ސައުދީ ސަފީރު ހަސަން ޔަހްޔާ އަލް ގަހުތާނީ ރައީސް ޑރ.މުހައްމަދު މުއިއްޒާ ބައްދަލުކުރައްވަނީ. ފޮޓޯ:ރައީސް އޮފީސް
23 ސެޕްޓެމްބަރ 2025 - 21:36
ސައުދީ އަރަބިއްޔާގެ ގައުމީ ދުވަހުގެ މުނާސަބަތާ ގުޅުވައި، ރާއްޖެ އާއި ސައުދީގެ ގުޅުމަށް އެ ގައުމުގެ ސަފީރު ޔަހްޔާ ހަަސަން އަލް ގަހުތާނީ ތައުރީފު ކުރައްވައިފި އެވެ.
ސައުދީ އަރަބިއްޔާގައި މިއަދު ފާހަގަކުރާ އެ ގައުމުގެ 95 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ބަޔާނެއްގައި ސަފީރު ވިދާޅުވީ ސައުދީ އަރަބިއްޔާ އާއި ރާއްޖެއިން ވެސް އަޒުމް ކަނޑަައަޅައިގެން ތިބީ ދެ ގައުމުގެ ގުޅުމުގެ ތެރެއިން ދެ ގައުމުގެ ރައްޔިތުންނަށް ވެސް ފާގަތިކަމާއި ހަމަޖެހުމާއި ތަރައްގީ ގެނެސްދިނުމަށް ކަމަށެވެ. އަދި ދެ ގައުމުން މަސައްކަތްކުރަނީ އެ ގުޅުން އާ މަރުހަލާއަކަށް ގެންދަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"[ސައުދީ އަރައްބިއްޔާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް] ވަރުގަަދަ ބައިލެޓަރަލް ގުޅުމަކީ ދޭދޭ ގައުމުތަކުގެ ދެމެދުގައި އޮންނަ ބިނާކުރަނިވި ގުޅުމުގެ ނަމޫނާ އެެއް،" ބަޔާނުގައި ސަފީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދެ ގައުމުގެ ގުޅުމުގެ ބަދަހިކަން ދައްކައިދޭ އަނެއް ކަމަކީ 2ވިޝަން 2030 ގެ ދަށުން، ސައުދީ އަރަބިއްޔާއިން އެގައުމުގެ ބައިނަލްއަގުވާމީ ބައިވެރިންނާއެކު އެކި ދާއިރާތަކުން "އެއްބާރުލުމުގެ ފާލަންތައް ބިނާކުރާ" ކަމެވެ. އަދި އެއީ ސަރަހައްދީ އަދި ދުނިޔޭގެ ފެންވަރުގައި ވެސް ނަގާ ކިޔާ ގައުމެއްގެ ހައިސިއްޔަތުން ރާޢްޖެއިން ސައުދީ އަރަބިއްޔާއާ ގުޅުން ބަދަހިކުރަން އެދޭ މިންވަރު ދައްކައިދޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސައުދީ އަރަބިއްޔާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުމަކީ ހަމައެކަނި ސަރުކާރާއި ސަރުކާރާ ދެމެދު އޮތް އެއްބާރުލުމާ ހިސާބަށް ހުއްޓޭ ކަމެއް ނޫން. ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ވެސް އާލާކުރަން އަންނަނީ މަސައްކަތް ކުރަމުން،" ބަޔާނުގައި ސަފީރު ވިދާޅުވި އެވެ.
ރާއްޖެއާ ސައުދީ އަރަބިއްޔާ އާ ދެމެދު އޮތް ގުޅުން ރައީސް ޑރ.މުހައްމަދު މުއިއްޒާއި ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އާލް ސައުދުގެ ލީޑަޝިޕްގެ ދަށުން އިތުރަށް ބަދަހިވެފައިވާ ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.
ސައުދީ އަރަބިއްޔާގެ ގައުމީ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ "ކިންގްޑަމް އޮފް ނަޖުދު އެންޑް ހިޖާޒް"ގެ ނަމުން ސައުދީ އަރަބިއްޔާގެ ނަމަށް އެ ގައުމުގެ ނަން ބަދަލުކުރި ދުވަހެވެ. އެގައުމުގެ ނަން ސައުދީ އަރަބިއްޔާގެ ނަމަށް ބަދަލުކުރީ 23 ސެޕްޓެމްބަރު 1932 ގައި އެ ގައުމުގެ ފުރަަތަމަ ރަސްގެފާނު އަބްދުލްއަޒީޒް ބިން ސައުދު ނެރުއްވި ގަރާރަކުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތަމްހީދު ގާސިމް
24 September 2025
ދިވެހިންނަށް ހައްޖުގެ ކަންކަން ވަރަށްބޮޑަށް ރަނގަޅުކޮށްދީފަ އޮތީ މިހާރު
ހެއްސޯ ހުތާ
23 September 2025
ގައުމުގެ ނަމުގެ ކުރިޔަށް ސައުދީ އައީ އެހެންވެގެންތަ؟
ކާކުބުނީ
24 September 2025
ހަމަ ރަނގަޅަށް ތިޔަހީފުޅުކުރެއްވީ