މަސާޖު ޕާލާގެ ނަމުގައި މާލޭގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ ތަންތަން ހުއްޓުވަން ސަރުކާރުގެ ފޯކަސް ވަރުގަދަކޮށް މި މަހު ނުވައެއްގައި ފެށި އޮޕަރޭޝަނުގައި މިހާތަނަށް 96 ތަނެއް ބަންދުކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުއްދަ ނަގާފައިވާ ވިޔަފާރީގެ ބަދަލުގައި ފާހިޝް އަމަލުތައް އެ ވިޔަފާރީގެ ނަން ބޭނުންކޮށްގެން ހިންގަމުންދާ މަސާޖު ޕާލާތައް ބަންދު ކުރުމަށް މި މަހު ފެށި އޮޕަރޭޝަންގެ ދަށުން މިއަދާ ހަމަޔަށް 96 މަސާޖު ޕާލާ ބަންދުކޮށްފައިވާ ކަމަށެވެ.
"މިފަދަ ތަންތަން ހިނގަމުންދަނީ މިފަދަ ތަންތަނުގެ ބޭނުންހިފާ ފަރާތްތައް ތިބުމުން ކަމީ ހިތާމަޔާ އެކީ ގަބޫލުކުރަން ޖެހޭ ހަގީގަތެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މުޖުތަމައުއިން ފާހިޝް ކަންތައްތަކާއި މުންކަރާތްތައް މަދުކުރެވޭނީ އަދި މުޖުމަތައުގެ ހާލަތު ބަދަލު ކުރެވޭނީ އާންމުންގެ ނިޔަތާއި އަމަލާއި ހިޔާލުތައް އެފަދަ ކަންކަމުން ދުރުވެގެންނެވެ.
ރައީސް ކުރިން ވިދާޅުވި ގޮތުގައި، އެ އޮޕަރޭޝަނުގައި ބައެއް ބިދޭސީން ހައްޔަރުކޮށް، އެމީހުން ޑީޕޯޓްކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. އެ މަސައްކަތްތައް ކުރަނީ ރާއްޖެއަކީ ހުރިހާ މާނައެއްގައި ވެސް "ސާފު" ތަނަކަށް ހެދުމުގެ ބޭނުމުގަ އެވެ.
ރައީސް ވިދާޅުވީ އެ އޮޕަރޭޝަން ފަަށައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެހާ ރަނގަޅު ނަތީޖާއެއް ނެރެވުނީ ރައްޔިތުން ދިން ހިޔާލަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އެޅުމުން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ބަލައިގަނެ، އެ އޮންނަ އުސޫލުގެ ތެރެއިން މައްސަލަތައް ހައްލު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މުޖުތަމައުގައި ހުރި މި ކަހަލަ މައްސަލަތަކާ ގުޅޭ ގޮތުން ރައްޔިތުން ހުށަހަޅާ ހިޔާލުތައް އެ މަނިކުފާނު ނަންގަވަނީ "ވަރަށް ޕޮޒިޓިވް ނޯޓެއް"ގައި ކަމަށް ރައީސް ވިދާޅުވި އެވެ.