ރައީސް މުއިއްޒު ނޭކުރެންދޫ ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވަނީ.--- ފޮޓޯ: ރައީސް އޮފީސް
06 ސެޕްޓެމްބަރ 2025 - 00:03
ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޭ އާންމު ހިލޭ އެހީ ނުވަތަ ބްލޮކް ގްރާންޓްގެ ގޮތުގައި ފައިސާ ދޭނެ މިންވަރު ކަނޑައެޅުމުގައި އާބާދީ އަށް ބެލުމުގެ ބަދަލުގައި ރަށުގެ ބޮޑުމިނަށް ބަލާ ގޮތަށް އުސޫލު ބަދަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައި އެކަން ރޭ އިއުލާން ކުރައްވައިފި އެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާނީ ކައުންސިލްތަކަށް ބްލޮކް ގްރާންޓު ދޫކުރާ އުސޫލަށް ގެންނަ ބަދަލާ އެކު ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ކައުންސިލްތަކަށް ފައިސާ ދިނުމުގައި ރަށުގެ ބޮޑު މިނަށް ރިއާޔަތްކުރާ ގޮތަށް ހަމަޖައްސަނީ އާބާދީ މަދު ނަމަވެސް ރަށް ބޮޑު ނަމަ މުނިސިފަލް ހިދުމަތްތައް މަދު ނޫން ވީމާ ކަމަށެވެ.
"...އެހެން ކަމުން، ބްލޮކް ގްރާންޓުގެ ފިސްކަލް ފޯމިއުލާ މިހާރު ކަނޑައަޅުއްވާފައިވާ ގޮތުން، އެ ކައުންސިލްތަކަށް ގެއްލުން ވާތީ ފިސްކަލް ފޯމިއުލާ މުރާޖައާ ކުރުމުގައި ރަށުގެ ބޮޑުމިނަށް ރިއާޔަތް ކުރެވޭ ގޮތަށް ބަދަލުކޮށް، 2026 ވަނަ އަހަރުގެ ބަޖެޓު ހުށަހަޅާއިރު މި ބަދަލާ އެކު ހުށަހެޅުމަށް ވާނީ ނިންމާފައި،" ރައީސް މުއިއްޒުގެ ޕޯސްޓުގައި ވިދާޅުވި އެވެ.
ކައުންސިލްތަަކަށް ބްލޮކް ގްރާންޓް ދިނުމުގައި އަމަލުކުރާ އުސޫލު ބަަދަލު ކުރައްވާނެކަން ރައީސް ރޭ އިއުލާނު ކުރެއްވިއިރު، އަންހެނުންގެ ކޮމިޓީއަށް ބަޖެޓް ދިނުމުގައި އަމަލުކުރާ އުސޫލަށް ވެސް ބަދަލު ގެންނަވާނެކަން އެ މަނިކުފާނު ވަނީ ހާމަކުރައްވައިފަ އެވެ.
އޭގެ ތެރެއިން އެއް ބަދަލަކީ ރައީސް މުއިއްޒު ރޭ ވިދާޅުވި ގޮތުގައި، ކައުންސިލްތަކަށް ދޭ ބަޖެޓުގެ ފަސް ޕަސެންޓް އަންހެނުންގެ ކޮމިޓީ އަށް ދޭންޖެހޭ ގޮތަށް އޮތްއޮތުން ބަދަލުކޮށް 10 ޕަސެންޓަށް ބޮޑުކުރުމެވެ.
ދެވަނަ ބަދަލަކީ އަންހެނުންގެ ކޮމިޓީތަކަށް މިހާރުދޭ ބަޖެޓްގެ ތެރެއިން ކޮމިޓީގެ މެންބަރުންނަށް ރޯދަ އިނާޔަތް ދިނުމުގެ ބަދަލުގައި ކައުންސިލްގެ ބަޖެޓުން އެ އިނާޔަތް ދޭ ގޮތަށް ހަމަޖެއްސުމެވެ.
ރަށްރަށުގެ އެކި ކަންކަމަށް ހަރަދު ކުރުމަށް ބްލޮކް ގްރާންޓުގެ ގޮތުގައި ކައުންސިލްތަކަށް ސަރުކާރުން މިދިޔަ އަހަރު ޖުމުލަ 2.2 ބިލިއަން ރުފިޔާ ދޫކުރިއިރު، އެ އަހަރު ނިމުނުއިރު އެއްވެސް ހަރަދެއް ނުކޮށް 1.4 ބިލިއަން ރުފިޔާ ބަހައްޓާފައި ހުރި ކަމަށް ރައީސް ވަނީ މިދިޔަ މަހު ވިދާޅުވެފަ އެވެ.
މިދިޔަ މަހުގެ ކުރީކޮޅު ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އޭދަފުށީގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ބްލޮކްގްރާންޓު ދޫކުރަނީ ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދޭން ކަމަށާއި އެހެންވެ އެ ފައިސާ ހަރަދު ކުރުން ލާޒިމު ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވިގޮތުގައި ބްލޮކް ގްރާންޓުގެ ގޮތުގައި ސަރުކާރުން ކައުންސިލްތަކަށް ފައިސާ ދޫކުރަނީ ވީ އެންމެ ފެންވަރު ރަނގަޅަކަށް އެ ރަށެއްގައި މަސަައްކަތް ކުރަން ކަމަށް ވިޔަސް އަހަރު ނިމުނުއިރު ދެބައިކުޅަ އެއްބައި ބާކީ ކުރުމުން ކަންކަން ނުކުރެވޭ ކަމަށެވެ.
"މި އަހަރު ވެސް މި ގޮތަށް [ބްލޮކް ގްރާންޓު ފައިސާ ރަށްރަށުގެ ބޭނުންތަކަށް ހަރަދު ނުކުރުން] އަދި ކޮންޓިނިއު ވަނީ، މި އޮގަސްޓަށް މި އައީ. މިހާރު ވެސް މި އަހަރަށް ދޫކުރި ބްލޮކް ގްރާންޓުގެ ތެރެއިން ވެސް ފުދޭވަރެއްގެ ބޮޑު އިންސައްތައެއް ހަމަ ސޭވް ކުރަމުން އަންނަނީ،" ރައީސް މިދިޔަ މަހު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަރުތަ
06 September 2025
2020ވަނަ އަހަރު ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވުމަށް، ބްލޮކްގްރާންޓް އުސޫލުން ވަނީ ފައިސާންދޭން ފަށާފަ ނޫންބާ! އެކަމަކުވާދޯ...............އަހަރުމެން ރައްޔިތުން ހަމަ ބުރާންތިވެފަ މިތިބީ.
ކައުންސިލް އިންޠިޚާބަށް ފައިސާގެ ދަޅަ ދައްކަނީ....
06 September 2025
އިންޠިޚާބު ނިމޭއިރަށް "ކުރިންބުނި އެތި ކެންސަލް" ކޮށްލާނެ!
ޕްލޭނިންގް
06 September 2025
ޑިވެލޮޕްމަންޓް ޕްލޭން ތައްޔާރުކޮށް ޕްލޭނިންގް މިނިސްޓްރީއިން އެޕްރޫވްކޮށްގެން މެނުވީ ރަގަޅު ނުވާނެ، ސަބަބަކީ ކޮންމެ ކައުންސިލަކީ ޓެކްނިކަލް އެކްސްޕާޓީސް ހުރި ބައެއް ނޫންވީމަ. ބަޖެޓަކީ އެންމެ ފަހު މަރުހަލާ. މިހާރު ތިނިންމި ގޮތުން ބޭކާރު ހަރަދު ކުރުމުގެ ފުރުސަތުތައް އިންތިހާއަށް ބޮޑުވާނެ.
ޢަރުތަ
06 September 2025
ކައުންސިލް އިންތިޚާބަށްފަހު ބަދަލު ކޮށްލާ ގޮތަށޭ.
ވަންޗޫ ބޭބެ
06 September 2025
ތިގޮތަށް ދޭފައިސާތަކުން ކައުންސިލްތަކުން ކުރާނެ ނުކުރާނެ ކަމެއް ނޭނގިފަ އޮންނަނި! އެއްބަޔަކު އިންތިހާބު ކައިރިވާތީ އެމީހުންގެ ކެމްޕޭނަށް މަންފާލިބޭ އެކިކަންކަމުގަ ތިފައިސާ ހޭދަކުރަނި، މިސާލަކަށް ވޯޓް ދޭނެހެން ހީވާ އާއިލާތަކުގެ މީހުންނަށް ވަގުތީ ވަޒީފާދިނުމުގަ، އަނެއްބަތަކު ކުޅިވަރު މުބާރާތް ބޭއްވުން. ލާރިދޭންވީ ޕްރޮޕޯސަލް ހަދައިފަ ހުށަހަޅާމީހުންނަށް، ކުރީގެ ޕާފޯމެންސަށްވެސް ބަލައިފަ! އެހެންނޫނީ ޓެކްސްފައިސާ ހަމަ މުޅިން އިސްރާފަށް ގޮސް ހުސްވަނީ!
ވަންޗޫ
06 September 2025
ހެޔޮނުވާނެ ތި ބޮލޮކް ގްރާންޓުން ކައުންސިލްތަކުން ޗުއްޓީހޭދަކުރަން ނުދެވޭ ގޮތަށް ހަދައިދީބަލަ! މުޅިކައުންސިލްގެ ހުރިހާ މުވައްޒަފުން ގޮވައިގެން އެއްރަށުން އަނެއްރަށުން ޗުއްޓީހޭދަކުރުމުގަ އުޅެނި ތިއަށް ހަދާނެ ގޮތެއް ނޭނގިގެން. އަނެއްބަޔަކު ކައުންސިލް އިންތިހާބު ކައިރިވާތީ ޒުވާނުން އަތުއަޅުވާލަން އެއްމުބާރާތުން އަނެއް މުބާރާތް ބޭއްވުމުގަ އުޅެނި. ދުވަހަކުވެސް ދެމެހެއްޓެނިވި ތަރައްގީއަކަށް ކަމެއް ކޮށްދެވޭ ތަނެއްނުފެނޭ! އެތަކުގެބަންގާޅީންވެސް މާރަނގަޅު!
މަހްމޫދް
06 September 2025
މިކަމުން ދޭހަވަނީ ރަށުގެ ތަރައްޤީ އަށް އެމަނިކުފާނު އަމިއްލަ ފުޅަށް އިސްކަން ދޭ މިންވަރު. މިސަރުކާރުގަ ހުރިހާ މިނިސްޓްރީއެއްގެ މިނިސްޓރުކަން ވެސް ބަލަހައްޓަން ވީ ރައީސް.
ފަރީޝާ
06 September 2025
ރައީސް ނަޝީދަކަށް މިކަމެއް ނުވި. ވަހީދަކަށް ނުވި. ޔާމީނަކަށް ނުވި. ސޯލިހަކަށް ނުވި. ހެޓް އޮފް ޓު ރައީސް މުއިއްޒު. މުއިއްޒު މީ އެއްވަނަ
ޢަރުތަ
06 September 2025
2020ން ފެށިގެން ތިކަން އޮންނަނީ ތިގޮތަށް، އިތިރުފުޅު ހައްދަވަނީ...........
ރުއާ
06 September 2025
ނިމިދިޔަ ސަރުކާރުން ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލާ ގައުމު ދަވާލީ. މި ރައީސް މި ބަލަނީ ރަށްރަށް ތަރައްގީ ކުރެވޭތޯ. ވަކި ރަށެއް އިސްތިސްނާ ނުކޮށް
މަހްފޫޒް
06 September 2025
ރަނގަޅު ނިންމެވުމެއް ރައީސް. ރަށުގެ ކުޑަ މިނަށް ބަލާ ތަރައްގީ އިން މަހުރޫމް ވުމަކީ މާ ކުރީ ޒަމާނުގެ ސްޓައިލެއް
ދާލު
06 September 2025
ކުރިން ފައިސާ ދޫކުރީ ހަމަ ތިގޮތަށޭ، ތަފާތަކީ ކުރިން އިއުލާންކޮށް ސުރުޚީ ނުޖަހާކަން
ޢަރުތަ
06 September 2025
2020ގަ ހަމަޖެހިގެން ކުރިޔަށް ދާކަމެއް، އާކަމެއް ނޫން.
މިބުނީނު
06 September 2025
20 އަހަރަށް މާސްޓަރޕްލޭން އެކުލަވާލާ 2045 އަށް ތަރައްގީވެފައިވާ ގއުމަކަށް ވާއިރު މީހުން ދިރިނޫޅޭނެ ރަށްތަކެއް ކަނޑައަޅަންޖެހޭ. ބައެއްއަތޮޅުގައި 5 ރަށުގައި މީހުންއުޅެވެންއޮއްވާ 13 ރަށުގައި އެބައުޅޭ. ތަރައްގީއަށްއެޅޭ މިަދަބޮޑެތި ހުރަސްތައް ނައްތާލައިގެންނޫނީ ބޭނުްވާ ތަރައްގީ ހާސިލެއްނުކުރެވޭނެ.