އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ދަތުގެ އޮޕަރޭޝަނެއް ކުރަނީ: އެ ހޮސްޕިޓަލުގައި އިންޓާންޝިޕް ހަދަން 15 ފުރުސަތު ވަނީ ހުޅުވާލާފައި.--
09 ސެޕްޓެމްބަރ 2025 - 11:26
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ މެޑިކަލް އިންޓާންޝިޕަށް ކުރިމަތިލުމުގެ ފުރުސަތު އެ ހޮސްޕިޓަލުން ހުޅުވާލައިފި އެވެ.
އައްޑޫ ހޮސްޕިޓަލުން ކުރި އިއުލާނެއްގައި ބުނީ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމުގެ އެއް ވަނަ އިންޓޭކްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށާއި 15 ފަރާތަކަށް ޖާގަދޭން ނިންމާފައިވާ ކަމަށެވެ.
އެ އިންޓާންޝިޕަށް ޝަރުތު ހަމަވާނީ މެޑިކަލް ކޮލެޖު ނުވަތަ ޔުނިވާސިޓީން ދޫކޮށްފައިވާ އެމްބީބީއެސް ފުރިހަމަކުރި ކަމުގެ ސެޓްފިކެޓް އޮތް ފަރާތްތަކާއި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުގެ ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރަޖިސްޓްރޭޝަން ސެޓްފިކެޓް އޮތް ފަރާތްތަކަށެވެ. އަދި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އެއްވެސް ޕޮލިސް ރިކޯޑެއް ނެތް މީހަކަށް ވާންޖެހެ އެވެ.
ހޮސްޕިޓަލުން ބުނި ގޮތުގައި އެޕްލިކޭޝަން ފޯމާ އެކު އެމްބީބީއެސް ފުރިހަމަކުރި ކަމުގެ ސެޓްފިކެޓާއި ޕޮލިސް ކްލިއަރެންސް ސެޓްފިކެޓްގެ ކޮޕީ ފަދަ ލިޔުންތައް ހުށަހަޅަން ޖެހެ އެވެ. އަދި އިންޓާންޝިޕް ޕްރޮގްރާމަށް ހޮވޭ ފަރާތްތަކުން ޕްރޮގްރާމު ފެށުމުގެ ކުރިން ހޮސްޕިޓަލުން އެންގުމުން ސެޓްފިކެޓްތަކުގެ އަސްލު ގެންދަން ޖެހޭނެ ކަމަށް އިއުލާނުގައިވެ އެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ އެޑްމިން އޮފީހާއި އީމެއިލް މެދުވެރިކޮށް އެކަމަށް އެދި ހުށަހެޅޭނެ އެވެ. އަދި އީމެއިލް މެދުވެރިކޮށް ފޮނުވާ ނަމަ، އެޕްލިކޭޝަން ފޯމާ އެކު ހުރިހާ ލިޔެކިޔުންތަކެއް އެއް ޕީޑީއެފް ފައިލުގައި ހިމަނަން އެދިފައިވެ އެވެ.
އެ ހޮސްޕިޓަލުން ބުނި ގޮތުގައި ޕްރޮގްރާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން 15 އަށް ވުރެ ގިނަ ފަރާތްތަކުން ޕްރޮގްރާމަށް ޝަރުތު ހަމަވާ ނަމަ، ބައިވެރިން ހޮވުމުގައި އިސްކަން ދޭނީ އެމްބީބީއެސް ފުރިހަމަ ކޮށްފައިވާ ތާރީހަށް ބަަލައި ކޯސް ފުރިހަމަކުރި ފަހުން ގިނަ ދުވަސްވެފައިވާ ފަރާތްތަކަށެވެ.
މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ގަވާއިދު އޮންނަ ގޮތުން ޕްރެކްޓިސް ކުރުމަށް ޑޮކްޓަރުންނަށް ލައިސެންސް ދެވޭނީ 5-6 އަހަރުގެ ކިޔެވުމަށް ފަހު އެއް އަހަރުގެ އިންޓާންޝިޕެއް ފުރިހަމަ ކުރުމުންނެވެ.
އައިޖީއެމްއެޗްގައި އިންޓާންޝިޕް ޑިމާންޑު ބޮޑުވުމުން، އޭޑީކޭ ހޮސްޕިޓަލުގައި އިންޓާންޝިޕް ޕްރޮގްރާމް ފަށައިދިނުމަށް ހެލްތު މިނިސްޓްރީން އެދިގެން އެ ޕްރޮގްރާމު ދަނީ ހިންގަމުންނެވެ. އެކަމަކު އެތަނުން ޕްރޮގްރާމު ހިންގަނީ ޑޮކްޓަރުންގެ އަތުން މަހަކު 14،500ރ. ގެ ފީއެއް ނަގައިގެންނެވެ. އޭޑީކޭގައި 20 ޑޮކްޓަރުން ދަނީ އިންޓާންޝިޕް ހަދަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ެއެބްޒްލިއުޓްލީ ނޯ
09 September 2025
ގިނަފަހަރު ޑޮކްޓާރުން ހަމަނުވާ ހޮސްފިޓަލެއް، ހަމައަކަށް މެޝިނަރީއެއް ނުހުރޭ، ބައެއް އަނިޔާތަކުގައި ދިމާވާ ފުރެކްޗާތަކަށް ފަރުވާ ހޯދަން މާލެ އަންނަންޖެހެނީ، އެވަރުންވެސް ތިކަހަލަ މުހިންމު އިންޓެންޝިޕެއް ހިންގޭތޯ؟ ހަމަ ހިންގަން ޖެހޭތޯ؟ އެބޭނުންވާ ފުރިހަމަ ޓްރެއިން ނުދެވޭނަމަ ކޮބާ ބޭނުމަކީ! ސިޔާސީ ޕްރެޝަރަކަށް މެޑްސިންކަހަލަ މީހުންގެ ފުރާނަޔާކުޅޭ ކަމެއްގައި އިންޓެންޝިފެއްގެ ކޮލީޓީ ކޮންޕްރޮމައިސް ކިހިނެއް ކުރެވޭނީ. ނުކުރެވޭނެ.
ޑޮކްޓަރުން
09 September 2025
ހުރިހާ ސިއްހީ މަރުކަޒެއްގައި ވެސް އިންޓާންޝިޕް ހަދަންވީ. ޕްރައިވެޓް ކުލިނިކުން ވެސް. އެނދުމަތީގައި ތިބެން ޖެހިފައިވާ ބަލިމީހުންގެ ގޭގައި ވެސް. ކޮލިޓީ އަކަށް ބަލައިގެން ނުވާނެ.