޭން ދަތުރުތައް ކުރާނީ ކޮންމެ ހަފުތާއެއްގެ ވެސް ބުރާސްފަތި ދުވަހު އެވެ. ދަތުރުތައް ފަށާއިރު ހާއްސަ ފެއާއެއްގެ ގޮތުގައި މާލޭން ކަމަދުއަށް އެއްކޮޅު ޓިކެޓެެއް ވިއްކާނީ 1،199ރ. އަށެވެ.
ކަމަދުއަށް ސީޕްލޭން ދަތުރުތައް މޯލްޑިވިއަން އިން ކުރަނީ ދަ ހޯކްސް ހޮޓެލްއާ އެކު މިދިޔަ މަހުގެ 11 ވަނަ ދުވަހު ސޮއިކުރި އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގައި ސޮއިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބ. އަތޮޅުގެ ރަށްތަކަށް ދާދިފަހުން ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
ގެސްޓް ހައުސް ވިޔަފާރީގައި ކުރިއަރާފައިވާ ކަމަދުއަށް އީދާއި ބޮޑު ޗުއްޓީ ފަދަ ބަންދުތަކުގައި ގިނަ ބަޔަކު މިހާރު ވެސް ޒިޔާރަތް ކުރެ އެވެ. އެ ރަށުގައި ސީ ޕްލޭން ހިދުމަތާ އެކު، ޓޫރިޒަމް އިތުރަށް ފުޅާވާނެ ކަމަށް ކަމަދޫ ކައުންސިލުން ދެކެ އެވެ.
ލޯކަލް ޓޫރިޒަމް އޮތް ބައެއް އެހެން ރަށްރަށަށް ވެސް ސީޕްލޭން ދަތުރުތައް ފަށާނެކަން ރައީސް މުއިއްޒު ދާދިފަހުން ވަނީ އިއުލާން ކުރައްވައިފަ އެވެ. އޭގެ ތެރޭގައި އއ.ތޮއްޑޫ އާއި އއ. އުކުޅަަހާއި ނ.ވެލިދޫ ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައިމިނާ
05 September 2025
ދަތުރުކުރަނީ ކޮންބައެއް . ފަތުރުވެރިން އެކަނި ދެވިދާނެ.
މުޑަހަންޖާ
03 September 2025
ރާއްޖޭ ހުރިހާ ދަތުރުފަތުރެއް މިއޮންނަނީ އެއްރަށަކާ ދިމާލަށް. ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އެއާލައިން ދަތުރުތައް އޮންނަނީ އެހެންތޯ.
ރާވެރިބެ
03 September 2025
ދެން ތިވީ ވީކެންޑަށް ކަމަދޫ އަށް ޖައްސާލަން. ސަގާފީ ކުޅިވަރު ބަލަން.