މާޒިޔާގެ ޗެއާމަން އަހްމަދު ސާޖިދު (ކ) އާއި ޖެނަރަލް ސެކްރެޓަރީ އަބްދުލް ވައްހާބު: ރާއްޖޭގެ ފުޓްބޯޅަ އަޑިއަޅާލި ދަނޑިވަޅު ފުޓްބޯޅަ ދަމަހައްޓަން މާޒިޔާއިން ކުރި މަސައްކަތަށް ވާދަވެރި އީގަލްސް އާއި ނިއު ރޭޑިއަންޓުން ވަނީ ތައުރީފު ކޮށްފަ --- ފައިލް ފޮޓޯ: ނިޝާން އަލީ މިހާރު
15 ސެޕްޓެމްބަރ 2025 - 09:03
ރާއްޖޭގެ ފުޓްބޯޅަ އަށް ކުރިމަތިވި އުނދަގޫ ދަނޑިވަޅުގައި ވެސް ދިވެހި ފުޓްބޯޅައިގެ ފޯރި ހިފަހައްޓަން މާޒިޔާ އިން ކުރި މަސައްކަތަށް ތައުރީފު ހައްގު ކަމަށް ވާދަވެރި އީގަލްސްގެ ކޯޗު އަހްމަދު ނިމާދު ބުނެފި އެވެ.
އެފްއޭއެމް ޗެރިޓީ ޝީލްޑްގައި މިރޭ މާޒިޔާއާ ދެކޮޅަށް ނުކުތުމުގެ ކުރިން ނިމާދު ބުނީ، ސްރީ ލަންކާގައި ކުޅުނު ދެ މެޗުން ގައުމީ ޓީމު ހޯދި ކާމިޔާބީގައި ވެސް އެއް ހިއްސާދާރަކީ މާޒިޔާ ކަމަށެވެ.
"ވޭތުވެދިޔަ ދުވަސްތަކުގައި ރާއްޖޭ ފުޓްބޯޅަ ދަމަހައްޓަން މާޒިޔާ އިން ކުރި މަސައްކަތަށް ރެސްޕެކްޓްކޮށް، މާޒިޔާ އަށް އެ އިހުތިރާމް އަދާކޮށް މަރުހަބާ ވެސް ކިޔަން. ރާއްޖޭގެ ފުޓްބޯޅަ ގައުމީ ފެންވަރުގައި ވެސް ގައުމީ ޓީމުގައި ވެސް އެއްކޮޅުން މާޒިޔާގެ ހިއްސާ ވަރަށް ބޮޑު ގައުމީ ޓީމު އެންމެ ފަހުން ހޯދި ކާމިޔާބުގައި ވެސް،" ނިމާދު ބުންޏެވެ.
އީގަލްސްގެ ކޯޗު ނިމާދު (ވ) މާޒިޔާގެ ކޯޗު ލުއިސްމާ (ކ) އާ އެކު: މާޒިޔާއިން ކުރި މަސައްކަތަށް ނިމާ ވަނީ ތައުރީފުކޮށްފަ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ފުޓްބޯޅަ ސީޒަން ތެރޭގައި ވެސް ގިނަ ކްލަބްތަކަކަށް ކުޅުންތެރިންނަށް ގަވާއިދުން މުސާރައެއް ނުދެ އެވެ. ގިނަ ކްލަބްތަކުގައި މުސާރަ ހިނގަނީ ވެސް މެޗުތައް ކުޅޭ ނަމަ އެވެ.
އެކަމަކު ރާއްޖޭގެ މައި ފުޓްބޯޅައިގެ ހަރަކާތް ދޮޅު އަހަރު ދުވަހަށް ހުއްޓިގެން ދިޔައިރު، "އޮފްސީޒަން" ގައި ވެސް ކުޅުންތެރިންނަށް ބަރާބަރަށް މުސާރަ ދިނުމުގެ ސަގާފަތް މާޒިޔާ އިން ދެމެހެއްޓި އެވެ.
ފުޓްބޯޅަ ހިފަހައްޓަން މާޒިޔާ އިން ކުރި މަސައްކަތަށް ތައުރީފު އޮއްސާލި، އަނެއް ކްލަބަކީ މެދުކެނޑުމަކަށް ފަހު އެނބުރި އަންނަ ނިއު ރޭޑިއަންޓެވެ.
އެ ކްލަބްގެ ޗެއާމަން އަހުމަދު މުބީން ވިދާޅުވީ، ރާއްޖޭގެ ފުޓްބޯޅަ އަޑިއަޅާލި ވަގުތު މާޒިޔާ އިން ކުރި އިންވެސްޓަކީ ފުޓްބޯޅަ އަށް އަލިކަމެއް ގެނެސްދިނުމުގެ އަސްލު ކަމަށެވެ.
އޭނާ ވެސް ވިދާޅުވީ ލަންކާއާ ދެކޮޅަށް ރާއްޖޭން ހޯދި ކާމިޔާބުގައި މާޒިޔާއަކީ ވަރަށް ބޮޑު "މަދަދުގާރެއް" ކަމަށެވެ.
ނިއު ރޭޑިއަންޓްގެ ޗެއާމަން އަހްމަދު މުބީން: އޭނާ ވިދާޅުވީ ގައުމީ ޓީމުގެ ކާމިޔާބުގައި ވެސް މާޒިޔާއަކީ އެއް މަދަދުގާރު ކަމަށް --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"ދިވެހި ގައުމީ ޓީމް ސްރީ ލަންކާގައި ބޭއްވި ސައުތު އޭޝިއަން ސުޕަ ކަޕް ކާމިޔާބުކޮށްގެން އައީ ދިވެހި ފުޓްބޯޅަ އެކި ސަބަބުތަކާ ހުރެ ވަރަށް ބޮޑަށް ދަށްކޮށް އޮތް ދަނޑިވަޅެއްގައި، މިއަދު ގައުމީ ޓީމް ހޯދި ކާމިޔާބީގެ ވަރަށް ބޮޑު މަދަދުދާރެއް މާޒިޔާއަކީ،" ޝޯޝަލް މީޑިއާގައި މުބީން ލިޔުއްވާފައި ވެ އެވެ.
"ފުޓްބޯޅަ އަޑިއަޅާލި ވަގުތުގައި މާޒިޔާގެ މެނޭޖުމަންޓުން ފުޓްބޯޅަ އަށް ކުރި އިންވެސްޓަކީ ދިވެހި ފުޓްބޯޅައިގެ ދަންމަރުގައި ކުޑަނަމަވެސް އަލިކަމެއް ގެނެސްދިނުމުގެ އަސްލު."
މުބީން ވިދާޅުވި ގޮތުގައި ގައުމީ ޓީމު ހޯދި ކާމިޔާބީ އަށް އޭނާ މަރުހަބާ ދަންނަވަނީ މާޒިޔާގެ ޗެއާމަން އަހުމަދު ސާޖިދާއި އެ ކްލަބްގެ މެނޭޖްމެންޓް ހިމެނޭ އެހެން ބޭފުޅުން ވެސް ފުޓްބޯޅައަށްޓަކައި ކޮށްދެއްވި މަސައްކަތަށް ޝުކުރު އަދާކުރައްވަމުންނެވެ.
އާ ފުޓްބޯޅަ ސީޒަން ފަށަށް، އެންމެ ރަނގަޅަށް ތައްޔާރުވި ޓީމަކީ ވެސް މާޒިޔާ އެވެ. އެއީ ކޮންމެ ސީޒަނެއްގައި ވެސް އެ ކްލަބުން ދަމަހައްޓަމުން އަންނަ ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބުދުލް ޤަދިރު
15 September 2025
ދިވެހި ފުޓުބޯޅައަށް މި ދަތިހާލު ޖެއްސީ ކޮންބަޔަކު އަޑީގައި ތިބެގެން. ވަކި ޓީމުތަކެއް އޮވެގެން ތިމަންނަ މެންނަށް ކާމިޔާބެއް ނުލިބުމުން އެ ޓީމުތައް ވުޖޫދުން ފުހެލުމުގެ މަސައްކަތް އެސޯސިއޭޝަނުގެ ވެރިންނާ ގުޅިގެން ސިއްރުން ކުރީ ކޮންބައެއް.
ކޮންތާކު
16 September 2025
ތިބުނާ ވަކިޓީމު އޮތްއިރުވެސް މާޒިޔާ އުޅެނީ މާކުރީގަ އިނގޭ..
ލުލް
15 September 2025
އެލް . އޯ . އެލް
އަލިބެ…
15 September 2025
ބައްސާމް އާއި ގުޅިގެން ހުރިހާ ޖަރީމާއެއް ހިންގި ޓީމް މާޒިޔާތީ.
ސޭކު
15 September 2025
އީގަލްސް އަކީވެސް މަގުމަތީ ގުރޫޕެއް