ނޭޝަނަލް ސާވިސް ޕްރޮގްރާމްގެ ފުރަތަމަ ބުރުން ޖާގަ ލިބުނު 340 މީހުން ފުރަނީ -- ފޮޓޯ: ޑިފެންސް މިނިސްޓްރީ
17 ސެޕްޓެމްބަރ 2025 - 14:51
ދިވެހިރާއްޖޭގެ ނޭޝަނަލް ސާވިސް ޕްރޮގްރާމްގެ ފުރަތަމަ ބެޗުގެ ބައިވެރިން ތަމްރީނަށް މިއަދު ފުރައިފި އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވި ނޭޝަނަލް ސާވިސް ޕްރޮގްރާމަކީ ހުޅުވާލީ އުމުރުން 16 އަހަރާއި 28 އަހަރާއި ދެމެދުގެ ޒުވާނުންނަށް ހާއްސަކޮށްގެން އިއުލާންކުރި ޕްރޮގްރާމެކެވެ. މިދިޔަ އޭޕްރީލް މަހު ހުޅުވާލި ފުރުސަތުގައި ޖުމްލަ 1،244 ޒުވާނުން އެ ޕްރޮގްރާމްގައި ބައިވެރިވާން ކުރިމަތިލި އެވެ.
ނޭޝަނަލް ސާވިސް އަށް މީހުން ނެގުމަށްޓަކައި ށ. ފުނަދޫ އާއި ނ. މަނަދޫ އަދި ތ. ވޭމަންޑޫގައި އިންޓަވިއު އަދި މެޑިކަލް އާއި ފިޓްނެސް ޓެސްޓުތައް ކުރިއަށް ގެންދިއުމަށްފަހު، ފުރަތަމަ ބުރުގައި 350 ބައިވެރިން ވަނީ ހޮވައިފަ އެވެ.
ނޭޝަނަލް ސާވިސް ޕްރޮގްރާމްގެ ފުރަތަމަ ބުރުން ޖާގަ ލިބުނު 340 މީހުން ފުރަނީ -- ފޮޓޯ: ޑިފެންސް މިނިސްޓްރީ
ޑިފެންސް މިނިސްޓްރީން ބުނީ އޭގެ ތެރެއިން ފުރަތަމަ ބެޗުގައި ހިމެނޭ 340 ބައިވެރިން ތަމްރީނު ހެދުމަށް މިއަދު ޅ. މާފިލާފުއްޓަށް ގޮސްފައިވާ ކަމަށެވެ. ސިފައިންގެ ބެލުމުގެ ދަށުގައި އޮންނަ އެ ރަށުގައި ތިން މަސް ދުވަހުގެ މުއްދަތަށް އެ މީހުން ތަމްރީނުތައް ފުރިހަމަ ކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް މިދިޔަ އަހަރު ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ އެ މަނިކުފާނު ބޭނުންފުޅުވާ ގޮތަށް ސިފައިންގެ މަސައްކަތްތައް ކުރިއަރުވަން އަދިވެސް އިތުރު މީހުން ބޭނުންވާ ކަމަށެވެ. އެހެންވެ، ތައުލީމީ ރަނގަޅު ނަތީޖާ ނުލިބޭ ދަރިވަރުން 16 އަހަރުވުމުން ސިފައިންގެ އާއި ފުލުހުންގެ ތެރެއަށް ވަންނަން މަޖުބޫރުވާ ޕްރޮގްރާމެއް ފަށާނެކަން އެމަނިކުފާނު އިއުލާން ކުރެއްވި އެވެ.
ނޭޝަނަލް ސާވިސް ޕްރޮގްރާމްގެ ފުރަތަމަ ބުރުން ޖާގަ ލިބުނު ބައިވެރިއެއް އާއިލާއާ ސަލާމް ކުރަނީ-- ފޮޓޯ: ޑިފެންސް މިނިސްޓްރީ
ރައީސް އޭރު ވިދާޅުވީ ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ސިފައިންގެ ވަޒީފާއަށް ކޮންމެ އަހަރަކު 1،000 މީހުން އަދި ފުލުހުންގެ ހިދުމަތް ފުޅާކުރަން އިތުރު 1،000 މީހުން ބޭނުންވާ ކަމަށެވެ.
ނޭޝަނަލް ސާވިސް ޕްރޮގްރާމް ޕްރޮގްރާމް ފަށާއިރު، ކޮންމެ ބައިވެރިއަކަށް 6،000ރ. ގެ އެލަވަންސެއް ދޭނެ އެވެ. އެހެންވެ، އެކަމަށް މަހަކު މަދުވެގެން 2.1 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފާފުއެމްވީ
18 September 2025
ދުރަށް ވިސްނާލީމަ ފެންނަނީ ގައުމު ދެކެ ލޯބިވާ ރައީސްއެއް ދިވެހިންގެ ހައްގުގައި މަސައްކަތްކުރައްވާ ތަން. ކުރިއަށް ބާރަށް ކުރިއަށް ގައުމު ގައުމަކަށް ހަދައިދެއްވާ
އިމްރާން އާދިލް
18 September 2025
ތެދުވެރި އަމާނާތްތެރި ޒިންމާދާރު ޖީލެއް އުފެއްދުމަށްޓަކައި ރައީސް ތިޔަ ކޮށްދެއްވީ މިގައުމުގެ ރައްޔިތުން ނުހަނު އެދި އެދި ތިބި ކަމެއް، މިކަމުގައި ބަރަކާތް ލެއްވުމަށް އެދި ދުޢާކުރަން
ގުނބޯ
17 September 2025
ވަރަށް އުފާވެރި މަންޒަރެއް. ކޮންމެ ކަމެއް ސިޔާސީނުކޮށް ކަމުގެ ފައިދާއަށް ބައެއްފަހަރު ވިސްނާލުން ރަނގަޅު. އުންމީދަކީ ގިނަ ކުދިބަޔަކު ތަމްރީންވެ އަހުލާގާއި ސުލޫކު ހެޔޮ މުސްތަގުބަލެއް މި ކުދިންނަށް ލިބުން. ސިންގަޕޫރު ފަދަ ގައުމުތަކުގައި ވެސް މިކަހަލަ ސިސްޓަމްސް ހުރޭ، އެއީ އެއްވެސް ހާލެއްގައި ގައުމު މިލިޓްރީކުރުމެއްނޫން. އެއީ ދުޅަހެޔޮ މުޖްތަމައުއެއް ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް. ތިންކް ޕޮސިޓިވް.
ޛޖޖޖޖ
17 September 2025
ވަރަށްވރަނގަޅު ކަމެއް. ކިޔެވުން ކުރިއަށް ނުގެންދެވި މަގުމަތީ ގިނަވެގެން އުޅުމަށްވުރެ ހާސް ގުނަ ރަނގަޅު ކަމެއް ގައުމީ ޚިދުމަތާގުޅި އަގުހުރި ދަރިއަކަށްވުމަކީ.
ބަބްސް
17 September 2025
ރިޔާސީ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް ފެށިއްޖެ ... ހުރިހާ ޙަރަދެއް ރަށްޔިތުންގެ ޓެކްސްލާރިން.
ތަމްހީދު ގާސިމް
17 September 2025
ބަރާބަރު
ބަބޫ
17 September 2025
ފުލުހުންނާއި ސިފައިންގެ އަދަދު ގިނަ ވުމަށްވުރެ ރަނގަޅު ގޮތުގައި ތަމްރީނު ވެވި މުޖުތަމައުއަށް ނެރެވޭ މީހުން ތީ ހުސް. ގައުމުގެ މިލިޓަރީ ރިޒާވް ފޯސް. އަދި ކުށްތަކާ ދުރު މުސްތަގުބަލަކަށް އެޅޭ ވަރަށް ފުރިހަމަ ފިޔަވަޅެއް. މިސަރުކާރުން ކުރާ އެއްމެ ސަޅިކަމަކީ ތީ. ސްކޫލް ނިމޭތަނުން ކިރާނެކަމެއް ނެތިފަ ގޯސް މަގުތަކަށް ދާ މީހުން މަދުވެގެން ދާނެ
ރައްޔިތުންގެ
17 September 2025
ޥ އުފާވެރި މަންޒަރެއް...
ސައިބޯނި
17 September 2025
މިލިޓަރީ ޑިކްޓޭޓަރޝިޕްއެއްގެ ފެށުން،, ޅަދުވަހު ޔެސް ސަރ ކިޔަން ދަސްކޮށްދިނީމަ ވަފާތެރި ވާނީ،, މައުމޫންގެ ރަން ތިރީސް އަހަތުގެ ރީޕްލޭއެއްތާ
ދޮހޮއްތުބެ
17 September 2025
އުފާވެރި ފަހުރުވެރި މަންޒަރެއް .. ހުރިހާ ކުދިންވެސް ގަފަ އަޅާ މަސައްކަތް ކުރާތި ބެލެނިވެރިން އުފާކުރުވަދޭނެ ކުދިބައަކައް ވާތި …