06 ނޮވެމްބަރ 2025 - 18:06
ދިވެހި އަމިއްލަ ކުންފުނިތަކާ މިއަދު ހަވާލުކުރި 206 ޕީއެސްއައިޕީ މަޝްރޫއުތަކުގެ ހަރަދުވާ ޖުމްލަ 2.7 ބިލިއަން ރުފިޔާގެ ތެރެއިން 997.38 މިލިއަން ރުފިޔާ އަކީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ހަރަދުވާ ފައިސާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ބާސެލޯ ނަސަންދުރާ މާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި، ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން 206 މަޝްރޫއުގައި ދިވެހި އަމިއްލަ ކުންފުނިތަކާ ހަވާލުކުރި އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ 2.7 ބިލިއަން ރުފިޔާގެ އެ ޕޯޓްފޯލިއޯގައި ހިމެނެނީ އަތޮޅުތަކުގައި ހިންގާ ބޯހިޔާވަހިކަމާއި ތައުލީމާއި ސިއްހަތާއި ކުނި މެނޭޖްކުރުމާއި ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމާއި ފުލުހުންގެ އިންފްރާސްޓްރަކްޗާ އާއި މިސްކިތްތަކުގެ މަޝްރޫއުތައް ކަމަށެވެ. އެ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދޭނީ އިންވެސްޓާ- ފައިނޭންސް މޮޑެލްގެ ދަށުން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
- ބޯހިޔާވަހިކަމުގެ 13 މަޝްރޫއު: 997.38 މިލިއަން ރުފިޔާ
- ސްކޫލްތައް އެއާކޯން ކުރުމުގެ 26 މަޝްރޫއު: 397.25 މިލިއަން ރުފިޔާ
- ސިއްހީ ދާއިރާގެ 30 މަޝްރޫއު: 312.21 މިލިއަން ރުފިޔާ
- ކުނި މެނޭޖްކުރުމުގެ ވަސީލަތްތައް ގާއިމްކުރުމުގެ 24 މަޝްރޫއު: 204.27 މިލިއަން ރުފިޔާ
- ކުޅިވަރު އިންފްރާސްޓްރަކްޗާ ގާއިމްކުރުމުގެ 52 މަޝްރޫއު: 197.30 މިލިއަން ރުފިޔާ
- މަސް ޕްރޮސެސްކުރާ ކާރުހާނާ ގާއިމްކުރުމުގެ ދެ މަޝްރޫއު: 131.87 މިލިއަން ރުފިޔާ
- ފުލުހުންގެ ހިދުމަތާ ގުޅޭ 39 މަޝްރޫއު: 114.99 މިލިއަން ރުފިޔާ.
- މިސްކިތްތަކާއި ގުރުއާން މަރުކަޒުތަކާއި ވަގުފުބިނާތަކުގެ 14 މަޝްރޫއު: 196.43 މިލިއަން ރުފިޔާ
- ދަނާލާއި ޔުނިވާސިޓީ ކެމްޕަސްތަކުގެ ފަސް މަޝްރޫއު: 114.52 މިލިއަން ރުފިޔާ
- ޒުވާނުންނާ ގުޅޭ މަޝްރޫއެއް: 40 މިލިއަން ރުފިޔާ
ސަރުކާރުން މިއަދު އަމިއްލަ ކުންފުނިތަކާ ހަވާލުކުރި 206 މަޝްރޫއަކީ 123 ރަށެއްގެ ތަރައްގީގެ އެކި މަސައްކަތެވެ.
ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން މުޅި ރާއްޖޭގައި ހިންގާ އެ މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކަށް ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެެއިން ފައިސާ ހަމަޖެހޭނެ ކަމަށް މިއަދުގެ ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި އެވެ.
"ކޮންޓްރެކްޓާ ފައިނޭންސިންގެ އުސޫލުތަކާ އެއްގޮތަށް ބޭންކިން ފައިނޭންސް މެދުވެރިކޮށް މި މަޝްރޫއުތައް ހިންގުމާ ހަވާލުވާ ދިވެހި ވިޔަފާރިތަކަށް ބަރާބަރަށް ފައިސާ ލިބޭނެ،" ޒަމީރު ވިދާޅުވި އެވެ.
އެ މަޝްރޫއުތަކަށް ފައިނޭންސް ކުރާ ކުންފުނިތަކަށް މިނިސްޓަރު ވިދާޅުވީ އެ ކުންފުނިތަކުން ސަރުކާރަށާއި ރާއްޖޭގެ އިގްތިސާދަށް ކުރާ އިތުބާރު ސަރުކާރަށް މުހިއްމު ކަމަށެވެ.
މިއަދު ސޮއިކުރި އެއްބަސްވުންތައް ހިމެނޭނީ އާއްމު އިންވެސްޓްމެންޓް ފްރޭމްވޯކެއްގެ ތެރޭގައި ކަމަށާއި ރިސްކް ކުޑަކުރުމަށް، ފައިސާ ދޭކަން ޔަގީންކުރުމާ އެކު، މަސަައްކަތް މޮނިޓާކުރާނެ އިންތިޒާމްތައް އެ ފްރޭމްވޯކްގައި ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަހުމަދު555
07 November 2025
2.8 ބިލިއަން ޑިފެންސައް.... ބުނި ނުހުންނާނޭ ދައުރުނިމޭރު ބޯހިޔާވަހިކަން ނުލިބޭމީހަކު.... ޢާސަންދަ ވީމަ ބޭކާރުހަރަދު...
ލޮއްލަ
07 November 2025
ތިޔަހެން 55 ރަށެއްގަ އާ ކައުންސިލް އިމާރާތްވެސް އަޅައިދީފި. ސާފުކުރި ބިންތަކުގަ މިހާރު ހުރީ ގަސް ފަޅާފަ. އިމާރާތެއް ނެތް. ސޮއި ކުރުން މެކުހަށް. އަމަލީ މަސައްކަތް ސުމެއް.
މިނިސްކް
06 November 2025
ކޮންޓްރެކްޓަރ ފައިނޭންސްއޭ ކިޔައިގެން ބޭންކް މެދުވެރިކޮށް އެމީހުންނަށް ފައިނޭންސް ކުރުމުން، ހަގީގަތުގައި ދައުލަތުން ގެރެންޓީ (ނުރަސްމީކޮށް) ދީގެން ބޭންކް ލޯން ނަގައިގެން މަސައްކަތް ކުރަނީ، އާޚިރުގައި ފައިސާ ދައްކާނީ ދައުލަތުން، ކޮންޓްރެކްޓަރ ފައިނޭންސަކީ ސަރުކާރު މެދުވެރިވެގެން އެމީހުންނަށް ބޭންކުން ފައިސާ ދޫކުރުން، މިލޯނުތައް ތިޔަ ކުންފުނިތަކުގެ ނަމުގައި ދޫކޮށްފިނަމަ ސަރުކާރުން ލާރިނުލިބެއޭ ކިޔައިގެން ތި ލޯނެއް ނުދައްކާނެ، ބޭންކަށް ގެއްލުންވާނީ
ކޮބާ
07 November 2025
ސަރުކާރުން ބޭންކަށް ދައްކަނީ
މަ ބުނީ
06 November 2025
ނަން ނުކިޔާ ކުންފުނިތަކެއްބާ ؟
މިއައު
06 November 2025
ކީއްވެތޯ ނުލިޔަނީ ކޮން ކުންފުނިތަކެއްކަން އަދި ޕނސ އާ ކިހާ ގުޅުން އޮތް ކުންފުނިތަކެއްކަން
އަހައްމަދު ކަލޯ
07 November 2025
އޭރުން ސްޕާރީއެއް ނުލިބޭނެ ސަރުކާރުން
ޱރ ވާނުވާ
06 November 2025
ނޫސްވެރިން ތަންކޮޅެއް ތިލަކޮށް މިޚަބަރު ގެނެސްދިންނަމަ ދިވެހި ރައްޔިތުންނަށް އެނގޭނެ ތިޔަހަވާލުކުރި މަޝްރޫއުތައް ލިބުނީ ކޮންބަޔަކައްކަން. ފޮނަދޫގެ ހައުސިންގ ޕްރޮޖެކުޓް އިއްތިފާގުން މިލިބުނީ މަޖިލީހުގެ ރާއީސްގެ އަނބިކަނބަލުންގެ ކުންފުންޏައް މިއީ އިއްތިފާގެއްތޯ؟ ދެން ސައުދު ، ޓޮމް މީހައްތާވެސް އިއްތިފާގުތައް
ވަރަށް ތާހިރު
06 November 2025
ލަދު ކަނޑާލާ ލައިވްކޮށް ކޮރަޕްޝަން. ސަޅި. ތިން ބާރު އެއްވީމާ ވާނެ ހައެތި. ހުރިހާ މޮޅެއް ރަސްގެފާނަށް.
ތީތި ކަޑަ
06 November 2025
ކަޓަަށް 1 ބިލިއަން. އެއްވެސް ޑީޓެއިލްއެއް ނެތި ކުރިން އިއުލާމުކުރުމަކާ ނުލާ 208 ޕްރޮޖެކްޓް ބަހާލީ ކޮމްޕެޓެޓިވް ބިޑިން އެއްނެތި. ޖަރީމާ ތިޔައީ. ތިހެން ހެދީމާ ގައުމުގައި ތިބި ބުރަ މަސައްކަތް ކޮށްގެން އާމްދަނީ ހޯދަން ބޭނުންވާ ޒުވާނުން ގައުމު ދޫކޮށް ދާނެ. ހެޔޮނުވާނެ ވަކި ބަޔަކަށް ތިގޮތަށް ޕްރޮޖެކްޓް ދޭން.