މައިކަލް ޖެކްސަންގެ ބަޔޮޕިކް ފިލްމު "މައިކަލް"ގެ ޕޯސްޓަރެއް.
10 ނޮވެމްބަރ 2025 - 07:19
ޑްރަގް އޯވަޑޯޒް ވެގެން މަރުވި އެމެރިކާގެ ޕޮޕް ސުޕަސްޓަރު މައިކަލް ޖެކްސަންގެ ބަޔޮޕިކް ފިލްމު "މައިކަލް"ގެ ޓްރެއިލާއަށް ރެކޯޑް އަދަދެއްގެ ވިއުސް ލިބިއްޖެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، މިދިޔަ ހުކުރު ދުވަހު އާންމުކުރި އެ ފިލްމުގެ ޓްރެއިލާއަށް 24 ގަޑިއިރުގެ ތެރޭގައި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ވަނީ 116 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފަ އެވެ. އެހެންވެ، އެ ފިލްމުގެ ޓްރެއިލާ މިހާރު ވެފައި ވަނީ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނަ ވިއުސް ލިބުނު މިއުޒިކް ބަޔޮޕިކް ފިލްމު ނުވަތަ ކޮންސާޓް ފިލްމެއްގެ ޓްރެއިލާއަށެވެ.
މީގެ ކުރިން 96 މިލިއަން ވިއުސްއާ އެކު، އެ ރެކޯޑް ދެމެހެއްޓީ އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓުގެ ކޮންސާޓް ފިލްމު "ޓޭލާ ސްވިފްޓް: ދަ އެރާސް ޓުއާ" އެވެ.
އެ ފިލްމުގައި މައިކަލްގެ ރޯލު ކުޅެނީ އޭނާއަށް ބޮޑުބޭބެ ކިޔާ ޖެފާ ޖެކްސަން އެވެ.
"މައިކަލް" ޑައިރެކްޓުކުރީ "ދަ އީކުއެލައިޒާ"ގެ ފިލްމު ސީރީޒް ގެނެސްދިން އެންޓޮއިނީ ފުކުއާ އެވެ.
އެ ފިލްމުގެ ޕްރޮޑިއުސަރަކީ އިނގިރޭސިވިލާތުގެ ކުރީގެ ބޭންޑް "ކްއީން" އިން ވިދައިލި މިއުޒިކް ލެޖެންޑް ފްރެޑީ މާކިއުރީގެ ވާހަކަ ކިޔައިދިން ކާމިޔާބު ފިލްމު "ބޮހީމިއަން ރަޕްސޮޑީ"ގެ ޕްރޮޑިއުސަރު ގްރަހަމް ކިންގެވެ.
އެ ފިލްމު ރިލީޒްކުރަނީ އަންނަ އަހަރު އެޕްރީލް 24 ގަ އެވެ.
ޖެކްސަން ވަރަށް ޒުވާން އުމުރުގައި ހޯދި މަޝްހޫރުކަމާ އެކު، ފަހުން އޭނާ ދުނިޔޭގެ ވަރުގަދަ ފަންނާނަކަށް ބަދަލުވެގެން ދޮޔަ ގޮތް އެ ފިލްމުގައި ދައްކާނެ އެވެ.
ޕޮޕް މިއުޒިކްގެ ރަސްގެފާނުގެ ގޮތުގައި މަޝްހޫރު ޖެކްސަންގެ ބަޔޮޕިކް ގެނެސްދޭއިިރު، އޭނާގެ ހަޔާތާ ގުޅޭ އެކި ޑޮކިއުމަންޓަރީތައް ވެސް ވަނީ ކުރިން ހަދައިފަ އެވެ.
ޑްރަގް އޯވަޑޯޒް ވެގެން، އުމުރުން 51 އަހަރުގައި ޖެންސަން މަރުވީ ޖޫން 25، 2009 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
2025
11 November 2025
ކަލޯ މީވެސް އުޅެންނޭގި 51 އަހަރުގަ ދިޔަ ސޮރެއް.... ބޮއިހަލަކި