ސެންޓަ އެންޓަޕްރައިޒަސް އިން ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކަށް ފޯރުކޮށްދީފައިވާ ހިދުމަތްތަކަށް ފައިސާ ނުދައްކާ ކަމަށް ބުނެ، ހުށަހަޅާފައިވާ މައްސަލަތަކުގައި ކުރިން އެ ފައިސާ ދީފައިވާކަން ސާބިތުވާ، ގިނަ މައްސަލަތަކެއް ހިމެނޭ ކަމަށާއި އެހެންވެ އެކަން އިތުރަށް ބަލަން ޖިނާއި ތަހުގީގެއް ކުރަން އޮޑިޓާ ޖެނެރަލް ލަފާ ދެއްވައިފި އެވެ.

އޮޑިޓް އޮފީހުން އާންމުކޮށްފައިވާ ލިޔުމުގައިވާ ގޮތުން ސެންޓަ އެންޓަޕްރައިޒަސް އިން ވަނީ 2020 ވަނަ އަހަރުން ފެށިގެން، 410 މިލިއަން ރުފިޔާ ހޯދަން ހަ މައްސަލައެއް ހުށަހަޅައިފަ އެވެ. އެއީ 2006 ވަނަ އަހަރުން 2010 ވަނަ އަހަރަށް ފޯރުކޮށްދީފައިވާ ކަމަށް ބުނާ، ބައެއް މުދަލާއި ތަކެތީގެ އަގަށްވާ ފައިސާ އާއި އެ ފައިސާ ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާއަށްވާ ފައިސާ އެވެ. 

ސެންޓަ އެންޓަޕްރައިސަސް އިން ފޭކް ލިޔުންތައް ހުށަހަޅާފައިވާކަން ފުރަތަމަ ފާހަގަވީ ހެލްތު މިނިސްޓްރީއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައެއްގެ ތެރެއިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. އެ މައްސަލައިގައި ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ ފޯޖްކޮށްގެން އުފައްދާފައިވާ ސައްހަނޫން ލިޔެކިޔުންތަކެއްކަން ފާހަގަކުރެވޭތީ ބަންޑާރަ ނައިބުގެ އޮފީހުން އެކަން އޮޑިޓް އޮފީހަށް ހުށަހަޅައިގެން ބެލުމަށް ފަހު ފުލުހުންނަށް ވެސް ވަނީ ހުށަހަޅައިފަ އެވެ. އެ މައްސަލައަށް ފަހު އޮޑިޓް އޮފީހުން ވަނީ ސެންޓަ އެންޓަޕްރައިޒަސް އިން ކޯޓަށް ހުށަހަޅާފައިވާ ގިނަ މައްސަލަތަކެއްގެ ލިޔެކިޔުންތައް އޮޑިޓްކޮށްފަ އެވެ.

ބިޒްނަސް ރަޖިސްޓްރީގައިވާ ގޮތުން ސެންޓަ އެންޓަޕްރައިޒަސް އަކީ މުހައްމަދު ޖާމިޒާއި އަބްދުﷲ އާރިފް ހިންގާ ކުންފުންޏެކެވެ. އެ ކުންފުންޏާ ޖާމިޒް ގުޅުނު ކަމަށް ދައްކަނީ 2018 ވަނަ އަހަރު އެވެ. އަދި އާރިފް އެ ކުންފުނީ ބޯޑު ޑިރެކްޓަރަކަށް ހަމަޖައްސާފައިވަނީ 2024 ވަނަ އަހަރު އެވެ.

ސެންޓަ އެންޓަޕްރައިޒަސްގެ ދަށުން ގްރައުންޑް ރީޓެއިލް އާއި ކޭޝް އެންޑް ކެރީގެ ނަމުގައި އިތުރު ދެ ވިޔަފާރި ވެސް ހިންގާ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް އިން ދައްކަ އެވެ.

ސެންޓަ އެންޓަޕްރައިސަސް އިން އިން، އެންމެ ބޮޑު އަދަދެއް ހޯދަން މައްސަލަ ހުށަހަޅާފައިވަނީ ވެސް ހެލްތު މިނިސްޓްރީގެ ދަށުން ކުރިން ހިންގަމުން އައި ޑިޕާޓްމެންޓް އޮފް މެޑިކަލް ސާވިސަސް (ޑީއެމްއެސް) އާ ދެކޮޅަށެވެ. ސެންޓަ އެންޓަޕްރައިޒަސް އިން ވަނީ 2006 ގައި ޑީއެމްއެސްއަށް ފޯރުކޮށް ދިން މެޑިކަލް އިކުއިޕްމެންޓަށް 84 މިލިއަން ރުފިޔާ އާއި 2008 ވަނަ އަހަރު ފޯރުކޮށްދިން މެޑިކަލް އިކުއިޕްމެންޓަށް 79 މިލިއަން ރުފިޔާ އާއި ބޯފެން ރައްކާކުރުމަށް 2008 ވަނަ އަހަރު ފޯރުކޮށްދިން 900 ކަޅުހަމުގެ އަގަށް 25 މިލިއަން ރުފިޔާ ހޯދުމަށް މައްސަލަ ހުށަހަޅައިފަ އެވެ.  ޑީއެމްއެސް އިން 189 މިލިއަން ރުފިޔާ ލިބެންޖެހޭ ކަމަށް އެކުންފުނީގެ ދައުވާތަކުގައި ބުނެ އެވެ.

އެ މައްސަލަތަކާ ގުޅިގެން އޮޑިޓް އޮފީހުން ބުނީ، ފެން ރައްކާކުރާ ކަޅުހަންތައް ފޯރުކޮށްދިންކަން ދެއްކުމަށް ފަހުން އުފައްދާފައިވާ ސައްހަ ނޫން ލިޔުންތަކެއް ސެންޓަ އެންޓަޕްރައިޒަސް އިން ހުށަހެޅިކަން އެނގޭ ކަމަށެވެ.

އޮޑިޓް އޮފީހުން ފާހަގަކުރި ބޮޑެތި އޮޅުވާލުންތައް:

  • 900 ކަޅުހަން ފޯރުކޮށްދިން ކަމަށް ބުނެފައިވީ ނަމަވެސް، އެއީ އެއްވެސް އިރެއްގައި ފިނޭންސުން އިއުލާނުކޮށްފައިވާ މަސައްކަތެއް ވެސް ނޫންކަން.
  • އެ ކުންފުނިން ތައްޔާރުކޮށްފައިވާ "ކޮމްބައިން ޑެލިވަރީ ނޯޓް"ތަކުގައި ސޮއިކޮށްފައިވާ ކަމަށް ބުނާ ޑީއެމްއެސްގެ މުވައްޒަފަކީ އެއްވެސް އިރެއްގައި ޑީއެމްއެސް އަދި ހެލްތު މިނިސްޓްރީގައި ވެސް މަސައްކަތްކޮށްފައިވާ މުވައްޒަފެއް ނޫންކަން.
  • މެޑިކަލް އިކުއިޕްމެންޓް ފޯރުކޮށްދިން ކަމަށް ބުނެ 84 މިލިއަން ރުފިޔާ ހޯދަން ހުށަހަޅާފައި ވާއިރު އޭގެ ތެރެއިން 33 މިލިއަން ރުފިޔާ އަކީ ހިނގާފައިވާ މުއާމަލާތްތަކެއް ކަމަށް ދެއްކުމަށް އުފައްދާފައިވާ ލިޔުންތަކެއްކަމަށް ބެލެވޭކަން.

އެ ކުންފުނިން ދެވަނަ އަށް އެންމެ ބޮޑު އަދަދެއް ހޯދަން މައްސަލަ ހުށަހަޅާފައިވަނީ މާލޭ ސިޓީ ކައުންސިލާ ދެކޮޅަށެވެ. އެ ކުންފުނިން ވަނީ މާލޭ ސިޓީ ކައުންސިލަށް 2006 އިން 2010 ވަނަ އަހަރަށް ފޯރުކޮށްދިން މުދަލާއި ހިދުމަތުގެ އަގަށް 169 މިލިއަން ރުފިޔާ ހޯދުމަށް އެދި މައްސަލަ ހުށަހަޅައިފަ އެވެ. އަދި ބޯފެން ރައްކާކުރާ 3،627 ކަޅުހަމުގެ އަގަށް 32 މިލިއަން ރުފިޔާ ހޯދުމަށް އެންވަޔަރްމެންޓް މިނިސްޓްރީއަށް ވެސް ހުށަހަޅައިފަ އެވެ. އެ ކުންފުނިން ވަނީ އެމްއެމްއޭސީއެލް އިން ވެސް 21 މިލިއަން ރުފިޔާ ހޯދުމަށް މައްސަލައެއް ހުށަހަޅައިފަ އެވެ.

އެ ކުންފުނިން ހޯދަން އެދުނު ފައިސާ އަކީ ދައުލަތުން ދޭން ޖެހޭ ފައިސާއެއްތޯ ބަލަން ހެދި އޮޑިޓްގައިވާ ގޮތުން އެންވަޔަރްމެންޓް މިނިސްޓްރީން ފައިސާ ހޯދަން އެދުނު އިރު ދައުލަތުގެ އިދާރާއަކާ އެކު ކުރެވޭ ހަގީގީ ތެދުވެރި މުއާމަލާތެއްގައި ހިމެނިގެންނުވާނެ ބޮޑެތި ފުށުއެރުންތަކެއް ހުއްޓެވެ. އަދި ފައިސާ ދައްކާ ނިމިފައިހުރި މުއާމަލާތެއްގައި ފައިސާ ނުލިބޭކަމަށް ބުނެ، ސައްހަ ނޫން ލިޔެކިޔުން ހުށަހަޅާފައިވާ ކަމަށް ވެސް އޮޑިޓްގައި ފާހަގަކުރި އެވެ. ފައިސާ ދައްކައި ނިންމާފައިވާ އެލްސީއެއްގެ ދަށުން، އޭގެ އަސްލު އަގަށް ވުރެ އިތުުރު ފައިސާ ހޯދުމަށް ވެސް ސައްހަ ނޫން އިންވޮއިސްތަކެއް ހުށަހަޅާފައިވާ ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ. 

އޮޑިޓަ ޖެނެރަލް ވަނީ، އޮޅުވާލައިގެން ދައުލަތުން ބޮޑެތި އަދަދުތަކެއް ހޯދުމަށް ސެންޓަ އެންޓަޕްރައިޒަސް އިން މަސައްކަތްކޮށްފައިވާތީ، އެ ކުންފުނިން ހުށަހެޅި ލިޔެކިޔުންތަކުގެ ޕޮރެންސިކް ތަހުގީގެއް ހަދައި، އެކަމުގައި ޝާމިލުވާ އެންމެންނާ މެދު ފިޔަވަޅު އަޅަން އެ މައްސަލައާ ގުޅޭ ޖިނާއީ ތަހުގީގެއް ކުރިއަށް ގެންދިއުމަށް އެދިފަ އެވެ.