މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ބިލާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް އާންމުންނާ ހިއްސާކުރަން އެމްޖޭއޭއިން އިންތިޒާމްކޮށްގެން މިރޭ ބޭއްވި ފޯރަމް. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު
14 ސެޕްޓެމްބަރ 2025 - 05:45
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ކޮމިޝަންގެ ބިލުގެ މައުލޫމާތުތައް އާންމުންނާ ހިއްސާކުރަން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިންތިޒާމްކޮށްގެން ރޭ ބޭއްވި ފޯރަމްގައި، އެ ބިލާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ވާހަކަ ދައްކައިފި އެވެ.
ހިޔާލާއި ފިކުރު ކަފުނަށް ގެ ނަމުގައި އާޓިފިޝަލް ބީޗުގައި ބޭއްވި ފޯރަމްގައި ނޫސްވެރިންނާއި ބައެއް ގާނޫނީ ވަކީލުންނާއި ސޯޝަލް މީޑިއާ އިންފްލުއެންސަރުން އަދި ސަރުކާރާ ދެކޮޅު ބައެއް ސިޔާސީ ބޭފުޅުން ވަނީ އެ ބިލާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ވަނީ ހިއްސާކުރައްވައިފަ އެވެ.
އެ ފޯރަމްގައި ވާހަކަ ދައްކަވަމުން، ކުރީގެ ބަންޑާރަނައިބު ޑރ. އަހުމަދު އަލީ ސަވާދު ވިދާޅުވީ، މީޑިއާ އާއި ބްރޯޑްކާސްޓިން ދާއިރާ ރެގިޔުލޭޓު ކުރުން ބިލުގެ ނަމުގައި އޮތަސް މި ކަމުގެ އަސަރު އާންމުގެ ތެރެއިން ގިނަ ބަޔަކަށް ވެސް ކުރާނެ ކަމަށެވެ.
މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ބިލާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް އާންމުންނާ ހިއްސާކުރަން އެމްޖޭއޭއިން އިންތިޒާމްކޮށްގެން މިރޭ ބޭއްވި ފޯރަމް. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެހެން ދާއިރާތަކެކޭ އެއްފަދައިން، ނޫސްވެރިކަމާއި ބްރޯޑްކާސްޓިން ދާއިރާ ވެސް ރެގިއުލޭޓު ކުރެވެންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް، މި ބިލުގެ ފަހަތުގައި އެހެން މަގުސަދެއް އޮތް ކަން ބިލުގެ ބައެއް މާއްދާތައް ކިޔާލުމުން ސާފުވާ ކަމަށް ސަވާދު ވިދާޅުވި އެވެ.
ސަވާދު ވިދާޅުވި ގޮތުގައި، ރައްޔިތުން ސަރުކާރުތަކާ ހަވާލުކުރާ މަސްއޫލިއްޔަތުތައް ރަނގަޅަށް އަދާކުރޭތޯ ވަޒަންކުރެވޭނެ ފާލަމަކީ ނޫސްވެރިން ގެނެސްދޭ މައުލޫމާތުތަކެވެ. ނޫސްވެރިންގެ މިނިވަންކަން ނިގުޅައިގަނެ، އެ ފާލަން ހަލާކުކޮށްލުމުން، ކޮންމެ ފަސް އަހަރަކުން ސަރުކާރެއް ހޮވުމަށްޓަކައި ރައްޔިތުންނަށް ބޭނުންވާ މައުލޫމާތު ލިބުމުގެ ހައްގު ގެއްލިގެންދާކަން އޭނާ ފާހަގަކުރެއްވި އެވެ.
އެ ފޯރަމްގައި ވާހަކަ ދެއްކެވި ގާނޫނީ ވަކީލު މަރިޔަމް ޝުނާނާ ވެސް ވިދާޅުވީ، މި ބިލުން ސޯޝަލް މީޑިޔާގައި އާންމުން ފާޅުކުރާ ހިޔާލެއް ނުހިމެނޭ ކަމަށް ސަރުކާރުގެ ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދެވިޔަސް، ބިލުގައި އެކަމާ ގުޅޭ މާއްދާތައް އިބާރާތްކޮށްފައި އޮތީ، އިންޓަނެޓުގެ ޒަރިއްޔާއިން މައުލޫމާތު ފެތުރުން ވެސް ރެގިއުލޭޓު ކުރެވޭ ގޮތަށް ކަމަށެވެ.
މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ބިލާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް އާންމުންނާ ހިއްސާކުރަން އެމްޖޭއޭއިން އިންތިޒާމްކޮށްގެން މިރޭ ބޭއްވި ފޯރަމް. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ގިނަ އަދަދެއްގެ ނޫސްވެރިންނާއި އާންމުން ބައިވެރިވި މި ފޯރަމްގައި ވާހަކަ ދެއްކި ބައެއް ޒުވާން ސޯޝަލް މީޑިޔާ އިންފްލުއެންސާސް ވެސް ވަނީ، މި ބިލުގެ ސަބަބުން އެ މީހުން ސޯޝަލް މީޑިޔާގެ އެކި ޕްލެޓުފޯމުތަކުގައި ޝާއިއުކުރާ ކޮންޓެންޓު ވެސް މި ބިލަށް ފެތޭކަމުގެ ކަންބޮޑުވުންފާޅުކޮށްފަ އެވެ.
މި ބިލާ މެދު ނޫސްވެރިން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ހައްލު ލިބޭގޮތަށް، ބަންޑާރަ ނައިބުގެ އޮފީހުން ހުށަހަޅާފައިވާ އިސްލާހުތަކުން އެ ނަތީޖާ ހާސިލު ނުވާކަން މިރޭގެ ފޯރަމްގައި ވާހަކަ ދެއްކި ރާއްޖޭގެ ސީނިއާ ނޫސްވެރިން ފާހަގަކުރި އެވެ.
އެ އިސްލާހުތަކުގައި އަދިވެސް ހައްލު ނުލިބޭ ގިނަ ކަންބޮޑުވުންތައް ހުރިކަން ފާހަގަކުރައްވައި، އަދަދު ނޫހުގެ ސީއޯއޯ ހުސެއިން ފިޔާޒް މޫސާ ވިދާޅުވީ، މި ބިލު ގާނޫނަކަށްވާ ހިސާބުން ސަރުކާރުގެ ތެރޭގައި ހިނގާ ހިޔާނާތާއި ގާނޫނާ ހިލާފަށް ކުރާ ކަންތައްތައް އާންމުންނާ ހަމައަށް ތިލަކޮށްދިނުމުގެ ފުރުސަތު މީޑިއާތަކަށް އެކީގައި ބަންދުވާނެ ކަމަށެވެ.
މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ބިލާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް އާންމުންނާ ހިއްސާކުރަން އެމްޖޭއޭއިން އިންތިޒާމްކޮށްގެން ރޭ ބޭއްވި ފޯރަމް. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އަދި ސޯޝަލް މީޑިޔާ މެދުވެރިކޮށް އާންމު ރައްޔިތުންނަށް ވެސް އެފަދަ ވާހަކަތައް ދެއްކުމުގެ ޖާގަ ދެން ނުލިބޭނެކަމަށް ފިޔާޒް ވެސް ފާހަގަކުރެއްވި އެވެ.
އެމްޖޭއޭގެ އިންތިހާބީ ރައީސް އަހުމަދު ނާއިފް ވިދާޅުވި ގޮތުގައި، މި ބިލު މަޖިލީހުން ބޭރުކުރަން ނޫސްވެރިން ކުރަމުންދާ މަސައްކަތް މި ފޯރަމާ ހަމައިން ނުނިމޭނެ އެވެ.
އަދި ސޯޝަލް މީޑިޔާގެ އެކި ޕްލެޓްފޯމުތަކުގައި އާންމުންނާ އެކު، މި ބިލާ ދެކޮޅަށް އަޑުއުފުލުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ބިލާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް އާންމުންނާ ހިއްސާކުރަން އެމްޖޭއޭއިން އިންތިޒާމްކޮށްގެން ރޭ ބޭއްވި ފޯރަމް. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މިރޭގެ ފޯރަމްގައި އާންމުންގެ ތެރެއިން ބައިވެރިވި ބައެއް މީހުންގެ ސުވާލުތަކަށް ވެސް ވަނީ ޖަވާބު ދީފަ އެވެ.
ނޫސްވެރިންނާއި މީޑިއާތައް އަދި ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ ކަންބޮޑުުވުންތައް ހުއްޓަސް، ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުގެ ވިސްނުމަކީ އެ ބިލު ފާސްކުރުމެވެ. އެކަމަށް ބާރު ދިނުމަށް، ސަރުކާރަށް ތާއީދުކުރާ މީހުން ވެސް ސޯޝަލް މީޑިއާގައި އަންނަނީ ކެމްޕެއިން ކުރަމުންނެވެ.
އެ ކަންބޮޑުވުންތަކާ ގުޅިގެން، ބަންޑާރަނައިބުގެ އޮފީހުން ވަނީ ގިނަ އިސްލާހުތަކެއް އެ ބިލު ދިރާސާކުރަމުން އަންނަ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހުށަހަޅައިފަ އެވެ.
އޭގެ ތެރޭގައި ވަކިވަކި ނޫސްވެރިންނާއި މީޑިއާތަކުގައި މަސައްކަތްކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާ ގޮތަށް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލްގައި އޮތް މާއްދާ އުނިކުރުމައި މީޑިއާ ކޮމިޝަނުން މައްސަލައެއް ބަލައި ނިމެންދެން، އިދާރީ ފިޔަވަޅެއްގެ ގޮތުން މީޑިއާއެއްގެ ރަޖިސްޓަރީ ވަގުތީ ގޮތުން ބާތިލް ކުރުމަށް އެ ކޮމިޝަނަށް ބާރު ލިބޭ ގޮތަށް ބިލްގައި ބަޔާން ކޮށްފައިވާ މާއްދާ އުނިކުރުން ވެސް ހިމެނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެފައި ވެ އެވެ.
އޭނާ ވިދާޅުވެފައިވާ ގޮތުގައި، މީޑިއާ ބިލަށް ހުށަހަޅާފައިވާ އިސްލާހުތައް ރައްޔިތުންގެ މަޖިލިހުން ފާސްވެއްޖެ ނަމަ ހުރިހާ ކަމަކަށް ހައްލު ލިބި، ނޫސްވެރިކަން ރެގިއުލޭޓް ކޮށްގެން ކުރިއަށް ދެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
897 ހާމިން
14 September 2025
ކޮންމެއަކަސް ނޫސްވެރިން މި ބިލަށް ތާއީދު ނުކުރިއަސް އާންމުން ވަރަށް ރުހޭހެން ހީވަނީ، މި ބިލުގެ ސަބަބުން ފައިދާތަކެއް ނުވާނަމަ އެހާގިނަ އާންމުން މިކަމަކަށް ނުރުހޭނެ، ނޫސްވެރިންނަކީ ހިތަށް އަރާހާ ޚަބަރެއް ފެތުރުމުގެ ލައިސަންސް ދީފައި ތިބޭ ބަޔަކަށް ވެއްޖެއާ މުޖުތަމައު ފަސާދަވުން ފިޔަވައި އިތުރުކަމެއް ނުވާނެ، ނޫސްވެރިން އެބަޖެހޭ މިޔަށްވުރެ ޒިންމާދާރުވާން.
ސަމްދޫހް
14 September 2025
ވެރިކަން ގެއްލިގެން ބަޔަކު ހަމަ ރޮއި ހޭރެނީ
ނާހިޒް
14 September 2025
ތަފާތު ޖެންޒީންތަކެއް ފެނުން ރެއް، ސްޓަންޓު ޖައްސާއިގެން މީހުން ހެއްދޭނެ ކަމަށް ގަބޫލުކުރުމަކީ މޮޔަކަމެއް
ޝަމްވީލް
14 September 2025
ނޫސްވެރިންނޭ ކިޔާފަ އެތަނުގަ ގިނައީ އެމްޑީޕީ ބޮޑުން. ގައުމު ދަވާފަ ތިބި ބައެއް، ހަމަ އެކަނި އެތާގަ މަދީ ފެނަކަ ސައީދު
މަންސޫރް
14 September 2025
ކޮންމެހެން ހުރިހާކަމެއް ސިޔާސީ ކުރާނެ ކަމެއްނެތް. ސިޔާސީ ކޮށްގެން ގައުމު ހަލަބޮލި ކުރަން ވިސްނުމަކީ މޮޔަކަމެއް.
ނުއުމާން
14 September 2025
މަށަށް ފެންނަގޮތުގަ މި ބިލުގެ ސަބަބުން ނޫސްވެރިންގެ ދޫ ބަންދުވުމުގެ ބަދަލުގަ އެމީހުން އުސޫލެެއްގެ ތެރެެއިން ކަންކަން ކުރުމުގެ ފުރުސަތު މިލިބިގެންދިޔައީ، މީހުންގެ އަބުރު ކަތިލުން ނިމުމަކަށް އަންނަނީ. ހަބަރުތަކުގެ ތެދުކަން ކަށަވަރުވެގެން މިދަނީ
މައުސޫމް
14 September 2025
ބަލަ ކަލޭމެން ޖަހަން ބޭނުން ހަބަރެއް ޖަހަންވީ އޭ، އޭގެ ތެދު ދޮގު ބަލާފަ. އެއްވެސް އިރެއްގަ ސަރުކާރުން ހަބަރު ލިޔަން މަނަލެއް ނުކުރޭ
މިރުޝާން
14 September 2025
އެމްޑީޕީ މީހުން އާންމުންނަށް ދައްކަން އުޅުނު މަންޒަރެއް ނޫން މިފެނިގެންދިޔައީކީ.. އެއްވެސް ތަރުހީބެއް ނުލިބުނު
ޝައުކަތް
14 September 2025
ހުސް ސިޔާސީ މީހުން. ލަދެއްވެސް ނުގަނޭ ދޯ
ޢަލީ ކުރުސީ
14 September 2025
ބޮޑަށް ވައްތަރީ ސަރުކާރާއި ދެކޮޅަށް ހަރަކާތްތެރިވާ ބައެއްގެ އެއްވުމަކާ! ކިތަންމެ ނުރުހުނަސް ރައީސުލް ޖުމްހޫރިއްޔާ އަށް އިޙްތިރާމާއެކު މުޙާތަބު ކުރަން ދަންނަންވާނެ. ނޫސް ކިޔާނީ ހަމައެކަނި އިދިކޮޅު މީހުންނެއްނޫން! އަަޅުގަނޑު މި ސަރުކާރަށް ތާއީދެއް ނުކުރަން. ގިނަ ކޮމެޓްތައް ހުންނާނީވެސް އިދކޮޅަށް، އެކަމަކު ނޫސްވެރިންގެ އަޚްލާގާއި ސުލޫކް ތިޔަހުރީ ވަކިފަރާތަކަށް ނުޖެހި ނޫސްވެރިކަން ކުރެވޭނޭ ހާލަތެއްގައިކަމަކަށް ނުފެނޭ!