ޚަބަރު / ރައީސް ޑރ. މުހައްމަދު މުއިއްޒު

ފެލިދޫން 12 ހެކްޓަރުގެ ބިން ހިއްކައިދޭނަން: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ފެލިދޫއަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ.

ވ. ފެލިދޫގެ ބިން އޮތީ ފުރިފައި ކަމަށާއި އެ ރަށަށް 12 ހެކްޓަރުގެ ބިން ސަރުކާރުން ހިއްކައިދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ވ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފެލިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫއު އަންނަ އަހަރުގެ ކުރީކޮޅު ސަރުކާރުން ފަށާނެ ކަމަށެވެ. އެ މަޝްރޫއުގައި ފެލިދު އަށް 12 ހެކްޓަރުގެ ބިން އިތުރު ކުރާނެ ކަމަށާއި އޭރުން އެ ރަށަށް ބޭނުންވާ އެކި ކަންކަން އެ ބިމުގައި ކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުުވި އެވެ.

"މި އަންނަ އަހަރުގެ ކުރީކޮޅުގައި ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދާނަން،" ހަތަރު އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ފެލިދު އަށް ވަޑައިގެން ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި މި އަހަރު އެންމެ ބޮޑަށް އިސްކަމެއް ދެއްވީ ކުޅިވަރާއި ތައުލީމާއި ސިއްހަތުގެ ދާއިރާ އިންނެވެ.

ފެލިދޫގެ ސްކޫލަށް 14 ކްލާސްރޫމް ހިމެނޭ ގޮތަށް ސްކޫލު އިމާރާތެއް ހެދުމުގެ އަމަލީ މަސައްކަތް މި އަހަރު ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެކަން އެޑިއުކޭޝަން މިނިސްޓްރީ އާއި ކައުންސިލާ ގުޅިގެން ކުރިއަށް ގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސްކޫލު ހާލަތަށް ބަލާއިރު، އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ފެލިދޫއަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ.

ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުންނާ ވީހާ ވެސް ގާތުން ހިދުމަތް ދިނުން ކަމަށާއި އައިޑީކާޑާއި ޕާސްޕޯޓުގެ ހިދުމަތް ރަށްރަށުން ލިބޭނެ އިންތިޒާމު ހަމަޖެއްސެވީ ވެސް އެ ބޭނުމުގައި ކަމަށެވެ. އަދި 500 އެއްހާ ރުފިޔާ ނެގުމަށް އާންމުން ކުރަމުންދާ ދަތުރުތައް ނިމުމަކަށް ގެނައުމުގެ ބޭނުމުގައި ރަށްރަށުގައި އޭޓީއެމްތައް ގާއިމު ކުރަމުން އަންނަނީ މާލެއެކޭ އެއްގޮތަށް ކުދި އާބާދީތަކުގެ ރަށްތަކަށް ވެސް ހިދުމަތް ދިނުމަށް ކަމަަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ސަރުކާރަށް މަލާމާތް ކުރަމުންދާ ކަމަށާއި އެކަމަކު ހުރިހާ ރައްޔިތުންނަށް ވެސް އެންމެ މަތީ ފެންވަރުގައި ހިދުމަތް ލިބެންޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސީއެމްބިއުލާންސްގެ ފްލީޓް އިތުރުކޮށް، އެ ހިދުމަތް ކުރިއެރުވުމަށް ވެސް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. ވ. އަތޮޅުގެ ބައެއް ރަށްތަކަށް ސީއެމްބިއުލާންސް ޖެއްސުމުގައި ހުރި ދަތިތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ފެލިދޫ ކައުންސިލާ ބައްދަލުކުރެއްވުން.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެ މަސައްކަތްތައް ކުރަނީ އިގްތިސާދު އިތުރަށް ގޯސްވިޔަ ނުދީ ނުވަތަ ބަނގުރޫޓު ވިޔަ ނުދީ އެވެ. އަދި އެ ކަންކަމުގެ ފޮނިމީރުކަން ރައްޔިތުންނަށް ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ އެކި ފިޔަވަޅުތަކާ އެކު، ތަކެތީގެ އަގުތައް ތިރިވަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ސަރުކާރުން އައިނު ވިޔަފާރީގެ ތެރެއަށް ވަނުމާ އެކު، އަމިއްލަ ތަންތަނުން އައިނުގެ އަގު ދަށްވެފައިވާ ކަން ފާހަގަކުރެއްވި އެވެ.

ރައީސް ވަނީ މި ސަރުކާރުން ސިޔާސީ ފަރާތްތަކަށް ފިޔަވަޅު އަޅަމުން ނުދާ ކަމަށާއި ބަދަލު ހިފުމުގެ ރޫހު މި ސަރުކާރުން ނުގެންގުޅޭ ކަމަށް ވިދާޅުވެފަ އެވެ. ޝަރުއީ ދާއިރާ އޮތީ މިނިވަންކޮށް ކަމަށާއި މި ސަރުކާރަށް މިވީ ދެ އަހަރުގެ ތެރޭގައި އެ މަނިކުފާނާއި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް ފަނޑިޔާރުންނަށް ގުޅައި ވަކި މީހަކު ކޯޓަށް ގެންގޮސް، ހުކުމް ކުރުމާއި ދޫކޮށްލުމަށް އަންގާފައި ނުވާ ކަމަށް ވިދާޅުވި އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454