ގދ. އަތޮޅު ކައުންސިލް ހުންނަ ތިނަދޫ: އަތޮޅު ކައުންސިލުން ބޭރަށް ކުރި ދަތުރަށް ބައި މިލިއަން ރުފިޔާ ހަރަދުކުރި މައްސަލަ އޮޑިޓާ ޖެނެރަލް ވަނީ ފެންމަތިކޮށްފައި
15 ސެޕްޓެމްބަރ 2025 - 15:48
ހަރަދު ކުޑަކުރަން ފިނޭންސް މިނިސްޓްރީން އަންގާފައި ވަނިކޮށް ފަސް ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ގދ. އަތޮޅު ކައުންސިލުން ތައިލެންޑަށް ދަތުރުކޮށްފައިވާ ކަމަށާއި އަދި އެ ކައުންސިލަށް ލިބުނު 11.6 މިލިއަން ރުފިޔާގެ ރަސީދު ތައްޔާރުކޮށްފައިނުވާ ކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފި އެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރެފައިވާ ގދ. އަތޮޅު ކައުންސިލްގެ 2023 ވަނަ އަހަރު އޮޑިޓް ރިޕޯޓުގައިވާ ގޮތުން އަތޮޅު ކައުންސިލު ތަމްސީލުކުރާ 9 މެމްބަރަކާއި ސެކްރެޓަރީ ޖެނެރަލް ހިމެނޭހެން ޖުމްލަ 10 ބޭފުޅުން 2023 ވަނަ އަހަރު ތައިލެންޑަށް ތަޖުރިބާގެ ދަތުރެއްކޮށްފައި ވަނީ 559،168ރ. ކައުންސިލްގެ ބަޖެޓުން ހަރަދުކޮށްގެން ކަމަށެވެ. އޭގެ ތެރެއިން ތިން ލައްކައެއްހާ ރުފިޔާ ހަރަދުކުރީ އެ މީހުންގެ ޑީއެސްއޭ އާއި ޕޮކެޓްމަނީގެ ގޮތުގަ އެވެ.
ރިޕޯޓުގައި ބުނީ އެ ހަރަދަކީ ދައުލަތުގެ ހަރަދުތައް ކޮންޓްރޯލްކޮށް އެފިޝަންސީ އިތުރުކުރުމަށް ފިނޭންސް މިނިސްޓްރީން ދައުލަތުގެ އިދާރާތަކަށް ސާކިއުލާ އިން އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދެއް ނޫން ކަމަށެވެ.
އެ ރިޕޯޓުގައި ބުނީ އެ ދަތުރުގެ ބޭނުމަކީ ބައިވެރިންނަށް ލޯކަލް ޓޫރިޒަމާއި ގުޑް ގަވާނަންސް އަދި ދަނޑުވެރިކަމުގެ ތަޖުރިބާ ހޯދުންކަމުގައި ދަތުރުގެ ރިޕޯޓުގައިވާ ކަމަށެވެ. އަދި ތައިލެންޑުގައި ހުންނަ ރާއްޖޭގެ އެމްބަސީއާ ބައްދަލު ކުރުމާއި ގދ. އަތޮޅުގެ ލޯކަލް ޓޫރިޒަމް ކުރިއަރުވަން ތައިލެންޑްގެ ޕުކެޓްގެ ޓޫރިޒަމް ޕްރޮމޯޝަން ބޯޑާއެކު މަޝްވަރާކޮށް، ކަލްޗާ އާއި ހޮސްޕިޓާލިޓީ ބޭނުންކުރާ ގޮތާއި މެދު މަޝްވަރާކުރި ކަމަށް ދަތުރު ރިޕޯޓުގައި ބަޔާންކުރާ ކަމަށެވެ.
އޮޑިޓުގައި ބުނީ ރާއްޖޭގެ ޓޫރިޒަމް ކުރިއަރުވަން އެމްއެމްޕީއާރުސީގެ ނަމުގައި ކުންފުންޏެއް އުފައްދާފައިވާތީ ލޯކަލް ކައުންސިލުތަކުން ފަތުރުވެރިކަމުގެ ތަޖުރިބާ ހޯދުމާއި ފަތުރުވެރިކަން ޕްރޮމޯޓްކުރުމުގެ ކަންކަން ކުރުމުގައި އެ ކުންފުނި މެދުވެރިކޮށް ވިލަރެސްކުރުމުން އެފަދަ ހަރަކާތްތަކުގެ މަގްސަދު ފުރިހަމައަށް ހާސިލުކުރެވޭނެ ކަމަށެވެ. އެކަމަކު ފަތުރުވެރިކަން ޕްރޮމޯޓްކުރަން ކުރި އެ ދަތުރާ ގުޅޭގޮތުން އެމްއެމްޕީއާރުސީއާ މަޝްވަރާކޮށްފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.
އެ ރިޕޯޓުގައި ދެވަނައަށް ފާހަގަކުރި މައްސަލައަކީ އެކައުންޓް ޓްރާންސްފާގެ ގޮތުގައި ލިބިފައިވާ ފައިސާއަށް ރަސީދު ތައްޔާރުކޮށްފައިނުވުމެވެ.
މާލިއްޔަތު ގަވާއިދުގައި ވަނީ ޗެކުން ނުވަތަ އެކައުންޓް ކްރެޑިޓްކޮށް ނުވަތަ ޑެބިޓްކޮށް ދައްކާ ފައިސާ ނުވަތަ ކްރެޑިޓް ކާޑުން ދައްކާ ފައިސާ ބަލައިގަންނާނީ ރަސީދު ހަދައިގެން ކަމަށާއި އެ ފައިސާ ފޮތުގައި ލިޔެ ހިސާބުތައް ބަލަހައްޓަން ޖެހޭނެ ކަމަށެވެ. އެކަމަކު 2023 ގައި ގދ. އަތޮޅު ކައުންސިލްގެ ބޭންކް އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން އޮޑިޓް ސާމްޕަލްގެ ގޮތުގައި ބެލި 11.6 މިލިއަން ރުފިޔާއަށް ރަސީދު ތައްޔާރުކޮށްފައިނުވާ ކަމަށް ބުންޏެވެ.
މީގެ އިތުރުން ދައުލަތުގެ އާމްދަނީ ފައިސާގެ ގޮތުގައި ބަަލައިގެންފައިވާ ފައިސާ ޕަބްލިކް އެކައުންޓަށް ޖަމާކޮށްފައިނުވާ މައްސަލަ ވެސް އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ.
އޮޑިޓުގައި ބުނީ އާމްދަނީގެ ގޮތުގައި ދައުލަތުގެ އޮފީސްތަކަށް ލިބޭ ފައިސާ އެމްއެމްއޭގައި އޮންނަ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރަން ޖެހޭއިރު، 2023 ގެ ނިޔަލަށް އެ ކައުންސިލަށް ލިބިފައިވާ އާމްދަނީ ފައިސާގެ ތެރެއިން 162،600ރ. މި މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ވެސް އެ އެކައުންޓަށް ޖަމާނުކޮށް، ކައުންސިލުގެ އާމްދަނީ އެކައުންޓުގައި ބަހައްޓާފައިވާ ކަމަށް އޮޑިޓުގައިވެ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން 2023 ގެ ޑިސެމްބަރުގެ ނިޔަލަށް ކައުންސިލަށް ލިބެންޖެހޭ ކަމަށް ލިބެންޖެހޭ ފައިސާގެ ރަޖިސްޓްރީގައި ހިމަނާފައިވާ 228،467ރ. ހޯދަން މަސައްކަތްކޮށްފައިވާކަން އެނގެން ނެތެވެ. އަދި އެ އަހަރުގެ ނިޔަލަށް ނިޔަލަށް އެ ކައުންސިލަށް އިތުރަށް ލިބެންޖެހޭ 399،953ރ. ލިބެންޖެހޭ ފައިސާގެ ރަޖިސްޓްރީ"ގައި ހިމަނާފައިނުވާ ކަން ލިޔެކިޔުންތަކުން ހާމަވި ކަމަށާއި އޭގެ ތެރޭގައި 2018 ގެ އޮޑިޓުގައި ހޯދަން އަންގާފައިވާ ފައިސާ ހިމެނޭ ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.
އެ ރިޕޯޓުގައި ބުނީ ކައުންސިލުގެ އިދާރާއަށް އާމްދަނީގެ ގޮތުގައި ލޯންޗު ދަތުރާއި ދޯނި ދަތުރުގެ ފީ ބަލައިގެންފައި ވިޔަސް، އެހެން ފަރާތަކުން ފައިސާ ލިބޭ ގޮތަށް ކުރި ދަތުރުތަކުގެ އަދަދާއި ދަތުރުތަކުގެ އަގާއި ވަގުތުން ފައިސާ ލިބޭނަމަ ފައިސާ ބަލައިގަތް ރަސީދުގެ ތަފްސީލާއި ތާރީހު ހިމަނާފައި ނެތް ކަމަށެވެ. އަދި ކުއްޔަށް ދޫކުރި ބިމުގެ އެއްބަސްވުން އާކޮށްފައި ނެތުމާއި ކުލި ނުދައްކައި ބިން ބޭނުން ކުރަމުން ގޮސްފައިވާ މައްސަލަ ވެސް ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ.
މީގެކުރިން ވެސް އެހެން ބައެއް ކައުންސިލްތަކުން ރާއްޖެއިން ބޭރަށް ކުރި ދަތުރުތަކުގެ މައްސަލަ އޮޑިޓް ރިޕޯޓުގައި ފެންމަތިކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހެއްސޯ ހުތާ
16 September 2025
މާލެއަތޮޅު ކައުންސިލްތަކުން މާގިނައިން ކޮށްފަހުރީ. ތިކަހަލައިގެ ހަރަދު ބަލަންޔާ ބަލަންވީ
ހަސަން ވަހީދު.
16 September 2025
އޮޑިޓަރ ޖެނެރަލް ވެސް އެބަ ޖެހެއެއްނު، ތިޔަ ކުރާ ބޭރު ދަތުރުތައް މަދުކޮށްލާފަ އޮޑިޓް ކުރުމާއިގެން އުޅެން. 2025 ވަނަ އަހަރު ނިމެން އުޅެނިކޮށް އަދި ކިރިޔާ ތިޔަ ނެރެވުނީ 2023ގެ ރިޕޯޓް. ވައްކަންތައް ހުއްޓުވަން ބަޔަކަށް މަސައްކަތް ކުރެވޭނީވެސް ތިަ ކުރާ ކަންތަކުގެ މުޢާލާތް ނުކެނޑެނީސް ވައްކަންތައް ރިޕޯޓް ކޮށްގެނެއްނު.
އަހްމަދުހު
16 September 2025
ކޮންމެސް ސަރުކާރުގެ ވެރިން ކުރާ ދަތުރު ތަކުގެ ހިސާބު ނުބަލާތި. ބޮލުން ދުން އަރާނެ
ކައުންސެލަރު....
16 September 2025
ބެންކޮކެންނު.. ލައްކަ ތަޖުޖިބާ ހޯދާފަތާ ހުންނާނީދޯ. ގައްޑާ
ޓޯޕޭ
16 September 2025
ތި ދަތުރު އެޅުނަށް ވުރެން މާ ރަނގަޅު ވީސް އަތޮޅަށް ބޭނުންޖެހިފައިވާ މުހިންމު ދަައިރާ އަކަށް ތި ފައިސާ ޚަރަދުކުރިނަމަ. ދަތުރު އަޅާ މެކްޑޮނަލްޑްސް، ޕިއްޒާ ހަޓް ތަކުން ކައި މޯލް ތަކަށް ގޮސް އާއިލާ ތަކަށް ހަދިޔާ ގަތީމާ ރަށަށް ވަނީ ކޮން ފައިދާ އެއް. މި ގޮތަށް މި އަޅާ ދަތުރުތައް ބަލައި ފިޔަވަޅު އަޅާލެވޭ ވަރުގެމުއައްސަސާ އެއް ވެސް މި ޤައުމުގަ ހަމަ ނެތީތަ. ދެރަވަރު ކަންކަން. ވާނީ ވެސް އެހެންތާ މަތީން ތިރިއަށް އޮތީ ކެވުނު ގޮތަކަށް ކެއުން ވިއްޔާ
މިސްޓަރ ވާން
16 September 2025
1. ސަރުކާރުގެ ހުރިހާ މުއައްސަސާ ތަށް ވެސް ހުރީ އަދި ތިއަށް ވުރެ މާގޯސް ހާލަތުގައި... 2.. ދެން ރައީސް އޮފީހާއި މިނިސްޓްރީ އޮފް ފިނޭންސް ގެ އޮޑިޓް ރިޕޯޓް ވެސް ނެރެލަބަލަ. ފެންނާނީ ބިލިއަނުްނ ކާލާފަ ހުރިތަން........... އަދި ކިއެއްތަ! މިކަން ކުރިތަ ވެސް ނުދޭނެ. 4. ބުނެ އުޅޭ ބޮޑު ސޯބު އެނބުރޭ ގޮތަށޭ ކުދި ސޯބުތަށް ވެސް އެނބުރޭނީ........ހެހެހެ
މުޑަހަންޖާ
16 September 2025
ދައުލަތުގެ އަހަރީ ބަޖެޓު ސާޅީހަކަށް ބިލިއަން ކަމަށް ބަލަންޏާއި އެއީ 10 އަހަރުން 4 ލައްކަ މިލިއަން. އޭގެތެރެއިން ބައި މިލިއަން ދުނިޔޭގައި އޮތް އެންމެ ބޮޑު އެއް އަތޮޅުގެ ކަންކަމާ ހަވާލުވެތިބި ބަޔަކު ތަޖުރިބާ ދަތުރެއް ކުރީމާ އެއީ ބޮޑު އަދަދެއްނޫން. ހާއްސަކޮށް އާބާދީ ނިސްބަތުން ބަލަންޏާ 10 އަހަރުތެރޭ އައްޑޫއަށް އެކަނި 50 ބިލިއަން ހަރަދުކުރެވިފައި ހުންނަންޖެހޭ ކަމުގައި އަހަރެމެން ދެކެނީ.
ޢަހުމަދު ޓޫރިޒަމް
15 September 2025
އެމްއެމްޕީއާރުސީން ރާއްޖޭގެ ލޯކަލް ޓޫރިޒަމް ކުރިއަރުވަން، ވިލަރެސްކުރި ކަމެއް ނެތް. އެންމެ ކުޑަމިނުން ލޯކަލް ޓޫރިޒަމް މި ބަސް ވެސް އެމްއެމްޕީއާރުސީގެ އެއްވެސް ޕްލޭނެއްގައި ނެތް!
ރާވެރިބެއްޔާ
15 September 2025
ހެހެހެ ... މިކަމާ ވާހަކަ ދައްކާ މީހަކު ގޯސްވާނީ. ރައްޔިތުންގެ ލާރި އެއްވެސް ފައިދާއެއް ނުވާ މިކަހަލަ ކަންކަމަށް ޚަރަދުކުރުމަށް ހަދައިގެން އުޅޭ ކައުންސިލްތެއް ތިޔައީ. ރައްޔިތުންގެ ވޯޓް ލިބިގެން ރައްޔިތުންގެ ލާބައްއަށް މިކުރެވޭހާވެސް ކަމަކީ މީ. އެންމެ ބައި މިލިއަން. އެންމެ ދަތުރަކަށް ...
ބޮޑުބެގެ ބެއްޔާ
15 September 2025
ނިކަން މާލެސިޓީ 2022 އަދި 2023 ގެ އޮޑިޓެއް ހަދާލަބަލަ ކެރެންޏާ.