ސިޔާސީ އެއްވެސް މީހަކު އަޅުގަނޑުމެންނަށް ގުޅަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ: އާޝާން
އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އާޝާން އާއި އެކުންފުނީގެ އިސްވެރިން -- ފޮޓޯ: މަޖިލީސް
05 ނޮވެމްބަރ 2025 - 12:21
ތަފާތު ސަބަބުތަކާ ގުޅިގެން ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) ގެ މުވައްޒަފުންނަށް އެ ކުންފުނީގެ މެނޭޖުމަންޓުން ފިޔަވަޅު އަޅާތީ، އެ ކަންކަން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލިހުގެ މެންބަރުން ނުގުޅުއްވުމަށް މެނޭޖިން ޑިރެކްޓަރު ފާތިމަތު އާޝާން މަޖިލިހުގެ ކޮމިޓީއެއްގައި މިއަދު އެދިވަޑައިގެންފި އެވެ.
އެމްޕީއެލްގެ އޮޕަރޭޝަންތަކަށް ބޭނުންވާ ޑީސަލް ގަތުމުގެ މުއާމަލާތްތަކާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް މާލިއްޔަތު ކޮމިޓީން ބޭއްވި ބައްދަލުވުމުގައި މެންބަރުން ކުރިމަތި ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އާޝާން ވިދާޅުވީ، އެފްއެސްއެމްގެ ހާލަތު ރަނގަޅު ކުރުމަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ މެންބަރުންގެ ފޯނު ކޯލުތަކާއި "ރިކުއެސްޓްތައް" ކަމަށެވެ. އެހެންވެ، ކުންފުނީގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި މެންބަރުންގެ އެއްބާރުލުން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އާޝާން ވިދާޅުވީ، އެކި މައްސަލަތަކުގައި މުވައްޒަފުން ވަކި ކުރަން ޖެހިއްޖެ ހާލަތްތަކުގައި ވެސް ނުވަތަ މައްސަލަ ފުލުހުންނަށް ހުށަހަޅާ ހާލަތްތަކުގައި ވެސް އެކަން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލިހުގެ މެންބަރުން ގުޅުއްވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރުގެ ކުންފުނިތައް ހިންގަން ތިއްބަވާ ބޭފުޅުންނަށް ސިޔާސީ ފަރާތްތަކުން ގުޅަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އަދި ނަޒާހަތްތެރިކަމާ އެކު، ކަންކަން ކުރުމަށް ހުރިހާ އެންމެން ވެސް އެއްބާރުލުން ދޭން ޖެހޭ ކަމަށް އެމްޑީ ވިދާޅުވި އެވެ.
އެފްއެސްއެމްގެ އެމްޑީ އާޝާން. އޭނާ ވިދާޅުވީ، ނަޒާހަތްތެރިކަމާ އެކު ޒިންމާ އަދާކުރުމަށް ސިޔާސީ މީހުން ފުރުސަތު ދޭން ޖެހޭ ކަމަށް -- ފޮޓޯ: އެފްއެސްއެމް
"އެހެންވީމާ އެއްވެސް ބޭފުޅަކު އަޅުގަނޑުމެންނަށް ނުގުޅުއްވާށޭ، އަޅުގަނޑުމެން ވަޒީފާ އިން މީހަކު ވަކި ކުރަން ބޭނުންވާ ހިނދަކު. ނޫނީ ޕޮލިހަށް އެ މައްސަލަ ހުށަހަޅަން ބޭނުންވާ ދުވަހަކު އެއްވެސް ބޭފުޅަކު އަޅުގަނޑުމެން ދެމީހުންނަށް މެސެޖެއް ވެސް ނުކޮށްލިއްޔާ އަޅުގަނޑުމެންނަށް ރަނގަޅީ،" ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އަރިހުގައި ދެން އިންނެވި އެފްއެސްއެމްގެ ސީއޯއޯ މުހައްމަދު މުރާދަށް އިޝާރާތް ކުރައްވަމުން އާޝާން ވިދާޅުވި އެވެ.
"އެއީ އަޅުގަނޑުމެން ދެމީހުންނަކީ ކުންފުނި ހިންގަން ތިބޭ މީހުން. ސިޔާސީ އެއްވެސް މީހަކު އަޅުގަނޑުމެންނަށް ގުޅަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ."
ސަރުކާރުގެ ކުންފުނިތަކުގެ މިފަދަ މައްސަލަތައް ހައްލުކޮށް، ހަރުދަނާ ކަމާ އެކު ހިންގޭނީ ސިޔާސީ މީހުން ނުފޫޒު ފޯރުވުން ހުއްޓާލުމުން ކަމަށް ވެސް އާޝާން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކަންކަން މިދަނީ ރަނގަޅު ކުރަމުން. އަޅުގަނޑުމެން މީހަކު ކަނޑާލަން ބޭނުންވާ ހިނދެއްގައި ކަނޑާލެވޭ ގޮތަށް ކަންކަން، މި މޭޒުވާށާ ތިއްބެވި ހުރިހާ ބޭފުޅުން އަޅުގަނޑުމެންނަށް އެހީތެރިވެގެންނޭ އެކަން ކުރެވޭނީ. އަޅުގަނޑުމެން މީހަކު ކަނޑާލަން ކޮމިޓީއަކުން ނިންމީމަ ނޫނީ ޗިޓު ދޭ ހިސާބުން އެއްވެސް ބޭފުޅަކު ނުގުޅީމައޭ އެކަން ތަންފީޒު ކުރެވޭނީ،" ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާ ގުޅޭ ގޮތުން އެފްއެސްއެމްގެ އެމްޑީ ވިދާޅުވި އެވެ.
ކެލާ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުﷲ ޝަރީފު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އާޝާން ވިދާޅުވި ގޮތުގައި، އޭނާގެ އެކައުންޓަކަށް ކޮރަޕްޝަންގެ ފައިސާއެއް ނުވަންނާނެ އެވެ. އެހެންވެ، ހިސާބުތައް ދައްކަވަން ތައްޔާރު ކަމަށް ވިދާޅުވެ ޖަވާބު ދެއްވި އެވެ.
ޝަރީފު ވިދާޅުވީ، އެފްއެސްއެމްގެ ވަޒީފާތަކަށް އާދަޔާ ހިލާފު ޑިމާންޑްތަކެއް އޮންނަ ކަމަށާއި ވަޒީފާ ބޭނުންވެގެން މެންބަރުންނަށް ވެސް އެތައް ބަޔަކު ގުޅާ ކަމަށެވެ.
ޝަރީފުގެ ސުވާލަކަށް ވީ 15،000ރ.-30،000ރ. ގެ މުސާރަ ލިބޭ މުވައްޒަފުން އެފްއެސްއެމްގައި ތިބޭއިރު، ކުއްލިއަކަށް ބޮޑު މުއްސަނދިކަމެއް ހޯދުމުން އެ ކަންކަން ހުއްޓުވުމަށް ކުންފުނިން އެއްވެސް މަސައްކަތެއް ނުކުރަނީ ކީއްވެތޯ އެވެ.
މާލިއްޔަތު ކޮމިޓީގެ މެންބަރު -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އަފްޝަން ދެއްކެވި ވާހަކަ އަށް ރައްދު ދެއްވަމުން ހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު ޑރ އަހުމަދު ޝަމްހީދު ވިދާޅުވީ، މެންބަރުން ގުޅުއްވަން ޖެހެނީ، އެފްއެސްއެމްގެ ވަޒީފާތަކަށް އެހާ ޑިމާންޑު އުފެދިފައި އޮތުމުން ކަމަށާއި އެކަން ހުއްޓުވަން ކުންފުނިން މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.
"ޑިމާންޑް ހުއްޓުވައިފިއްޔާ، ވައްކަން ކޮށްގެން ކޮންމެ ހަފުތާއަކު ލިބޭ ލާރި ހުއްޓުވައިފިއްޔާ އަޅުގަނޑުމެންނަށް ހީއެއް ނުވޭ އެ ތަނުން ކުއްޖަކު ވެސް ގުޅާނެ ހެންނެއް މި ތަނުން [މަޖިލިސް މެމްބަރުން] ބޭފުޅަކަށް ވެސް. މެންބަރުންނާ ދިމާލަށް އިނގިލި ދިއްކުރުމަކީ އެހާ ރަނގަޅު ކަމެއް ނޫން. ޑިމާންޑް ކްރިއޭޓް ކުރަނީ ތިބޭފުޅުން. ތިބޭފުޅުންގެ އޮޕަރޭޝަނަކުން ތެޔޮ ލީކްވަނީ، ވިޔަފާރިއަށް ގެއްލުންވަނީ،" އާޝާން އަށް ރައްދު ދެއްވަމުން ޝަމްހީދު ވިދާޅުވި އެވެ.
މިކަމާ ގުޅޭ ގޮތުން ކޮމިޓީގެ ނައިބު މުގައްރިރު އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމު ވިދާޅުވީ، މެންބަރުން އެފްއެސްއެމްގެ އިސްވެރިންނަށް ގުޅުއްވި ނަމަވެސް އެ ކުންފުނީގެ އުސޫލުތަކުގެ ބޭރުން ކަންކަން ނުކުރައްވަން އެދިވަޑައިގަންނަވާ ކަމަށެވެ.
"އިސްތިއުފާ ދީފައި ގެއަށް ވަޑައިގަންނަން ޖެހޭ ހާލަތެއް މެދުވެރިވި ނަމަވެސް ގޯހުން އެކަން ކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ނުކުރުން އަޅުގަނޑުމެން އެދެނީ. އެ ލެވެލްގައި މަސައްކަތް ކޮށްގެން ނޫނީ މިކަންކަން އިސްލާހެއް ނުކުރެވޭނެ،" ސަލީމް ވިދާޅުވި އެވެ.
އެމްޕީއެލްގެ މުވައްޒަފުންތަކެއް ބައިވެރިވެގެން ހިންގި ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން އާޝާން ވިދާޅުވީ، ބާޖުތަކަކީ ޒަމާންވީ އުޅަނދުތަކަކަށް ވާތީ އޭޓީޖީ ސިސްޓަމްތައް ބެހެއްޓުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރަން ޖެހޭ ކަމަށެވެ. އެހެންވެ، އެ ކަމަށް 300،000ރ. ހަރަދުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު، ގަދަ ކަނޑުތަކުގައި ދަތުރުކުރާ އުޅަނދުތަކުގައި އެ ސިސްޓަމް ބެހެއްޓުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ބާޖުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށް އެމްޑީ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގެނެރަލް
06 November 2025
ތެލުން ކުރާ ވައްކަން ހުއްޓުވަން މަސައްކަތް ކުރާތީ އަސްސަރި ބަހާއި ސާބަސް! މިކަން ކުރުމައް ތެޔޮވިއްކުމުގައި މަކަރުހާދާ ކޮރަޕްސަން ހިނގާ މުވައްޒަފުނަށް ކަމާބެހޭފަރާތައް ހަވާލު ކުރަންޖެހޭ!
ފުލި
06 November 2025
މީހުން އަނގަ ގޮއްވަން ނޫޅެބަލަ. މެންބަރުން ގުޅީމަ ބުނާނީއެެއްނު އެމީހުންގެ އަމުރަކަށް ތަބައެއް ނުވެވޭނެއޭ...އެހާ ހިސާބުން އެކަން އެ ނިމުނީއެއްނު.. މިހާރު ތިބުނާ ގޮތުން ހީވަނީ މެންބަރުންގެ ރިކުއެސްޓުތައް އެބޭފުޅުން ބަލައިގަންނާތީހެން ތަނުގެ ހާލަތު ބޮއްސުންލައިގެން ގޮސްފައި ތިޔަ އޮތީ
ވޯލް
06 November 2025
މިއީ ބަލާ ތަހިޤީޤްކުރަންޖަހޭ ވަރުގެ ކަމެއް.
ސަމްސިއްޔާ
06 November 2025
"އެކަމަކު، ގަދަ ކަނޑުތަކުގައި ދަތުރުކުރާ އުޅަނދުތަކުގައި އެ ސިސްޓަމް ބެހެއްޓުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ." އަވަހަށް އިސްތިއުފާދީފަ ގެއަށް ވަޑައިގަންނަވާ. ކަމަނާއަކަށް ތިކަމެއް ނުވާނެ. ބަލަ ދުނީގެ ކަނޑުތައް މަޑީތަ؟؟ ރާއްޖޭގެ ކަނޑުތައްތަ ގަދައީ؟؟
ހައްހައްހާ
05 November 2025
އާޝާނު ތި ޖެއްސީ ޝަޅި ސްޓޯރީއެކެވެ. ހުރިހާ ވައްކަމެއް ކުރަނީ މެމްބަރުންގެ ސަބަބުން އެހެންވީމަ މެނޭޖްމެންޓަށް ކުރެވޭނެ ކަމެއް ނެތޭ ކިޔާފަ ތިބީމަ ނިމުނީ ދޯ؟ އޭޓީޖީ ސިސްޓަމާއި ކެމެރާ ހަރުކުރަން އުޅޭ ވާހަކަ ދައްކާތާ ވީދުވަހެއް ނޭގެއެވެ. މިކަންވެސް ނުކުރެވިގެން އުޅެނީ މެމްބަރުންގެ ސަބަބުން ތޯއެވެ؟ މަޖުލީހުން މިކަން ކުރަން އެންގީމަވެސް އެކިއެކި ބަހަނާ ދައްކައިގެން މިކަން ނުކޮށް މިތިބެނީ ކީއްވެތޯ؟ ނާގާބިލީ ތޯ ނުވަތަ އެކަން ކުރަން ބޭނުން ނުވަނީތޯ؟
މުހައްމަދ
05 November 2025
މެމްބަރުން ގުޅަނީ އެމީހުން ބޭނުންވާ ގޮތައް ކަންކަން ކުރެވޭތީއެވެ. ވަޒީފާއިން ވަކިކުރަނީ ނިކަމެތި މީހާއެވެ. ތިބުނާ މެމްބަރުގެ މީހާއަށް ވަޒީފާއިން ވަކިކުރި ޗިޓް ދީފަ ފަހަތުން އެބަލާ ދަނީވެސް ހަމަ ތިބޭފުޅުންނެވެ. އާޝާނު އެފްއެސްއެމްގެ ވެރިޔަކަށް އައްޔަންކުރުމުން ތިތަނުގެ ހާލަތު ބަދަލުވާނެކަމަށް އުއްމީދު ކުރެވުނު ނަމަވެސް އާޝާނު މުރާދު ގެނައުމުން ކަންހިގާނެ ގޮތް ސާފުވިއެވެ. ތި ވަރަށް ރަގަޅަށް ރޭވިގެން ހިންގޭ ކަމެކެވެ. ..މ ވެރިކަމެކެވެ.
ޢެޑްމުންޑޯ
05 November 2025
ކާމިޔާބު ކޮންމެ ޖަރީމާއެއްގެ ފަހަތުގައި މަޖްލިސްގެ މިންބަރެއްގެ އަތެއްވާނެ
ދިއްދޫމީހާ
05 November 2025
ފާތިމަތު އާޝާން ގާތު އަހާލާބަލަ ކަމަނާ ކިތައް މެމްބަރުންނަ ގުޅިންތޯ؟މެމްބަރުންވެސް ގުޅަނީ ކަމަނާވެސް ގުޅާތީ
މަބުނީ
05 November 2025
ކުންފުނިތަކުގަ އުސޫލުތައް ހަދާފަހުއްޓާ ޗުއްޓީ ހަމަޖައްސަންވެސް މެމްބަރުލައްވާ ގުޅާފާނެ.
ސައިބޯނި
05 November 2025
ފުރަތަމަކަމަކީ ރަންގަޅު ފެންވަރުގެ ބާޖުނެތުން މިހާ ތިމާވެށި ނާޒުކު ތަނެއްގައި ސިންގަލްހަލް ބާޖު ހުރީ ތެލުގެ ފެނަވަރު ބަލާ ލެވެން ސަރުކާރުގެ ލެބްއެއް ނެތް، ކޮންމެ ފަދަ އެއްޗެއް އެތެރެވިއަސް ނޭގޭ، މީޓަރު މިނާނެ މުއައްސަސާއެއް ނެތް، ތެލުގެ ކުލަވެސް ކަނޑައެޅިފަނެތް،، ދެން ކޮން ހާ ހާސަރެއް
ޭބޮކި
05 November 2025
އެއްކަލަ ނޭނގޭ ވާހަކަ ދައްކަނީއޭ.. ތެލުގަ ފެންވަރު ބަލާނެ ލެބޯޓަރީއެއް ހުރޭ އެސްޓީއޯގަ.. ގަލްފު ގައުމު ތަކުން ފިއުލް ކިޔަވައިގެން އައިސް މަސައްކަތް ކުރާ ޓެކްނީޝަނުން އެބަތިބި.. ރާއްޖޭގަ ވިއްކާ ތެލަކީ ކޮލިޓީ ރަނގަޅު ތެޔޮ.. މީޓަރު މިނާ ކޭން ތަކަކީ ޓުރޭޑް މިނިސްޓރީން ކެލިބުރޭޓް ކޮއްފަ ސީލް ޖަހާފަ ހުންނައެއްޗެތި.