ޓޫރިސްޓުންތަކެއް ލޯންޗަށް އަރަނީ. މިއަހަރު ގެންނަން ކަނޑައަޅާފައިވާ ޓާގެޓު ހާސިލުވާނެ ކަމަށް ނުބެލެވޭ -- ފޮޓޯ: މިހާރު
22 އޮކްޓޯބަރ 2025 - 12:23
މި އަހަރު ގެންނަން އަމާޒުކުރި ޓޫރިސްޓުންގެ އަދަދު ހަމަކުރަން، ކުރިއަށް އޮތް ދެ މަހު ހަ ލައްކަ ޓޫރިސްޓުން ގެންނަންޖެހޭނެ ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އައީ 1.7 މިލިއަން ޓޫރިސްޓުންނެވެ. މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން އެންމެ މުހިއްމު އަމާޒެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ އަހަރު ނިމޭ އިރު 2.3 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ގެނައުމެވެ.
މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުން ކުރިއަށް އޮތް ދެ މަހު، ކޮންމެ މަހަކު އެންމެ މަދުވެގެން ގާތްގަނޑަކަށް ތިން ލައްކަ ޓޫރިސްޓުން ގެނެސްގެން ނޫނީ އަމާޒަށް ވާސިލެއް ނުވާނެ އެވެ. އެކަމަކު އެއީ މިހާތަނަށް އެއް މަސްތެރޭ ރާއްޖެއަށް ޓޫރިސްޓުން ގެނެވުނު އަދަދެއް ނޫނެވެ. މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައި ކަމުގެ ރެކޯޑް އޮތީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އެއީ 217،000 އެވެ.
މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ، ޖެނުއަރީ މަހު އެވެ. އެއީ 214،000 އެވެ.
މި މަހު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ މު މުއްދަތާ އަޅާބަލާއިރު ގާތްގަނޑަކަށް 10 ޕަސެންޓު އިތުރެވެ. އެ ރޭޓުން ކުރިއަށް އޮތް ދެ މަހުގެ ޓޫރިސްޓުން އިތުރުވި ނަމަވެސް، އަންނަ މަހު ރާއްޖެއަށް އަންނާނެ ކަމަށް ބެލެވެނީ ގާތްގަނޑަކަށް 190،000 ޓޫރިސްޓުންނެވެ. އަދި ޑިސެމްބަރު މަހު އަންނާނެ ކަމަށް ބެލެވެނީ ގާތްގަނޑަކަށް 225،000 ޓޫރިސްޓުންނެވެ. އެ އަދަދުން ބަލައިފި ނަމަ، އެންމެ ގިނަވެގެން ވެސް ކުރިއަށް އޮތް ދެ މަސް ތެރޭ ރާއްޖެއަށް ގެނެވޭނީ ހަތަރު ލައްކައެއްހާ ޓޫރިސްޓުންނެވެ.
އެހެންވެ، މިހާރު ޓޫރިސްޓުން އަންނަ ޓްރެންޑަށް ބަލައިގެން ހިސާބު ހަދާ ނަމަ، މި އަހަރު ނިމޭ އިރު އެންމެ ގިނަވެގެން ވެސް ރާއްޖެއަށް އަންނާނެ ކަމަށް ބެލެވެނީ 2.1 ޓޫރިސްޓުންނެވެ. އެއީ ޓާގެޓަށް ވުރެ ދެ ލައްކަ ދަށް އަދަދެކެވެ. އަދި ބަޖެޓު ފޮތުގައި ލިޔެފައިވާ ޓާގެޓަށް ވުރެ 100،000 މަދު އަދަދެކެވެ.
ޓޫރިޒަމް ދާއިރާ ޕްރޮމޯޓު ކުރުމަށް މި އަހަރު ކަނޑައަޅާފައި އޮތީ 154 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓު ދެ ގުނަ ބޮޑުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިޒިޓް މޯލްޑިވްސް އިން އަހަރު ފެށުނު އިރު ބުންޏެވެ. ނަމަވެސް ބަޖެޓު އިތުރުކޮށްފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރައްޔިތުމީހާ
22 October 2025
ސީރިއަސް ވެގެން ގައުމު ހިނގާނި. ރަށްރަށަށް ދަތުރު ކުރިއަސް ނުވާނެ. ވާހަކަ ގިނަކުރުން ނޫންކަމެއް ނެތް. އަމަލު ސުމެއް
ލަތީ
22 October 2025
ޓާގެތެއް ހާސިލެއްނުވާނު ތިބުނާ ޓުވަރިސްޓުން އަންނަ އިރު ބޮޑުވަށިގަނޑުލީ ބައިސްކަލަކާ ބޮޑުވަށިގަނޑުލީ ސައިކަލެއްވެސް ހުންނަނަނީ އެމީހުނަށް ހަމަޖެހިފަ އަދި ތިލަފުސީގަ ވަޒީފާވެސް ރިކޯޑުން ދައްކަނީ ޓުވަރިސްޓުން ކަމަށް
ކިރުސައި 2.0
22 October 2025
ކޮވިޑަށް ފަހު ޓާގެޓަށް ނުދެވޭ ފުރަތަމަ ފަހަރަށް 2025 މިވީ. މަރުހަބާ ދިވެހީންގެރާއްޖެ.
އަފްރާސިޔާބު
22 October 2025
ޓާގެޓަށް ނުދެވުނު ކަމުގައިވިއަސް ލިބުނު ޑޮލަރު އިތުރުވެފައިވަނީ. ޓާގެޓެއް ކޮންމެހެން މުހިންމެއްނޫން. ބޭނުންވަނީ ޑޮލަރު. އެމް.އޭ.ސީ އެލްއަށް މިއަހަރު މިހާތަނަށް ރެކޯޑް އަދަދަކަށް ޑޮލަރު ލިބިފައިވޭ.