އައްޑޫ ސިޓީ ކައުންސިލުން 2023 ވަނަ އަހަރާއި 2024 ވަނަ އަހަރު މެލޭޝިއާ އަދި ސިންގަޕޫރަށް ތަޖުރިބާ ހޯދުމަށް ކުރި ދަތުރުތަކަށް ޖުމްލަ 1.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފި އެވެ.
އޮޑިޓް އޮފީހުން އާންމުކޮށްފައިވާ ރިޕޯޓުގައިވާ ގޮތުން އެ ދަތުރުތައް ކޮށްފައިވަނީ އެ ދެ އަހަރު ވެސް ފިނޭންސް މިނިސްޓްރީން އާއި ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުގެ އެންގުންތަކާއި ހިލާފަށެވެ.
ފިނޭންސް މިނިސްޓްރީން އޭރު އާންމުކުރި ސާކިއުލާގައިވާ ގޮތުން ކައުންސިލްގެ ބަޖެޓްގެ ތެރެއިން ހަރަދުތައް ހަމަޖައްސައ،ި ހަރަދުތަކުގެ އެފިޝަންސީ މަތިކުރުމަށް ސަމާލުކަން ދިނުމަށް އެދިފައިވެ އެވެ. މީގެ އިތުރުން އޭރުގެ ސިޓީތަކާއި އިދާރީ ހިންގުމާއ،ި އާންމު މަސައްކަތާބެހޭ މިނިސްޓްރީން ނެރުނު ސާކިއުލާގައިވެސް ކައުންސިލްތަކުގެ ރިކަރަންޓް ހަރަދު ކުޑަކުރުމަށް ހާއްސަ އިސްކަމެއް ދިނުމަށާއި އަދި އެވަގުތު ކޮންމެހެން ކުރަންޖެހޭ ހަރަދުތައް ނޫނީ ނުކުރުމަށާއ،ި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ އެ ދުވަސްވަރު ނުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައިވެ އެވެ.
އައްޑޫ ސިޓީ ކައުންސިލުން 2023 ވަނަ އަހަރުގެ މެލޭޝިއާ ސިންގަޕޫރު ދަތުރަށް 515،000ރ. ހަރަދު ކުރި އެވެ. އެ ދަތުރުގެ 60 ޕަސެންޓް ހޭދަކުރީ، ދަތުރުގެ 10 ބައިވެރިންގެ ޑެއިލީ އެލަވަންސް އާއި ޕޮކެޓްމަނީއަށެވެ. ދަތުރުގެ 10 ބައިވެރިންގެ އެ ހަރަދުތަކަށް 316،000ރ. ހަރަދުކޮށްފައިވެ އެވެ. ބައިވެރިންގެ ރާއްޖެއިން ބޭރަށް ދިއުމަށް ނެގި ޓިކެޓަށް 88،000ރ. ހޭދަކުރި އިރު ގަމުން މާލެ އައުމާ ދެމެދުގެ ދަތުރުތަކަށް 35،000ރ. ހޭދަކޮށްފައިވެ އެވެ. އަދި 10 ބައިވެރިންގެ މާލޭގެ އެކޮމޮޑޭޝަނަށް 13،000ރ. ހޭދަކުރި ކަމަށް އޮޑިޓް ރިޕޯޓުގެ ހިސާބުތަކުން ދައްކަ އެވެ. އެ ދަތުރުގައި ބައިވެރިވީ ކައުންސިލް އަށް މެންބަރުންނާއި ދެ އިދާރީ މުވައްޒަފުންނެވެ.
މި ދަތުރުގެ ޓްރެއިނިން އަށް 65،000ރ. އައްޑޫ ކައުންސިލުން ހޭދަކޮށްފައިވެ އެވެ. އޮޑިޓް އޮފީހުން ބުނީ، އެ ޓްރެއިނިން އަކީ ދަތުރު ރިޕޯޓުގައި ހިމަނާފައިވާ ދަތުރުގެ މަގުސަދާއި ގުޅުންހުރި ޓްރެއިނިން އެއް ނޫންކަމަށެވެ. އެ ކައުންސިލުގެ މެންބަރުން ބައިވެރިވެފައިވަނީ މެލޭޝިއަން އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓްގެ "ކްރިއޭޓިވް ތިންކިން އެންޑް ޕްރޮބްލަމް ސޯލްވިން ސްކިލްސް" އާ ގުޅޭ ޓްރެއިނިން އެއްގަ އެވެ. އަދި ސިންގަޕޫރުގައި މައިގަނޑު ގޮތެއްގައި ކޮށްފައިވަނީ ސިންގަޕޫރުގެ މެރިޓައިމް ގެލެރ،ީ ސަސްޓެއިނަބަލް ސިންގަޕޫރު ގެލެރީ އަދި ސިންގަޕޫރު ރީޑިވެލޮޕްމަންޓް ގެލެރީއަށް ޒިޔާރަތްކުރުމުގެ އިތުރަށް ސިންގަޕޫރު މެނޭޖްމަންޓް ޔުނިވާސިޓީއާއި ބައްދަލުކުރުންކަމަށްވާއިރު މި ޒިޔާރަތްތަކަކީވެސް ދަތުރުގެ މަގުސަދާއި ސީދާ ގުޅުން އޮތް ޒިޔާރަތްތަކެއް ނޫންކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އައްޑޫ ސިޓީ ކައުންސިލުން 2024 ވަނަ އަހަރު މެލޭޝިއާއަށް ކުރި ދަތުރުގައި އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ނުވަ މެންބަރުންނާއި ކައުންސިލް މެންބަރެއްގެ އިތުރުން ސެކްރެޓަރީ ޖެނެރަލް ބައިވެރިވެފައިވެ އެވެ. އެ ދަތުަރަށް ވަނީ 686،000ރ. ހޭދަކޮށްފަ އެވެ. އޭގެ ތެރެއިން މުވައްޒަފުންގެ ޑެއިލީ އެލަވަންސް އާއި ޕޮކެޓްމަނީއަށް 348،000ރ. ހޭދަކޮށްފައިވެ އެވެ. އެއީ މުޅި ދަތުރަށް ކުރި ހަރަދުގެ ގާތްގަނޑަކަށް 50 ޕަސެންޓެވެ. ރާއްޖެއިން ބޭރަށް ދިއުމަށް ނެގި ޓިކެޓަށް 238،000ރ. ހަރަދު ކުރި އިރު މާލެއަށް ދިއުމުގެ ހަރަދާއި އެކޮމޮޑޭޝަނަށް 39،000ރ. ހޭދަކޮށްފައިވެ އެވެ. އަދި ޓްރެއިނިން އެލަވަންސްގެ ގޮތުގައި 60،000ރ. ނަގާފައިވެ އެވެ.
އޮޑިޓް އޮފީހުން ބުނީ، މެލޭޝިއަން އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓްގެ ދެ ދުވަހުގެ "ކްރިއޭޓިވް ތިންކިން އެންޑް ޕްރޮބްލަމް ސޯލްވިން ސްކިލްސް" ޓްރެއިނިން އެއްގައި ބައިވެރިވެފައިވީ ނަމަވެސް ކޮމިޓީގެ މަސްއޫލިއްޔަތާއި ގުޅޭ ތަޖުރިބާ ހޯދާފައިވާކަން ދަތުރު ރިޕޯޓުން އެނގެން ނެތްކަމަށެވެ.
އަދި ދަތުރުގެ ފުރަތަމަ ތިން ދުވަހު ސިންގަޕޫރުގެ އާބަން ރީޑިވެލޮޕްމަންޓް ގެލެރ،ީ ސަސްޓެއިނަބަލް ސިންގަޕޫރު ގެލެރ،ީ މޮބިލިޓީ ގެލެރީގެ އިތުރުން ސެންތޯސާ އަދި އޯކިޑް ގާޑަން އާއި ބޮޓަނިކަލް ގާޑަންއަށް ޒިޔާރަތްކޮށްފައިވާއިރު މި ޒިޔާރަތްތަކާއި ގުޅިގެން ކޮމިޓީގެ މަސްއޫލިއްޔަތުތަކާއި ގުޅޭގޮތުން ލިބުނު ތަޖުރިބާގެ ތަފުސީލެއް އެނގެން ނެތް ކަމަށް ވެސް އޮޑިޓް އޮފީހުން ބުނެފައިވެ އެވެ. އަދި އެ ދަތުރުގައި ލިބުނު ތަޖުރިބާތަކުގެ އަލީގައި ސިޓީގެ އަންހެނުންގެ ތަރައްގީއަށް ކުރެވޭނެ ކަންތައްތަކާއި އެ ކަންތައްތައް ތަންފީޒުކުރާނެ ގޮތެއްވެސް ދަތުރާ ގުޅޭ ރިޕޯޓުގައި ހިމަނާފައިނުވާކަމަށް އޮޑިޓް އޮފީހުން ބުނެފައިވެ އވެ.