ޕާކިންގެ މައްސަލަ ހައްލުކުރަން ބެހެއްޓި ސިސްޓަމްތަކަށް 60 މިލިއަނެއްހާ ރުފިޔާ ހަރަދުކުރިޔަސް އެކަމުން އާއްމުންނަށް ފައިދާއެއް ނުވެ ގެއްލުމަކަށް ވެފައި ވާތީ މިކަމުގައި ކަން ހިނގާފައިވާ ގޮތް ބަލައި އިހުމާލުވާ ފަރާތެއްވާ ނަމަ ފިޔަވަޅު އަޅަން އޮޑިޓަ ޖެނެރަލްގެ އޮފީހުން ލަފާ ދީފި އެވެ.
ހައުސިން މިނިސްޓްރީގެ 2018-2023 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައިވާ ގޮތުން މާލެ އާއި ހުޅުމާލޭގެ 20 ސަރަހައްދަކަށް ޕާކިން ސިސްޓަމް ހޯދަން ޖޫން 26، 2016 ގައި އެ މިނިސްޓްރީން ހަވާލުކުރީ 59.9 މިލިއަން ރުފިޔާ އަށެވެ.
އެކަމަކު، އެކަށީގެންވާ ގޮތަށް ކުރިއަށް ނުދާ ކަމަށް ބުނެ، އެ އެއްބަސްވުން ޖޫން 26، 2018 ގައި ބާތިލްކޮށް، 2018 ވަނަ އަހަރުގެ ތެރޭގައި ވަނީ ނުނިމި ބާކީ ހުރި 14 ޕާކިން ސިސްޓަމް ބަހައްޓަން 14.4 މިލިއަން ރުފިޔާއަށް ބޭރުގެ ކުންފުންޏަކާ ހަވާލުކޮށްފައި ކަމަށް އޮޑިޓް ރިޕޯޓްގައިވެ އެވެ.
ބޮޑެތި މަޝްރޫއުތައް ފެށުމުގެ ކުރިން އެކަމެއް ގެންދާނެ ގޮތުގެ ޕްލޭނަކާއި މަސައްކަތާ ގުޅޭ ފީސިބިލިޓީ ސްޓަޑީއެއް ހެދުމަކީ މުހިއްމު ކަމަކަށް ވިޔަސް ޕާކިން ސިސްޓަމްތައް ބެހެއްޓުމުގެ ކުރިން އެފަދަ ސްޓަޑީއެއް ހަދާފައިވާކަން އެއްވެސް ލިޔުމަކުން އެނގޭކަށް ނެތްކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
"ޕާކިން ސިސްޓަމްތައް ގާއިމްކުރުމަށް ދައުލަތުން ޖުމްލަ 59,356,602ރ. ހަރަދުކޮށްފައިވާއިރު، 2018 ވަނަ އަހަރު ސަރުކާރު ބަދަލުވެ، ޕާކިން ސިސްޓަމްތައް އޮޕަރޭޓްކުރުމަކީ ފީސިބަލް ކަމެއްކަމަށް އޭރުގެ ސަރުކާރަށް ނުފެންނާތ،ީ މާލޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައި ހުރި ޕާކިން ސިސްޓަމްތައް ނެގުމަށާއި އިތުރު ޕާކިން ސިސްޓަމްތައް ބެހެއްޓުމުގެ މަސައްކަތް ކުރިއަށް ނުގެންދާގޮތަށް 2022 ވަނަ އަހަރުގެ ތެރޭގައި ނިންމާފައިވެ އެވެ،" މިދިޔަ ހޯމަ ދުވަހު އާއްމުކުރި ރިޕޯޓުގައިވެ އެވެ.
އެ މަސައްކަތް ހުއްޓާލިއިރު ޕާކިން ސިސްޓަމްތައް ބަހައްޓަން ގެނައި ތަކެތި އެސްޓީއޯއިން މިނިސްޓްރީއާ ހަވާލުކުރިއަސް ފަހުން އެ ތަކެއްޗަށް ވީގޮތެއް ނޭނގޭކަމަށް މިދިޔަ މަހުގެ 5 ވަނަ ދުވަހު މިނިސްޓްރީން ވަނީ އޮޑިޓް އޮފީހަށް އަންގައިފަ އެވެ.
"އެހެންކަމުން، ޕާކިން ސިސްޓަމްގެ މަސައްކަތްތައް ޖުމްލަ 59,356,602ރ. ހަރަދުކޮށްފައިވާއިރު މި މަސައްކަތުން ރައްޔިތުންނަށް އެދެވޭ މަންފާއެއް ކޮށްފައި ނުވާކަމާއި މި ފައިސާ ހަރަދުކޮށްފައިވަނީ ދައުލަތަށް ގެއްލުންވާ ގޮތަށްކަން ފާހަގަކުރަމެވެ،" އޮޑިޓުގައިވެ އެވެ.
ފައިސާ ދެއްކީ މަސައްކަތަށް ނުބަލާ
މަސައްކަތެއްގެ އަގު 2.5 މިލިއަނަށްވުރެ ބޮޑުވާ ނަމަ އެ ބިލަކަށް ފައިސާ ދައްކާނީ މަސައްކަތުގެ ކޮންސަލްޓެންޓް ތައްޔާރުކޮށްފައިވާ ރިޕޯޓަށް ބެލުމަށްފަހު ކަމަށް މާލިއްޔަތު ގަވާއިދުގައިވެ އެވެ. ނަމަވެސް، މާލެ އާއި ހުޅުމާލޭގައި އެސްޓީއޯއިން ހުށަހެޅި ހަތަރު ބިލަކަށް 9.8 މިލިއަން ރުފިޔާ ދައްކާފައިވަނީ ނިމޭ މަސައްކަތަށް ފައިސާ ދައްކާ އުސޫލުން ނޫންކަމާއި އެކަން ކުރީ ދެ ފަރާތުން އެއްބަސްވެފައިވާ ޝެޑިއުލާ އެއްގޮތަށް ކަމަށް އޮޑިޓުން ވަނީ އެނގިފަ އެވެ.
ޖޫން 26، 2018 ގައި އެއްބަސްވުން ބާތިލް ކުރިއިރު އެހާތަނަށް ނިންމާފައިވަނީ އެންމެ ދެ ޕާކިން ސިސްޓަމެވެ.
އޭގެ އިތުރުން، ބޭރުގެ ކުންފުންޏާ އެކު ހައުސިން މިނިސްޓްރީން ވި އެއްބަސްވުމުގެ ދަށުން، ކޮންޓްރެކްޓަރު ހުށަހެޅި ދެ އިންވޮއިސްއަކަށް ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ދެއްކިއަސް އެއީ ކޮން ސަރަހައްދެއްގައި ބަހައްޓާފައިވާ ޕާކިން ސިސްޓަމަކާ ގުޅޭ އިންވޮއިސްއެއް ކަމެއް އަދި އެ މަސައްކަތް ނިމިފައިވަނީ ކިހާ ވަރަކަށްކަން އެނގެން ނެތް ކަމަށް ވެސް ބުނެފައިވެ އެވެ.
"ޕާކިން ސިސްޓަމްގެ މަސައްކަތް ކުރިއަށް ނުގެންދާ ގޮތަށް ނިންމުމާ ހަމައަށް އެ ކުންފުނިން އެއްވެސް ޕާކިން ސިސްޓަމެއް ނިންމާފައިވާކަން ލިޔެކިޔުމުން އެނގެންނެތްކަން ފާހަގަކުރަމެވެ. އަދި ސަރުކާރުގެ ޕޮލިސީ ބަދަލުވުމާ ގުޅިގެން ޕާކިން ސިސްޓަމްތައް ބެހެއްޓުމުގެ މަސައްކަތް ކުރިއަށް ނުގެންދާގޮތަށް ނިންމުމާ ހަމައަށް މި މަސައްކަތާ ގުޅިގެން ހުށަހަޅާފައިވާ ބިލުތަކަށް ޖުމްލަ 13,860,200ރ. ދައްކާފައިވަނީ މަސައްކަތްކޮށް ނިންމާފައިވާކަން ޔަގީންނުކޮށްކަން ފާހަގަކުރަމެވެ،" އޮޑިޓު ރިޕޯޓުގައިވެ އެވެ.
އެޑްވާންސްގެ ގޮތުގައި ދޭ ފައިސާ، ކޮންޓްރެކްޓުގެ ޖުމްލަ އަގުން ކަނޑަންވާނެ ކަމަށް މާލިއްޔަތުގެ ގަވާއިދުގައި ބުންޏަސް ޕާކިން ސިސްޓަމްތައް ބަހައްޓަން ކުރިން އެސްޓީއޯއިން ސަބް-ކޮންޓްރެކްޓްކުރި ބޭރުގެ ކުންފުންޏާ އެކު މިނިސްޓްރީން ވެފައިވާ އެއްބަސްވުމުން ކުރަމުން އައި މަސައްކަތް، 2018 ވަނަ އަހަރު ވެރިކަން ބަދަލުވުމުން ހުއްޓާލިއިރު އެ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި 2,172,370ރ. ދީފައިވެ އެވެ. އޭގެ ތެރެއިން 1,455,078ރ. އަނބުރާ ނުލިބޭ ކަމަށާއި އެ ފައިސާ ހޯދަން މިނިސްޓްރީން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރާ ކަމަށް ވެސް ބުންޏެވެ.
އޮޑިޓް ރިޕޯޓްގައި ވަނީ ޕާކިން ސިސްޓަމްގެ މަޝްރޫއަށް ދައުލަތުގެ ބަޖުޓުން 59.35 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު މި މަޝްރޫއުން އެއްވެސް މަންފާއެއް ލިބިފައިނުވުމުން، މިއީ ދައުލަތުގެ ފައިސާއަށް އިހުމާލުވުން ކަމުގައި ބެލެވޭ ކަމަށް ބުނެފަ އެވެ. މިއީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކުރާ ހުއްދަނޫން އަމަލެއް ކަމަށާއި އެހެންވެ އެ ގަވާއިދުގައި މިފަދަ މައްސަލަތައް ބެލުމަށް ކަނޑައަޅާފައިވާ އިންތިޒާމުގެ ތެރެއިން މި މައްސަލަ ބަލައި، އިހުމާލުވާ ފަރާތެއްވާ ނަމަ ފިޔަވަޅު އަޅަން އޮޑިޓް އޮފީހުން ވަނީ އަންގައިފަ އެވެ.