ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް މުހައްމަދު: ފެނަކަ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ސައީދަށް ސާބިތުވި ކޮރަޕްޝަންގެ ކުށަށް އަދަބު ކަނޑައަޅުއްވަމުން ގާޒީ ވިދާޅުވެފައި ވަނީ މިފަދަ ކުށްތައް ސާބިތުވާ ކުންފުނިތަކުގެ ވެރިންނަށް ދޭންވީ ގާނޫނުގައި އޮންނަ އެންމެ ބޮޑު އަދަބު ކަމަށް. -- މިހާރު ފައިލް ފޮޓޯ
29 ސެޕްޓެމްބަރ 2025 - 09:41
ރައްޔިތުންނަށް ހިދުމަތް ދިނުމަށް ހަދާފައިވާ ކުންފުނިތަކުގެ ވެރިންގެ މައްޗަށް ސާބިތުވާ ކޮރަޕްޝަންގެ މައްސަލަތަކުގައި އެ ކުށަކާ ގުޅިގެން ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދޭންޖެހޭ ކަމަށް، ފެނަކަން ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދުގެ މައްޗަށް އިއްޔެ އިއްވެވި ހުކުމުގައި ފަނޑިޔާރު ވިދާޅުވެއްޖެ އެވެ.
ރަސްމީ ހައިިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ ސައީދުގެ މައްޗަށް އިއްޔެ ވަނީ ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އެއީ ފެނަކަ އާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު 2018 ވަނަ އަހަރު ހެދި އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ކުންފުނިން މަސައްކަތް ފުރިހަމަ ނުކުރަނީސް އަދި މަސައްކަތް ފުރިހަމަކުރިކަން ކަށަވަރުނުކޮށް، މަސައްކަތް ނިންމި ކަމުގެ ލިޔުން ވެސް ނުލިބެނީސް ފައިސާ ދިނުމާއި 2019 ވަނަ އަހަރު އެ މީހުންނާ އެކު އާ އެއްބަސްވުމެއް ހަދައި ފައިސާ ދެމުން ދިޔަ މައްސަލައިގަ އެވެ.
މި ދައުވާ މަރްޔަމް ދީނާ ސާލިހް، ފުވައްމުލަކު ހޯދަޑު/މައިޒާންގެ މައްޗަށް ވެސް ކުރެ އެވެ. އެކަމަކު ބަލި ހާލަތު ހުރި ގޮތުން ކޯޓަށް ހާޒިރުވާން އުޒުރުވެރިވެ އެކަމާ ބެހޭ ލިޔުންތައް ހުށަހެޅުމުން ދީނާގެ މައްޗަށް ފަސް ދުވަސް ފަހުން ހުކުމް އިއްވަން ނިންމައި އިއްޔެ ހުކުމްކުރީ ސައީދުގެ މައްޗަށް އެކަންޏެވެ.
ސައީދުގެ މައްޗަށް ކުރި ދައުވާ، ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު އަދަބާ ބެހޭ ގޮތުން ވާހަކަ ދައްކަން ދިން ފުރުސަތުގައި ދައުލަތުން ބުނީ ސައީދުގެ މައްޗަށް އަދަބު މަތިވާނެ އަދި ދަށްވާނެ ހާލަތެއް ވެސް ނުފެންނަ ކަމަށާއި އެހެންވެ ކުށުގެ އަސާސީ އަދަބު ކަނޑައަޅައިދިނުމަށެވެ.
މިއީ ގާނޫނުލްއުގޫބާތުގައި ޖިނާޔަތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށެއް ކަމަށް ވާތީ ކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި ހަ ދުވަހަށް ޖަލަށް ލުމެވެ.
މި އަމަލު ހިންގާ މީހުންނަށް އަދަބު ލިބޭތަން ފެންނަނީ ނުހަނު މަދުންނެވެ. އަދި އަދަބު ލިބޭ ނަމަ ލިބޭ އަދަބަކީ ވެސް ނިސްބަތުން ކުޑަ އަދަބަކަށް ވާތީ، މިފަދަ އަމަލުތައް ހިންގާ މީހުންނަށް ލިބޭ ހިތްވަރަކަށް މިކަންވެ އެވެ. -- އިސް ގާޒީ އާދަމް މުހައްމަދު
ސައީދަށް ދިން ފުރުސަތުގައި ބުނީ ކުރިން ދުވަހަކު ވެސް އޭނާގެ މައްޗަށް ކުށެއް ސާބިތުވެފައި ނުވާތީ، ގާނޫނުލްއުގޫބާތުގައި އަދަބަށް ބަދަލު ގެނައުމާ ބެހޭ މާއްދާއަށް ރިއާޔަތްކޮށް ކުށުގެ ދަރަޖަ އަސާސީ މިންގަނޑުން އެއް ދަރަޖަ ދަށްކުރަންޖެހޭ ކަމަށެވެ. މީގެ އިތުރުން، އޭނާގެ މައްޗަށް ކުށް ސާބިތުވި ކަންކަމަށް ބަލާއިރު އެ ކަންކަން ކޮށްފައިވަނީ ލިބިފައި އޮތް ގާނޫނީ ލަފައެއްގެ މައްޗަށްކަން އެނގޭ ކަމަށާއި އެއީ ފުރިހަމަނުވާ މައާފް ލިބެނިވި ދިފާއުއަކަށް ވާތީ ކުށުގެ އަސާސީ އަދަބު ދެ ދަރަޖަ ދަށްކޮށްދިނުމަށް ސައީދުގެ ފަރާތުން އެދުނެވެ. އޭރުން އަދަބަކަށް ވާނީ ހަތަރު މަހާއި 24 ދުވަހެވެ.
ސައީދު ވަނީ މިގޮތަށް އަދަބު ލުއިކުރުމަށް ފަހު ފަހުން އަންނަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު އަދަބުގެ ތިން ބައިކުޅަ އެއްބައި ޖޫރިމަނާއަށް ބަދަލުކޮށްދިނުމަށް ވެސް އެދިފަ އެވެ.
އަދަބާ މެދު ގޮތް ކަނޑައަޅުއްވަމުން އިސް ގާޒީ އާދަމް މުހައްމަދު ވިދާޅުވީ މި މައްސަލައިގައި އަދަބު މަތިކުރާނެ ހާލަތެއް ފާހަގާނުވާ ކަމަށް ޕީޖީގެ ފަރާތުން ބުނި ނަމަވެސް އަދަބު މަތިކުރާނެ ގިނަ ހާލަތުތަކެއް އެބަހުރި ކަމަށެވެ.
މި މައްސަލައިގައި މި ދައްކަނީ މަސައްކަތް ނުކުރާ ބަޔަކަށް، އެއްބަސްވުންތަކެއް ހަދައިގެން ގިނަ އަދަދެއްގެ ފައިސާ، ފެނަކައިގެ އިސް ވެރިން ދީފައިވާ ވާހަކަ ކަމަށާއި ފުރަތަމަ އެއްބަސްވުމުން ފެށިގެން ސެޓުލްމަންޓް އެއްބަސްވުމާ ހަމައަށް މި އަމަލުތަކުގެ ސަބަބުން 805،600ރ. ދައުލަތަށް ގެއްލުން ވެފައިވާ ކަމަށެވެ.
"ރައްޔިތުންގެ ފައިސާއިން ހިންގާ މިފަދަ ކުންފުނިތަކުގެ އިސް ވެރިންގެ ގޮތުގައި ތިބޭ ފަރާތްތަކުން ހިންގާ ބޮޑެތި ކޮރަޕްޝަންތަކުގެ އަމަލުތަކުގެ ސަބަބުން، އެ ކުންފުނިތެރޭގައި ވެސް ކޮރަޕްޝަނަށް ދޮރު ހުޅުވި އެ ފަސާދަ ފުޅާވެގެން ދިއުމަކީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެކެވެ." ހުކުމުގައިވެ އެވެ.
އިސް ގާޒީ ވިދާޅުވީ މިގޮތަށް ވަކި ބަޔަކަށް ނުހައްގު ފައިދާ ހޯދުމަށްޓަކައި ހިންގާ އަމަލުތަކުގެ ނަތީޖާއަކަށް ވަނީ ކުންފުނިތަކުގެ ހިންގުމުގެ ހަރަދު ބޮޑުވެ، އެ ފޫބެއްދުމަށްޓަކައި، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުން އަގު ބޮޑުކުރުން ކަމަށެވެ.
"...އާޚިރުގައި އެކަމުގެ ތަކުލީފު އުފުލަން މި ޖެހެނީ އާންމު ރައްޔިތު މީހާއަށެވެ. އެހެންކަމުން، މިފަދަ، ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ހަދާފައިވާ ކުންފުނިތަކުގެ ވެރިންގެ މައްޗަށް ސާބިތުވާ މިފަދަ ކޮރަޕްޝަންގެ މައްސަލަތަކުގައި އެ މީހުންގެ މައްޗަށް، އެ ކުށާ ގުޅިގެން ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދޭންޖެހޭ ކަމަށް ގަބޫލުކުރެވެ އެވެ." އަދަބަށް އެއްވެސް ލުޔެއް ނުދެއްވުމަށް ނިންމެވި ސަބަބު ހާމަކުރައްވައި އިސް ގާޒީ ވިދާޅުވި އެވެ.
"ދައުލަތުގެ ކުންފުނިތަކުގައި ކޮރަޕްޝަން ހިންގުން މި ވަނީ އާންމުވެފަ އެވެ. ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވެ ކޮރަޕްޝަންގެ އަމަލުތައް ހިންގުމަކީ އާދައިގެމަތިން އާންމު އުސޫލުން ހިނގާ ކަމެއްގެ ގޮތުގައި ބެލެވޭ މިންވަރަށް އެކަން އާންމުވެއްޖެ އެވެ."
އިސް ގާޒީ އާދަމް މުހައްމަދު ވިދާޅުވި ގޮތުގައި މި އަމަލު ހިންގާ މީހުންނަށް "އަދަބު ލިބޭތަން ފެންނަނީ ނުހަނު މަދުން" ނެވެ. އަދި އަދަބު ލިބޭ ނަމަ ލިބޭ އަދަބަކީ ވެސް ނިސްބަތުން ކުޑަ އަދަބަކަށް ވާތީ، މިފަދަ އަމަލުތައް ހިންގާ މީހުންނަށް ލިބޭ ހިތްވަރަކަށް މިކަން ވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެހެންވެ އިސް ގާޒީ ހުކުމް ކުރެއްވީ ރަސްމީ ހައިިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގައި ގާނޫނުލް އުގޫބާތުގެ ދަށުން ދެވޭ އެންމެ ބޮޑު އަދަބު ކަމަށްވާ ހަތަރު އަހަރުގެ ޖަލު ހުކުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރަގީބު
01 October 2025
މިއީ އަދުލު އިންސާފު ނެތްކަން ކަށަވަރުވި ހުކުމެއް! ތިމަ ހިތުހުރި ގޮތަކަށް ކަންކަން ކުރުން އެއީ އަދުލު އިންސާފެއް ނޫނެވެ.
ނުބުނާނަން123
01 October 2025
އެކަމަކުދިނީ އެންމެ 4 އަހަރު. ވަރަށްދެރަ ކަންކަން
ޤާޒީ
30 September 2025
ފަނޑިޔާރު މިހެން މުޚާތަބު ކުރަނީ ހައިކޯޓު އަދި ސުޕްރީމް ކޯޓުގެ ބޭފުޅުންނަށް. ސުޕީރިއަ ކޯޓުގައި އުޅުއްވާނީ ޣާޒީން. ދެން އުޅުއްވާނީ މެޖިސްޓްރޭޓުން. މިގޮތަށް ޢުރުފު އޮންނަނީ.
އައިޖޭ
29 September 2025
އަދަބު ދޭން ޖެހޭނި ކުރި/ކުރެވުނު ކުށަށް،، އެހން މީހުނަށް ފިލާވަޅު ދޭން އޮންނަ ކަމެއް ނޫންމީކީ... މިގާޞީ ހީވަނީ ސިޔަސީ މަގާމަކަށް ފައި ނަގާފަ ހެން
ޒަރީރު
30 September 2025
އަދަބު ދެނީ ކުރިކުށަށް. ކުށަށް އަދަބު ދިނުމުގެ މައިގަނޑު މަގުސަދު ތެރޭގައި އެހެން މީހުންނަށް ފިލާވަޅެއް ދިނުން ހިމެނޭ. ކްރިމިނަލް ޖަސްޓިސް ކިޔެވިނަމަ އެކަން އެނގޭނެ
ފަހުދު.
29 September 2025
ކޮބާ ބުރޯ
އަހުމަދު އަލިމަނިކު
29 September 2025
ތި ބުނަނީ އެހެން މީހުނަށް ފިލާވަޅު ދޭކަށް ނޫނޭ އަދަބު ކަނޑަ އަޅަނީ . ގައުމު މިހާރު އޮތް ހާލަތާ މެދު ވިސްނާ މީހުން މި ދެއްކޭ ވާހަކަ އާއި މެދު ވިސްނާ ލައްވާ . ވެރިކަމަށް އައިސް ޤައުމު ދަވާލައިގެން ދިޔާމަ އެބައި ފޫ ބައްދަން މި ޖެހެނީ ރައްޔިތު މީހާ ބުރަ މަސައްކަތުން ހޯދާ ލާރިކޮޅު އެގޮތް މިގޮތަށް ދައުލަތަށް ނަގައިގެން. މަސައްކަތް ކުރި މީހުން އެތިބެނީ ބޭސް ފަރުވާ ވެސް ނުކުރެވި ނުކައި. ފިނި ކޮޓަރީގަ ތިބެގެން ޤައުމު ކާން ދޫކޮށްލަން ވީތޯ ؟
ނާޑުވާ
29 September 2025
ކޮބާތޯ ނޫމަޑި މައްސަލަ. އަދުގެ ރައީސއ ސަލާމަތްވާނެ އެއްގޮތެއްވެސް ނޯންނާނެ.
އިހްސާސް
29 September 2025
ބޮޑު އަދަބު ހަމަ ދޭންވީ. އެކަމަކު ނަމަށް ނޫނީ އާއިލާގެ ނަމަށް ބަލާފައެއް ނޫން އަދަބު ކަނޑައަޅާނީއެއް. މިއަދު ސައީދުއަށް 4 އަހަރު ގެ ޖަލު ޙުކުމް އިއްވާފަ މާދަމާ ކުރީގެ ރައީސެއްގެ މައްޗަށް އެންމެ ކުޑަ އަދަބު ކަނޑައެޅީމަ ގޯސްވާނެ. ދެމީހުން ކުރަނީ އެެއް ކުށެއް..
ސުހާނާ
29 September 2025
އެމްޑީޕީ މީހުން ފަނޑިޔާރަށް ފާޑު ކިޔާއިރު، އެ ފަނޑިޔާރު އެތަނަށް ލައި ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެތަނުގެ އިސްގާޒީއަކަށް އޭނާ ހަމަޖެއްސީ އެމްޑީޕީގެ އިބޫ ޞާލިޙުގެ ވެރިކަމުގައި. އެއީ އިބޫ ޞާލިޙުގެ ރަށު ކުއްޖެއް ކަމަށްވީމާ އިބޫ ޞާލިޙުގެ ބާރުގައި އޭނާއަށް އެ މަގާމު ލިބުނީކަމަށް އޭރުވެސް ވާހަކަދެކެވުނު. އެކަމަކު އޭނާ އެ ދިން މެސެޖަކީ، ޙުކުމް ކުރުމުގައި ވަކި މީހަކަށް އޭނާ ނުބަލާނެކަން.
ގާޡީ
29 September 2025
އަދަބު ދޭން ޖެހޭނި ކުރި/ކުރެވުނު ކުށަށް،، އެހން މީހުނަށް ފިލާވަޅު ދޭން އޮންނަ ކަމެއް ނޫންމީކީ...