ފުލުހުންގެ ހިދުމަތް އެންމެ ފަހުން ގާއިމްކުރީ ރަސްގެތީމުގައި. ފުލުހުންގެ އަމިއްލަ އިމާރާތްތަކުގައި ރަށްރަށުގައި ހިދުމަތް ދޭން މިހާރު އަންނަނީ ތައްޔާރުވަމުން.
ލ. މުންޑޫ ޕޮލިސް ސްޓޭޝަންގެ އަމަލީ މަސައްކަތް ފަށަން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ބައިވެރިވެވޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
22 އޮކްޓޯބަރ 2025 - 09:37
މި އަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވި ގޮތަށް، ރާއްޖޭގެ ހުރިހާ ރަށެއްގައި އިއްޔެގެ ނިޔަލަށް ފުލުހުންގެ ހިދުމަތް ގާއިމް ކޮށްދީފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ އިއުލާން ކުރައްވައިފި އެވެ.
އެ މަނިކުފާނު ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގަމުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި ވިދާޅުވީ، މުޅި ރާއްޖޭގައި ފުލުހުންގެ ހިދުމަތް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން އެންމެ ފަހުން އެ ހިދުމަތް ގާއިމްކުރީ ރ. ރަސްގެތީމުގައި ކަމަށެވެ.
"މިއަދު ހަވީރު 5:15 އިން ފެށިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގާއިމްވެ ތިބޭ ފުލުހުންގެ ހިދުމަތް ވަނީ ގާއިމްކޮށް ނިމިފައި. 5:15 ގައި ރ. އަތޮޅުގެ ރަސްގެތީމުގައި އަޅުގަނޑުމެން ފުލުހުންގެ ހިދުމަތް ގާއިމް މި ކުރީ،" ރޭގެ ބައްދަލުވުމުގައި ރައީސް އިއުލާން ކުރެއްވި އެވެ.
ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމްކޮށް މި އަހަރުގެ ނިޔަލަށް ނިންމާނެ ކަން ރައްޔިތުންގެ މަޖިލިހަށް މި އަހަރު އެ މަނިކުފާނު އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާނެ އެވެ.
ލ. ގަމުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
"އެހެންވީމާ ﷲ އިރާދަކުރެއްވީތީ އޭގެ ގާތްގަނޑަކަށް ދެ މަސް ކުރިން އެ ކަން އަޅުގަނޑުމެން ކޮށް ނިންމިގެން މި ދިޔައީ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އެ މަނިކުފާނު ނޮވެމްބަރު 17، 2023 ގައި މަގާމުގެ ހުވާކުރެއްވިއިރު ފުލުހުންގެ އަމިއްލަ އިމާރާތެއްގައި ހިދުމަތް ދެމުން އައީ އެންމެ 17 ރަށުގައި ކަމަށެވެ. އެކަމަކު، ފުލުހުންގެ އަމިއްލަ އިމާރާތެއް ހެދުމުގެ އަމަލީ މަސައްކަތް މިހާރު ވެސް 63 ރަށެއްގައި ކުރިއަށް ގެންދާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އޭގެ އިތުރަށް ސޮއިކުރެވި، އަމަލީ މަސައްކަތް ފެށުމަށް ތައްޔާރު ވެފައިވާ 36 ރަށާ އެކީގައި ޖުމުލަ 99 ރަށުގައި މިހާރު ފުލުހުންގެ އަމިއްލަ އިމާރާތް ހެދުމުގެ މަސައްކަތް އެ ދަނީ ކުރިއަށް. އަދި ހަމަ އެއާ އެކީގައި މި މަހުގެ ތެރޭގައި، ބާކީ މި އޮތް ކުޑަދުވަސްކޮޅުގެ ތެރޭގައި އަދި އިތުރު 39 ރަށުގައި ފުލުހުންގެ އަމިއްލަ އިމާރާތް އެޅުމުގެ މަސައްކަތް އަޅުގަނޑުމެން އެބަ ހަވާލުކުރަން އެކި ފަރްތަކާ،" ރައީސް ވިދާޅުވި އެވެ.
"މާނައަކީ 138 ރަށުގައި މި އަހަރު ނިމޭއިރުގައި ފުލުހުންގެ އިމާރާތް އެޅުމުގެ އާ މަޝްރޫއުތައް ހިނގަމުންދާނެއޭ."
ލ. މުންޑޫ ޕޮލިސް ސްޓޭޝަންގެ އަމަލީ މަސައްކަތް ޕޮލިސް ކޮމިޝަނަރު ނަވީން އިއްޔެ ފައްޓަވައި ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މި ސަރުކާރުގެ އަމާޒަކީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ އަމިއްލަ އިމާރާތް މި ދައުރު ނިމޭއިރު ގާއިމްކޮށްދީ ނިންމުމެވެ. އަދި އެ ކަން ހާސިލް ކުރާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވި އެވެ.
ރައީސް ވިދާޅުވީ، މި ސަރުކާރުން ގަބޫލު ކުރަނީ ފުލުހުންގެ ހިދުމަތަކީ އަސާސީ ހިދުމަތެއްގެ ގޮތުގައި ކަމަށާއި އެ ހިދުމަތް ރަނގަޅު ފެންވަރުގައި ދެވެން ޖެހޭނެ ކަމަށެވެ. އެކަމަކު، އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ފުލުހުންގެ ހިދުމަތް އެއްވެސް ވަރަކަށް ނެތް 66 ރަށް އޮތް ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖާމިންސް
23 October 2025
ބޭކާރު ބައެއް. ރަށުތެރޭގައި ކުރާ ހުރިހާ ގޯސްކަމެއްގައި ބައިވެރިވޭ. ކުށްވެރިން ހިމާޔަތްކުރޭ. ކަޑަ ބައެއް
ކޮސް
22 October 2025
ހުރިހާ ރަށަކާއި ހުރިހާ ގެއެއްގާ ފުލުހން ބޭތިއްބިއަސް , ފައދާއެއްވާނީ , ފުހުހުންގެ ޤާބިލްވެ ޚިދުމަތް ދެވިގެން.އެހެންނޫނީ އެއީ ދައުލަތުން މާލިއްޔަތަށް ބޮޑު ގެއްލުމެއް. އަނެއްކާ އެޚިދުމަކީ އިދިކޮޅު ޕާޓީތަކުގެ ފަހަތުން ނުދުވެ, ފުލުހުން މިނިވަންވެގެން މަސައްކަތްކޮށްގެން.
އަޙްމަދު
22 October 2025
އަދި މިރަށުގައި ޚިދުމަތް ދޭން ފެށިކަމެއް އަޅުގަނޑަކަށް ނޭނގޭ.
ބަކުރުު
22 October 2025
ކަލެއަށް ނޭގޭ ކޮންމެކަމަކީ އެއީ ނުކުރާކަމަކަށް ވާނެތަ؟
ޖީހާން މުހައްމަދު
22 October 2025
ބަޔަކު ބުނާނެ ކުއް އިތުރުވާނެޔޭ މިވެރިކަން އައިއްސި ނަމަ. އެކަމަކު ފެނިގެން މިދަނީ ދިމާ އިދިކޮޅު. ކުއް ހުއްޓުވަންވެސް ސަރުކާރުން ބޮޑެތި ކަންކަން ކުރާތަން މިފެންނީ.
އާދިލް ހަލީމް
22 October 2025
ރަނގަޅު ކަމެއް. ހަމަ ގައިމުވެސް ކުއް މަދުވެގެން ދާނެ މީގެ ސަބަބުން.
އައިމަން ހަލީމް
22 October 2025
ރައީސް މުއިއްޒްއަކީ ހުސް ވައުދު ވާނެ ވެރިޔެއް ނޫންކަން މިދަނީ ފެނިގެން. މިކަންވެސް މިއީ ބަލާލީމަ ފެނޭ އެމަނިކުފާނުގެ ވައުދެއް ކަން.
ޑރ ވާންޗޯ
22 October 2025
ތިޔަވިދާޅުވީ ކޮންމެ ރަށެއްގަވެސް ޕޮލިސް ސްޓޭސަންގެ ނަންބޯޑު ޖަހާފަ ތަނެއްހުރި ވާހަކަތޯ؟.