ނ. އަތޮޅު ކައުންސިލަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފައިސާ ނުލިބި ވަނީ އެ އަތޮޅު ކައުންސިލް ރައީސް މުހައްމަދު ބަޝީރުގެ އަތުން ކަން އޮޑިޓަ ޖެނެރަލްގެ ރިޕޯޓުން ހާމަވެއްޖެ އެވެ.
އޮޑިޓް އޮފީހުން މިއަދު ނެރުނު އެ ކައުންސިލްގެ 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، ކައުންސިލް އިދާރާ އިން ފޯރުކޮށްދީފައިވާ ހިދުމަތްތަކަށް ލިބެންޖެހޭ ފައިސާގެ ދަފްތަަރުގައި 2023 ވަނަ އަހަރުގެ ނިޔަލަށް 960،124ރ. އެބަ އޮތެވެ.
ނަމަވެސް އޮޑިޓަށް ފޯރުކޮށްދީފައިވާ، ލިބެންޖެހޭ ފައިސާގެ ދަފްތަރުގައި ހިމަނާފައި ނުވާ އިތުރު 1،273،995ރ. 2023 ވަނަ އަހަރުގެ ނިޔަލަށް ކައުންސިލުގެ އިދާރާއަށް ލިބެން ޖެހޭ ކަމަށް އެކި ލިޔެކިޔުންތަކުން ފާހަގަވާ ކަމަށް އެ އޮޑިޓުގައި ވެ އެވެ.
އޮޑިޓް ރިޕޯޓުގައިވާ ގޮތުން އަތޮޅު ކައުންސިލަށް އެންމެ ގިނަ ފައިސާ ދައްކަންޖެހޭ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ ފައިސާ ނުލިބި ވަނީ އަތޮޅު ކައުންސިލްގެ ރައީސް ބަޝީރުގެ އަތުންނެވެ. އެއީ 118,220ރ. އެވެ.
ކައުންސިލް ރައީސް ދައްކަން ޖެހޭ ފައިސާގެ ތެރެއިން 89،820ރ. އަކީ ސްޓޭޓް ހައުސް ކުލީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ކަމަށާއި އެއީ މޭ 19، 2021 އިން ފެށިގެން ޑިސެމްބަރު 31، 2023 ގެ ނިޔަލަށް ކުލީގެ ގޮތުގައި ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާ ކަމަށް ވެސް އޮޑިޓްގައިވެ އެވެ.
ނ. އަތޮޅު ކައުންސިލްގެ ރައީސް ބަޝީރު ދައްކަން ޖެހޭ ފައިސާގެ ބާކީ 28،400ރ. އަކީ ލޯންޗު ދަތުރުތަކަށް ލިބެންޖެހޭ ފައިސާ ކަމަށާއި އެ ފައިސާގެ ތެރޭގައި ކެމްޕެއިން ހަރަކާތްތަކަށް ކޮށްފައިވާ ދަތުރުތަކަށް ދައްކަން ޖެހޭ ފައިސާ ވެސް ހިމެނޭ ކަމަށް އޮޑިޓުގައި ވެއެވެ.
ކައުންސިލް ރައީސްގެ އިތުރުން ދެން އެންމެ ގިނައިން ފައިސާ ދޭން ޖެހޭ ފަރާތްތަކަކީ:
- އެންވަޔަރުމެންޓް މިނިސްޓްރީ: 114،500ރ.
- ނޭޝަނަލް ޕްލޭނިން މިނިސްޓްރީ: 105،100ރ.
- ނ. ކެނދިކުޅުދޫ ކައުންސިލް: 71،350ރ.
- މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީ: 61،500ރ.
- ނ. މަނަދޫ ކައުންސިލް: 52،645ރ.
އޮޑިޓްގައި ދެން ފާހަގަ ކޮށްފައިވާ ކަންކަމުގެ ތެރޭގައި އެ ކައުންސިލަށް ލިބެން ޖެހޭ ފައިސާގެ ފުރިހަމަ ރަޖިސްޓްރީއެއް ބަލަހައްޓާފައި ނުވުމާއި ފައިސާ ހޯދަން އެކަށީގެންވާ މަސައްކަތެއް ނުވަތަ އެއްވެސް ފިޔަވަޅެއް އަޅާފައި ނުވުން ހިމެނެ އެވެ.
އޭގެ އިތުރުން އެއްބަސްވުން ނުހަދައި ހަރަދުކުރުމާއި މަސައްކަތް ނިންމަން ޖެހޭ ތާރީހަށް ނުނިންމުމުން ދައްކަން ޖެހޭ ޖޫރިމަނާގެ ފައިސާ ހޯދައިފައި ނުވާކަން ވެސް އޮޑިޓްގައިވެ އެވެ. އަދި ހަރުމުދަލާ ގުޅޭ ކަންކަން ގަވައިދާ އެއްގޮތަށް ބަލަހައްޓާފައި ނުވުމާއި ގާނޫނުގައިވާ އަދަދަށް ކައުންސިލްގެ ބައްދަލުވުން ބާއްވާފައި ނުވާ ކަމަށް ވެސް ވެ އެވެ.
މުސާރަ އާއި އިނާޔަތް ދިނުމުގައި އަމަލުކޮށްފައިވާ ގޮތުން އޮޑިޓްގައި ފާހަގަ ކޮށްފައިވާ ކަންކަމުގެ ތެރޭގައި އޮނިގަނޑުގައި ހިމެނުމެއް ނެތި މުވައްޒަފުން ނެގުމާއި ރޭންޖާއި މަގާމުތައް އުފެއްދުމުގައި ކައުންސިލުން ސިވިލް ސާވިސް ކޮމިޝަނާ އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާކަން ވެސް އޮޑިޓް ރިޕޯޓުން ފާހަގަވި އެވެ.