ހުޅުމާލޭގެ ކެފޭއެއް: ހުޅުމާލޭގެ މަގުތަކުގެ ދުވާރުމަތީގައި ބަހައްޓާފައި ހުރި ގޮނޑިތަކާއި މޭޒުތައް ނަގަން ވަނީ އަންގާފައި --- ފޮޓޯ/މިހާރު
17 އޮކްޓޯބަރ 2025 - 19:50
ހުޅުމާލެ މަގުތަކުގެ ދުވާރުމަތީގައި ކެފޭތަކުން ބަހައްޓާފައި ހުރި ގޮނޑިތަކާއި މޭޒުތައް ނަގަން އެޗްޑީސީން އަނެއްކާވެސް އަންގައިފި އެވެ.
އެޗްޑީސީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭ ދުވާރުމައްޗާއި ހެޖުތެރޭގައި ގޮނޑި އާއި މޭޒު ބަހައްޓައިގެން ހިދުމަތް ނުދޭން މިދިޔަ އޮގަސްޓު މަހު އެންގި ނަމަވެސް، އަދިވެސް ގިނަ ކެފޭތަކަކުން އެކަން ކުރަމުންދާ ކަމަށެވެ.
މަގު ބޭނުންކުރާ މީހުންނަށް ދަތިވާ ގޮތަށް ދުވާރުމަތީގައި ގޮނޑި އާއި މޭޒު ބަހައްޓައިގެން ވިޔަފާރި އުސޫލުން ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށް އެޗްޑީސީން ބުންޏެވެ.
ދުވާރުމަތީގައި ބަހައްޓާފައި ހުރި ގޮނޑި އާއި މޭޒުތައް އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ނެގުމަށް އެޗްޑީސީންގެ އިއުލާނުގައި ވަނީ އަންގައިފަ އެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭގެ ހެޖުތެރޭގައި ބިޔަވާ ޒާތުގެ ގަސްތައް އިންދާފައި ހުރުމުގެ ސަބަބުން މަގުތަކަށް ޖަމާވާ ފެން ހިންދުމަށް ދަތިވެ، މަގުތަކުގައި ފެންބޮޑުވުމާއި ތާރުގަނޑު ހަލާކުވުން ފަދަ މައްސަލަތައް ވެސް ކުރިމަތިވަމުންދާ ކަމަށެވެ. އެހެންވެ، އެ ގަސްތައް ނެގުމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ އަންގައިފަ އެވެ.
ދީފައިވާ މުއްދަތުގެ ތެރޭގައި ދުވާރުމަތިން ގޮނޑިތަކާއި މޭޒުތައް އަދި ހެޖުތެރޭގައި އިންދާފައި ހުރި ގަސްތައް ނުނަގައިފިނަމަ، އެޗްޑީސީން އެ ތަކެތި ނަގާނެ ކަމަށް ވެސް އެ ކޯޕަރޭޝަންގެ އިއުލާނުގައި ބުނެފައިވެ އެވެ. އަދި އެ މަސައްކަތުގެ ތެރެއިން އެ ތަކެއްޗަށް ލިބޭ ގެއްލުމަކަށް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޟިޒް
25 October 2025
މި ގޮނޑި ނުނެގޭ.އަދިވެސް މަގުމަތީ ގައި އެބަހުރި
ޖޫސްތަށި
19 October 2025
ބައްލަވަ! ގަވައިދާ ހިލާފުވީމަ ގޮނޑިތަކާ މޭޒުތަކާ ހަމަ ވަގުތުން ނަގާ ނީލަމަށް ލާބަލަ. ކޮން ވަގުތެއް ދޭކަށް؟؟؟؟؟؟
އަހުމަދު މުހައްމަދު އަލީ
18 October 2025
އަބަދު މަނާކަމެއްކަން އަންގާލަ އަންގާލަ ތިބުމަށް ވުރެ ރަނގަޅު ގޮތެއް ނެތީ ތޯ ؟ އެގޮތަށް ބަހައްތާފަ ހުއްޓާ ފެނިއްޖެއްޔާ 5000 ރުފިޔާ ޖޫރިމަނާ ނަގާފަ ތަކުރާރުކޮށް އެކަން ކުރާނަމަ ވިޔަފާރި ބަންދު ކުރާ ވަރުވެއްޖެ ނޫންތޯ ؟
އަސީލް
18 October 2025
ތީ ކޮންމެ ވޯޓަކަށް ރައްޔިތުންނަށް ޖަހާ ޖޯކެއް. މުޅި ހުޅުމާލެ އެއޮތީ އައްޑާއަކައްވެފަ. ސިގިރެޓް ދުމުގަ ނުޖެހި ސުލޫކަށް ދެވޭ ކުއްޖަކު މަދުވާނެ. ރެހެންދި ސުކޫލުކައިރި އެ އިންނަ އޭޑީކޭ ފާރމާސީދޮއް ނިކަން ދެކިލާ. ބަލިމީހާ ބޭސް ގަންނަންވެސް ވަންނަން ޖެހޭނީ ދެމޭޒު ދުރުކޮއްލާފަ. ހިނގާ މީހުން ހިނގުން ޖެހެނީ މަގުން މި މީހުންގެ މުސީބާތް ބޮޑު ކަމުން
ބާދަގަނޑު
18 October 2025
ފިސާރިބޮޑުއަދަދަކުން ޖޫރިމަނާ ކޮށްބަލަ. ޖޫރިމަނާ ނުދައްކަނީސް އެތަނުގައި ވިޔަފާރި ކުރުމުގެ ހުއްދަ އެއްވެސް ފަރާތަކަށް ނުދީބަލަ. އޭރުން ތިކަންނިމޭނެ. އަދި ނުވިތާކަށް އިމާރާތުގެ ވެރިފަރާތްވެސް ޖޫރިމަނާކޮށްބަލަ.
އަރަތެއް01
18 October 2025
އަޅެ މީ އަރަތެއްތަ؟ ދޭތެރޭން ދޭތެރޭން މިކަލަ "ނީ ޖާރކް ރިއެކްޟަން" ތަންފިޒީ އިދާރާތަކަށް އަންނާތީ - ދަރިން ބޮޑުވަމުން އަންނައިރު ހަމަ މަގަށް އަޅުވަން މައިން ބަަފައިން އެކުދިން 18 -20 އަހަރު ވަންދެން ކުރެވޭ މަސައްކަތެކޭ އެއް ފަދައިން ދައުލަތުގެ މުވައްސަސާ ތައްވެސް ރައްޔިތުންނަށް ހަދާންކޮށްދީ، އަދަބު ދީ ތަކުރާރުކޮށް ކޮށްގެން މިގެން ހަމަޔަކަށް އެލޭނީ!!
އަހުސަން
18 October 2025
ހުޅުމާލޭ މަގުތަކުގައި ބޭނުންކުރާވެހިކަލްތަކަށްވުރެ ބޭނުންނުކުރާ ވެހިކަލްތައްވެސް މާގިނަހެން ހީވަނީ.
މުނިސިޕަލް
18 October 2025
އެޗްޑީސީ އަކީ މުނިސިޕަލް ކައުންސިލުތޯ. ހުޅުމާލެ 1 އަށް އަދި ހުޅުމާލެ 2 އަށް ވަކި ކައުންސިލެއް ބޭނުން. މާލޭ މޭޔަރުގެ ދަށުން ބެލޭނެކަމަކަށް ނުފެނޭ. އެޗްޑީސީއަކީ ޑިވެލޮލްމަންްޓް ކުންފުންޏެއް. މުނިސިޕަލް ބޮޑީއެއް ނޫން.
ރަމްޒު
18 October 2025
އަޅުގަނޑު ހިތަށްއަރާ، ދުވަސް ދުވަސްކޮޅުންތޯ ޤާނޫނާ ޤަވާއިދުތައް ތަންފީޛުކުރަނީ. މިއީވެސް ކުރިން ހަމަ ކުރިކަމެއް. އަނެއްކާ ބޮއްސުންލައިގެން ދިޔައީމަ ޤަވާއިދު ހިރަފުސްފޮޅާފަ މި ނިކުންނަނީ. ގައިމު ހަރުކަށި ފިޔަވަޅު އަޅާނަމަ ލާހިކެއްނޫން ތިކަންކުރަންވެސް. މިކަން އެކަންޏެއް ނޫން. ޕާކްކުރުމާކަންކަން ވެސް ވަނީ މިހެން. ދުވަސްކޮޅަކުން ފުލުހުން އިއުލާން ކޮށްލާނެ މާދަމާ ވެހިކަލް ނަގާނަމޭ. ޖެހިގެން އަންނަ ދުވަހު ހުރިހާ ވެހިކަލް އޮންނާނެ ހުޅުމާލޭގަ ޕާކްކޮށްފަ
އަބްޑޫޅް +
18 October 2025
ޙޫމް.
ދަމަކުން ބަޑިއެއްޖަހައިގެން ނުހުއްޓުވޭނެ
18 October 2025
ތިގޮތަށް އަހަރަކު 1 ފަހަރު ތިކަން ކޮށްގެން ހައްލެއް ނުވާނެ. ތިތަންތަނުން ދަރިންގޮވައިގެން ހިނގާފަ ދެވެން ނޯވެ. ޖާގައެއް ނޯވެ. ހަޔާތްގޮވާ ހަޑިހުތުރުބަހުން ވާހަކަ ދައްކާ މަޖާވެގެން ޒުވާބުކޮށް، ދުފާ ކުޅުތަޅާ ސިނގިރޭޓް ދުން ބުރުވާ ކުނިއަޅާ...މިހެންގޮސް ކިޔާނެކަމެއްނެތް. ބައެއްފަހަރު ހީވޭ އެޗް.ޑީ.ސީ އިން ކުރުވާ ކަމެއް ހެން. ކީއްވެތޯ ކޮންމެ ދުވަހަކުވެސް ތަކެތި ނުނަގަނީ. އަހަރަކު 1 ފަހަރު އަދި ކުރިއަށް އިންޒާރުދީފަ އަޅާ ފިޔަވަޅު ބޭކާރު. ނުހުއްޓުވޭނެ