ޕެޑަލްގައި ޖެހި، އައިޝާގެ ފަޔަށް އަނިޔާވެފައި.
16 ސެޕްޓެމްބަރ 2025 - 15:51
ކޮންމެހެން ދާން ޖެހިގެން ނޫނީ އައިޝަތު ގުލްފާ (އައިޝާ) ރޭގަނޑު ބޭރަކަށް ނުނުކުމެ އެވެ. ދުވާލުގެ ވަގުތު ލައުންޖު ހޮސްޓެސްއަކަށް އެއާޕޯޓުގައި މަސައްކަތް ކުރުމަށް ފަހު ދެން ލިބޭ ހުރިހާ ވަގުތެއް އޭނާ ހޭދަކުރަނީ ދެ ކުދިންނާއެކު ގޭގަ އެވެ.
މިދިޔަ މަހުގެ 19 ވަނަ ދުވަހުގެ ރޭ ވެސް ރަހުމަތްތެރިއަކާ އެކު އައިޝާ ބޭރަށް ނުކުތީ ހަގަށް ހުންނަ ފިރިހެން ދަރިފުޅުގެ ސްކޫލު ބައްދަލުވުމަކަށް މަޖީދިއްޔާއަށް ދާށެވެ. އެކަމަކު، ސައިކަލެއްގެ ޕެޑަލްއެއްގައި ފައި ތިލަ ޖެހި، އޭނާއަށް މި ވަނީ ދުވަހަކު ވެސް އުފުލަން ނުޖެހޭ ފަދަ ވޭނެއް ތަހައްމަލުކުރަން ޖެހިފަ އެވެ.
އައިޝާ ބުނީ ސައިކަލުގެ ފަހަތުގައި އޭނާ އިންދާ ވައަތު ފައި ޖެހުނީ، މަޖީދީ މަގުން ޕިއްޒާ ބޯނާ ކުރިމަތީގައި ޕާކުކޮށްފައި އޮތް ސައިކަލެއްގެ ޕެޑަލް އެއްގައި ކަމަށެވެ. އެ ވަގުތު ތަދުވިއަސް ވަކި ހިސާބަކަށް ދިޔަތަނާ އިހުސާސް ކެނޑުނެވެ.
އައިޝާ. އޭނާ ބުނީ ވާއަތު ފަޔަށް ލިބުނު އަނިޔާތަކުގައި އުޅެމުން ދަނީ ވޭނުގައި ކަމަށް.
ފިލްމު ވެސް ކުޅެމުން އަންނަ އައިޝާ އެ ރޭ އުޅުނީ، އޮލިމްޕަސް އޭރު އަޅުވާފައި އޮތް އޭނާގެ "ލޯބިން" ފިލްމު ނިމޭ ވަގުތު ސަޕޯޓަރުންނާ ބައްދަލުކޮށްލަން ސިނަމާއަށް ވެސް ދާށެވެ. އެކަމަކު، އެއިން އެއްވެސް ތަނަކަށް ނުގޮސް އޭނާ ވަނީ އޭޑީކޭ ހޮސްޕިޓަލަށެވެ.
"ފިލްމު ނިމުނުއިރު ވެސް ސަޕޯޓަރުންނާ ބައްދަލުކޮށްލާކަށް ނުދެވުނު." އޭނާ ބުންޏެވެ.
އޭޑީކޭގެ އިމަޖެންސީ ރޫމަށް ދިއުމުން އައިޝާ ބެލީ އާއްމު ބަލިތަކުގެ ޑޮކްޓަރެކެވެ. އެއަށްފަހު، ކަފައިގެން ދިޔަ ފައިގެ 13 ތަނަކުން ފެހުމަށް ފަހު، ކޮންމެ ދެ ދުވަހުން އެއް ދުވަހު ބޭސް ބަދަލުކުރަން ދިއުމަށް އެންގި އެވެ. އެއާ އެއްގޮތަށް ބޭސްގަނޑު ބަދަލުކުރަމުން ދިޔަސް ފަޔަށް އެއްވެސް އިހުސާސެއް ނުކުރެވޭތީ އެ ވާހަކަ ނަރުހާ ހިއްސާކުރި އެވެ.
"ފައިގެ ރޮދިތައް މަތި ސާފުކުރާއިރު ވެސް ތަދު ނުވާތީ އެ ވާހަކަ ބުނީމަ ބުނީ ފައިގެ ދުޅަ ކެނޑުމުން ރަނގަޅުވާނެ ކަމަށް. އޮފީހަށް ބޭނުންވާ މެޑިކަލް ސެޓްފިކެޓު ހޯދަން އަނެއްކާ ވެސް އާއްމު ބަލިތަކުގެ ޑޮކްޓަރަކަށް ދެއްކީމަ ޕްލާސްޓިކް ސާޖަންއަކަށް ދައްކައިގެން ފަރުވާ ގެންދަން އެދުނީ ވެސް އޭގެ ހަފުތާއެއް ފަހުން،" އައިޝާ ބުންޏެވެ.
ޕެޑަލްގައި ޖެހި، އައިޝާގެ ފަޔަށް ކަފައިގެން ގޮސްފައި.
"ޖެހިގެން އައި ދުވަހު ކޮސްމެޓިކް ސާޖަން އަށް ދެއްކީމަ ބުނީ ހަންގަނޑު މަރުވެފައޭ، ސްކިން ޑްރާފްޓިން ހަދާށޭ ޖެހޭނީ. އެހެން ބުނީމަ، އިތުރު މީހެއްގެ ހިޔާލު ހޯދަން ވެގެން ޕްލާސްޓިކް ސާޖަން ޑރ. ވަހީދަށް ދެއްކީ،"
އައިޝާ ބުނީ ދެ ވަނަ ޑޮކްޓަރަކަށް ޑރ. ވަހީދުގެ ހިޔާލު ހޯދުމަށް ފަހު، އައިޖީއެމްއެޗްގައި ހިންގާ ވޫންޑް ކްލިނިކުން މި މަހުގެ 2 ވަނަ ދުވަހުން ފެށިގެން ބޭސް ބަދަލުކުރަމުން އަންނަ ކަމަށެވެ. އަދި އެ ހާލަތަށް ރަނގަޅު ކުރިއެރުމެއް އަންނަ ކަމަށް ބުންޏެވެ.
"ނަރުތައް ކޮށާފައި ބެލިއިރު މަރުވެފައި ހުރި މަސްތައް ކުޑަ. އެކަމަކު، ފިޒިކަލީ އަދި މެންޓަލީ ވެސް ހަމަ ޑިޕްރެސް،" އައިޝާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ޕެޑަލް ޖެހިގެން ލިބުނު ޒަހަމްތަކަށް ފަހު ފައިތިލަ ޖައްސައިގެން އެއްގޮތަކަށް ވެސް ނުހިނގެ އެވެ. އަދި ފައިގައި ވިންދު ޖަހާ ވަރުން ރަނގަޅަށް ނުނިދޭ ކަމަށް ވެސް އައިޝާ ބުންޏެވެ.
އައިޝާގެ ފައި ކަނޑައިގެން ދިއުމުން ފަހާފައި.
"ހުރިހާ ކަމެއް ކަހަލަ ގޮތަކަށް ހުއްޓިފައި މި ހުރީ،" އޭނާ ކިޔައިދިނެވެ.
ވަޒީފާގައި ކިތަންމެ ބުރަކޮށް އުޅުނަސް އައިޝާ، އޭނާގެ ކުދިން ބަރާބަރަށް ސްކޫލަށް ގެންގޮސް، ބަލައި ދެ އެވެ. އެކަމަކު، ފަޔަށް ލިބުނު އަނިޔާތަކަށް ފަހު އެ ހުރިހާ ކަމެއްގައި އާއިލާ މީހުންގެ އެހީތެރިކަން ވަނީ ހޯދަން ޖެހިފަ އެވެ.
"އެއާޕޯޓުގައި ވަޒީފާގައި އަދާކުރާތާ މިވީ 16 އަހަރުގެ ތެރޭގައި އަލަށް މިހާ ގިނަ ދުވަހު ސިކް ލީވް ނަގައިގެން ހުންނަން މި ޖެހުނީ. ވަރަށް ދެރަވޭ،" އައިޝާ ބުންޏެވެ.
ޑޮކްޓަރަށް ދައްކަން ދިއުމުން، ޕެޑަލްގައި ފައި ޖެހިގެން އަނިޔާ ލިބޭ މީހުން މަދު ނޫންކަން ވެސް އައިޝާއަށް އެނގުނެވެ. އެހެންވެ، އޭނާ ބޭނުންވަނީ އެކަމަށް މީހުން ހޭލުންތެރިކުރުވާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މޫނިށާ
18 September 2025
ފަހަތުޕެޑަލް ލައްޕަން ނޭނގޭނެތާ. ސައިކަލާ، ކާރުވެސް ހުރިހާ އިރަށްގަ އެ ދުއްވަނީ ހައިބީންއަށް ލައިގެންތިބެ.
ދެރަ
18 September 2025
އަލްހަމްދުﷲ ޢަޅުގަޑަށް އާދަވި ކަމެއް މީ، ޕެޑަލް ލައްޕާލެވޭ ފައިބާ ގޮތަށް، އަމިއްލަ ސައިކަލްގެވެސް
ސަލިމާ
17 September 2025
މިވާހަކަ ދައްކަންޖެހޭ ބާރަށް. މަގުތަކުގައި މިހާރު ޕާރކް ކުރަނީ ހަމައެއް ލަމައެއް ނެތި. ކުރީ ފުރޮޅު އެކަނި ވައްދައިލައިފައި އެއްވަންނަނީ 8 ގަޑިއިރުގެ ވަޒީފާއަށް، މަގުމެދުގަ ބައިންދައިލައިފައި އެވަންނަނީ ލަގްޒަރީ ފިހާރައަށް.
ބޭން މޮޓޯސައިކަލް
17 September 2025
މޮޓޯސައިކަލް މަނާކުރަންވީ ރާއްޖޭގައި ކީއްކުރާނެ އެއްޗެއް އެއީ އެއީ މުދާ އުފުލާ ޕިކަޕެއް ނޫން ވީލްޗެއާއެއް ނޫން ކުޑަކުޑަ ތަނެއް މިއީ ހިނގާފައި އުޅުނީމައި ވީއެއްނޫން
ޝަޖޫ
17 September 2025
ހާއްސަކޮށް މި ބްލޭޑް ސައިކަލުތަގަ ހުންނަ ޕެޑަލްސް އަކީ ތޫނު ކީސްތަކެއް. ވަރަށް ބިރުވެތި ކަމެއް.
ދިވެހިން 11
17 September 2025
ދިވެހިންވެސް ދެން މާހިތްމޮޅީ މިހާރު، ކީއްތަވާނީ ކުޑަ ކުޑަ މި ވެލިފުކުގަ ބައިސްކަލުގަ އުޅެން، ގައިމު ކަސްރަތެއްވެސް ލިބޭނެ. މާމޮޅުވެފަ އެންމެން ސައިކުގަ އުޅެން އާދަކޮށްފި، ތިސައިލުތަކުން ވާ ފަސޭހައަށްވުރެ ލިބޭ ގެއްލުން ބޮޑު. އެންމެން އެކައްޗެއް ކިޔާފަ މިތަން ވެސް އެމްސްޓަރޑަމް ކަހަލަ ބައިސިކަލް ސިިޓީ އަކަށް ހަދާބަލަ ނިކަން. އޭރުން ސްކޫލު ކުދިންނަށްވެސް އެކަނި ސްކޫލަށް ބައިސްކަލުގަ ދެވޭނެ އެއްނު
މެކު
17 September 2025
ސައިކަލެއްގެ ފަހަތުގައި އިން މީހެއްގެ ފައި އެހެން ސައިކަލެއްގެ ޕެޑަލްގައި ޖެހި ތި އެންގަލް ފައިހަލާކުވާނެ ގޮތެއް ނުވިސްނިގެން މިއުޅެނީ،، ހީވާ ގޮތުން އަރާއިން އެހެން ސައުކަލެއްގަ ފައި ޖެހިފަ އަރާއިން ސައިކަލުގެ ޕެޑަލުން ޖެހިގެން ފައި ހަލާކުވެފަ ތިއިނީ، ނަމަވެސް އަވަސް ޝިފާއަކަށް އެދެން،
އިބުއްޓޭ
17 September 2025
ޕެޑަލް ބޭނުން ނުކުރަންޏާ މަޅާލާފަ ބައިންދާނަމަ ތިމާއަށް އަދި އެހެން މީހުންނަށްވެސް އޭގެން ގެއްލުމެއް ނުލިބޭނެ. ބަޔެއް މީހުންނަށް ވަރިހަމައީ ކީއްކުރާނީ. ލައްކަ އަނިޔާވޭ ތިހެން ހުޅުވާފަ ހުންނަ ޕެޑަލްއިން.
ކަޑަބޮއް ސައީދު
17 September 2025
ފަހަތު ޕެޑަލް ނެރިގެން ހުހަށް ދުއްވުން މަނާ ކުރަން އެބަ ޖެހޭ. ވަރަށް ނުބައި ކަމަކަށްވެފައި އޮންނަ ކަމެއް މިއީ މިހާރު.
އާދަނު33
17 September 2025
މިހާރު ހުންނަ ސައިކަލް ފެޑަލްތަކަކީ ވަރަށް ތޫނުކޮށް އެއްވެސް ރަބަރެއް ނުލައްވާ ހުންނަ ޕެޓަލްތަކެއް. ދެރަކަމަކީ ގިނަ މީހުންހުންނަނީ ފެޑަލްތަށް ހުޅުވާފަ. ގިނަފަހަރަށް އަމިއްލަ ސައިކަލްގެ ޕެޑަލްއިންވެސް ލަނޑުލިބޭ..