ނޭޝަނަލް ސާވިސް ޕްރޮގްރާމްގެ ބައިވެރިއަކު މާފިލާފުއްޓަށް ތަމްރީނުތަކަށް އިއްޔެ ފުރުމުގެ ކުރިން އާއިލާ މީހަކާ ސަލާން ކުރަނީ: ސިފައިންގެ ބެލުމުގެ ދަށުން ތިން މަސް ދުވަހުގެ ތަމްރީނު އެ ރަށުގައި ހަދާނެ.---ފޮޓޯ: ޑިފެންސް މިނިސްޓްރީ
18 ސެޕްޓެމްބަރ 2025 - 06:35
ރާއްޖޭގެ ނޭޝަނަލް ސާވިސް ނުވަތަ ދިވެހި ވަތަނީ ހިދުމަތުގެ ފުރަތަމަ ބުރުގެ ތަމްރީނުތަކުގައި 107 ރަށަކުން އުމުރުން 16-29 އަހަރާ ދެމެދުގެ ޒުވާނުން ބައިވެރިވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނުގެ އިސް ނެންގެވުމަކަށް ފެށި އެ ޕްރޮގްރާމުގެ ފުރަތަމަ ބެޗުގައި ހިމެނުނު 343 މީހުން އިއްޔެ ވަނީ ތަމްރީނުތަކަށް ޅ. މާފިލާފުއްޓަށް ގޮސްފަ އެވެ.
އެކަމާ ގުޅިގެން ރައީސް މުއިއްޒު ރޭ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ 343 ޒުވާނުންނަކީ ނޭޝަނަލް ސާވިސް ޕްރޮގްރާމަށް ހުޅުވައިލުމުން ކުރިމަތިލި 1،242 މީހުންގެ ތެރެއިން "ފުރަތަމަ ބުރުގެ ސިލެކްޝަން" ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ސިފައިންގެ ރަށް، މާފިލާފުށީގައި ތަމްރީނު ފަށާ 343 މީހުންގެ ތެރޭގައި ހިމެނެނީ 279 ފިރިހެނުންނާއި 64 އަންހެނުންނެވެ.
ނޭޝަނަލް ސާވިސް ޕްރޮގްރާމްގެ ފުރަތަމަ ބެޗުގެ މީހުން މާފިލާފުށީގައި: ސިފައިންގެ ބެލުމުގެ ދަށުން ތިން މަސް ދުވަހުގެ ތަމްރީނު އެ ރަށުގައި ހަދާނެ.---ފޮޓޯ: ޑިފެންސް މިނިސްޓްރީ
"މި ތަމްރީނުގައި ބައިވެރިވާ އެންމެހާ ޒުވާނުންނަށް އަދި އެ ޒުވާނުންގެ ބެލެނިވެރިންނާއި އާއިލާތަކަށް މަރްހަބާ ދަންނަވަން،" ރައީސް ވިދާޅުވި އެވެ.
ޑިފެންސް މިނިސްޓްރީން ބުނީ، ތަމްރީނަށް މީހުން ހޮވީ ފިޓްނަސް އާއި މެޑިކަލް އަށް ބެލުމަށް ފަހު ކަމަށެވެ. އެ މީހުންގެ ތަމްރީނުގެ މުއްދަތަކީ ތިން މަސް ދުވަހެވެ.
ނޭޝަނަލް ސާވިސް ޕްރޮގްރާމް ޕްރޮގްރާމް ފަށާއިރު، ކޮންމެ ބައިވެރިއަކަށް 6،000ރ. ގެ އިނާޔަތެއް ސަރުކާރުން ދޭނެ އެވެ. އެހެންވެ، އެކަމަށް މަހަކު މަދުވެގެން 2.1 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.
ނޭޝަނަލް ސާވިސް ޕްރޮގްރާމްގެ ބައިވެރިއަކު މާފިލާފުއްޓަށް ތަމްރީނުތަކަށް އިއްޔެ ފުރުމުގެ ކުރިން އާއިލާ މީހަކާ ބައްދާލަނީ: ތިން މަސް ދުވަހުގެ ތަމްރީނު ހަދާއިރު ކޮންމެ މަހަކު 6،000ރ. ގެ އިނާޔަތެއް އެ އިން ކޮންމެ މީހަކަށް ސަރުކާރުން ދޭނެ.---ފޮޓޯ: ޑިފެންސް މިނިސްޓްރީ
ރައީސް މުއިއްޒު ރޭ ވިދާޅުވީ، ނޭޝަނަލް ސާވިސް އިން ހާސިލް ކުރަން ސަރުކާރުން ބޭނުންވަނީ ޒުވާނުންގެ މެދުގައި ގައުމިއްޔަތުގެ ރޫހާއި ފަހުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް އަދި ރާއްޖެ އަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ގައުމީ ހިދުމަތަށް ސާބިތުކަމާ އެކު ކުރިމަތިލާނެ މީހުން ބިނާކުރުން ކަމަށެވެ.
1. ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކަށް ބޭނުންވާ ޒުވާނުން ތައްޔާރުކުރުމާއި އަދި ނޭޝަނަލް ސާވިސްގެ ތެރެއިން ސަލާމަތީ ހިދުމަތްތަކަށް މީހުން ރެކްރޫޓް ކުރެވޭނެ މަގުފަހިކޮށްދިނުން.
2. ދިވެހި ޒުވާނުންނަކީ އެއްބައެއްވަންތަކަމާ އެކު، ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ އަށަގަނެފައިވާ، އަހުލާގާއި ސުލޫކު ރަނގަޅު އަދި އިހުތިރާމުކުރާ، އަމަލާއި ބަހުގައި ކެތްތެރި ބައެއްގެ ގޮތުގައި ބިނާކުރުން.
3. ދިވެހި ޒުވާނުންނަކީ ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ ހުނަރުތައް ދަސްވެފައިވާ އުފެއްދުންތެރި އަދި ޒިންމާދާރު ރައްޔިތުންގެ ގޮތުގައި ބައްޓަންކުރުން.
4. ޒުވާނުންނަކީ ރޫހާނީ، ނަފްސާނީ، ޖިސްމާނީ ގޮތުން ދުޅަހެޔޮ އަދި ހަށިހެޔޮ ބަޔަކަށް ހެދުން.
ނޭޝަނަލް ސާވިސް ޕްރޮގްރާމްގެ ފުރަތަމަ ބެޗުގެ މީހުން މާފިލާފުށީގައި: ފުރަތަމަ ބެޗުގައި ހިމެނެނީ 343 މީހުން.---ފޮޓޯ: ޑިފެންސް މިނިސްޓްރީ
ނޭޝަނަލް ސާވިސް އަށް މީހުން ތަމްރީނުކުރާ ވާހަކަ ރައީސް މުއިއްޒު އިއުލާން ކުރެއްވީ ނަސްރުގެ ދުވަސް ފާހަގަކުރަން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވި ޖަލްސާގަ އެވެ.
ރައީސް އެ ދުވަހު ވިދާޅުވީ، އެ މަނިކުފާނު ބޭނުންފުޅުވާ ގޮތަށް ސިފައިންގެ މަސައްކަތްތައް ކުރިއަރުވަން އަދިވެސް އިތުރު މީހުން ބޭނުންވާ ކަމަށެވެ. އެހެންވެ، ތައުލީމީ ރަނގަޅު ނަތީޖާ ނުލިބޭ ދަރިވަރުން އުމުރުން 16 އަހަރު ވުމުން ސިފައިންގެ އާއި ފުލުހުންގެ ތެރެއަށް ވަންނަން މަޖުބޫރުވާ ޕްރޮގްރާމެއް ފަށާނެކަން ރައީސް އިއުލާން ކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނެކިގެން
18 September 2025
މި ހަބަރަކުން މީގެ މުއްދަތު އެނގޭކަށްނެތް، އޭރުންދޯ ޖުމްލަ ހަރަދު އަންދާޒާކޮށްލަން އެނގޭނީ
މުހައްމަދު 22
18 September 2025
މީގެން އިނގެނީ ކިޔަވައިގެން ނުކުންނަ ކުދިންނަށް ވަޒީފާ ނުލިބޭކަން، އަމިއްލަ ގައުމުގަ އާމްދަނީ ހޯދާނެ މަގުތައް ހަނިކަން، ދިވެހި ޒުވާނުންނަށް އަދާ ކުރެވޭނެ ގިނަ ވަޒީފާ ތަކުގަ ތިބީ ބިދޭސީން، ކޮންމެ ރިސޯޓްކަށް ދިޔަޔަސް މިކަން ވަރަށް ސާފުކޮށް ފެންނާނެ
ހަސަންބޭބެ
18 September 2025
ތީކީ އެއްވެސް މޮޅުކަމެއް ނޫން ، ރައީސް އަށް ވާނުވާ ނޭގޭ ތީ ކުރާ ކަންކަން ، ގައުމުގަ އޮތްހާ ޒުވާނުން ސަރުކާރުގެ ޕޭރޯލް އަށް ވެއްދީމަ ގައުމުގެ އުފެއްދުންތެރިކަން ދައްވެ ޕްރައިވެޓް ސެކްޓާރ އާއި ޓްއަރިޒަމް ދާއިރާގެ ވަޒީފާތަކަށް ބޭރުމީހުން އައިސް ގައުމުގަ ވަންނަ ބޭރުފައިސާ ގައުމުން ބޭރުވެ މިނިވަަން އަމިއްލަ ފައިމައްޗަށް ތެދުވެ ކުދި ވިޔަފާރިތައް ކުރާނެ ޒުވާނުން މަދުވާނީ ..އިކޮނޮމިކަލީ ގައުމުދާނީ ދަށަށް
ރަޓަމީހާ
18 September 2025
ރަށްރަށު މީހުން ވަރަށް ފޯރި ހުންނާނެ ތިކަމަށް…..ހެ ހެ ހެ
ސަލީމު އިދުރީސް
18 September 2025
ސިއާސީބޭނުމައް ގައުމު އިނދަޖައްސާ ހަލާކުކުރާތަން ފެންނާނަނީ!ކެޕުޕުޓަލު ޒަމެއްގަ ގައުމެއް ހަލާކުވާން ހުންނަ ބަލިފައިތައް އޭގެ އެންމެ ފުރިހަމަ ގޮތުގަ ބޭނުން ކުރާތަން މިފެންނަނީ! މިސާލަކައް 100 މީހުން އުޅޭގައުމެއްގަ ކައިބޮއި އުޅެވެނީ ފުޓުބޯޅަ ދަނޑެއް ވަރުތަނެއްގަ ދަނގޮވާން ކޮއްގެންމައް ވާނަމަ އަދި އެމަސަކަތް ކުރުމައް ފަސްގަނޑު ޖަހަން އުދެލީގަ ހިފަން 95 މީހުން ބޭނުވާތާކައް އުދެލީގަ ހިފަނީ 10 ކަމުގަ ވާނަމަ 90 މީހުން ކާނެ އެއްޗެތި ދަރަން ހޯދަން ޖެހޭނެ!
ސޮބީހާ
18 September 2025
މީގެ އިތުރުން ގައުމިއްޔަތު މާއްދާ އޭގެ އެއްމެ ރަނގަޅުގޮތުގައި ހިންގުން ރަނގަޅުކަމެއްކަމުގައި ފެނޭ, މިސާލަކަށް މުޖުތަމައުގައި އެއިރެއްގައި ހިނގާ ނުރަނގަޅުކަންކަން އެ ކުދިންގެ އުމުރާގުޅޭހެން ކިޔަވާދެވިދާނަ, އަމަލީބައިވެސް ހިމެނޭހެން,
ފިރާޒްއަލީ
18 September 2025
ނަތީޖާ ދަށްކުދިންނޭ ކިޔާފަ އެކުދިންގެ ފޮޓޯ ޖެހީމަ ކޯޗަކަށް މިވީ؟ ރައީސް މިކަން ކުރަން ބޭނުންވާ މަގްސަދުވެސް އޮޅޭ ގޮތަށް ތިޔަ ލިޔަނީ. ރައީސްއަށް މިމެސެޖް މަ ފޮނުވާނަން.
ފާއިޒާ
18 September 2025
މިގައުމުގަ ކަންކަން އިސްލާހުކުރުމަށް ރައީސް މުއިއްޒު ކުރައްވާ ބުރަ މަސައްކަތް ވަރަށް ފާހަގަކުރަން.
ނިއުމާާ
18 September 2025
މިއީ އަހަރެމެން ރައީސް މުއިއްޒުގެ ސިޔާސަތުތަކަށް ތާއިދުކުރާ ކަމަކީ. ޝޫކުރިއްޔާ ނރައީސް
ހޮޓްކިންގ
18 September 2025
މަބުނާނެ ވާހަކައެއްނެތް ތިޕްރިގްރާމްފުރިހަމަ ކުރާއިރު ހުރިހާ ފިރިހެނުންގެ ބޯ ކޮރެއާސްޓާއިލަށް ތުނިކުރާތި ނޫނީ ބާލުވާތި. މިހާރު އުޅޭ ޒުވާނުން ސްޓައިލްވަނީ އަންހެނެއްހެންބޯދިގުކޮށްގެން. އަދި އެގޮތަށް ތިބުން އެމީހުންދެކެނީ ކުށުގެ ވެށީގާ އުޅެވޭނެ ގަޓް ކަމެއްގޮތަށް.