އަރަބި އަދި އިސްލާމީ ގައުމުތަކުގެ ވެރިންގެ ކުއްލި ބައްދަލުވުމުގައި ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދް އަލް ޘާނީ ވާހަކަ ދައްކަވާއިރު ނޫސްވެރިން އެ މަންޒަރު ސްކްރީނަކުން ބަލަނީ. -- ފޮޓޯ: އޭއެފްޕީ
15 ސެޕްޓެމްބަރ 2025 - 19:21
މިދިޔަ ހަފްތާގައި އިޒްރޭލުން ގަތަރުގެ ވެރިރަށް ދޯހާއަށް ހަމަލާދީ ހަމާސްގެ ލީޑަޝިޕްގެ ބޭފުޅުން އަވަހާރަކޮށްލަން މަސައްކަތްކުރީ ޣައްޒާގެ ހަމަލާތައް ހުއްޓުމަކަށް ގެނެވޭތޯ ކުރަމުން އަންނަ މަޝްވަރާތައް ފެއިލްކޮށްލަން ކަމަށް ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދް އަލް ޘާނީ މިއަދު ވިދާޅުވެއްޖެ އެވެ.
"އެ ބަޔަކާ އެކު މަޝްވަރާ ކުރަމުން އަންނަ މީހުން މަރަން މަސައްކަތްކުރާނީ މަޝްވަރާތައް ނާކާމިޔާބުކޮށްލުމުގެ ނިޔަތް އޮތް ބައެއް. އެ މީހުންގެ ނަޒަރުގައި މަޝްވަރާތަކަކީ ހަނގުރާމައިގެ އެއް ބައި،" ގަތަރަށް އިޒްރޭލުން ދިން ހަމަލާއާ ގުޅިގެން އަރަބި އަދި އިސްލާމީ ގައުމުތަކުގެ ވެރިންނާ އެކު ދޯހާގައި މިހާރު ކުރިއަށްދާ ބައްދަލުވުމުގައި އަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ހުވަފެނަނީ އަރަބި ދުނިޔެ އިޒްރޭލުގެ ނުފޫޒުގެ ދަށުގައި ބޭއްވުމެވެ.
ގަތަރުގެ އަމީރު ވިދާޅުވި ގޮތުގައި އެ ގައުމަށް އިޒްރޭލުން ދިން ހަމަލާގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑު ސިހުމެއް ލިބުނު ކަމަށެވެ. އެއީ ގައުމެއްގެ މިނިވަންކަމާއި ސިޔާދަތުގެ ހުރުމަތް ކެނޑުމުގެ އިތުރުން ބައިނަލްއަގުވާމީ ގާނޫނުތަކާ ވެސް ހިލާފަށް އިޒްރޭލުން ހިންގި ފިނޑި އަމަލެއް ކަމަށް އަމީރު ވިދާޅުވި އެވެ.
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ދެމުންދާ ހަމަލާތަކަކީ ފަނާކުރުވަނިވި އަނިޔާވެރި ހަމަލާތަކެއް ކަމަށާއި މިހާރު އެއީ ނަސްލު ނައްތާލުމުގެ ޖަރީމާއަކަށް ވެސް ބަދަލުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިޒްރޭލާއި ހަމާސްއާ ދެމެދު، އެކުވެރި މިސްރާއި އެމެރިކާގެ އެހީތެރިކަމާ އެކު ގަތަރުން ބާއްވަމުން ދިޔަ މަޝްވަރާތަކުން އޮތީ އެއްބަސްވުމަކާ ގާތަށް ދެވިފައި. އެއީ އެތައް ރަހީނުންނެއް މިނިވަންވާނެ އެއްބަސްވުމެއް،"
"އިޒްރޭލުން އަދިވެސް ދަނީ ހަނގުރާމަ ކުރިއަށް ގެންދިއުމުގެ ވިސްނުމުގައި."
އަމީރު ޝައިޚް ތަމީމް ވިދާޅުވި ގޮތުގައި ނަތަންޔާހޫގެ ހުވަފެނަކީ އިޒްރޭލުގެ ބާރުގެ ދަށަށް އަރަބި ދުނިޔެ ގެންދިއުމެވެ. އެކަމަކު އޭނާ ވިދާޅުވީ އެއީ ނަތަންޔާހޫ ދެކެމުން އަންނަ "ވަރަށް ނުރައްކާތެރި އަވާމެންދުރެއް" ކަމަށެވެ.
އަމީރު ވިދާޅުވި ގޮތުގައި އިޒްރޭލުން ހަމަލާދިން އިރު ހަމާސް އިން ދިޔައީ އެމެރިކާއިން ހުށަހަޅާފައިވާ ކަރުދާހަކާ މެދު މަޝްވަރާކުރަމުންނެވެ. އެކަމަކު އިޒްރޭލުން ގަސްތުކުރީ އެ ހުށަހެޅުމާ މެދު މަޝްވަރާކުރަމުން ދިޔަ ތަނަށް ހަމަލާދޭން ކަމަށް އޭނާ ވިދާޅުވި އެވެ.
"އިޒްރޭލުން ހަމާސްގެ ލީޑަރުން އަވަރާކޮށްލަން ބޭނުން ނަމަ މަޝްވަރާގައި ބައިވެރިވާންވީ ކީއްވެ؟،" އަމީރު ސުވާލުކުރެއްވި އެވެ.
"ރަހީނުން މިނިވަންކުރަން ބޭނުން ނަމަ އެކަމުގެ މަޝްވަރާގައި ތިބި އެންމެ އަވަހާރަކޮށްލަން އުޅެންވީ ކީއްވެ؟ އިޒްރޭލުން އަޅުގަނޑުމެންނާ ދެކޮޅަށް ވައިގެ ހަމަލާތައް ދިނުމަށް ޑްރޯންތަކާއި މަތިންދާބޯޓުތައް ފޮނުވަމުން ދާއިރު، އިޒްރޭލުގެ މަޝްވަރާ ވަފުދުތަކަށް އަޅުގަނޑުމެންގެ ގައުމުން މަރުހަބާ ކިޔާނީ ކިހިނެއް؟."
ގަތަރުގެ އަމީރު ވިދާޅުވީ މި ސުވާލުތަކުގެ ބޭނުމެއް ވެސް ނެތް ކަމަށާއި މިފަދަ ފިނޑި އަމަލުތައް ހިންގާ ބަޔަކާ މުއާމަލާތުކުރުމުގެ ބޭނުމެއް ވެސް ނެތް ކަމަށެވެ.
މިހާރު ކުރިއަށްދާ ކުއްލި ބައްދަލުވުމުގައި އަރަބި އަދި އިސްލާމީ ގައުމުތަކުގެ ވެރިން ގެންދަވަނީ އިޒްރޭލުގެ އަމަލު ކުށްވެރިކޮށް ހަރުކަށިކަމާ އެކު އެ އަމަލު ކުށްވެރިކޮށް ވާހަކަ ދައްކަވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުއިއްޒު ބިން ކއޒބ
16 September 2025
އަދިވެސް މުސްލިމުންނައް ތައުބާވެ ކާފަރު.ންނާ ދޭތެރޭ ވަކިމިންގަނޑެއް ބޭއްވުން ބުއްދިވެރި ކާފަރުންނަކީ އަންހެނުންނާ ފިރިހެނުން ހަމަހަމަކޮއް މުޅިދުނިޔެ ހަލާކު ކުރާބައެއް ރާއްޖޭގަވެސް ޖެހިގެން މިއުޅެނީ އެމައްސަލަ ރާއްޖޭގެ ވެރިންގެ ކިބައިގަ އިސްލާމީ ކުނޑިފުކެއްވެސްނެތް
ދުރުމި
16 September 2025
އަރަބި، އިސްލާމީ ކިތައް ގަމުގެ ވެރިން ބައިވެރިވިބާ؟ މި އަދަދުން ދޭ މެސެޖް ސާފެއެވެ. ވަރިހަ ކޮށްލައިގެން ތިބިކަމެވެ.
1828
15 September 2025
އަދި އިތުރަށް ކޮންޓްރޯލްކުރަން ޖެހޭތަ؟ ރަސްކަން ދިފާއުކުރަން އެމެރިކާއިން ބުނިއްޔަ ބުނިހާކަމެއް އަރަބިން ކުރަމުން އައީ. ދެންވެސް ކުރާނެ. ނުކޮށްފިނަމަ ރަސްކަމެއް ނޯނާނެ.
ސަސި
15 September 2025
މިއޮށް ހުރިހާ ދުވަހުވެސް އެކަން ކުރީ ހަމަ ތިޔަ ބުނި ގޮތަށް. އަލަށް ކުރާނެ ހަމަ އެކަނި ކަމަކީ ތިޔަ ގައުމުތަކަށް ހަމަލާދިނުން