ބޭރުގެ މީހުންނަށް ރާއްޖޭގެ ކެޕިޓަލް މާކެޓުގައި އިންވެސްޓް ކުރުމުގެ ފުރުސަތު-- ފޮޓޯ: މިހާރު
27 ސެޕްޓެމްބަރ 2025 - 12:07
ރާއްޖޭގެ ކެޕިޓަލް މާކެޓުގައި އިންވެސްޓްކުރާ ބޭރުގެ އިންވެސްޓަރުންނާ ގުޅޭ އުސޫލެއް ކެޕިޓަލް މާކެޓް ޑިވަލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން އާންމުކޮށްފި އެވެ.
ސީއެމްޑީއޭގެ އާ ގަވައިދުގައިވާ ގޮތުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި އިންވެސްޓްކުރެވޭނީ އެ އޮތޯރިޓީން ހުއްދަ ދީފައިވާ ހިއްސާ އާއި ބޮންޑާއި އެހެނިހެން ސެކިއުރިޓީ މާކެޓް އިންޓްރޫމެންޓްތަކުގަ އެވެ.
ސީއެމްޑީއޭއިން ބުނީ، ގުޅުންހުރި ފަރާތްތައް ނުވަތަ އެ ފަރާތްތަކުގެ ބޮޑު ކޮންޓްރޯލެއް ނުވަތަ ނުފޫޒެއް އޮންނަ ގާނޫނީ ޝަހްސުތައް ހިމެނޭ ގޮތަށް އެއްވެސް ފަރާތަކުން އެކަނި ނުވަތަ އެހެން ފަރާތްތަކާ ގުޅިގެން 10 ޕަސެންޓަށް ވުރެ ގިނަ ހިއްސާ ހޯލްޑް ނުކުރެވޭނެ ކަމަށެވެ.
އިންވެސްޓް ކުރަނީ އިކުއިޓީ ނުވަތަ ހިއްސާ ފިޔަވައި އެހެން ސެކިއުރިޓީތަކުގައި ނަމަ، އިންވެސްޓްކުރުމަށް ހުށަހަޅާ ނުވަތަ ދައުވަތުދޭ ފަރާތުގެ ޝަރުތުތަކުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާ ނަމަ، ބޭރުގެ އިންވެސްޓަރަކަށް ވެސް 100 ޕަސެންޓާ ހަމައަށް އިންވެސްޓްކުރުމުގެ ފުރުސަތު އޮންނާނެ އެވެ.
އާ ގަވައިދުގެ ދަށުން، ބޭރުގެ އިންވެސްޓަރުންނަށް އެއްވެސް ހިދުމަތެއް ފޯރުކޮށްދިނުމުގެ ކުރިން އެފްއައިއޭޖެންޓް، އެ އޮތޯރިޓީން ކަނޑައަޅާފައިވާ ފޯމެޓުގައި އެފްއައިޕޯޓަލް މެދުވެރިކޮށް އެ އޮތޯރިޓީއަށް ބޭރުގެ އިންވެސްޓަރު ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅަން ޖެހޭނެ އެވެ. އެގޮތަށް ރަޖިސްޓްރީ ކުރުމަށް ހުށަހެޅޭނީ އެ އޮތޯރިޓީގައި ޑީލާސް އާއި ބްރޯކާޒްގެ ގޮތުގައި ލައިސެންސް ނަގާފައިވާ ފަރާތްތައް މެދުވެރިކޮށެވެ.
ސީއެމްޑީއޭގެ ގަވައިދުގެ ދަށުން ކޮންމެ ކުއާޓަރަކު ވެސް ބޭރުގެ އިންވެސްޓަރުން ކޮށްފައިވާ މުއާމަލާތްތަކުގެ ތަފްސީލާއި އެ ފަރާތްތަކުގެ ހޯލްޑިންގްސްތަކުގެ ފުރިހަމަ ދަފްތަރު ހުށަހަޅަން ޖެހޭނެ އެވެ. އަދި ކޮންމެ އަހަރެއް ނިމޭތާ ތިން މަސް ތެރޭ އެ އަހަރެއްގައި ބޭރުގެ އިންވެސްޓަރުންނާ ގުޅުން ހުރި ވިޔަފާރީގެ ހިންގުމާއި ކަނޑައެޅިފައިވާ ރެގިއުލޭޓަރީ ޝަތުރުތަކަށް އަމަލުކުރި މިންވަރުގެ ތަފްސީލު ހިމަނައި އެކަމުގެ އެކްސްޓާނަލް އޮޑިޓް ރިޕޯޓެއް އެކުލަވާލައި އެ އެއޯރިޓީއަށް ހުށަހަޅަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
އެ ގަވައިދަށް އަމަލުނުކޮށްފި ނަމަ 10،000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ސީއެމްޑީއޭއަށް ލިބިގެންވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަޑިތަކުރު
28 September 2025
ކުރިން ދައުލަތުގެ މުއައްސަސާއެއްގެ ސެކްޝަނަކުންކުރަމުންއައި ކަމަކަށް ދެތިން ކުންފުނި ހަދައިގެން ކުރާ ބޭކާރު ޚަރަދު އެތައް އަހަރެއް ފާއިތުވީއިރުވެސް ހިއްސާގެ ބާޒާރެއް ނޫފެއްދުނު. ދެންވެސް ދެމީހުންނާއި ފަޅިއުޅޭ ގައުމެއްގައި އެކަން ވާނެހެނެއް ހީއެއްނުވޭ. ޕަބްލިކް ކުންފުނިތައްވެސް އެއްއަތުގެ އިނގިލިތަކުން ގުނާލެވޭހާ މަދުތަނެއްގައި ތިޔަތަންތަނަކީ ހަމައެކަނި ތިޔަތަންތާ ތިބޭ ބަޔަކަށް މުސާރަލިބޭތީ ހިންގާ ތަންތަން ކަމަށް ފެންނަނީ.
ހިމް
28 September 2025
ތި ގަވާއިދުގައި ބޭރު ފަރާތްތަކަށް ވިއްކޭނީ ކުންފުނީގެ ޖުމްލަ ކިތަށް ޕަސެންޓު ހިއްސާކަމާއި ބޯޑުގެ ޖުމްލަ ކިތައް ޕަސެންޓުކަން ބަޔާންނުކުރާ ނަމަ ކުންފުނީގެ ކޮންޓްރޯލް ދިވެހިންގެ އަތުން ގެއްލުމުގެ ފުރުސަތު ބޮޑު.
ކެޕިޓަލް ގަންނާނެބާ
27 September 2025
ކެޕިޓަލް މާރުކޭޓު ހުންނަނީ ކޮންތަނެއްގަތަ؟ މަސް މާރުކޭޓުގަތަ؟ ނޫނީ ލޯކަލް މާރުކޭޓުގަތަ؟
ޢަރޫސާ
27 September 2025
ޥ މުހިންމު ބަދަލެއް، ޤާނޫނީ ނިޒާމްގެ ތެރެއިން ހުރިހާ ގާނޫނެއް ތަރުތީބުކޮށް ބޭރުގެ އިންވެސްޓަރުންނަށް އިންވެސްޓް ކުރުމުގެ ފުރުސަތު ހުޅުވާލުމަކީ ސިއެމްޑީއޭއިން ކުރި މުހިންމު މަސައްކަތެއް
އުދުހޭ
27 September 2025
ކޮރަޕްޝަނުން ފޯވެފައިވާ ގައުމެއްގަ އިންވެސްޓްކުރާނީ މޮޔައިން.