ނޭޝަނަލް ސާވިސްގެ ނުވަތަ ވަތަނީ ހިދުމަތުގެ ދެ ވަނަ ބުރަށް 350 ޒުވާނުން މިއަދު ފުރައިފި އެވެ. 

އެމްއެންޑީއެފްގެ ވެބްސައިޓުގައި ބުނީ ލ. މާފިލާފުށީގައި ތިން މަސް ދުވަހަށް ގެންދާ ތަމްރީނުގައި ރާއްޖޭގެ 112 ރަށަކުން 286 ފިރިހެން އަދި 64 އަންހެނުން ބައިވެރިވާ ކަމަށެވެ. 

އެ ޕްރޮގްރާމްގެ މަގުސަދުގެ ތެރޭގައި ދިވެހި ޒުވާނުންގެ މެދުގައި ގައުމިއްޔަތުގެ ރޫހާއި ރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ގައުމީ ހިދުމަތަށް ސާބިތުކަމާ އެކު ކުރިމަތިލާނެ މީހެއް ބިނާކުރުމާއި އެއްބައެއްގެ ގޮތުގައި ގުޅިގެން މަސައްކަތްކުރުމުގެ ސިފަ އަށަގަނެވުން ހިމެނެ އެވެ.

އޭގެ އިތުރުން ރަނގަޅު އަހުލާގާއި އިހުތިރާމާއި ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ ހުނަރުތައް ދަސްވެފައިވާ އުފެއްދުންތެރި އަދި ޒިންމާދާރު މީހެއް އުފެއްދުމަކީ ވެސް ވަތަނީ ހިދުމަތުގެ އެއް ބޭނުމެވެ.

ނޭޝަނަލް ސާވިސް އަށް މީހުން ތަމްރީނުކުރާ ވާހަކަ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ ނަސްރުގެ ދުވަސް ފާހަގަކުރަން ނޮވެމްބަރު، 2024 ގައި ބޭއްވި ރަސްމީ ހަފުލާގަ އެވެ.

އެއަށްފަހު، ފުރަތަމަ ބެޗުގެ ތަމްރީނުތައް މިދިޔަ ޑިސެމްބަރު މަހު ނިންމައި، އޭގެ ތެރެއިން ބައެއް ކުދިން ވަނީ ފަންނީ ތަމްރީނަށް ބ. ކިހާދުއަށް ފުރައިފަ އެވެ. 

އެމްއެންޑީއެފުން ބުނީ ނޭޝަނަލް ސާވިސްގެ ފުރަތަމަ ޓްރެއިނިން ހެދުމުން ސިވިލް އެޑިއެކޭޝަން އެންޑް ލީޑަޝިޕް ސެޓްފިކެޓް، ކޮމިއުނިޓީ ވޮލަންޓިއާ ފަޔަ ފައިޓާ އަދި ބޭސިކް ފަސްޓް އެއިޑް ސެޓްފިކެޓާއި ޕިއާ އެޑިއުކޭޝަން ޓްރެއިނިން ޕްރޮގްރާމު ފުރިހަމަކުރިކަމުގެ ލެވެލް 3 ގެ ސެޓްފިކެޓް ދޭނެ ކަމަށެވެ.

އެ ޕްރޮގްރާމްގެ ކޮންމެ ބައިވެރިއަކަށް 6،000ރ. ގެ އިނާޔަތެއް ސަރުކާރުން ދޭނެ އެވެ. އެހެންވެ، އެކަމަށް މަހަކު މަދުވެގެން 2.1 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.