07 ސެޕްޓެމްބަރ 2025 - 13:50
ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް (ވީއައިއެޗްއެސް) ގެ ޖާގަ އިތުރުކޮށް، އެ ސްކޫލަށް ވަންނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
ވިލާ އިންޓަނޭޝަނަލުން ބުނީ ޖާގަ އިތުރުކުރަން އެ ސްކޫލުން ނިންމީ ގިނަ އަދަދެއްގެ އެޕްލިކޭޝަންތަކެއް އަދިވެސް އެ ސްކޫލަށް ލިބެމުން ދާތީ ގިނަ ދަރިވަރުންތަކަކަށް އެ ސްކޫލުން ކިޔެވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. އަދި އަލަށް ހުޅުވާލި ޖާގައަށް މާދަމާގެ ނިޔަލަށް ހުށަހެޅޭނެ ކަމަށް އެ ސްކޫލުން ބުންޏެވެ.
ވިލާ އިންޓަނޭޝަނަލް ސްކޫލުން ޖާގަ އިތުރުކޮށް ފުރުސަތު ހުޅުވާލި މާއްދާތަކަކީ:
- ބަޔޮލޮޖީ، ކެމިސްޓްރީ، ފިޒިކްސް އަދި މެތަމެޓިކްސްގެ އެއް ކުލާސް (މާއްދާއަކުން 25 ޖާގަ)
- ބިޒްނަސް، އިކޮނޮމިކްސް، އެކައުންޓިންގެ އެއް ކްލާސް (މާއްދާއަކުން 25 ޖާގަ)
- ޓްރެވަލް އެންޑް ޓޫރިޒަމްގެ 14 ޖާގަ
- ޑިޖިޓަލް މީޑިއާ އެންޑް ޑިޒައިންގެ 5 ޖާގަ
- ކޮމްޕިއުޓާ ސައިންސްގެ 11 ޖާގަ
- އިންފޮމޭޝަން ޓެކްނޮލޮޖީގެ 3 ޖާގަ
އޭގެ އިތުރުން މާއްދާތަކުން ސްކޫލުގައި ޖާގަ ހުރި މިންވަރަކުން ފުރުސަތު ދޭނެ ކަމަށް ވިލާ އިންޓަނޭޝަނަލް ސްކޫލުން ބުންޏެވެ. އެ ސްކޫލުން ޖާގަ އިތުރުކުރި މާއްދާތަކުގެ ތަފްސީލު ސްކޫލުގެ ވެބްސައިޓުން ލިބޭނެ އެވެ.
ވިލާ އިންޓަނޭޝަނަލް ސްކޫލަށް ވަނުމަށް ޖާގަ ދެމުންދަނީ ފޯމު ހުށައަޅާ ތަރުތީބުން ކަމަށްވާތީ ޖާގަ ހޯދުމަށް ވީހާ ވެސް އަވަހަކަށް ފޯމު ހުށައެޅުމަށް އެ ސްކޫލުން ވަނީ އިލްތިމާސްކޮށްފަ އެވެ. އެކަމަށް ފޯމު ހުށަހެޅޭނީ އެ ސްކޫލުގެ ވެބްސައިޓު މެދުވެރިކޮށް، އޮންލައިންކޮށެވެ.
ވިލާ އިންޓަނޭޝަނަލް ހައިސްކޫލަކީ ދަރިވަރުންނަށް ގިނަ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް މަސައްކަތް ކުރާ ސްކޫލެކެވެ. އެ ސްކޫލުން މިފަހަރު މެރިޓް ސްކޮލާޝިޕަށް ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް އެ ފުރުސަތު ދިނުމަށް ވަނީ ނިންމައިފަ އެވެ.
އެ ސްކޫލަށް މިއަހަރު އޭލެވެލްއަށް އަލަށް ގުޅޭ ދަރިވަރުންގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 14 ވަނަ ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy