މުވައްޒަފުންގެ މުސާރައަށް ކުރާ ހޭދަ އިންތިހާއަށް ބޮޑުވެ، ކުޅުދުއްފުށި ޕޯޓް ލިމިޓެޑް (ކޭޕީއެލް) ގެ ގެއްލުން 12.3 މިލިއަން ރުފިޔާއަށް އަރައިފި އެވެ.
އޮޑިޓް އޮފީހުގެ ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރު ކުޅުދުއްފުށި ޕޯޓް ލިމިޑެޓްގެ ގެއްލުން ވަނީ އޭގެ ކުރީ އަހަރަށް ވުރެ ނުވަ ޕަސެންޓް އިތުރުވެފަ އެވެ. އެކުންފުންޏަށް 2024 ވަނަ އަހަރު 11.3 މިލިއަން ރުފިޔާގެ ގެއްލުން ލިބުނެވެ.
އެމްޕީއެލްގެ ދަށުން ހިންގާ އެކުންފުންޏަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 11.9 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެކަމަކު ކުންފުނީގެ ހަރަދުތަކަށް 25 މިލިއަން ރުފިޔާ ހޭދަވި އެވެ. އެންމެ ބޮޑު ހަރަދެއް ހިނގީ ކުންފުނީގެ މުވައްޒަފުންގެ މުސާރަ އަށެވެ. މުސާރައަށް އެކަނި 13.8 ބިލިއަން ރުފިޔާ ހޭދަވި އެވެ. އެއީ މިދިޔަ އަހަރަށްވުރެ ގާތްގަނޑަކަށް ތިން ޕަސެންޓް ވަނީ އިތުރުވެފަ އެވެ.
ކުޅުދުއްފުށީ ޕޯޓަކީ ފެށުނީއްސުރެ ވެސް ގެއްލުމުގައި ހިންގަމުން އަންނަ ކުންފުންޏެވެ. ނަމަވެސް އެކުންފުނީގެ ގެއްލުން ވަނީ މިދިޔަ ދެ އަހަރު ތެރޭ ދެ ގުނަ އިތުރުވެފަ އެވެ. އެކުންފުންޏަށް 2023 ވަނަ އަހަރު ގެއްލުންވީ 6.6 މިލިއަން ރުފިޔާ އެވެ.
ކުންފުނީގެ ގެއްލުން ދެ ގުނަ އިތުރުވި އިރު އެ މުއްދަތުގައި މުވައްޒަފުންނަށް ކުރާ ހަރަދު ވަނީ 15 ޕަސެންޓަށް އިތުރުވެފަ އެވެ.
ކުޅުދުއްފުށި ޕޯޓް ލިމިޓެޑް އުފެއްދީ 2009 ވަނަ އަހަރު އެވެ. އޭގެ ފަހުން އެކި އަހަރުތަކުގެ މަތިން އެކުންފުންޏަށް ލިބުނު ގެއްލުން އުޅެނީ 90 މިލިއަން ރުފިޔާއަށް ވުރެ މަތީގަ އެވެ.