މެންޗެސްޓާ ޔުނައިޓެޑްގެ ޑިފެންޑަރު ޑިލިޓް: އޭނާ ބުނީ ހުރިހާ ގޯހެއް އަމޮރިމްގެ ބޮލަށް ނުޖެހޭނެ ކަމަށް --- ފޮޓޯ: އޭއެފްޕީ
29 ސެޕްޓެމްބަރ 2025 - 11:20
މެންޗެސްޓާ ޔުނައިޓެޑްގެ ދަށް ނަތީޖާތަކުގެ ސަބަބުން ހުރިހާ ގޯހެއް ކޯޗު ރުބެން އަމޮރިމްގެ ބޮލަށް ނުޖަހައި ކުޅުންތެރިން ވެސް ޒިންމާ ނަގަންޖެހޭ ކަމަށް އެ ޓީމުގެ ޑިފެންޑަރު މެތިއަސް ޑިލިޓް ބުނެފި އެވެ.
ޔުނައިޓެޑްގައި އަމޮރިމް ކުޅުވަން މަސައްކަތް ކުރާ ސިސްޓަމްގައި ބޭނުންވާ ނަތީޖާއެއް ނުނުކެމެ އެވެ. މި ސީޒަނާ އެ ޓީމުން ކުރިމަތިލީ ވެސް އަމޯރިމްގެ ޕްލޭނަށް ފެތޭ ކުޅުންތެރިން ހޯދައިގެންނެވެ. އެކަމަކު ނަތީޖާތައް ގޯހެވެ.
ލީގުގައި އެ ޓީމުން ކުޅުނު ހަ މެޗުގެ ތެރެއިން ތިން މެޗުން ބަލިވި އެވެ. ދެ މެޗުން މޮޅުވެ އަނެއް މެޗުން އެއްވަރުވީ އެވެ. ޕްރިމިއާ ލީގުގެ އެންމެ ކާމިޔާބު ކްލަބް އޮތީ ތަވާލުގެ 14 ވަނައިގަ އެވެ.
އަމޯރިމްގެ 10 މަސް ދުވަހުގައި ލީގުގައި ވިދިވިދިގެން ދެ މެޗުން އެ ޓީމު މޮޅުވެފައެއް ނެތެވެ.
ޑިލިޓް ބުނީ ކޯޗަށް ފާޑުކިޔުމަކީ ފަސޭހަ ކަމެއް ކަމަށެވެ.
"އަބަދުވެސް ކޯޗަށް ފާޑުކިޔަން ފަސޭހަ ވާނެ. އެކަމަކު އާހިރުގައި ދަނޑުމަތީގައި މަސައްކަތް ކުރަން ތިބި ބަޔަކީ ކުޅުންތެރިން،" ޑިލިޓް ބުންޏެވެ.
"އަހަންނަކަށް ނޭނގެ، އަހަރެމެން ކޮޅަށް ގޯލް ވަނީމަ ނޫނީ އަހަރެމެން އުފައްދާ ފުރުސަތުތަކުގައި ލަނޑު ނުޖެހުނީމަ. ކަލޭމެން އަބަދުވެސް ވާހަކަ ދައްކަނީ ކޮންކަމަކާ ބެހޭގޮތުން. އަހަންނަކަށް ނޭނގެ އަވަދުވެސް ކުޅުވާ ސިސްޓަމްގެ ވާހަކަ އަބަދު ދައްކަންޖެހޭ ސަބަބެއް."
އޭނާ ބުނީ ކުޅުންތެރިން ވެސް އިތުރަށް ސަމާލުވެގެން ތިބުމަށާއި ދަނޑުމަތީގައި ލިބޭ ފުރުސަތުތަށް ބޭނުން ކުރަމުގައި ފަރުވާތެރި ވާން ޖެހޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަދަލު ކުޅުންތެރިޔާ
29 September 2025
ޖަހާނަން.. އޭނަ އަކަށް ނޭގެ ޓީމް ލައްވާ ކުޅުވާކަށް. ޓީމުގައި ތިބީ ދުނިޔޭގެ ފެންވަރުގެ މޮޅެތި ކުޅުންތެރިންނޭ... ލަދުގަންނަން ޖެހޭނެ އޭނަ. އިސްތިއުފާ އަމޯރިމް.
މުލޭ
29 September 2025
ބޯޅަ ކުޅެމުން ގޮސް އުފައްދާ އެޓޭކް ނިންމާނުލެވި ބޯޅަގެއްލޭ މިންވަރު ގިނަވެގެން ދިއުމުގެ ސަބަބުން ޓީމު ބަލިވަނީ. އެ ގެއްލޭ ބޯޅަތަކުން އިދިކޮޅު ޓީމުން ޖަހާ ގޯލުގެ އަދަދު ގިނަކަން ވެސް ފާހަގަކުރެވޭ. މިކަން ޙައްލު ކުރަނިކޮށް ނަތީޖާ ރަނގަޅު ކުރުމުގެ %90 ޙާސިލު ކުރެވުނީ. ދެން އޮތީ ގޯލު ޖެހުމުގެ ބައި. އެކަން ވެސް ޙާސިލު ކުރެވެން އޮތީ ގެއްލުވާލާ ބޯޅަތައް މަދުކޮށްގެން. މިއީ އަހަރެންގެ އޮބްޒަވޭޝަން. މިއީ ސިސްޓްމުގެ މައްސަލައެއްތޯ ބަލަންޖެހޭނީ.