މިދިޔަ އަހަރު ކައުންސިލްތަކަށް ސަރުކާރުން 2.2 ބިލިއަން ރުފިޔާ ދޫކުރި. ހުރިހާ ކައުންސިލްތައް އެއްކޮށް ޖުމުލަ 1.4 ބިލިއަން ބާކީ. މި އަހަރުގެ ޓްރެންޑު ވެސް ހުރީ އެހެން ކަމަށް ރައީސް ވިދާޅުވި.
ރައީސް މުއިއްޒު މިހާރު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކެންދޫ ކައުންސިލްގެ ބޭފުޅުންނާ އިއްޔެ ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
12 އޯގަސްޓް 2025 - 06:26
ރަށްރަށުގެ އެކި ކަންކަމަށް ހަރަދު ކުރުމަށް ބްލޮކް ގްރާންޓުގެ ގޮތުގައި ކައުންސިލްތަކަށް ސަރުކާރުން މިދިޔަ އަހަރު ޖުމުލަ 2.2 ބިލިއަން ރުފިޔާ ދޫކުރިއިރު އެ އަހަރު ނިމުނުއިރު އެއްވެސް ހަރަދެއް ނުކޮށް 1.4 ބިލިއަން ރުފިޔާ ބަހައްޓާފައި ހުރި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
"މިއީ ބްލޮކް ގްރާންޓް. މި ފައިސާ ކައުންސިލްތަކަށް މިދެނީ ހިދުމަތްތައް ފޯރުކޮށްދޭން. މުނިސިޕަލް ހިދުމަތް ކުރަން މިދެނީ. އެހެންވީމާ އެ ފައިސާ ހަރަދު ކުރުމަކީ ކައުންސިލަށް ލާޒިމު ކަމެއް ރައްޔިތުންނަށް ކަންކަން ކޮށްދޭން،" ބ. އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި އޭދަފުށީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވިގޮތުގައި ބްލޮކް ގްރާންޓުގެ ގޮތުގައި ސަރުކާރުން ކައުންސިލްތަކަށް ފައިސާ ދޫކުރަނީ ވީ އެންމެ ފެންވަރު ރަނގަޅަކަށް އެ ރަށެއްގައި މަސަައްކަތް ކުރަން ކަމަށް ވިޔަސް އަހަރު ނިމުނުއިރު ދެބައިކުޅަ އެއްބައި ބާކީ ކުރުމުން ކަންކަން ނުކުރެވޭ ކަމަށެވެ.
"މި އަހަރު ވެސް މި ގޮތަށް [ބްލޮކް ގްރާންޓު ފައިސާ ރަށްރަށުގެ ބޭނުންތަކަށް ހަރަދު ނުކުރުން] އަދި ކޮންޓިނިއު ވަނީ، މި އޮގަސްޓަށް މި އައީ. މިހާރު ވެސް މި އަހަރަށް ދޫކުރި ބްލޮކް ގްރާންޓުގެ ތެރެއިން ވެސް ފުދޭވަރެއްގެ ބޮޑު އިންސައްތައެއް ހަމަ ސޭވް ކުރަމުން އަންނަނީ،" ރައީސް ވިދާޅުވި އެވެ.
އޭދަފުށީގައި ވާހަކަފުޅު ދައްކަވަމުން ވެސް ރައީސް މުއިއްޒު ކަންބޮޑުވުން ފާޅުކުރެއްވި އެއް ކަމަކީ ރަށްރަށަށް ކޮށްދޭންޖެހޭ ކަންކަން ބްލޮކް ގްރާންޓުން ހަރަދު ނުކޮށް ކައުންސިލަރުން ތަޖުރިބާ ދަތުރުތައް ކުރައްވާ މައްސަލައިގަ އެވެ.
ރައީސް މުއިއްޒު އޭދަފުށީގެ ރައްޔިތުންނާ ރޭ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވިގޮތުގައި، ބްލޮކް ގްރާންޓު ފައިސާ އިން ހަރަދު ކޮށްގެން ކައުންސިލަރުން އެ ދަތުރުތަކުގައި ވަޑައިގަންނަވަނީ ވެސް ރާއްޖެ ކަހަލަ ގައުމަކަށް އެ ތަޖުރިބާ އިން ފައިދާ ނުކުރާނެ ގައުމުތަކަށެވެ. އެހެންވެ، ކައުންސިލްތަކުން ބޭކާރު ހަރަދު ނުކުރުމަށް އެ މަނިކުފާނު ތަކުރާރުކޮށް އެދިވަޑައިގަތެވެ.
"ޒިންމާދާރުކަމާ އެކީގައި ރައްޔިތުންނަށް ހަރަދު ކުރުމަށް ދޫކުރާ ފައިސާ ބޭނުންކުރަން އެބަޖެހޭ. ބަޖެޓު ފާސްކޮށްފައި، ބަޖެޓުން މި ދޫކުރާ ފައިސާއަކީ ގާނޫނީ ގޮތުން ކައުންސިލްތަކަށް ދޫކުރާ އެއްޗެއް. ފައިސާ ޖެހޭނީ ހަރަދު ކުރަން ކައުންސިލްތަކުން ރައްޔިތުންނަށް ހިދުމަތް ދޭން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
"ބާކީ ކޮށްގެން ވާ ފައިދާއެއް ނެތޭ. އެ އިންވެސްޓެއް ވެސް ކުރަނީކީ ނޫން ރައްޔިތުންނަށް ފައިދާވާ ގޮތަކަށް. ކަމަކަށް އިންވެސްޓް ކުރާ ނަމަވެސް ރަނގަޅު."
ރައީސް ވިދާޅުވީ، އެ މަނިކުފާނު އެކަން ސަމާލުކަމަށް ގެންނެވީ ރައްޔިތުންނާއި ކައުންސިލްތަކުން އިތުރަށް ވިސްނުމަށް ކަމަށެވެ.
އޭދަފުށީގައި ރޭ ބޭއްވި ޖަލްސާ އަށް ރައީސް މުއިއްޒު ވަޑައިގަތުމުން އެ ދާއިރާގެ މެމްބަރު ސަލީމާއި ކައުންސިލްގެ ބޭފުޅުން މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
މާލޭގެ މޭޔަރުކަން ވެސް ކުރެއްވި ރައީސް މުއިއްޒު ވިދާޅުވީ، ލާމަރުކަޒީ ގާނޫނުގެ އެއް ޗެޕްޓަރު ހާއްސަ ކޮށްފައި ވާނީ ކައުންސިލްތަކުން އާންމު ހިދުމަތްތައް ފޯރުކޮށްދިނުމުގެ މައްޗަށް ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ފެނާއި ކަަރަންޓާއި ކުނި މެނޭޖުކުރުން ފަދަ ކަންކަމެވެ.
"އެއްކަލަ ބްލޮކް ގްރާންޓު ސޭވް ކޮށްފައި ބެހެއްޓުމުގެ ބޭނުމެއް ނެތެއް ނޫންތޯ؟ މިސާލަކަށް އެ ސޭވްކުރި ފައިސާ އިން ގާނޫނީ ގޮތުން ކައުންސިލުން ޒިންމާވާ އާންމު ހިދުމަތް ދިނުމަށްޓަކައި އިންޖީނުގެތަކަށް ހޭދަކުރާ ނަމަވެސް އެންމެ ރަނގަޅު ނޫންތޯ؟،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒު އޭދަފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވަން ރޭ ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވީ، ގާނޫނު އެއްކައިރި ކޮށްފައި ބައެއް ކައުންސިލްތަކުން ކަންކަން ކުރަނީ ޒިންމާދާރު ގޮތެއްގައި ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވިގޮތުގައި ބްލޮކް ގްރާންޓުން ހަރަދު ނުކުރާ މަައްސަލައިގެ ވާހަކަފުޅު ދެއްކެވީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ކައުންސިލްތަކުގެ ޒިންމާތައް ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އަދާކުރުމަށް ހިތްވަރު ދެއްވުމަށެވެ.
"އެ ގޮތަށް ކަންތައް ކުރާ ނަމަ ވަރަށް ރަނގަޅުވާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ކެންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެ މަނިކުފާނު އިއްޔެ ވެސް ވަނީ ކައުންސިލުތަކަށް ސަރުކާރުން ދޫކުރާ ފައިސާގައި "ތަޖުރިބާގެ ދަތުރުތައް" ކުރަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
ރައީސް މުއިއްޒު އިއްޔެ ކެންދު އަށް ވަޑައިގެން އެ ރަށު ކައުންސިލާ އެކު ބޭއްވެވި ބައްދަލުވިމަށް ހާޒިރުވެވަޑައިގެންނެވި ބައެއް ބޭފުޅުން.---ފޮޓޯ: ރައީސް އޮފީސް
"މުޅި ކައުންސިލް އޮތް ގޮތަށް ރަށު ކައުންސިލު އެކަންޏެއް ނޫން، އަތޮޅު ކައުންސިލް އޮތް ގޮތަށް ތަޖުރިބާގެ ދަތުރޭ ކިޔާފައި އެއްވެސް ރަށެއްގެ ރައްޔިތަކަށް ނޫނީ އަތޮޅެއްގެ ރައްޔިތަކަށް ފައިދާ ނުވާނެ، ފައިދާ ނުހޯދޭނެ ތަންތަނަށް ގައުމުތަކަަށް އެބަދޭ ބްލޮކް ގްރާންޓާއި އާމްދަނީގެ ގޮތުގައި ހޯދާ ފައިސާ ބޭނުންކޮށްގެން،" ރައީސް އިއްޔެ ވިދާޅުވި އެވެ.
މިފަހުން ވަނީ ހދ. އަތޮޅު ކައުންސިލުގެ ބަޖެޓުން ނުވަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްގެން، އެއްވެސް ފައިދާއެއް ނުކުރާ ތަޖުރިބާ ދަތުރެއްގައި އެ ކައުންސިލްގެ ގިނަ އަދަދެއްގެ މެމްބަރުންނާއި މުވައްޒަފުން ތައިލެންޑުގެ ބެންކޮކަށް ދިޔަ މައްސަލައެއް ފެންމަތިވެ، އެކަމަށް ފިޔަވަޅު އަޅަަން އޮޑިޓާ ޖެނެރަލް ވެސް އަންގަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަނޑޭ
12 August 2025
ބްލޮކް ގްރާންޓް ބޭނުން ނުކުރަނީކީ ނޫން ބޭނުން ނުކުރެވެނީ ކުރަން ވަގުތުނުވަނީ ގިނަ ކައުންސިލަރުންނަކީ ނޭފަތުކުރިއަށްވުރެ ދުރު ނުފެންނަ އުސް އުނބު މަހައްދާ ވަގުތާ ކޮފީބޯ ވަގުތައް ކަނޑާލީމަ ކައުންސިލުގެ އެކްޓިވިޓީ ކަލަންޑަރާ ވޯކްޕްލޭނަށް ބަލާލާނެ ވަގުތު ނުވަނީ އަމިއްލަ މަންފާ ނުހިމެނޭ ކަމެއްވިއްޔާ ކަމަކަށްނުވަނީ! ތަރައްޤީއަކީ ކޯއްޗެއްކަންވެސް ނޭނގެނީ! ރައްޔިތުންނަށް ތަރައްޤީ ގެނެސްދިނުމަށް ކައުންސިލުންގެ ހުންނަންވާނެ ތަޢުލީމީ ޝަރުތެއް ކަނޑައަޅާބަލަ
އަލީބެ
12 August 2025
ބްލޮކް ގްރާންޓޭ ކިޔާފަ ފައިސާނުދީ. އެހެންޏާ ހުއްދަތައް ހިފަހައްޓާފަ . މިކިޔަނީ ހަރަދެއްނުކުރެޔޭ ތިވާހަކަވެސް ގަބޫލުކުރަންވީ ތަ. ؟؟
މުންޖޭ
12 August 2025
ރައީސްގެ ވިސްނުންފުޅު ރަގަޅު އަދި ރައްޔިތުންނަށް ދެއްވާ ނަސޭހަތް ރަގަޅު.
މހއމ
12 August 2025
އެހެންވީމަ ދެން ބްލޮކް ގްރާންޓޭ ކިޔާފަ ދޭ ލާރިގަނޑުންވެސް އެއްބައި ކަޓުވާލާ ކޮންމެސް މީހެއްގެ ޖީބަށް.
ނާޑުވާ
12 August 2025
މަނިކުފާނު މިލިއަނުން ޚަރަދުކުރައްވައިގެން ތިޔަ ކުރައްވާ ދަތުރުތަކުން ވަކި ފައިދާއެއް އެބަ ކުރޭތޯ?
32564
12 August 2025
ހުރިހާވެސް މައްސަލައަކީ ޕާޓީ އެކްޓިވިސްޓުން ހޮވުން. އެބައިގަޑާ މޭލަކަށްވެސް ގާތްވެގެން ނުވާނެ ރަށަށް ކަމެއް ކުރަން ބޭނުންނަމަ. ދެން ތިއެއުޅެނީ ވައްކަންކުރަން.
ޙުސެއިން22
12 August 2025
ތިވެސް ޕާޓީ އެކްޓިވިސްޓެއް. ރާއްޖޭގައި ނުހުންނާނެ ސިޔާސީ ނުވެ ހުރި އެކަކު ވެސް. ތިޔަ ބުނާ ވަކި ފަރާތަކަށް ނުޖެހޭ މީހުން ނުތިބޭނެ
އުގެނިބަލަ
12 August 2025
ޕަޓީ އެކްޓިވިސްޓަކީ ގައުމަށްވުރެ ޕާޓީ އިސްކުރާ މީޙުން. ރަށަށްވުރެވެސް.
ޖިބްރީލު
12 August 2025
ކައުންސިލްތަކުން ޢަމަލުކުރަންޖެހޭ! ރައީސް މުޢިއްޒު ކަށަވަރުކުރައްވަނީ އެއްވެސް މުޖުތަމަޢުއެއް ބޭނުންނުކުރެވި ހުންނަ ބަޖެޓްތަކުގެ ސަބަބުން ރައްޔިތުންގެ ހައްގުތައް ކައުންސިލްތަކުން ނިގުޅައިގަންފައިވާކަން
ރިމާޒް
12 August 2025
ކޮންމެ ރުފިޔާއެއްވެސް މުހިންމު. ރައީސް މުޢިއްޒަށް ޝުކުރު އަދާކުރަން ކައުންސިލްތަކުން ފައިސާ ބޭނުންކުރަނީ ރައްޔިތުންގެ މަންފާއަށްކަން ކަށަވަރުކުރެއްވީތީ، އަދި ތިދަންނަވާ ފައިސާ ހުރެމެ ރައްޔިތުންނަށް ހަރަދު ނުކުރުމަކީ ކައުންސިލްތަކުން ސަރުކާރަށާއި ރައްޔިތުންނަށް ޖެއްސުން ކުރަން ކުރާ ކަމެއްކަން ޔަގީން ވެއްޖެ
ސުލަތާނާ
12 August 2025
ރައީސް މުޢިއްޒުގެ ވިޝަން ސާފު — ހަރުދަނާ، ދެފުށް ފެންނަ، އަދި އަސަރުފޯރުވަނިވި ރަށު ފެންވަރުގެ ވެރިކަން.
ބެންޑެ
12 August 2025
ފެންވަރުގެ ވެރިކަމަށް ހުކުރަކަސް ހައްޖަކަސް އަދި އީދަކަށް ވިޔަސް ބާކީ އޮތީ ގިނަވެގެން 3 އަހަރު! އެއަށްފަހު ކަލޯވެސް ތިއައިތާކަށް ދާން ރެޑީވޭ. ދެނެއް ވެރިކަމެއް ނުލިބޭނެ ތިބައިގަނޑަކަށް، އިންޝާ ﷲ!
އަބާންބެ
12 August 2025
ރައީސް މުޢިއްޒު ރަނގަޅު — ބްލޮކް ގްރާންޓްތަކަކީ ޚިދުމަތްތަކަށް، ބޭންކުގައި ބަހައްޓާކަށް ނޫން. މިހާރު ވަގުތު އައިސްޖެހިއްޖެ ފައިސާ ރައްޔިތުންގެ ބޭނުންތަކަށް ބޭނުން ކުރަން