އެކްސްޕީރެންސް މޯލްޑިވްސް ލޯންޗު ކުރުމުގެ ރަސްމިއްޔާތު -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
27 ސެޕްޓެމްބަރ 2025 - 22:46
ބީއެމްއެލް އާއި އެމެރިކަން އެކްސްޕްރެސް ގުޅިގެން އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް ރާއްޖޭގެ ޓޫރިޒަމް މާކެޓް ކުރުމުގެ ގޮތުން "އެކްސްޕީރެންސް މޯލްޑިވްސް" ނަމުގައި ޑެސްޓިނޭޝަން ކެމްޕޭނެއް މިރޭ ފަށައިފި އެވެ.
ބީއެމްއެލް އިން ބުނީ، އެއީ ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އަދި ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން އެންޑޯޒްކޮށްފައިވާ ކެމްޕޭނެއް ކަމަށެވެ.
އެކަމަށްޓަކައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، އެ ކެމްޕެއިންގެ ތެރެއިން ރާއްޖޭގެ ލަގްޒަރީ ޓޫރިޒަމްގެ އިތުރުން ރަށްރަށުގެ ޓޫރިޒަމް ވެސް އިޝްތިހާރު ކުރުމަށް ހާއްސަ ފުރުސަތެއް ލިބޭނެ ކަމަށެވެ.
އެކްސްޕީރެންސް މޯލްޑިވްސް ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
"މި ފުރުސަތުގެ ތެރެއިން ކުދި އޮޕަރޭޓަރުންނަށް އާމްދަނީ އިތުރުކުރަން ފުރުސަތު ލިބޭނެ،" އޭނާ ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށް އަބަދުވެސް މަސައްކަތް ކުރަނީ ދާއިރާގެ ސްޓޭކްހޯލްޑަރުންނާ އެކު ކަމަށާއި ކުރިމަގުގައި ވެސް މަސައްކަތް ކުރާނީ އެގޮތުގައި ކަމަށެވެ.
ދެ އަހަރު ދުވަހުގެ މުއްދަތަށް ހިންގާ ކެމްޕޭންގެ ދަށުން އެމެރިކަން އެކްސްޕްރެސް ކާޑުގެ މެމްބަރުންނަށް އެކި ރިސޯޓުތަކާއި ލިވްއަބޯޑުތަކާއި މާޗަންޓުތަކުން ހާއްސަ އޮފާތަކެއް ލިބޭނެ އެވެ. އަދި ސްޕާ ޓްރީޓްމަންޓާއި ބީޗް ޑައިނިން އާއި މޫދު ކުޅިވަރު ހަރަކާތްތަކާއި ފްލޯޓިން ބްރޭކްފާސްޓާއި ރޫމް އަޕްގްރޭޑްގެ އިތުރުން ލޯކަލް އެޑްވެންޗާ ފަދަ ތަޖުރިބާތައް ވެސް ފަސޭހަކަމާ އެކު ލިބޭނެ އެވެ.
މިނިސްޓަރު ޒަމީރު ވާހަކަދައްކަވަނީ. އާ ކެމްޕެއިންގެ ތެރެއިން ރާއްޖޭގެ ޓޫރިޒަމަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށް އެނާ ވިދާޅުވި.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އެކްސްޕީރަންސް މޯލްޑިވްސް ކެމްޕެއިން މީގެ ކުރިން ވަނީ 2017 ވަނަ އަހަރާއި 2019 ވަނަ އަހަރު އަދި 2023 ވަނަ އަހަރު ވެސް ހިންގައިފަ އެވެ. މީގެ ކުރިން ހިންގި ކެމްޕޭނުތަކުގައި އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް ޕްރިމިއަމް ހިދުމަތްތަކާއި އެކްސްކްލޫސިވް ރޭޓްތައް އަދި ދަތުރު އިތުރަށް ފުރިހަމަ ކުރުމަށް ކޮމްޕްލިމެންޓަރީ ހިދުމަތްތައް ވެސް ފޯރުކޮށްދީފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy