ސާހިލު: އޭނާގެ މައްޗަށް ހިންގާ ޝަރީއަތުގައި ދެ މަސް ތެރޭ ހެކިބަސް ނަގާ ނިންމަން ވަނީ ނިންމާފައި
10 ސެޕްޓެމްބަރ 2025 - 13:26
މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް އަންހެނަކު މަރާލި މައްސަލާގައި ދައުވާލިބޭ ސާހިލް އަލީގެ ޝަރީއަތުގައި ހެކިންގެ ހެކިބަސް ނެގުން ދެ މަސް ތެރޭގައި ނިންމަން ހަމަޖައްސައިފި އެވެ.
މާލޭގެ ގެއެއްގެ ތެރޭގައި އޮގަސްޓް، 2023 ގައި ޝިއާއު މުހައްމަދު ސައީދު މަރާލުމަށްފަހު އޭނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދިން މައްސަލާގައި ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލްގެ މައްޗަށް ފަސް ދައުވާއެއް ކުރާއިރު، އެ ދައުވާތަކުގެ ޝަރީއަތް ކުރިއަށް ގެންދަނީ ސިއްރު ކޮށްގެންނެވެ.
ކްރިމިނަލް ކޯޓުން މިއަދު މި މައްސަލައިގެ އަޑުއެހުމެއް ތާވަލުކުރި ނަމަވެސް، ވަނީ ކެންސަލްކޮށްފަ އެވެ. އެ އަޑުއެހުން ތާވަލުކުރީ ދެ ހެއްކެއްގެ ހެކިބަސް ނެގުމަށެވެ. ނަމަވެސް އެ ދެ ހެކިންގެ ހެކިބަސް މިމަހުގެ 14 ވަނަ ދުވަހު ބާއްވާ އަޑުއެހުމުގައި ސިއްރު ހެކިންގެ ހެކިބަހާއެކު ނަގަން ދައުލަތުން ވަނީ އެދިފަ އެވެ.
އެ މައްސަލާގައި 35 ހެއްކެއްގެ ހެކިބަސް ނަގަން ޖެހޭއިރު، އެކަމަށްޓަކައި ހަ އަޑުއެހުމެއް ވަނީ ތާވަލުކޮށްފަ އެވެ. އެ ހުރިހާ ހެކިންގެ ހެކިބަސް ދެ މަސް ތެރޭގައި ނަގައި ނިންމާ ގޮތަށް ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.
ސާހިލް ވަނީ މީގެކުރިން ކޯޓުގައި ވާހަކަ ދައްކަން ދެކޮޅު ހަދާފަ އެވެ. ނަމަވެސް ދައުވާއަށް ޖަވާބުދާރީ ނުވެވޭ ފަދަ ނުކުޅެދުންތެރިކަމެއް އޭނާގެ ކިބައިން ނުފެންނަ ކަމަށް ކޯޓުން ބުނެފައިވެ އެވެ.
ސާހިލްއަށް ދައުލަތުގެ ހަރަދުގައި ދެ ފަހަރަކު ވަކީލުން ހަމަޖައްސައިދިނެވެ. ނަމަވެސް، އޭނާ ވަކީލުންނަށް އެއްބާރުލުން ނުދޭތީ ދައުލަތުގެ ހަރަދުގައި އޭނާ އަށް ވަކީލުން އިތުރަށް ހަމަޖައްސައި ނުދޭން އެޓާނީ ޖެނެރަލްގެ އޮފީހުން އޮތީ ނިންމައިފަ އެވެ.
އެންމެފަހުން ސާހިލް ވަނީ އެ މައްސަލާގައި އަމިއްލައަށް ޖަވާބުދާރީވާން ބޭނުންވާ ކަމަށް ކޯޓުގައި ބުނެ، ވަކީލަކު ބޭނުން ނުވާކަން އަންގައިފަ އެވެ. ސާހިލު ކޯޓުގައި ވަކާލާތުކުރީ އަމިއްލައަށެވެ.
ކްރިމިނަލް ކޯޓުން ސިއްރުން ގެންދާ އެ މައްސަލާގައި ސާހިލްގެ މައްޗަށް ކުރާ ދައުވާތައް ވެސް އެ ކޯޓުން ވަނީ ސިއްރުކޮށްފަ އެވެ. ސިއްރުން ގެންދާ އެހެން ޝަރީއަތްތަކުގައި ވެސް ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ކުރާ ދައުވާތައް ކޯޓުން ހާމަކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑރ ވާންޗޯ
10 September 2025
މިގައުމުގަ އިންސާފު އޮތްހިސާބު ވިސްނާލުންއޮތީ. 2023 ގަ މީހަކު މަރާލާއިގެން ކޮށާކުދިކުރި މައްސަލައެއްގެ ހެކިބަސްނަގާ ނުނިމިގެން އަދިމިއުޅެނީ. ކޯޓުތަކުން މަޑުކުރަނީ އެއްބަޔަކު މިދުނިޔެދޫކޮށް ބާކީތިބި ބަޔަކު ރާއްޖެދޫކޮށް ދަންދެންބާ؟.
ފެކްޓް 2025
10 September 2025
ވަސީލަތް ދިނީމަ މައްސަލަތައް އަވަސްވާތަން ތިޔަ ފެންނަނީ.
މަބުނީ
11 September 2025
2023 އެއްނޫން 2022