ސަރުކާރުން ފަށާފައިވާ ވަތަނީ ހިދުމަތުގެ ޕްރޮގްރާމަށް ހާއްސަ ގާނޫނެއް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
"ވަތަނީ ހިދުމަތުގެ ބިލު"ގެ ނަމުގައި ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ފަރުހަތު މުހައްމަދު ހުށަހަޅާފައިވާ ބިލުގައިވާ ގޮތުން އެ ހިދުމަތުގެ ސިޔާސަތުތައް ކަނޑައަޅަން ހާއްސަ ގަވަނިން ކައުންސިލެއް އުފައްދާނެ އެވެ. އެ ކައުންސިލްގެ އިސްވެރިޔަކީ ބިލުގައިވާ ގޮތުން ރައީސެވެ.
ބިލުގައި ބުނެފައިވަނީ ވަތަނީ ހިދުމަތުގެ ޕްރޮގްރާމް އެކުލެވިގެންވަނީ މައިގަނޑު ދެ ބަޔަކަށެވެ. އެއީ އަސާސީ ތައުލީމާއި ތަމްރީނުގެ ކޯސް އަދި ދައުލަތުގެ ޔުނިފޯމް އެޅި ހިދުމަތްތަކުގެ ތެރެއިން ކަނޑައެޅޭ ހިދުމަތެއްގައި މަސައްކަތް ކުރުމެވެ.
އެ ހިދުމަތުގައި ބައިވެރިވެވޭނީ، ބިލުގައިވާ ގޮތުން 16 އަހަރާއި 28 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. އެ ބިލުގައިވަނީ ޕްރޮގްރާމްގެ މައިގަނޑު އަސާސްތަކާއި މަގުސަދުތައް ހިމަނައި، ޕްރޮގްރާމް ހިނގާނެ އުސޫލުތައް ހިމަނައިފަ އެވެ.
ވަތަނީ ހިދުމަތުގެ ޕްރޮގްރާމް ހިންގައި، ވިލަރެސް ކުރަން ހަދާ ގަވަނިން ކައުންސިލްގައި ރައީސްގެ އިތުރުން، ހޯމް މިނިސްޓަރާއި ޑިފެންސް މިނިސްޓަރާއި ފިނޭންސް މިނިސްޓަރާއި ޗީފް އޮފް ޑިފެންސް އަދި ކޮމިޝަނާ އޮފް ޕޮލިސް ހިމެނިވަޑައިގަންނަވަ އެވެ.
އެ ކައުންސިލްގެ މަސްއޫލިއްޔަތަކީ ބިލުގައިވާ ގޮތުން ހިދުމަތާ ގުޅޭ ކަންކަން ރަނގަޅަށް ތަންފީޒުވަމުންދޭތޯ ބެލުމާއި އިންތިޒާމްތައް ހަމަޖެއްސުމާއި ހަރުދަނާ ކުރަން ޖެހޭ ކަންކަން ކުރުމެވެ.
އެ ބިލު ގާނޫނަކަށްވުމުން، ވަތަނީ ހިދުމަތް ހިންގުމާ ބެހޭ ބައެއް ގަވައިދުތައް ވެސް ހަ މަސް ދުވަހުގެ ތެރޭގައި ހޯމް މިނިސްޓްރީން ހަދަން ޖެހޭ ގޮތަށް ބިލުގައި ހިމަނާފައިވެ އެވެ.
ހަރުދަނާ ޖީލެއް އުފެއްދުމުގެ ބޭނުމުގައި ފަށާފައިވާ ވަތަނީ ހިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވާން މިދިޔަ އަހަރު އިއުލާން ކުރުމުން 1،244 ޒުވާނުން ކުރިމަތިލި އެވެ. އޭގެތެރެއިން ތިން މަސް ދުވަހަށް ގެންދިޔަ ތަމްރީނުގެ ފުރަތަމަ ބުރުގައި ބައިވެރިވީ 350 މީހުންނެވެ.
ފުރަތަމަ ބުރު ފުރިހަމަކުރި ޒުވާނުންގެ ތެރެއިން، ފަންނީ ތަމްރީނުގައި ބައިވެރިވާން ކުރިމަތިލީ 66 ކުދިންނެވެ. އެ މީހުން މިހާރު ގެންދަނީ ބ. ކިހާދޫގައި ގާއިމްކޮށްފައިވާ އެމްއެންޑީއެފްގެ ތަމްރީނު މަރުކަޒުގައި ތަމްރީނު ފުރިހަމަ ކުރަމުންނެވެ.