މިދިޔަ އަހަރު ނިމުނު އިރު ކައްދޫ އެއާޕޯޓްސް ކޮމްޕެނީއަށް 29.5 މިލިއަން ރުފިޔާގެ ގެއްލުމާ އެކު އެ ކުންފުންޏަށް މިދިޔަ އަހަރުތަކުގައި ލިބުނު ގެއްލުމުގެ އަދަދު 325 މިލިއަން ރުފިޔާއަށް އަރައިފި އެވެ. 

އޮޑިޓް އޮފީހުން އާންމުކުރި މާލީ ހިސާބުތަކުގެ އޮޑިޓްގައިވާ ގޮތުން މިދިޔަ އަހަރު ކައްދޫ އެއާޕޯޓް ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބުނީ 11 މިލިއަން ރުފިޔާ އެވެ. އެކަމަކު ކުންފުނީގެ ހަރަދުތައް 38.7 މިލިއަން ރުފިޔާއަށް އަރަ އެވެ. 

ވޭތުވެދިޔަ އަހަރުތަކުން އެކުންފުންޏަށް ލިބުނު ޖުމްލަ ގެއްލުމުގެ އަދަދު 325 މިލިއަން ރުފިޔާއަށް އަރަ އެވެ. 

އޮޑިޓްގައިވާ ގޮތުން ކުންފުނީގެ ޖުމްލަ އެސެޓް 56 މިލިއަން ރުފިޔާ އެވެ. 

މިދިޔަ އަހަރު ސަރުކާރުން ވަނީ ލ. ކައްދޫ އެއާޕޯޓު، ބައިނަލްއަގްވާމީ ފެންވަރަށް ތަރައްގީ ކުރަން އެމްއޭސީއެލްއާ ހަވާލުކޮށްފަ އެވެ. އެ އެއާޕޯޓު ތަރައްގީކޮށް ނިމޭ އިރު 2.8 ކިލޯމީޓަރުގެ ރަންވޭއެއް ހެދުމަށް ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ކައްދޫ އެއާޕޯޓް ހާއްސަކޮށްފައި ވަނީ ޑޮމެސްޓިކް އެއާޕޯޓެއްގެ އިތުރުން، އަސްކަރީ އޮޕަރޭޝަންތަކުގައި ބޭނުން ކުރުމަށެވެ.

އޯޑިޓް ރިޕޯޓުގައިވާ ގޮތުން ކައްދޫ އެއާޕޯޓް ކުންފުނީގެ ހުރިހާ އެސެޓެއް ރީޖަނަރަލް އެއާޕޯޓްސް ކޮމްޕެނީ (އާރްއޭސީއެލް) ގެ ދަށަށް ބަދަލުކުރުމަށް މި އަހަރުގެ އޭޕްރީލް 20 ގައި އެ ކުންފުނީގެ ބޯޑުން ވަނީ އެކަން ނިންމައިފަ އެވެ