ހދ. އަތޮޅު ކައުންސިލުން 2024 ވަނަ އަހަރުކުރި ދަތުުރުތަކަށް ޖުމްލަ 385،722ރ. ހަރަދު ކުރިއިރު އެކަމުން ހާސިލްވި ނަތީޖާއެއް ފެންނަން ނެތް ކަމަށާއި އަދި އުސޫލުތަކާ ޚިލާފަށް ކައުންސިލްގެ މުވައްޒަފުންނަށް 172،000ރ. ދީފައިވާ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
އޮޑިޓް އޮފީހުން މިދިޔަ ބުދަ ދުވަހު ނެރުނު ރިޕޯޓްގައިވާ ގޮތުން ހދ. އަތޮޅު ކައުންސިލުން ފައިސާ ހަރަދުކުރީ ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީއަށް ދަތުރާއި ފ.އަތޮޅާއި ދ. އަތޮޅުގެ ބައެއް ރަށްތަކަށް ދިއުމަށެވެ.
އެ ދަތުރުތަކުގައި ބައިވެރިވީ ކައުންސިލް މެންބަރުންނާއި ސެކްރެޓަރީ ޖެނެރަލާއި މުވައްޒަފުން ހިމެނޭހެން ޖުމްލަ 12 ބޭފުޅުންނެވެ. އެ ރިޕޯޓްފައިވާ ގޮތުން އެ ދަތުރުތަކުގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ކޮށްފައި އޮތީ ތިބުމާއި ކެއުމަށެވެ. އެކަމަށް ޖުމްލަ 209،000ރ. ހަރަދުކޮށްފައިވެ އެވެ. އެއީ އައްޑުއަަށާއި ފުވައްމުލަކަށް ކުރި ދަތުރުގައި ހަރަދުކުރި 105،600ރ. އާއި ފ.އަތޮޅަށާއި ދ.އަތޮޅަށް ކުރި ދަތުރުގައި ހަރަދުކުރި 103،400ރ. އެެވެ.
ދެވަނައަށް އެންމެ ބޮޑު ހަރަދެއް ކޮށްފައިއޮތީ އޮޑިޓް ރިޕޯޓްގައިވާ ގޮތުން ޓިކެޓަށެވެ. އެކަމަށް ޖުމްލަ 119,462ރ. ހަރަދުކޮށްފައިވެ އެވެ. އަދި ކަނޑުމަގުން ކުރި ދަތުރުތަަކަށް 28،680ރ. އާއި އެއްގަމު ދަތުރުތަކާއި އެހެނިހެން ކަންކަމަށް ހަރަދުކުރި ފައިސާ ވެސް ހިމެނެ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން އެ ދަތުުރުތަކުން ހާސިލްކުރަން ބޭނުންވި ކަމެއް ކަނޑައަޅާފައި ނެތުމުން އެ ދަތުރުތަކުން ހާސިލްކުރަން ބޭނުންވި އެއްވެސް ނަތީޖާއެއް ހާސިލްވިކަން އެނގޭކަށް ނެތެވެ. އެހެންވެ، ދައުލަތުގެ ހަރަދު ކުޑަކުރަން ނެރުނު ސާކިއުލާއާއާ އެއްގޮތަށް އަމަލުކުރަން އެ ރިޕޯޓްގައި އަންގާފައިވެ އެވެ.
އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ބޮޑު އަނެއް މައްސަލަ އަކީ ގަވައިދާ ހިލާފަށް މުވައްޒަފުންނަށް އެޓެންޑެންސް އެލަވަންސް ދީފައި ވުމެވެ. ހާޒިރީ އެލަވަންސްގެ ގޮތުގައި ދީފައިވަނީ މަސައްކަތުގެ ވަގުތު ނިމެންދެން މަޑުކުރާ ކޮންމެ ދުވަހަކަށް 50.ރ ގެ ރޭޓުންނެވެ.
އެގޮތަށް 172،000 އަށް ވުރެ ގިނަ ރުފިޔާ މުވައްޒަފުންނަށް ދީފައިވާ ކަމަށާއި އެއީ އުސޫލުތަކާ ހިލާފަށް ދީފައިވާ ފައިސާ ކަމަށްވާތީ އެ ފައިސާ އެ މުވައްޒަފުންގެ އަތުން އެ ފައިސާ އަނބުރާ ހޯދަން އޮޑިޓް ރިޕޯޓްގައި އަންގާފައިވެ އެވެ.
މީގެކުރިން ވެސް ހދ. އަތޮޅު ކައުންސިލުން 2023 ވަނަ އަހަރު ތައިލެންޑަށް ކުރި ދަތުރެއްގެ މައްސަލަ ވެސް އޮޑިޓާ ޖެނެރަލް ކުރިން ފެންމަތިކޮށްފައިވެ އެވެ. އަދި އޭރު ވެސް އެ ދަތުރުން ހާސިލްވި ބޭނުމެއް ނެތް ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.