ރައީސް ޑރ. މުހައްމަދު މުއިއްޒު ރަކީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ. -- ފޮޓޯ | މިހާރު
30 ސެޕްޓެމްބަރ 2025 - 10:34
ވ. ރަކީދޫގައި ދިރިއުޅޭ މީހުން އެހެން ރަށަކަށް ބަދަލުވުމާ މެދު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހަފުތާގައި އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަތައް ދެއްކެވިފައި ވިޔަސް ކައުންސިލްގެ ބައްދަލުވުމަކަށް ހުށަހަޅައި، އެ ކަމަށް މަޝްވަރާ ކޮށްފައި ނުވާ ކަމަށް ކައުންސިލުން ރައީސަށް ދަންނަވައިފި އެވެ.
ރައީސް މުއިއްޒު މި މަހުގެ 20 ގައި ރަކީދު އަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ މީހުންނާ ބައްދަލުކުރެއްވުމުގައި ވާހަކަ ދެއްކި ގިނަ މީހުން އެދުނީ މާލެއާ ކައިރި ރަށަކަށް ބަދަލުކޮށްދިނުމަށެވެ.
ގެސްޓް ހައުސް ހިންގައިގެން ބޮޑު އާމްދަނީއެއް ވައްދާ ރަކީދޫގައި ދިރިއުޅޭ 61 މީހުންގެ ތެރެއިން 41 މީހަކު ބޭނުންވަނީ ތުލުސްދު އަށް ބަދަލުކޮށްދޭށެވެ. އެންމެ މީހެއް ފިޔަވައި ބާކީ އެންމެން ބޭނުންވަނީ މާލެ ކައިރިން ތަނެެއް ހިއްކައިގެން އެ ތަނަކަށް ބަދަލުވާން ކަމަށް ރައީސާ އެކު ބޭއްވި ބައްދަލުވުމަށް ދިޔަ މީހުން ބުންޏެވެ. ރަކީދޫން ބަދަލުވާން ބޭނުން ނުވަނީ އެންމެ މީހެކެވެ.
ރަކީދޫ ރައްޔިތުން ރައީސް މުއިއްޒު އެ ރަށަށް ވަޑައިގަތުމުން މަރުހަބާ ކިޔަން ނުކުމެ.-- ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒާ އެކު ބޭއްވި ބައްދަލުވުމަށް ފަހު، ރަކީދޫ ކައުންސިލްގެ ހިޔާލު ތަފާތުވެފައިވާއިރު، އެ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ސޮއި ކުރައްވައި ރައީސަށް މިދިޔަ އާދިއްތަ ދުވަހު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، އެ ރަށުން މީހުން ބަދަލުކުރުމާ ގުޅޭ ގޮތުން ކައުންސިލްގައި ރަސްމީކޮށް އެއްވެސް އިރެއްގައި މަޝްވަރާ ކޮށްފައި ނުވާނެ ކަމަށެވެ. އަދި އެއީ މުޅި ރަކީދޫގެ ޖުމުލަ އާބާދީއާ ގުޅިފައިވާ ކަމެއް ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
"މިގޮތުން، މަނިކުފާނު ރަކީދޫ އަށް ވަޑައިގެންނެވި ދަތުރުފުޅުގައި ރައްޔިތުންގެ ތެރެއިން ބައެއް ރައްޔިތުން އެފަދަ މޭރުމަކުން ވާހަކަ ދައްކާފައި ވަނީ އެއީ އެބޭފުޅުންގެ އަމިއްލަ ހިޔާލާއި ވިސްނުންފުޅެއް ކަމުގައި މި ކައުންސިލުން ދެކެމެވެ،" ރައީސް މުއިއްޒަށް ކައުންސިލުން ފޮނުވި ސިޓީގައި ވެ އެވެ.
ރައްޔިތުންގެ ވާހަކަތައް އައްސަވައި ރައީސް އެ ދުވަހު ވިދާޅުވެފައި ވަނީ ރައްޔިތުންގެ ތެރެއިން 80 ޕަސެންޓް މީހުން ބޭނުންވާ ގޮތަކަށް ރައްޔިތުންގެ މަޝްވަރާއާ އެކު އެކަން ނިންމަވައި ދެއްވާނެ ކަމަށެވެ.
އެ ދުވަހުގެ ބައްދަލުވުމުގައި ބައިވެރިވި މީހަކު ބުނީ، ކޮންމެ ރައީސަކު ވެސް އިންތިހާބެއް ކައިރުވުމުން ވަޑައިގެން ރަކީދޫން މިޙުން ބަދަލުކޮށްދޭނެ ކަމަށް ވިދާޅުވެ، ހުވަފެން ދައްކާ ކަމަށެވެ. އެގޮތަށް ރައީސް މުއިއްޒު ނުހައްދަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެ މީހާ ބުންޏެވެ.
ރަކީދުއަކީ ގެސްޓް ހައުސްތައް ހަދަމުން އަންނަ ރަށަކަށް ވާތީ، އެ ވިޔަފާރިތައް ވެސް ހިންގޭ ގޮތަށް މީހުން ބަދަލުކުރަން އިސްކަންދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ވަސީލަތްތައް މަދު އަދި ކުދި ރަށްތަކުގައި ދިރިއުޅޭ އެންމެން އެ އަށް ވުރެ ބޮޑެތި ރަށްރަށަށް ބަދަލުވާން ސަރުކާރުން ހިތްވަރު ދޭ ކަމަށާއި އެ ކަމަކު އެ ކަން ކުރިއަށް ގެންދަން ބޭނުންފުޅުވަނީ ރައްޔިތުން އަމިއްލަ އަށް ބޭނުންވެގެން ކަމަށް ރައީސް މުއިއްޒު މިދިޔަ ހަފުތާގައި ވިދާޅުވި އެވެ.
ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ކިނބިދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އާބާދީ އެއްފަސް ކުރުމަކީ މި ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށެވެ. އަދި ބޮޑެތި ރަށްރަށަށް މީހުން ބަދަލުވާން ފުރުސަތު ދޭން ނިންމާފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"އެހެން ނަމަވެސް އެ ކަމަކީ ރައްޔިތުން އަމިއްލަ އަށް ވިލިންގްލީ، ބޭނުންވެގެން އަޅުގަނޑުމެން ކުރާނެ ކަމެއް،" ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަންދަލޫސިޔާ
01 October 2025
ބަދަލުވާން ބޭނުންވާ އެންމެން ބަދަލުކޮށްދީ. ބޭނުންނުވާ މީހާ ބަހައްޓާ. އެކަން ހައްލުވާނެ!
ރާއްޖެ
30 September 2025
ގަދަ ކަމުންވެސް މި ކަހަލަ ކުދި ރައްރަށުން ބޮޑެތި ރަށް ރަށަށް ގެދޮރު އަޅަައިދީފަ މީހުން ހުސްކުރަން އެބަ ޖެހޭ.
އަށްކޮ
30 September 2025
ކޮއްކޮ މެންނަށް ހިދުމަތްތައް ނެތިގެން އެދެނީ ބަދަލުވާން އެހެންވީމަ ބަދަލު ކުރަންޏާމުން ރަސްމާލެއަށް ނޫނީ މާލެކާރިއަށް ބަދަލުކުރަން ޖެހޭނީ. ބަދަލުގެ ގޮތުގަ މަދުވެގެން ކޮންމެ ގޭބިސީއަކަށް އެއްމިލިއަން ނުދެންޏާ ގަބޫލެއްވެސް ނޫން. ކޮއްކޮމެންގެ ސަރުކާރުން ބިލިއަނުން އިވެންޓްތައް ބޭއްވެންޏާ ކޮންމެ ގޭބިސީއަކަށް އެއްމިލިއަންގެ ކުޑަ އަދަދެއްދޭން ލިބޭނެ. ކޮއްކޮމެންނަށް މާލެ ސަރަހައްދުން ބިންދޭން މޭކަރާކަ ނުޖެހޭނެ.
އަމޭރު
30 September 2025
ކައުންސިލަރުން ތިބޭ އެރަށުގަ. ތިބެގެން ގެސްޓުހައުސް ހިންގާ އެތާގަ ދިރިއުޅުނީމަ ހުރިހާކަމެއް ފުރިހަމަވާނެ. ޑޮލަރެއްނު ބޭނުންވަނީ. އެކަމަކާއެއްނު ތި ފައިވިއްދަނީ
އަބްޑޫޅް +
30 September 2025
ރަކީދޫވެސް މިއީ ވަށަފަރު އޮންނަ ހިސާބުގަނޑުގެ ރަށެއް ދޯވ؟ އެއްކަލަ ރަކީދޫ ކުޑަކަތީބު އަދިވެސް ދުނިޔޭގަ ލަހައްޓަވައި ހުރި ނަމަ، އަހުރެންގެ ސަލާން ބުނާތި، އިނގޭ. އެއީ ނުހަނު ރަނގަޅު، ހުލުގު ހެޔޮ މީހެއް.
އަފްރާސިޔާބު
30 September 2025
މީހުން މަދުވީމާ އެމީހުން ރަށުންބާލައި 3 ކޮޓަރީގެ އެޕާޓްމަންޓެއް ހިލޭ މައިންބައިފައިންނަށް ދީފައި ރަށް ޓޫރިޒަމަށް ހުޅުވާލީމާ ސަރުކާރަށް ޑޮލަރު ވަންނާނެ. ބަދަލު ކުރިމީހުން ދެން އުޅެންޖެހޭ ހާލަކަށް ބަލާނެ ކަމެއްނެތް. ދަރިންވެސް މަރުނުވަންޏާ ކޮންމެވެސް ގޮތަކަށް އުޅޭނެތާ.
ޓައްޕޫ
30 September 2025
ކައުންސިލް ކަލޭމެން ހަމަޖެހިބަލަ. ރައްޔިތުން ގޮތް ނިންމީމަ އެހިސާބުން ކަލޭމެން އެގޮތަށް ހަދާބަލަ...
ވިސްނާ125
30 September 2025
61 މީހުން ދިރިއުޅޭއިރު ސުޓެލްކޯގަ 15 މީހުން ކައުންސިލްގަ 12 މީހުން މިސްކިއްތަކުގަ 3 މީހުން ސިއްހީމަރުކަޒުގަ 8 މީހުން އެހެނިހެން 7 މީހުން ޖުމްލަ 45 މީހުން ވަޒީފާގަ ބަކީ 16 މީހުން ވަޒީފާނެތި މުސާރަތައް ދިނުމަށް މަހަކު -/675،000 އަހަރަކު -/8،100،000 އޮފީސްތައް ހިންގުމުގެ ހަރަދާއެކު އަހަރަކު -/16،000،000 މިލިއަން ޖުމްލަ 5 އަހަރުން ބަނދަރު ހެދުމާއެކު 150،000،000 މިލިއަން ހަރަދުވޭ.. އެހެން ރަށަކަށް ބަދަލު ކުރަން ހޭދަވާނީ ގިނަވެގެން 80 މިލިއަން ރުފިޔާ
އެއްފަސްކުރާ މީހާ
30 September 2025
ރައީސެވެ. ކުރީގެ ވެރިން ގެންގުޅުއްވި ސިޔާސީ އަދި އަމިއްލަ އެދުމުގެ ސިޔާސަތު ދޫކުރައްވައި، ޤައުމަށް ލިބޭ އާއްމުދަނީއަށް ބަލައި ގިނަވެގެން 30 ނުވަތަ 40 ރަށް ތަރައްޤީކުރިމުގެ ސިޔާސަތަކަށް ދާށެވެ. ކުދި އާބާދިތަކާއި ކުދި ރަށްތަކަށް ޚަރަދު ކުރަންޖެހޭބައިން ބޮޑެތި ރަށްތަކުގައި ފްލެޓް އަޅައި އެއްފަސްކުރެވޭ ރައްޔިތުންނަށް "ހިލޭ" ފްލެޓް ދެވޭނެއެވެ. އޭރުން ބަދަލުވާނެ އެތައް ބަޔަކު ތިބޭނެއެވެ.
ދޮން
30 September 2025
ރަސްމާލެއަށް ބަދަލިކޮށް ތިޔަރަށް ސަރުކާރަށް ނެގުން ބުއްދިވެރި އޭރުން ރަސްމާލެ ހަދަން ލާރިވެސް ސަރުކާރަށް ލިބުނީ ރައްޔިތުން ބޭނުންވާގޮަތްވެސް ވީ