ގަލްފް އެއާ އިން ވީއައިއޭގެ އާ ޓާމިނަލް ބޭނުންކުރަން ފެށުން ފާހަގަކުރުމުގެ ގޮތުން އެ އެއާލައިންގެ މަތިންދާބޯޓަކަށް ވޯޓާ ސެލިއުޓެއް ދެނީ ފޮޓޯ: އެމްއޭސީއެލް
07 އޮކްޓޯބަރ 2025 - 10:05
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލުން ގަލްފް އެއާ އަށް ވެސް ހިދުމަތް ދޭން ފަށައިފި އެވެ.
ގަލްފް އެއާއަށް ޓާމިނަލް އެކަކުން ހިދުމަތް ދޭން ފެށުން ފާހަގަކުރަން އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ޗެއާޕާސަން އަބްދުالله ގިޔާސްއެވެ. ގަލްފް އެއާގެ އެއާޕޯޓް މެނޭޖަރު މުހައްމަދު އަރުޝަދު މުހައްމަދު ނަވާސް އާއި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު އަދި އެމްއޭސީއެލް އާއި ގަލްފްއެއާގެ އިސް އެހެން އޮފިޝަލުން ވެސް ބައިވެރިވެވަޑައިގަތެވެ.
އެ ރަސްމިއްޔާތުގައި ގަލްފް އެއާއިން ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ ފްލައިޓުން ދަތުރުކުރި 77 ފަސިންޖަރުންނަށް ހަދިޔާ ދިނުން އޮތެވެ.
ގަލްފް އެއާއިން ދަތުރުކުރި ޕެސެންޖަރުން ވީއައިއޭގެ އާ ޓާމިނަލުގައި. ފޮޓޯ: އެމްއޭސީއެލް
އާ ޓާމިނަލަށް ކައިރި ކުރި ގަލްފް އެއާގެ ފުރަތަމަ މަތިންދާބޯޓު، ޖީއެފް-145 އަށް މަރުހަބާ ކިއުމުގެ ގޮތުން އެ މަތިންދާބޯޓަށް ވޯޓާ ސެލިއުޓެއް އެރުވި އެވެ. އަދި އެ ފްލައިޓުން ރާއްޖެ އައި ފަސިންޖަރުންނަށް ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކި އެވެ.
ގަލްފް އެއާއަކީ ބަހްރެއިންގެ ގައުމީ އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 27 އޮކްޓޫބަރު 2019ގަ އެވެ. ގަލްފް އެއާ އިން ބަހްރެއިން އާއި ރާއްޖެއާ ދެމެދު ދުވާލަކު އެއް ފްލައިޓް އަދި ރާއްޖެ އާއި ލަންކާއާ ދެމެދު ވެސް ދުވާލަކު އެއް ފްލައިޓް ބާއްވަ އެވެ.
ގަލްފް އެއާއިން ވީއައިއޭގެ އާ ޓާމިނަލް ބޭނުންކުރަން ފެށުން. ފޮޓޯ: އެމްއޭސީއެލް
ގަލްފް އެއާއަކީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ނުވަ ވަނަ އެއާލައިނެވެ. އަދި ޓާމިނަލް އެކަކުން ހިދުމަތް ދޭން ފެށި މެދުއިރުމަތީގެ ދެ ވަނަ އެއާލައިނެވެ.
ޓާމިނަލް އެކަކުން މިހާރު ހިދުމަތް ދޭ އެއާލައިންތަކަކީ މޯލްޑިވިއަން އާއި އެއާ އަރަބިއާ އާއި ބިއޯންޑް އާއި ފިޓްސް އެއާ އާއި ބެއިޖިން ކެޕިޓަލް އެއާލައިންސް އާއި ބަޓިކް އެއާ އާއި ބެންކޮކް އެއާވޭސް އަދި އިންޑިގޯ އެވެ.
އެމްއޭސީއެލް އިން ބުނީ އެ ކުންފުނީގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށް ވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސުރުޚީ
07 October 2025
ކޮންމެ ހަފްތާއަކު ސުރުޚީއެއް ހަދާލަންވާނެ
މުރާސިލް
07 October 2025
ތިޔަ އާޓަމިނަލް ތީ މިހާރު އަރަތަކަށެ ވެއްޖެކަމެކެވެ. ހުޅުވިތާ 4 މަސްވެގެން ދިޔަ އިރު، ރާއްޖެއަށް އެންމެ ގިނައިން ދަތުރުކުރާ އެއްވެސް އެއާލައިނެއްގެ ޚިދުމަތް އާޓާމިނަލަކުން ނުލިބެއެވެ. ސިންގަޕޯ އެއާލައިންސް، އެމިރޭޓްސް، ގަތަރު އެއާވެސް، ސްރީލަންކަން އެއާލައިންސް އަދި އިއްތިހާދު އެއާވޭސް ހިމެނެއެވެ. އެކަމަކު ސެޕްޓެމްބަރ މަސް ނިމުމުގެ ކުރިން ހުރިހާ އެއާލައިންތަކެއްގެ ޚިދުމަތް އާޓާމިނަލަށް ބަދަލުކުރާނެ ކަމަށްބުނެ، ކުރިން އެތައް ބައިސާއެއް ކެނޑިއެވެ.
މިހެންވެ
07 October 2025
2028 އަށް ހުޅުވާ ނިމޭގޮތަށް. އެއްފަހަރާ ހުޅުވީމަ ދެން ކުރާނެ ކަމެއް ނެތިފަ ސިޔާސީގޮތުން ވެއްދި ކުދިންކޮޅު ތިބެންޖެހިދާނެތާ.
ހެހެހެހެހެހެ
07 October 2025
އަދިވެސް އެއަރޕޯރްޓް ނުހުޅުވޭ ދެއްތޮ! ދެން ކުރިންދުވަހު ކޮންފޮނެއް އެއެރުވީ؟