ުސުޕްރީމް ކޯޓް: ތިން މީހެއްގެ ޕީއެޗްޑީ ސެޓްފިކެޓް ގަބޫލުކުރަން އެންގި ހުކުމް އެ ކޯޓުން ވަނީ ބާތިލްކޮށްފައި --- ފޮޓޯ/މިހާރު
26 އޮކްޓޯބަރ 2025 - 20:37
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ގަބޫލު ނުކުރަން ނިންމާފައިވާ ރާއްޖެއިން ބޭރުގެ ޕީއެޗްޑީ ކޯހެއްގެ ސެޓްފިކެޓް ގަބޫލުކުރަން ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
ފިލިޕީންސްގެ ކޮލެޖަކުން ސަނަދު ލިބޭ ގޮތަށް ސްރީލަންކާގެ ކޮލެޖަކުން ތިން މީހަކު ހެދި ޕީއެޗްޑީ ގަބޫލު ނުކުރަން އެމްކިއުއޭއިން 2021 ވަނަ އަހަރު ނިންމި މައްސަލާގައި ހައި ކޯޓުން މިދިޔަ އަހަރު ހުކުމްކުރީ އެ ތިން މީހުންގެ ސެޓްފިކެޓް ވެސް ގަބޫލުކުރަން ޖެހޭނެ ކަމަށެވެ. އެއީ އެ ކޯސް ގަބޫލު ނުކުރާނެ ކަމަށް އެމްކިއުއޭއިން އެންގީ އެ މީހުން ކިޔަވަން ފެށިފަހުން އެމްކިއުއޭއިން އަމަލުކުރަން ފެށި އުސޫލަކަށް ބިނާކޮށްގެން ކަމަށްވާތީ ކަމަށް ހައި ކޯޓުގެ ހުކުމުގައި ވެ އެވެ.
އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެ ކޯސް ބަލައިގަންނާނެ ކަމަށް އެމްކިއުއޭއިން ކުރިން އަންގާފައިވީ ނަމަވެސް އޭރު އެގޮތަށް އަމަލުކުރީ ބަލަންޖެހޭ މިންވަރަށް ބެލުމެއް ނެތި ކަމަށެވެ. އަދި ބަލަންޖެހޭ މިންވަރަށް ބެލުމެއް ނެތި އެމްކިއުއޭއިން ދޫކުރި ލިޔުމަކަށް ބިނާކޮށް އެ ސެޓްފިކެޓް ގަބޫލުކުރަން އަމުރު ނުކުރެވޭނެ ކަމަށް އެ ހުކުމުގައި ވެ އެވެ. އަދި އެމްކިއުއޭއިން ގާނޫނީ އިމުން ބޭރުން ފޮނުވި ލިޔުމަކާ އެއްގޮތަށް އަމަލުކުރަން އަމުރު ނުކުރެވޭނެ ކަމަށް ހުކުމުގައި ވެ އެވެ.
ނަމަވެސް އޭގެ ތެރެއިން އެކަކު ޕީއެޗްޑީ ކޯސް ފަށާފައިވަނީ އެ ކޯސް ގަބޫލު ކުރާނެކަމުގެ ލިޔުމެއް އެމްކިއުއޭއިން ދޫކުރުމުން ކަމަށްވާތީ އެ ކޯހުގެ ސެޓްފިކެޓް ގަބޫލު ނުކުރުމުން އޭނާއަށް ގެއްލުމެއް ލިބިފައިވާނަމަ އޭގެ ބަދަލު އެމްކިއުއޭއިން އެ މީހާއަށް ދޭން ޖެހޭނެ ކަމަށް އެ ހުކުމުގައި ވެ އެވެ. ނަމަވެސް ދެން ތިބި ދެ މީހުންނަށް އެފަދަ ލިޔުމެއް ދޫކޮށްފައި ނުވާތީ އެ މީހުންނަށް ބަދަލު ދޭން ނުޖެހޭނެ ކަމަށް އެ ހުކުމުގައި ވެ އެވެ.
އެ ކަންކަން ފާހަގަކޮށް، ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ އެ މީހުންގެ ޕީއެޗްޑީ ސެޓްފިކެޓް ގަބޫލުކުރަން ކުރި ހުކުމް ބާތިލްކުރާ ކަމަށެވެ. އަދި އޭގެ ތެރެއިން ދެ މީހަކަށް ބަދަލު ދޭން ނުޖެހޭނެ ކަމަށާއި ނަމަވެސް ތިން ވަނަ މީހާއަށް ބަދަލު ދޭންޖެހޭތީ ބަދަލުގެ މިންވަރު ކަނޑައެޅުމަށް ހައި ކޯޓަށް އެ މައްސަލަ ތަހުވީލުކުރީ ކަމަށް އެ ހުކުމުގައި ވެ އެވެ.
ސުޕްރީމް ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު އަބްދުﷲ ހަމީދެވެ. އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝަހީދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަނިޔާ
27 October 2025
އެމްކިއުއޭ ގެ ތައްގަނަޑާއި ގޮތްމުށުގެބާރަކީ ކޮލިޓީ ދައްކާއެއްޗެއްނަމަ ގައުމުގައި ތިބި ޑިގްރީތާކިހާތަކުގެ ފެންވަރެއްހުންނަަނެ.
ސާރިދޯޅު ބުނި ރަދާފާ ރަދީފު
27 October 2025
ބަލަގަ. ތިޔަ ޖެހުނީ ކޮންތާކު؟ ކަލޭމެންނަށް އެނގޭތަ 1500 ރުފިޔާއަށް އެސައިންމަންޓު ހަދުވައިގެން، އޭގެ ޕްރެސެންޓޭޝަން އެހެން މީހަކު ލައްވާ ހަދުވައިގެން، ތީސީސް އަށްް 50000 ރުފިޔާ ދީގެން އެހެން މީހަކު ލައްވާ ހަދުވައިގެން، ތޮފި އަޅަން އިނގިރޭސިވިލާތަށް މިގައުމުގެ މީހުންގޮސް، އެ ސެޓްފިކެޓް ގެނެސް އެމްކިއު އޭއަށް ލައިގެން އެކްރެޑިޓްކޮށްގެން ވަޒީފާ އަދާކުރާ މީހުން އުޅޭކަން. އެމޫ، ކިޔޫ، އޭ އޭ އޭ!
ވަނަވަރުއަ
27 October 2025
މަރުހަބާ ސީނިއަރ ސުޓޭޓޫ އެޓޭނީ ލޫތު، ސީވީ ލިޔާއިރު ވަކާލާތުކޮށް ކާމިޔާބުކުރި މައްސަލަތަކުގެ ލިސްޓުގައި މިމައްސަލަ ހިމަނާތި
3މީހުން
27 October 2025
އެ ތިން މީހުންނަށް ގައުމީ ޕީއެޗްޑީ ދީފަ ތިކަން ނިންމަން ވެއްޖެނުން. ނޫނީ ނަމުގެ ކުރިޔަށް ޑރ ދީ ނަންބަދަލުކުރަން
ސަމީ
27 October 2025
ދައުލަތުގެ ވަކީލު އައިސް މިބުނަނީ އިންސާފުވެރި ނިންމުމެއް ނިންމައިދޭށޭ، ދެން ފަނޑިޔާރު އަމިއްލައަށް ގާނޫނީ ބަހުސެއް ފެނޭތޯ ބަލާފައި ފެނުނު ގޮތަކަށް މިނިންމެވީ، ނަސީބަކުން ދައުލަތަށް ދެރަނުވާގޮތަކަށް ނިމިފައި މިއޮތީ، ލޫތު މުހަންމަދަށާއި އޭޖީއަށް ސަލާން، ތިޔައީވެސް ހަމަ ވަކާލާތުކުރުން އެހެން ނޫންތޯ؟
އުނބުށޭމު
27 October 2025
ފެންވަރެއް ނެތަސް ގަނެގެންވެސް ސެޓިފިކެޓް ހޯދަން މުހިންމުމިވަނީ ސިވިލް ސާރވިސް އުފެދުމާއެކުހެން އުވާލެވުނު ސެޓިފިކެޓް އެލަވަންސް އަނެއްކާވެސް ދައުލަތުގެ ގިނަ އިދާރާތަކުން ތަޢާރަފްކުރުމުންނެވެ. ކުރިޔާ ޚިލާފަށް މިހާރު މަގާމުތަކަށް ޝަރުޠުހަމަވަނީ ސެޓިފިކެޓަށް ބިނާކޮށްކަމަށްވާތީ މިހާރު އިތުރަށް ސެޓިފިކެޓަށް އެލަވަންސް ދޭންޖެހޭ ސަބަބެއް ނެތެވެ. އޭގެ ސަބަބުން ލާރިދީގެން އެސައިންމަންޓް ހެދުންފަދަ ކަންކަން އާންމުވުންނޫންކަމެއް ނުވެއެވެ.
ސެން-ޒާ
27 October 2025
ދަށުކޯޓުގައި ދައްކަން ފުރުސަތުލިބި ނުދެއްކި ވާހަކައަކަށް މަތީ ކޯޓުން ރިއާޔަތްކުރި ހަމަޔެއް މިމައްސަލާގައި ނުފެނުނު، ސުއޫދުމެން ތިއްބެވިއިރު ގާނޫނީ ހަމަ ދައްކަވާ ގާނޫނީ އުސޫލުތައް ލިޔުއްވާ، މިހުކުމް ބޮޑަށް ވައްތަރީ ނޫހެއްގައި ރިޕޯޓަރަކު ލިޔާ ރިޕޯޓަކާ
ލާފްމް
27 October 2025
ރަގަޅު ނިންމުމެއް.. ސިރިލަންކާ އިން ވެސް އެއް ޕީއެޗްޑީ ގަބޫލެއް ނުކުރޭ. ޑރ. ކުރިޔަށް ލާހިތުން ޕީއެޗްޑީ ވެސް ގަންނަނީ.
ހިމް
27 October 2025
ކިޔަވަންވީ ސެޓްފިކެޓު ގަބޫލުކުރޭތޯ ނުކުރޭތޯ ޝައްކުނުވާ، ދުނިޔޭގެ ހުރިހާ ތަނަކުންވެސް ގަބޫލުކުރާ ފެންވަރު ތަންތަނުން. ކޯޓުން ގަދަކަމުން ސެޓްފިކެޓު ގަބޫލުކުރުވިޔަސް އެންމެންނަށް ވެސް އެބަ އެނގޭ މިހާރު ދިވެހިން މިކިޔަވާ ތަންތަނުގެ ފެންވަރާއި ސެޓްފިކެޓު ހޯދާ ގޮތް.
ކޮސްކޮ
27 October 2025
އެމްކިއުއޭ ކެމްބްރިޖް ޔުނިވަރސިޓީވެސް ރިޖެކްޓްކުރޭ. އެވިޑްކަހަލަ ތަންތަނުން ކިޔަވާ.
ބަރު ބާދު
26 October 2025
ކޯޓު ތަކުގައި ތިބެނީ ކުޑަ ކުޑަ ޒުވާނުން! ހުކުމް ކުރުމުގައި މުޖުރިމަކު ދޫކޮށްލަން ވެސް ފަހަތަކަށް ނުޖެހޭ؟ ބަންދު ކުރި ބޭފުޅާ ހުކުމް ކުރަމުން ދިޔައީ ފެންފޮދެއްހެން