ވަތަނީ ހިދުމަތުގެ ޕްރޮގްރާމަށް ކުރިމަތިލުމުގެ މުއްދަތު މިއަދު އިތުރުކޮށްފި އެވެ.
ޑިފެންސް މިނިސްޓްރީން މިދިޔަ މާޗު މަހު ކުރި އިއުލާނުގައި މަދަނީ ހިދުމަތުގެ ޕްރޮގްރާމްގެ ތިން ވަނަ ބުރަށް ކުރިމަތިލާން ފުރުސަތު ދިނީ މިއަދުގެ މެންދުރު 2:00 އާ ހަމައަށެވެ. ނަމަވެސް، މިނިސްޓްރީ މިއަދު ވަނީ އެ މުއްދަތު، އަންނަ އަންގާރަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށް އިތުރުކޮށްފަ އެވެ.
ވަތަނީ ހިދުމަތަށް ކުރިމަތިލެވޭނީ އުމުރުން 16 އަހަރު ފުރި 28 އަހަރު ނުފުރޭ ހުރިހާ ޒުވާނުންނަށެވެ. އަދި 18 އަހަރުން ދަށުގެ ކުދިން، ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތި އަދި ފުރިހަމަ ސިއްހަތެއްގައި ހުރިނަމަ ބައިވެރިވެވޭނެ ކަމަށް ވެސް ޑިފެންސުން ބުންޏެވެ.
އެ ހިދުމަތުގައި ބައިވެރިވާ ކޮންމެ މީހަކަށްް ސަރުކާރުން 6،000ރ. ގެ އެލަވަންސެއް ދެ އެވެ.
ތިން މަސް ދުވަހުގެ އެ ތަމްރީން ފަށަން ނިންމާފައިވަނީ އަންނަ މަހުގެ ފަހު ހަފުތާގައި، ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ޓްރެއިނިން ސެންޓަރުގަ އެވެ. އޭގެފަހުން، ބ. ކިހާދޫގައި ހުންނަ އެމްއެންޑީއެފްގެ ސެންޓަރުގައި ފަންނީ ތަމްރީނުތައް ފަށާނެ އެވެ. ނަމަވެސް، އެ ތަމްރީނުތަކަށް ދާނީ އެކަމަށް ބޭނުންވެގެން ހުށަހަޅާ ޒުވާނުންނަށް އެކަންޏެވެ.
މިދިޔަ އޮކްޓޯބަރުގައި ފެށި ނެޝަނަލް ސާވިސްގެ ފުރަތަމަ ބެޗުގެ ޓްރެއިނިންގައި 350 ދަރިވަރުން ބައިވެރިވި އެވެ. އަދި ދެވަނަ ބެޗުގެ ތަމްރީނުތަކަށް މިދިޔަ ޖެނުއަރީ ފަހުކޮޅު 350 ޒުވާނުން ވަނީ މާފިލާފުއްޓަށް ގޮސްފަ އެވެ.
ސަރުކާރުގެ އަމާޒަކީ މި އަހަރު ތެރޭގައި އިތުރު 1،000 ޒުވާނުން އެ ތަމްރީންތައް ފުރިހަމަ ކުރުވުމެވެ.