ރައީސް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި އޭޖީ އުޝާމް ވާހަކަ ދައްކަވަނީ: އެއްވެ އުޅުމުގެ ގާނޫނަށް 2016 ގައި ގެނައި އިސްލާހު ބަދަލުކުރަން ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި. -- ފޮޓޯ | މިހާރު
15 އޮކްޓޯބަރ 2025 - 10:32
އެއްވެ އުޅުމުގެ ގާނޫނު އިސްލާހުކުރުމަކީ މި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ ކަމެއް ކަމަށާއި އެ އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް އެޓާނީ ޖެެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގަައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އުޝާމް ވިދާޅުވީ އެއްވެ އުޅުމުގެ ގާނޫނަށް ބަދަލުތައް ގެންނަން އެކުލަވާލާ ބިލު ރައްޔިތުންގެ މަޖިލީހަށް ވަރަށް އަވަހަށް ފޮނުއްވާނެ ކަމަށެވެ.
މީކާއިލް ސުވާލުކުރެއްވީ، އެއްވެ އުޅުމުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހު ގާނޫނުއަސާސީއާ ހިލާފު ކަމަށް އޭޖީ އުޝާމް ކުރިން ވިދާޅުވެފައިވާތީ، އެ ގާނޫނު ބާތިލްކުރުމުގެ އެއްވެސް ވިސްނުންފުޅެއް ގެންގުޅުއްވަންތޯ އެވެ.
"އާދެ، މި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނިފައި އޮތް ކަމެއް އެއްވެ އުޅުމުގެ ގާނޫނު އިސްލާހުކުރުމަކީ. އެހެންވީމާ އަޅުގަނޑުމެން އެ އިސްލާހު މަޖިލީހަށް ހުށަހަޅާނަން،" އުޝާމް ވިދާޅުވި އެވެ.
އެއްވެ އުޅުމުގެ ގާނޫނު ހަރުކަށިކޮށް، އެއްވެވޭ ތަންތަން މަދުވާ ގޮތަށް ގާނޫނު ބަދަލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި 2016 ވަނަ އަހަރެވެ. ވެރިކަމަށް އައިސް، ގާނޫނުއަސާސީއާ ހިލާފު އެ އިސްލާހު އުވާލާނެ ކަމަށް އެމްޑީޕީން ވަކާލާތުކޮށް އެ ޕާޓީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހަށް 2018 ގައި ހުށަހެޅި އެވެ. އެކަމަކު ފަހުން ވިސްނުން ބަދަލުވެ، ދައުރު ނިމުނުއިރު ވެސް އެމްޑީޕީން އެ އިސްލާހު އުވައެއް ނުލަ އެވެ.
އިހަވަންދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނަސީރުގެ ސުވާލަކާ ގުޅިގެން އޭޖީ ވިދާޅުވީ ގާނޫނުއަސާސީގެ ދެވަނަ ބާބުން ލިބިދޭ ހައްގުތަކަކީ ވަކި ހައްދެއް ނެތި ލިބޭ ހައްގުތަކެއް ނޫން ކަމަށެވެ. މެމްބަރު ނަސީރުގެ ސުވާލުގައި އޭނާ ކަންބޮޑުވުން ފާޅުކުރެއްވީ އެއްވެ އުޅުމުގެ މިނިވަންކަމާއި އަޑުގަދަ ކުރުމުގެ ހައްގު ގާނޫނުގައި ވަރަށް ފުޅާ ދާއިރާއެއްގައި ދީފައި ވިޔަސް ރާއްޖޭގައި، ހާއްސަކޮށް މާލޭގައި އެވަރަށް ޖާގަ ނޯންނަ ކަމަށް ވިދާޅުވެ އެވެ.
އޭޖީ ވިދާޅުވި ގޮތުގައި އެއްވެ އުޅުމުގެ ހައްގު ވެސް ބޭނުންކުރަން އޮންނަނީ އެހެން މީހުންގެ ހައްގުތަކަށް ރިއާޔަތްކޮށްގެންނެވެ.
"ފުރަތަމަ ކަމަކަށް އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ގާނޫނުއަސާސީގެ ދެވަނަ ބާބުން ލިބޭ ހައްގުތަކަކީ އެއްވެސް އިމެއް ނެތް ގޮތުގައި ހައްދެއް ނެތް ގޮތުގައި ލިބޭ މިނިވަންކަމެއް ނޫން ކަން. ގާނޫނުއަސާސީން ލިބޭ ކޮންމެ މިނިވަންކަމަކީ ވެސް އޭގެ ޒިންމާތަކަކާ މަސްއޫލިއްޔަތުތަކެއް އޭގައި އެކުލެވިގެންވާ ހައްގުތަކެއް،" އޭޖީ ވިދާޅުވި އެވެ.
"އެހެންވެގެން ގާނޫނުއަސާސީގައި އޮންނަނީ ދެވަނަ ބާބުގައި އޮންނަ ހައްގުތައް ގާނޫނެއްގެ ދަށުން، ގާނޫނެއްގައި ލިޔެގެން ހަނިކުރެވިދާނޭ."
އޭނާ ވިދާޅުވި ގޮތުގައި އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު އުފެއްދީ ވެސް އެ އުސޫލުންނެވެ.
އޭޖީ ވިދާޅުވީ އެއްވެވޭނެ ތަންތަން ސަރުކާރުން ކަނޑައަޅާ ގޮތަށް އެ ގާނޫނުގައި އޮތް މާއްދާ އިސްލާހުކުރަން މަޖިލީހަށް ހުށަހަޅާނެ ކަމަށާއި އެހެން ނަމަވެސް އިސްލާހުކުރާނީ ރާއްޖެއާ ގުޅޭ ގޮތަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މިއައު
15 October 2025
އެއްވެސް ހަމައެެއްލަމައެއްނެތި ކެބިނެޓުން ބޭނުންވާ ބަޔަކަށް ޕްރޮޖެކްޓް އެވޯޑު ކުރުން އޯކޭ؟ އެކަމު މިކަން މިވަނީ ވަރަށް ގޯސް ކަމަކަށް
ހަސަން ހަބީބް
15 October 2025
މިދިޔަ އެއްވެސް ބަޔެއް ނެތް މިސަރުކާރުހާ އެއްވެ އުޅުމުގެ މިހާ ބޮޑު މިނިވަން ކަމެއް ދީފައި
ލަދުު
15 October 2025
"އެއްވެ އުޅުމުގެ ގާނޫނު ހަރުކަށިކޮށް، އެއްވެވޭ ތަންތަން މަދުވާ ގޮތަށް ގާނޫނު ބަދަލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި 2016 ވަނަ އަހަރެވެ. ވެރިކަމަށް އައިސް، ގާނޫނުއަސާސީއާ ހިލާފު އެ އިސްލާހު އުވާލާނެ ކަމަށް އެމްޑީޕީން ވަކާލާތުކޮށް އެ ޕާޓީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހަށް 2018 ގައި ހުށަހެޅި އެވެ. އެކަމަކު ފަހުން ވިސްނުން ބަދަލުވެ، ދައުރު ނިމުނުއިރު ވެސް އެމްޑީޕީން އެ އިސްލާހު އުވައެއް ނުލަ އެވެ." މީކާއީލޫ.. ސުވާލުކުރަން ލަދު ކޮބާ؟
މިހާރޯ
15 October 2025
މިހާރު ބާރުއޮތީ ކޮންބައެއްގެ އަތުގައި.
ސަސި
15 October 2025
މިހާ ހިސާބަށްދާއިރު ކުރާކަމެއް ނިމިފަ އޮންނަންވާނީ. ބިލް ޑްރާފްޓްކުރަން 2 އަހަރު، މަޖިލީހުގަ ދިރާސާކުރަން 3 އަހަރު.
ބާޠިލު
15 October 2025
ގާނޫނު އަސާސީގައި އޮންނާނެ ގާނޫނުތައް ހަދަންވާނީ ގާނޫނު އަސާސީން ދީފައިވާ ހައްގުތައް ހަނިނުވާގޮތަށް ކަމަށާއި އެއާއި ޚިލާފަށް ހަދާ ގާނޫނުތައް ބާޠިލުވާނެކަމަށް.
މުލޭ
15 October 2025
ގާނޫނު އިސްލާޙް ކުރިިޔަސް ކުރަންވާނީ ތިޔަ އެއްވުމަަށްދާން ބޭނުން ނުވާ މީހާގެ ޙައްގު ހިމާޔަތް ކުރެވޭގޮތަށް. ރަށުތެރޭގައި ހިނގާބިގާވެ އުޅުމާއި ވެހިކަލް ދުއްވުންފަދަ ކަންކަން ކުރެވެން ވާނެ. ރައްޔިތުން ހިންގާ އިޤްތިސާދީ ޙަރަކާތްތަކަށް ބުރޫ އަރައިގެން ނުވާނެ. އަޑުގަދަވެ ގޭގޭގައި ތިބޭ މީހުންނަށް އުނދަގޫ ވެގެން ނުވާނެ. މިކަންކަމަަށް ރިޢާޔަތްކޮށް އެއްވެ އުޅުމުގެ ކަންކަން ކުރެވޭނެ ތަންތަން ކަނޑައަޅައި އެތަންތަނަށް އެކަނި އެއްވެވޭ ގޮތަށް އޮންނަންވާނީ.
ލކލކލކ
15 October 2025
ވެރިކަން ކުރުމުގެ ނިޒާމްތަކުގެ ތެރެއިން މިހާރު އެންމެ ކަމުނުދާ ނިޒާމެއް ކަމުގައި ގަބޫލުކުރެވެނީ ޑިކޮމްރަސީ. އޭގެ ސަބަބުން ގައުމުތަކުގައި ހުޅުޖެހުމާ ކޮރަޕްޝަން އިންތިހާއަށް ދަނީ. މިހާރު އެންމެ ރަނގަޅު ނިޒާމަކީ، ޗައިނާއާ ރަޝިޔާގެ ވެރިކަން ކުރުމުގެ ނިޒާމް. ދުނިޔޭގެ ކުރިއަރަމުންދާ ގައުމުތަކުން މިހާރު ވެރިކަން ކުރުމުގެ ނިޒާމަށް ބަދަލުގެނައުމުގެ މަސައްކަތްތައް ދަނީ ކުރަމުން. ރާއްޖޭގައިވެސް އެރޮނގުން ހޭލުންތެރިކުރަންވެއްޖެ.