26 މާޗް 2017 - 19:36
އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުން ސާބިތުވީ ރާއްޖޭގެ ކުޅުންތެރިންނަށް ރަނގަޅު ފެންވަރުގައި ވާދަކުރެވޭކަން ކަމަށާއި އެކަމަކު ނަތީޖާ ނުނެރެވުމުން އެކަން ނުކުރެވުނީ ކީއްވެތޯ ބަލައި ދިރާސާކުރަން ޖެހޭ ގައުމީ ގައުމީ ވޮލީބޯޅަ ޓީމުގެ ކޯޗު މުހައްމަދު ޝަރަފް ބުނެފި އެވެ.
އަމިއްލަ ގައުމުގައި ބޭއްބި މުބާރާތުގެ ސެމީއަށް ނުގޮސް ރާއްޖެ ކެޓީ ކުޅުނު ތިން މެޗުން، ކިރްގިސްތާނާއި ނޭޕާލް އަދި ތުރުކުމެނިސްތާން އަތުން ބަލިވެގެންނެވެ. ފުރަތަމަ ދެ މެޗުން ބަލިވީ ލީޑު ވެސް ލިބިފައި އޮއްވަ އެވެ.
ޝަރަފް ބުނީ ވޮލީބޯޅަ އާއިލާގެ ތެރެއިން ވެސް ފެނިގެން ދިޔައީ ރާއްޖޭގެ ފިރިހެން ޓީމު ނުކުމެ ބޭރުގެ ޓީމުތަކާ ދެކޮޅަށް ކުޅޭއިރު ނަތީޖާ ނެރެން ޖެހޭނެ ކަމުގެ މެސެޖް ކަމަށާއި ރާއްޖޭގެ ވޮލީބޯޅަ އޮތީ އެއް ފިޔަވަޅު ކުރީގައި ކަމަށެވެ.
"އަޅުގަނޑުމެންނަށް ސެޓުތަކެއް ނުލިބި ދިޔަކަމުގައި ވިޔަސް ރަނގަޅު ވާދައެއްކުރެވިއްޖެ. މުބާރާތުގައި އަޅުގަނޑުމެންނަށް މުޅި ވޮލީބޯޅަ ފެމިލީގެ ފަރާތުން ފެނިގެންދިޔަ އެއްޗަކީ ގައުމީ ވޮލީބޯޅަ ފިރިހެން ޓީމު ނުކުމެ ބޭރުގެ ގައުމުތަކާ މި ރީޖަންގެ މި ލެވެލްގެ ޓީމުތަކާ ކުޅޭއިރު ނަތީޖާ ނެރެވެން ޖެހޭކަން. އެހެންވެ ދެން އިށީގެނދެގެން ދިރާސާކުރަންވީ ނަތީޖާ ނުނެރެވެނީ ކީއްވެތޯ؟ ކޯޗުންނާއި ކޯޗުންގެ މަތިން ތިބި މީހުންނާ އޭގެ މަތިން ޕޮލިސީ ލެވެލްގައި ތިބި މީހުން މިކަން ބަލައި ދިރާސާކުރަން ޖެހޭ. ނަތީޖާ ނުނެރެވުނީ ކީއްވެތޯ ބަލަންޖެހޭ،" ޝަރަފް ބުންޏެވެ.
ޝަރަފް ބުނީ ކުޅިވަރު އެނގިގެން މުބާރާތް ބެލި މީހަކަށް ވެއްޖެއްޔާ ރާއްޖޭގައި ހުނަރުވެރި ކުޅުންތެރިން ތިބިކަން ސާބިތުވާނެ ކަމަށާއި އޭގެން ދައްްކައިދެނީ ދިވެހި ކޯޗުން މަސައްކަތްތަކެއް ކޮށްފައިވާކަން ކަމަށެވެ. އަދި ކޯޗުގެ ސިލެކްޝަން ގޯސްވެގެން ވާހަކަދައްކާނީ، އެއަށް ވުރެ މޮޅު ކުޅުންތެރިންތަކެއް ބެންޗުގައި ތިބުމުން ކަމަށާއި އޭގެން ވެސް ދައްކައިދެނީ ރަނގަޅު ފެންވަރުގެ ކުޅުންތެރިންތަކެއް އުފެދިއްޖެކަން ކަމަށެވެ.
އެކަމަކު ޝަރަފް ބުނީ ބަލިވުމުގެ ޒިންމާ އޭނާ ނަގާ ކަމަށާއި ނުނަގާ ވާނެ ގޮތެއް ނުވެސް ނެތް ކަމަށެވެ. އޭނާ އަކީ ބަހަނާ ދައްކާނެ ކޯޗެއް ނޫން ކަމަށާއި ހަވާލުވީ ވެސް ހުރި މައްސަލައެއް ވިއްޔާ ހުރިކަން އެނގި ހުރެ ކަމަށް ޝަރަފް ބުންޏެެވެ.
"މިތަން ހޫނޭ ޕްރެކްޓިސްކުރާނެ ތަނެއް ނެތޭ އަޅުގަނޑު ނުބުނާނަން. އެހެން އެކަން އޮއްވާ ނޫންތޯ ތަށި ހޯދަން ޖެހެޔޭ އަޅުގަނޑު ބުނީ. މިތަށްޓަށް ވާދަކުރަން ޖެހެޔޭ ބުނީ އެހުރިހާ ކަމެއް އެހެން އޮއްވާ. ބަލިވެގެން ދިޔައީމާ ޒިންމާއެއް ނުނަގާނަމޭ ބުނާކަށް ނެތިން،" ޝަރަފް ބުންޏެވެ.
އޭނާ ބުނީ މުޅި މުބާރާތް ވެސް ރާއްޖެ އަށް ގެއްލިގެން ދިޔައީ ފުރުސަތުތަކެއް ލިބި ބޭނުންނުކުރެވި ކަމަށާއި މިއަދުގެ މެޗުގެ ފުރަތަމަ ސެޓުގައި ރާއްޖޭގެ ރިސީވް ވަރަށް ބޮޑަށް ދަށްކޮށް ދިޔަ ނަމަވެސް ސެޓު އަނބުރާލަން ފުރުސަތު ލިބި އެކަން ނުކުރެވުނު ކަމަށެވެ.
މިއަދުގެ މެޗު ޝަރަފް ފެށީ މިދިޔަ ދެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ހަސަން ނިލާމުގެ ބަދަލުގައި ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު އަބްދުލްކަރީމް (ލޯންގޭ) އަރުވައިގެންނެވެ. ޝަރަފް ބުނީ އެއީ ޓެކްނިކަލް ބަދަލެއް ކަމަށެވެ.
"ނިލާމް ވަރަށް ރަނގަޅަށް ކުޅުން އެކަމަކު މިއަދު އެއީ ޓެކްނިކަލް ބަދަލެއް. އިދިކޮޅު ޓީމަކީ މެދުން ވަރަށް ރަނގަޅަށް ޝޮޓް ޖަހާ ޓީމެއް. އަޅުގަނޑުމެންނަށް ވަރަށް އުނދަގޫކަމެއް އެއީ މެދުން އެ މީހުން ކުޅެން ފެށި ނަމަ މައިތިރިކުރަން. އެހެންވެ އެއްކަމަކަށް ބޭނުންވީ ލޯންގޭގެ ޖަމްޕް ސާވިސްތައް މުޅި މެޗުގައި ބޭނުންކުރަން. ދެ ވަނަ ކަމަކަށް ނިލާމް އެ ޑިފެންސްކުރާ ޕޮޒިޝަނުން ލޯންގޭ ނިލާމަށް ވުރެ ރަނގަޅަށް ޑިފެންސްކުރޭ. އެއްވެސް ޝައްކެއް ނެތް ނިލާމް އެޓޭކް ލޯންގޭ އަށް ވުރެ ތަންކޮޅެއް ރަނގަޅަށް ފެނުނީ. އެކަންތައް ބޭނުންކުރެވީސް ކައިރިކައިރިން ދިޔަނަމަ. ލޯންގޭގެ ސާވިސްގެ އިފެކްޓް ޕޮޒިޓިވްކޮށް ކުރީސް ވެސް މެ. ދެން ކޮންމެ ގޮތަކަށް ވެސް އެ ޗޭންޖުގެ ރިޒަލްޓެއް ނުނުކުތް. އެކަމަކު އެއީ ޓެކްނިކަލް ބަދަލެއް،" ޝަރަފް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޯޑް
28 March 2017
ކަލޭ މާ ފޮނިބޮޑީ ކޯޗު...ބަނޑުމަތީ އަތްއަޅާލައިގެން ހުންނަން އެނގެނީ އެތާ ބަލިވާއިރުވެސް ރަނގަޅު ފޯމޭޝަނަކަށް ޓީމު އަޅުވާނުލެވޭ،،،،މަަށަށް ފެނުނީ ކޯޗިން ކަޑަވެގެން ހެން މިފަހަރު ބަލިވީ،،،،އިސްތިއުފާ ދޭން ގިޮވާލަން
ވިސްނާލީމާ
27 March 2017
ތީ މައްސަލައަކީ! ތިޖެހުނު މައްސަލަ ތިބޭފުޅުންނަށް ނޭނގުނު އިރު، ދެން އަހަރެމެންނަށް އެނގޭނީ ކޮންއެއްޗެއްތޯ؟ އަހަރެންނަށް ހަމައެކަނި އެނގުނު އެއްޗަކީ ބޭރުމީހުނަށްވުރެ ގިނައިން ރާއްޖޭގެމީހުން ކުޅިބަލަން ވަންނަކަމާ، އެކަމަކު ބޭރުމީހުންކުރިވަރަށްވެސް ދިވެހީން ދިވެހިޓީމަށް ސަޕޯޓް ނުދިންކަން! ހަގީގީ ސަޕޯޓަރުންނަކީ މެޗްފެށުނީއްސުރެ މެޗް ނިމެންދެން އެއްވާމެއްގާ ސަޕޯޓްކުރާމީހުން! ވަކިންޚާއްސަކޮށް ޕޮއިންޓް ގެއްލޭ ވަގުތުތަކުގަޔާ މިސްޓޭކްހެދޭވަގުތުތަކުގާ އިތުރަށް ސަޕޯޓްދީ ހިތްވަރު އާލާކޮށްދޭން ޖެހޭނެ! މީންއެއްވެސްކަމެއް ނުފެނުނު! ދިވެހީން ކުޑަނަމަވެސް ލީޑެއްގާ އޮންނަވަގުތު ކޮންމެވެސް ވަރަކަށޤ ސަޕޯޓް ނުކުރެއެކޭވެސްނޫން! އެކަމު އެއީކީ ސަޕޯޓްކުރުމަކަށް ނުވާނެ! އަހަރެންނަށް މެޗްބަލަން ދިއުމުގެ ފުރުސަތު ލިބުނީ އެންމެ މެޗަކަށް! އެމެޗްގާ ހަމަގައިމުވެސް ހުއްޓުމެއްނެތި ސަޕޯޓްދިނިން! ނޭޕާލްއަތުން ދިވެހީން ދެރަވިޔަސް އެމެޗްގާ ސަޕޯތް ނުދޭކަމަކަށް ނުވާނެ! އެކަމަކު ހައެއްކަ ކެނަ ގޮވާގޮވުމާ އެންމެން އެއްކޮށް ސަޕޯޓް ދިނުމާ ހާސްބައި ތަފާތުވާނެ! ދެންއޮތް ތަންކޮޅަކީ 50 ރުފިޔާގެ ޓިކެޓްގަނެގެންވަދެ އަރާހޫނުގާ ސަޕޯޓްދޭންޖެހުން! އެއީވެސް ކެތްވާވަރުގެ ކަމެއްނޫން! އަސްލު ހަގީގީ ސަޕޯޓަރުން އެތަނަށޤ ވައްދަންވާނީވެސް ހިލޭސާބަހަށް! -އިބްރާހީމް-
ކުދުރޭޑިއޯ
27 March 2017
"އަދި ކޯޗުގެ ސިލެކްޝަން ގޯސްވެގެން ވާހަކަދައްކާނީ، އެއަށް ވުރެ މޮޅު ކުޅުންތެރިންތަކެއް ބެންޗުގައި ތިބުމުން ކަމަށާއި އޭގެން ވެސް ދައްކައިދެނީ ރަނގަޅު ފެންވަރުގެ ކުޅުންތެރިންތަކެއް އުފެދިއްޖެކަން ކަމަށެވެ." މީ ކޮން މޮޔަ ވާހަކައެއް. މޮޅު ކުޅުންތެރިން ބެންޗުގައި ތިބި ވާހަަކައެއްނުން މިދައްކަނީ، މިދައްކަނީ ތިބި މޮޅު ކުޅުންތެރިން އެންމެ އެދެވޭ ގޮތައް ބޭނުން ނުކުރެވޭ ވާހަކަ. މުހިންމު ދަނޑިވަޅުގަ ޗޭންޖު ގެންނަން ނޭގޭވާހަކަ. އެވްރެޖް ކޯޗަކާ މޮޅު ކޯޗެއްގެ ތަފާތަކީ އެއީ.
ްައާމިނާފުޅު
26 March 2017
އަބަދުވެސް ވާނީ ބަލި. ލަދުން ބޯހަލާކުވާވަރުވޭ!
ނަތީޖާ
26 March 2017
ނަތީޖާ ނެރެވޭ ބަޔަކު ލާންވީނުން. ކޯޗުން ނެތީ؟
އަސްލު މީހާ
26 March 2017
ދިވެހީން ދިވެހިންގެ ގޮތުގަ ކުރިޔަށް