ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. ދިއްދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަނީ.-- ފޮޓޯ: މިހާރު
06 އޮކްޓޯބަރ 2025 - 15:54
އދ. ދިއްދޫގައި މިހާރު ކިޔަވައިދެމުން އަންނަ ސެޓެލައިޓް ސްކޫލުގެ ބަދަލުގައި، ފިޒިކަލީ ސްކޫލަށް ގޮސްގެން ކިޔަވައިދޭގޮތަަށް ބަދަލުކޮށްދިނުމަށް އެ ރަށު ބެލެނިވެރިންގެ ފަރާތުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިއަދު ހުށަހަޅައިފި އެވެ.
އާބާދީގައި 140 ތިބި ދިއްދޫ އަކީ މުޅި ރާއްޖޭގައި ވެސް އާބާދީ އެންމެ މަދު ރަށްތަކުގެ ތެރެއިން ރަށެކެވެ. އެހެންވެ ދަރިވަރުން މަދުވުމުގެ ސަބަބުން 2022 ވަނަ އަހަރާ ހަމައަށް ސްކޫލުގައި ކިޔަވައިދެމުން ދިޔައީ ދެ ގްރޭޑެއް އެއްކޮށްލައިގެން، މަލްޓިގްރޭޑް ސިސްޓަމަށެވެ.
އޭގެ ފަހުން، 2023 ވަނަ އަހަރު ވަނީ އެއީ ސެޓެލައިޓް ސްކޫލަކަށް ބަދަލުކޮށްފަ އެވެ. އޭރު ވެސް ބެލެނިވެރިން ދިޔައީ އެ ގޮތް ބޭނުން ނުވާ ކަމަށް ބުނަމުންނެވެ.
މިއަދު ރައީސް އެ ރަށަށް ވަޑައިގެން ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ރައީސާއި މިނިސްޓަރުންނާ ސުވާލުކުރުމަށް އާންމުންނަށް ދިން ފުރުސަތުގައި ރަށު ކައުންސިލް ރައީސް އަހުމަދު މުހައްމަދު ވެސް ވިދާޅުވީ އެ ރަށުގައި ކިޔަވާ ދަރިވަރުންގެ ބެލެނިވެރިން ސެޓެލައިޓް ސްކޫލު ބޭނުން ނުވާ ކަމަށެވެ.
"ބެލެނިވެރިން ބޭނުމެއް ނުވޭ ސެޓެލައިޓް ސްކޫލުގައި ކުދިންނަށް ކިޔަވައިދޭކަށް. ފިޒިކަލީ ގޮސްގެން ބެލެނިވެރިން ވެސް ބޭނުންވަނީ މިހާރު ކުދިންނަށް ކިޔަވައިދޭން،" ކައުންސިލް ރައީސް ވިދާޅުވި އެވެ.
އޭނާ ވަނީ މިހާރު އެ ރަށު ސްކޫލުގައި ކިޔަވާ 17 ދަރިވަރުން، އާންމުކޮށް ސްކޫލަށް ގޮސް ކިޔަވާ ގޮތަށް ބަދަލު ކޮށްދިނުމަށް ރައްޔިތުންގެ ފަރާތުން އެދިވަޑައިގެންފަ އެވެ.
ބެލެނިވެރިއަކު ވާހަކަ ދައްކަމުން ބުނީ ގުރުއާން މާއްދާއަށް ޓީޗަރަކު ނުލިބޭތާ ދެ އަހަރު ވެއްޖެ ކަމަށެވެ. އަދި ބިޒްނަސް ޓީޗަރެއް ނެތި ވެސް އެހާ ދުވަސް ވެއްޖެ ކަމަށެވެ. އޭނާ ވެސް އެދުނީ ސެޓެލައިޓް ސްކޫލު، ފިޒިކަލީ ސްކޫލަށް ގޮސް ކިޔަވައިދޭ ގޮތަށް ބަދަލު ކޮށްދިނުމަށެވެ.
"މި ސެޓްލައިޓް ސްކޫލް އައި ފަހުން އަޅުގަނޑުމެންގެ ދަރިންގެ ކިޔެވުން ހަލާކުވެގެން މި ދިޔައީ. މިދިޔަ އަހަރު އޯލެވެލް ޓެސްޓް ހެދި އެއްވެސް ކުއްޖަކު ފާހެއް ނުވޭ. އަޅުގަނޑު އާދޭސް ކޮށްފައި މި އެދެނީ ފިޒިކަލްކޮށް އެ ދަރިންގެ ކިޔަވައިދިނުން ބަދަލުކޮށްދޭން،" އެ ބެލެނިވެރިޔާ ބުންޏެވެ.
ރައީސް ވިދާޅުވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއާ އެ ރަށު ސްކޫލު މައްސަލާގައި މަޝްވަރާކުރެއްވުމަށް ފަހު ދަރިވަރުން ތިބި އަދަދަށް ބަލައި ގޮތެއް ނިންމަވައިދެއްވާނެ ކަމަށެވެ.
އޭރު ސެޓެލައިޓް ސްކޫލަށް ކިޔަވައިދޭން ފެށީ ދިއްދޫގެ އިތުރުން ބ. ފެހެންދޫ، ވ. ރަކީދޫ އަދި އެ އަތޮޅު ތިނަދޫގަ އެވެ. ނަމަވެސް ދަރިވަރުން ނެތުމުގެ ސަބަބުން ރަކީދޫ އާއި ތިނަދޫގައި މިހާރު ކިޔަވައެއް ނުދެ އެވެ.
ސެޓެލައިޓް ސްކޫލްގައި ކިޔަވައިދޭނީ ވީޑިއޯ މެދުވެރިކޮށެވެ. ނަމަވެސް ކޮންމެ ކްލާސް ރޫމެއްގައި ވެސް ޓީޗަރުން ހާޒިރުވެ ތިބޭނެ އެވެ. ސެޓެލައިޓް ސްކޫލްތަކުގެ މައި ހަބެއްގެ ގޮތުގައި ބޭނުންކުރަމުން އައީ ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލެވެ. އޮންލައިންކޮށް ކިޔަވައިދޭނީ ވެސް އެ ސްކޫލުގެ ޓީޗަރުންނެވެ. ސެޓެލައިޓް ސްކޫލްގެ ކުދިން ބޭނުންވާ ކޮމްޕިއުޓަރު އަދި އިންޓަނެޓުގެ ހިދުމަތް ހަމަޖައްސާނީ ސަރުކާރުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެއްފަސް
08 October 2025
އާބާދީ ބޮޑު ބިން އޮތް ތަނަކަށް ބަދަލުވޭ. މާމިގިލި ތިއޮތީ ކައިރީގަ. 17 ކުދިންނަށް ކިޔަވައިދޭން 17 ޓީޗަރުންނެއް ނުލެވޭނެ
ހަލީފާ
07 October 2025
ހައްލަކީ މީހުން ދިރިއުޅޭ އެހެން ރަށަކަށް ބަދަލުވުން. 17 ކުދިންނަށް ގްރޭޑް 1 އިން 10 އަކަށް ކިޔަވާދޭން ކޮމްމެ މާއްދާ އަކުން ޓީޗަރުންލާފަ ބެހެއްޓުމަކީ ކުރެވޭނެ ކަމެއްކަމަކަށް ނުފެނޭ. މައްސަލައަކީ ސެޓެލައިޓް ސްކޫލިންގ އެއް ނޫން. ބެލެނިވެރިންގެ ބޯހަރުކަން. ދަރިންގެ ހައްގުގައި ކުރަންޖެހޭ ކަންކަން ކުރަން ބޭނުންނުވުން.
ޒަމާނުން
06 October 2025
އޮންލައިންކޮށް ކިޔަވައިދެވޭނީ ފެންވަރު ރަނގަޅު ޓީޗަރުންނަށް.
ހަސަނޭެ
06 October 2025
ހައްލަކީ ވަސީލަތްލިބޭ ރަށަކާ، ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުން. އެހެން ގައުމުތަކުވެސް ކޮންމެ ވިލެޖަކު ސުކޫލު ޔުނިވަރސިޓީ، އޮފީސް ކޮމްޕްލެސްތަކެއް ނުހުރޭ. ގަޑި 2 ގަޑިއިރުން ދުއްވާއެއްޗެއްގަ ދާގޮތަށް ހަމަޖެހިފަ އޮންނަނީ
އަހުމޭ
06 October 2025
ދެން ވީ އެންމެ 17 ކުދިންނައް 20 ޓީޗަރުންނާ، ހެޑްމާރސްޓަރ އެއް، 4 މަސައްކަތު މީހުންނާ، 2 ސުޕަރވައިޒަރުންނާ، އިދާރީ 5 މުއައްޒަފުންނާ ލައިގެން ސުކޫލެއް ހިންގަން. މަހަކަށް މިލިއަނެއް. މިއޮތީ ވާ ގައުމެއް. މަނަމަ ގާނޫނެއް ފާސްކޮށްގެން ވިޔަސް އެއްފަސް ކުރުވާނަން. މިކަމާ ހެދި ގައުމު ތަރައްގީ ނުވަނީ
ސީޒަން ޖެކްޝަން
06 October 2025
ދެން ތީގެ ހައްލަކީ ތިރަށް ހިއްކާ ދެގުނަކޮށްލުން. އެކަމަކު އަޑަށް ބާރުލާފާ ބުނާނެ ތިމަންނާ ތަރުހީބުދެނީ ރައްޔިތުން ބޮޑެތި ރަށްތަކަށް ބަދަލުވުމަށޭ.
ނޫނޭ ނޫނޭ އާބާދީ ބަދަލުނުކުރޭ
06 October 2025
އަދިވެސް ވީ ކޮންމެ ރަށެއްގަ ޕްރައިމަރީ ސްކޫލަކާއި ސެކަންޑަރީ ސްކޫލަކާއި ކޮލެޖެއް ހަދަން. ކޮންމެ ރަށެއްގައި ބަދަރަކާއި ތާޝަރީ ހޮޮސްޕިޓަލަކާއި ސްޓޭޑިއަމާއި ހުރިހާ ފެސިލިޓީއެއް ލިބޭ ގޮތަށް ހަދާ ދައުލަތުގެ ހަޒާނާ އެއްކޮށް ދުއްވާލަންވީ. މަދު އާބާދީ ރަށްތައް ގިނައާބާދީ ރަށްތަކަށް ބަދަލު ކުރާނެ ކަމެއް ނެތް. އަދި ކޮންމެ ރަށަކުންވެސް ރަށްވެހިކަން ބަދަލުނުވެވޭ ގޮތަށް ހަދައި ގޯތިތަކާއި ގެދޮރުވެސް އެހެން ރަށްރަށުގެ މީހުންނަށް ނުލިބޭގޮތަށް ހަދަންވީ.
މަހޫ
06 October 2025
އެންމެ 17 ކުދިން؟ ތިޔަ ރަށު މީހުން ވެއްޖެ އެންނު އެހެން ރަށަކަށް ބަދަލުވާން. މާމިގިއްޔައް ބަދަލު ވާން އެންގީމަވެސް ބޮޑާ ކަމުން ނުދިޔަ ބައެއް.
ދޯދޯ
06 October 2025
ހެޔޮނުވާނެ މިވަރުގެ ކުދި އާބާދީތައް މިހެންވިޔަސް ގެންގުޅޭ ގޮތަށް ރާއްޖެ ބައްޓަންކުރަން. މިފަދަ ކޮންމެ ރަށަކަށް ކުރާ ދެމެހެއްޓެނިވި ކަމެއް ނެތް ހޭދަތައް އެއްކޮށްލީމާ ވަސީލަތްތަކާ ފުރުސަތުތައް އޮތް ތަންތަނުގައި އެ ރަަށްރަށް އާބާދުކުރެވޭ. ދަރިންގެ ކިިޔެވުމާއި މުސްތަގުބަލު ހަލާކު ތިކުރަނީ ހަމަ އަމިއްލައަަށް
ބެލެނިވެރިއެއް
06 October 2025
ސެޓެލައިޓް ސްކޫލް ހުރަވީ ސްކޫލްގެ ބަދަލުގައި، އިސްކަންދަރު ޖޭއެސް އަމީނިއްޔާ ކަހަލަ މާލޭގެ ރަނގަޅު ސްކޫލަކަށް ބަދަލު ކުރަން ފެނޭ. އޭރުން ރަނގަޅު ނަތީޖާއެއް ފެނިދާނެ. ސަބަބަކީ ހުރަވީ ސްކޫލަކީ މާލޭ ސަރަހައްދުގަވެސް އެންމެ ނަތީޖާ ދަށް ސްކޫލް، ބައިމަދު ރަށްރަށު ސްކޫލްތަކުގަ ލީޑްކުރި ލީޑިން ޓީޗަރުންނާ މުޅިން އަލަށް ދާއިރާއަށް ވަދެފަ ތިބި ޓީޗަރުން ލީޑިން ޓީޗަރުންނަށް ތިބޭތީ ކަމަށްވެސް ވެދާނެ، އާއިލީ ޤަބީލާ ސްޓައިލަށް ހިންގާ ސްކޫލެއް ކަމަށް އަޑުއިވޭ.