ހުރިހާ ކުންފުންޏަކުން ވެސް ތިން އަހަރުގެ އޮޑިޓް ރިޕޯޓް ހުށަހެޅި ކަމަށް ރައީސް ވިދާޅުވި.
ތަރައްގީގެ 206 މަޝްރޫއުތަކުގައި މިއަދު ސޮއިކުރުމަށް ފަހު، އެ 53 ކުންފުނީގެ އޮފިޝަލުންނާ އެކު ރައީސް މުއިއްޒާއި ދައުލަތުގެ ބައެއް ވެރިން ގުރޫޕް ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: ރައީސް އޮފީސް
06 ނޮވެމްބަރ 2025 - 12:25
ތަރައްގީއާ ގުޅޭ 206 މަޝްރޫއެއްގައި ސަރުކާރުން މިއަދު ރާއްޖޭގެ އަމިއްލަ ކުންފުުނިތަކާ އެކު ސޮއިކޮށް ރެކޯޑެއް ގާއިމް ކޮށްފައިވާއިރު، މަސައްކަތުގެ އުޖޫރައަށް ވާ ފައިސާ ދިނުމުގައި އެއްވެސް މައްސަލައެއް ނުޖެހޭނެ ކަމަށާއި އަމަލީ މަސައްކަތް މިއަދުން ފެށިގެން 21 ވަރަކަށް ދުވަހުގެ ތެރޭގައި ފަށަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ބާސެލޯ ނަސަންދުރާގައި ބޭއްވި ހާއްސަ ހަފުލާގައި ވަނީ 206 މަޝްރޫއުއެއް ކޮންޓްރެކްޓަ ފައިނޭންސްގެ އުސޫލުގެ ދަށުން ދިވެހި ކުންފުނިތަކާ މިއަދު ހަވާލުކޮށްފަ އެވެ.
އެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ، ތަފާތު 53 ކުންފުންޏާ 206 މަޝްރޫއެއް މިއަދު ހަވާލު ކޮށްފައިވާއިރު، އޭގެ ނަތީޖާއަކީ ރާއްޖޭގެ އިގުތިސާދު ފުޅާވެ، އިގުތިސާދަށް ދިރުން އައުން ކަމަށެވެ. ހާއްސަކޮށް އިމާރާތް ކުރުމުގެ ދާއިރާ ކުރިއަރައިގެން ދިއުން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
"ޕޭމަންޓުގެ ފައިސާ ލިބުމުގައި އެއްވެސް ކަހަލަ ތާށިކަމެއް ނާންނާނެ މަޝްރޫއުތަކެއްގައި މި ސޮއިކުރެވިގެން ދިޔައީ. އާންމުކޮށް ސަރުކާރުގެ ތެރެއިން ފައިސާ ދޫކުރުމުގައި އެ އަންނަ ދަތިތަކުގެ ތެރެއިން އެ އަންނަ ޑިލޭތައް އެއްވެސް ވަރަކަށް ނާންނާނެ. މަސައްކަތްތައް ބަރާބަރަށް އެގްރީމަންޓުގައިވާ ގޮތަށް ކުންފުނިތަކުން ކުރަމުން ގެންދާނެ. ކުރުމަށް މަޖުބޫރުވާނެ،" ރައީސް ވިދާޅުވި އެވެ.
ސަރުކާރުން މިއަދު އަމިއްލަ ކުންފުނިތަކާ ހަވާލުކުރި މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރި ބައެއް ކުންފުނިތަކުގެ ވެރިން، ސޮއިކުރި އެއްބަސްވުންތަކާ އެކު ފޮޓޯއަކަށް ހުއްޓިގެން.--- ފޮޓޯ: ނިޝާން އަލީ| މިހާރު
އެ މަނިކުފާނު ތަކުރާރުކޮށް ވިދާޅުވީ، އެ ކުންފުނިތަކުން މަސައްކަތް ކުރުމަށް ފަހު ފައިސާ ހޯދަން ހުށަހެޅުމުން ސަރުކާރުން ބަރާބަރަށް ފައިސާ ދޫކުރާނެ ކަމަށެވެ. އަދި އެއީ "ވަރަށް ހަލުވި ދުވެލީގައި" އަދި "ވަރަށް އެފިޝަންޓުކޮށް" ކުރިއަށް ގެންގޮސް ނިންމާލެވޭނެ މަޝްރޫއުތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، މި މަޝްރޫއުތައް ހިންގަން ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުގެ ތެރެއިން ވެސް އެ ކުންފުނިތަކަށް އެއްބާރުލުން ދޭނެ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ 206 މަޝްރޫއު މިއަދު ހަވާލުކުރި ހުރިހާ ކުންފުންޏަކުން ވެސް ތިން އަހަރުގެ ދުވަހުގެ "އޮޑިޓެޑް ފައިނޭންޝަލް ސްޓޭޓްމަންޓް" ހުށަހެޅި ކަމަށެވެ.
އެ ކަމަށް ބާރު ދެއްވަމުން ރައީސް ވިދާޅުވީ، އެ ސްޓޭޓްމަންޓު ހުށަހަޅައިގެން ނޫން ގޮތަކަށް އެ އިން އެއްވެސް ކުންފުންޏަކުން މިއަދު ސޮއިކުރި މޭޒާ ހަމައަށް ވެސް ނާދެވުނު ކަމަށެވެ. ހާއްސަކޮށް މި މަޝްރޫއުތައް ހަވާލު ކޮށްފައި ވަނީ މާލިއްޔަތުގެ ގާނޫނުގެ ތެރެއިން ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
"އަދި އޭގެ އިތުރަށް ވެސް މި ކަމަށްޓަކައި ބޭންކުން ބޭނުންވާ ހުރިހާ އިޖުރާތްތަކެއް ފުރިހަމަނުކޮށް މި ތަނުގައި ސޮޔަކާ ހަމައަށް ގެނެވިފައެއް ނުވޭ. އެހެންވީމާ ވަރަށް ރަނގަޅަށް ހިންގަމުން އައިސްފައިވާ ވަރަށް ރަނގަޅަށް ހިނގަމުންދާ ވަރަށް ނަތީޖާ ރަނގަޅު ވަރަށް ރަނގަޅު މެނޭޖުމަންޓު ޓީމެއް އޮތް، މެނޭޖު ކުރަމުންދާ ކުންފުނިތަކަކުން މަސައްކަތްތަކާ މި ހަވާލުވީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ތަރައްގީގެ 206 މަޝްރޫއުތަކުގައި މިއަދު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވީ، ތަފާތު 13 ރަށެއްގައި 825 ހައުސިން ޔުނިޓް އަޅަން މިއަދު ސޮއިކުރި ކަމަށާއި ދާދި އަވަހަށް މާލެ ސަރަހައްދުގައި ވެސް ގެދޮރުވެރިކަމުގެ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ކުރިއަށް އޮތް ދިރާސީ އަހަރު ފަށާއިރު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އޭސީ ހަރުކުރުމަށް އެ މަނިކުފާނު އިއުލާން ކުރައްވާފައިވާ "ކޫލް ސްކޫލް ޕްރޮޖެކްޓް" ގެ މަސައްކަތްތައް ވެސް ވަނީ މިއަދު ބަޔަކާ ހަވާލުކޮށްފައި ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އެ މަނިކުފާނު ވިދާާޅުވި ގޮތުގައި، ސްކޫލްތައް އޭސީ ކުރުމަށް ބޭނުންވާ ބަދަލުތައް ގެނައުމާއި ސާމާނު ގެނައުން ފަދަ ކަންކަމެވެ.
ތަރައްގީގެ 206 މަޝްރޫއުތަކުގައި އެއްފަހަރާ ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒާއި ފިނޭންސް މިނިސްޓަރ ޒަމީރު އަދި ސަރުކާރުގެ ބައެއް އެހެން ވެރިން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
"އެހެންވީމާ ވަރަށް ގިނަ ކަންކަން އެއްފަހަރާ ހާސިލް ކުރެވޭ ގޮތަށް، ކަންކަން ކުރެވޭނެ ގޮތްތައް ތަރުތީބު ކޮށްގެން މި ކުރަނީ ކޮން ކަމެއް ކަން ރައްޔިތުންނަށް ސާފުކޮށް އެނގޭ ގޮތަށް، ވަރަށް ޕްރޮފެޝަނަލްކޮށް، ދެފުށް ފެންނަ ގޮތަށް ގާނޫނާއި ގަވާއިދާ އެއްގޮތަށް ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދޭ ގޮތަށް ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ޒިންމާދާރުކަމާ އެކީގައި އަދާކުރުމުގެ ފުރިހަމަ ނިޔަތުގައި، އަޒުމްގައި މި މަސައްކަތްތައް މުޅި ސަރުކާރު ގުޅިގެން ކުރިއަށް މި ގެންދަނީ،" ރައީސް ވިދާޅުވި އެވެ.
ތަރައްގީގެ 206 މަޝްރޫއުތަކުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ސަރުކާރުގެ ބައެއް އިސް މުވައްޒަފުން.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، މިއަދުން ފެށިގެން 21 ވަރަކަށް ދުވަހުގެ ތެރޭގައި މަސައްކަތް ފަށަން އެއްބަސްވުންތަކުގައި ވާނީ ހިމަނައިފަ އެވެ. އެ ތާރީހަށް މަސައްކަތްތައް ފެށުމަށްޓަކައި ބޭންކު ތެރެއިންނާއި ފިނޭންސް މިނިސްޓްރީން ފުރިހަމަ ކޮށްދޭންޖެހޭ ކަންކަން ދާދި އަވަހަށް ކޮށްދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެހެންވީމާ ކުރިއަށް އޮތް 21 ވަރަކަށް ދުވަހުގެ ތެރޭގައި އަޅުގަނޑަށް ޔަގީން ރަށްރަށުގައި ފެނިވަޑައިގަންނަވާނެ، މި 123 ރަށުގައި މި ކަމަށްޓަކައި މަސައްކަތްތައް ފެށިގެންދާތަން ވެސް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގައުމާއިގެން ކުރިޔަށް
09 November 2025
އެމްޑީޕީޣޭ މަގުސަދަކީ މަސްރޫއުތައް ހުއްޓުވުން، މަސްރޫއުތައް ހިނގައިފިއްޔާ 2028 އެމްޑީޕީއަށް ލިބުން ދަތިވެދާނެ ކަމަށް، އެކަމަކު މިހެން ކަން ކުުރުމަކީ ތަރައްޤީއަށް ހުރަސް އެޅުން
މުރާދު98
07 November 2025
ކުރިން ހަވާލުކޮށްފަ ހުރި ޕްރޮޖެކްޓުތައް އަލުން ވެސް ހަވާލު ކޮށްފި
ޢަލިކޮއެ/ހުޅުމާލެ
06 November 2025
ކިހިނެއްބާ ތިޔަ ކުންފުނިތައް ހޯދީ؟ މިއައް ވައްކަން ނޫން ކޯއްޗެކޭ ކިޔަންވީ؟
އަލީ ދާވޫދު
06 November 2025
ކަޓަަށް 1 ބިލިއަން. އެއްވެސް ޑީޓެއިލްއެއް ނެތި ކުރިން އިއުލާމުކުރުމަކާ ނުލާ 208 ޕްރޮޖެކްޓް ބަހާލީ ކޮމްޕެޓެޓިވް ބިޑިން އެއްނެތި. ޖަރީމާ ތިޔައީ. ތިހެން ހެދީމާ ގައުމުގައި ތިބި ބުރަ މަސައްކަތް ކޮށްގެން އާމްދަނީ ހޯދަން ބޭނުންވާ ޒުވާނުން ގައުމު ދޫކޮށް ދާނެ. ހެޔޮނުވާނެ ވަކި ބަޔަކަށް ތިގޮތަށް ޕްރޮޖެކްޓް ދޭން
ފުކެއް ބޮޑުވަރު
06 November 2025
ތަފުސީލުކޮށްދޭން އުޅޭވަރުންވެސް ދޭހަވޭ ފަރުދާގެ ފުރަގަހުގަ ބައިވަރުތަކެއް ފޮރުވައިގެން އެބައުޅޭކަން، ފުކެއް ބޮޑުވަރު މަހުވާ.
ޑރ ވާންޗޯ
06 November 2025
ތެދުބަހުން ބުނާނަމަ އަދިހަމަ މިދަނީ އަންނިގެ ވެރިކަންދިޔަމަގުން ސަޅިބައިސާގަ. 2 އަހަރު ވެގެން ދިޔައިރު އިންފްރާސްޓްރަކްޗަރގަ ކުރެވުނު މާބޮޑުކަމެއްނެތި ބަޖެޓުހުސްވެ އަންނަނީ އަންނަނީގަ. ޑޮލަރ 22 ގަ. ހޯޕްފޯގުޑް.......
ހާނޖީ
06 November 2025
ބާސެލޯ ނަސަންދުރާ ހުޅުވިފަހުން އެންމެ ގިނައިން މާލަންތަށް ހިފަނީ ސަރުކާރުން ކަމަށްވަނީ. ފުރަތަމަ ކޮންމެވެސް މީހަކު ބަލާލަދީބަލަ ބާސެލޯ ނަސަންދުރާއަށް ބިލުތަކަށް ފައިސާ ދައްކާތޯ.
މިސް
06 November 2025
ކުރީ ޚަބަރުގަ އޮތީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުންނޭ ޕްރޮޖެކްޓްތައް ހިންގަނީ، މިޚަބަރުގައި ރައީސް ވިދާޅުވަނީ ފައިސާ އެއްވެސް ލަސްވުމެއްނެތި ބަރާބަރަށް ލިބެމުންދާނެއޭ، މީގައި ވާނުވާ އެގޭ މީހަކު އެބަހުރިބާ؟ ކޮންމެވެސް ކުއްޖަކު މިވާގޮތެއް ތަންކޮޅެއް ތިލަކޮށް ކިޔާލަދީބަލަ
ބޭންކްހިއްސާދާރެެއް
06 November 2025
ކޮންޓްރެކްޓަރ ފައިނޭންސްއޭ އެބުނަނީ، ސަރުކާރުގެ ޕްރޮޖެކްޓަށް ބީއެމްއެލް އިން ފައިސާދޭތީ، އެހެންވީމަ ފައިސާ ދެނީ އަމިއްލަ ކުންފުނިތަކަށް ލޯނުގެ ގޮތުގަ، އެލޯނު ދައްކާނެ ކަމަށް ސަރުކާރާއެކު ޓްރައިޕާޓީ އެގްރީމެންޓެއްގެ ދަށުން. މަސައްކަތް ނިމެމުންދާ ވަރަކަށް ބޭންކުން އިންސްޕެކްޝަން ހަދާފަ ކޮންޓްރެކްޓަރަށް ފައިސާ ދޫކުރާނެ. އެހެންވީމަ މަސައްކަތް ބަރާބަރަށް ކުރަންޏާ ބަރާބަރަށް ފައިސާ ލިބޭނެ. ސުވާލަކީ ބޭންކަށް ފައިސާ ސަރުކާރުން ދެނީ ކިހިނެއްތޯ؟
ދިވެހިން ރ.
06 November 2025
ޝުކުރިއްޔާ ރައީސް. ނަތީޖާ ފޮނިވާނެ ކަމަށް ވ އުންމީދު ކުރަން
ދިއްދާ
06 November 2025
ފަހުން ނުބުނާތި އެކާވީސް ވާދުވަހެއްނޫނޭ... އަސްލު ބުނީ 21 ވަނަ އަށްވާ ދުވަހު މަސައްކަތް ނިންމާށޭ.. އެހެންވީމާ އެއްބަސްވުން މިހިސާބުން ބާޠިލް ވީއޭ... އަވަހަށް ގެއްލުމުގެ ބަދަލު ހޯދާށޭ!!!
ހޮޓްކިންގ
06 November 2025
ނިކަން ފޯރިލާފައި ސޮއިކުރާނެ، ފަށާނެ. ދެން އެހިސާބުން އެމަސައްކަތާހަވާލުވީ ކޮންބައެއްކަންވެސް ނޭނގޭނެ. ހުއްޓިފައޮންނާނީ. އެއީ ރަށްރަށުގަ އެކަންވެފަ ހުރިގޮތް.