19 ސެޕްޓެމްބަރ 2025 - 15:14
މި އަހަރުގެ ފުރަތަމަ ހަ މަހު އިންކަމް ޓެކްސްގެ ގޮތުގައި ލިބުނު އަދަދު 1.5 ބިލިއަން ރުފިޔާ އަށް އަރައިފި އެވެ.
ޓެކްސް އިދާރާ، މީރާގެ ހިސާބުތައް ދައްކާ ގޮތުން އެއީ އަންދާޒާ ކުރި އަދަދަށް ވުރެ 1.2 ޕަސެންޓު ދަށް އަދަދެކެވެ. އެއީ ގާތްގަނޑަކަށް 19 މިލިއަން ދަށް އަދަދެކެވެ. އެ ޓެކްސް އިން ލިބުނު އާމްދަނީ ދަށްވީ ވިޔަފާރިތަކުން ދައްކާ އިންކަމް ޓެކްސް ދަށްވުމުންނެވެ.
އާމްދަނީ ޓެކުހުގެ ގޮތުގައި ހިމެނެނީ، ބޭންކް އިންކަމް ޓެކުހާއި ކުންފުނިތަކާއި ފަރުދުންގެ އާމްދަނީން ނަގާ ޓެކުހާއި ނޮން ރެޒިޑެންޓް ވިލްހޯލްޑިން ޓެކުހެވެ.
އޭގެ ތެރެއިން ދެވަނަ ކުއާޓަރުގައި ކުންފުނިތަކުން ނެގި އިންކަމް ޓެކްސްގެ އަދަދު ވަނީ މިދިޔަ އަހަރަށް ވުރެ 24 ޕަސެންޓު ދަށްވެފަ އެވެ. މި އަހަރުގެ ދެވަނަ ކުއާޓަރުގައި އިންކަމް ޓެކްސްގެ ގޮތުގައި ވިޔަފާރިތަކުން ލިބުނީ 382 މިލިއަން ރުފިޔާ އެވެ.
ނޮން ރެޒިޑެންޓް ވިލްހޯލްޑިން ޓެކްސްގެ ގޮތުގައި 305 މިލިއަން ރުފިޔާ ލިބުނު އިރު އެއީ 11 ޕަސެންޓުގެ އިތުރުވުމެކެވެ. ބޭންކް އިންކަމް ޓެކްސްގެ ގޮތުގައި 134 މިލިއަން ރުފިޔާ ލިބުނު އިރު، އެއީ މިދިޔަ އަހަރަށް ވުރެ 70 ޕަސެންޓް އިތުރު އަދަދެކެވެ. އަދި ފަރުދުންގެ އާމްދަނީން އަދާކުރާ ޓެކްސްގެ ގޮތުގައި 122 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ 27 ޕަސެންޓުގެ އިތުރުވުމެކެވެ.
މި އަހަރުގެ ފުރަތަމަ ހަ މަހު ޓެކުހުގެ ގޮތުގައި 13.4 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ޓެކުހުގެ އާމްދަނީގެ ތެރެއިން އެންމެ ބޮޑު އަދަދެއް ލިބުނީ، ޓީޖީއެސްޓީންނެވެ. މިއަހަރުގެ ޓެކްސް އާމްދަނީ ވަނީ ލަފާކުރި އަދަދަށްވުރެ ހަތް ޕަސެންޓު އިތުރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy