ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
09 ނޮވެމްބަރ 2025 - 23:42
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތުގައި މިހާތަނަށް ނިމުނީ 72 ޕަސެންޓް ކަމަށް ވިޔަސް މި ސަރުކާރުން އެ މަޝްރޫއުގެ ސްޕީޑު އަވަސްކުރި ކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު މިރޭ ވިދާޅުވެއްޖެ އެވެ.
ހަނިމާދޫ އެއާޕޯޓް ޒަމާނީކޮށް، އަލުން ހުޅުވުމަށް އެ އެއާޕޯޓުގައި ބޭއްވި ބޮޑު ރަސްމިއްޔާތުގައި ޝަރީފް ސިފަކުރެއްވި ގޮތުގައި، އެ އެއާޕޯޓުގެ ހިންގުން މި ސަރުކާރުން އެމްއޭސީއެލްއާ ހަވާލުކުރުމަކީ "އުތުރުގެ ތަރައްގީގެ ތަޅުގަނޑި" ހަވާލުކުރުން ފަދަ ކަމެއް ކަމަށެވެ. "އަޖައިބެއް ފަދަ" އެ އެއާޕޯޓާ އެކު ލިބޭ އިގުތިސާދީ ފައިދާ މުޅި ބޮޑު ތިލަދުންމައްޗަށް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ޖަވާހިރުން އަޅުގަނޑުމެން ބިނާކުރާނީ މާ އުފާވެރި މުސްތަގުބަލެއް. މާ އުފާވެރި ބޮޑު ތިލަދުންމައްޗެއް،" އޭނާ ވިދާޅުވި އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް އަލުން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ޝަރީފް ވިދާޅުވީ ނޮވެމްބަރު 17، 2023 ގައި މި ސަރުކާރު އުފެދުނު އިރު، ހަނިމާދޫ އެއާޕޯޓް ތަރައްގީގެ މަޝްރޫއުގެ ނިމިފައި އޮތީ 28-30 ޕަސެންޓް މަސައްކަތް ކަމަށެވެ.
"ތަފާތު މީހުން ތަފާތު ގޮތްގޮތަށް ދެކިދާނެ، އެކަމަކު، މިވަރުގެ ބޮޑު ފެސިލިޓީއެއް ހަދާއިރު، އެ ފެސިލިޓީ ރަން ކުރުމަށް ނުވަތަ ހިންގުމަށް ބޭނުންވާ ހުރިހާ ކަމެއް އެއީ ޕްރޮޖެކްޓުގެ ކަންތައްތައް. އަޅުގަނޑުމެން ހަވާލުވި އިރު، ޕެސެންޖާ ޓާމިނަލެއް ނުނިމޭ. ކާގޯ ޓާމިނަލް ބިލްޑިންއެއް ނުނިމޭ. ޖެޓީއެއް ނުނިމޭ. ފަޔަ ސްޓޭޝަނެއް ނުނިމޭ. އިންޖީނުގެއެއް ނުނިމޭ،" ޝަރީފް ވިދާޅުވި އެވެ.
"މި ހުރިހާ ކަމެއް މިހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކުރުމަށް ބާރު އަޅުއްވައި ދެއްވި، އެހީތެރިވެ ދެއްވީ އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ [ޑރ. މުހައްމަދު މުއިއްޒު]. ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން."
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ އެތެރެ: މިރޭ އެ އެއާޕޯޓު ވަނީ ހުޅުވައިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ޝަރީފް ވިދާޅުވީ ހަނިމާދޫ އެއާޕޯޓު މިރޭ ހުޅުވީ އެ އެއާޕޯޓް ކުރިން ހިންގި އަދި މިހާރު އެމްއޭސީއެލްގެ ދަށަށް ބަދަލުކޮށްފައިވާ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް) އާއި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އާއި މިނިސްޓަރުގެ ޓީމުން ކުރި ވަރަށް ބުރަ މަސައްކަތުގެ ސަބަބުން ކަމަށެވެ.
"އަޅުގަނޑުމެން މިހާރު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގާތްގަނޑަކަށް 72 ޕަސެންޓްގެ މަސައްކަތް އެ މަނިކުފާނާއި [މިނިސްޓަރު މުއްތަލިބް އާއި] އެމަނިކުފާނުގެ ޓީމުން ދެއްވި އެހީތެރިކަމާ ލައިގެން ނޫނީ ނިންމާ ނުލެވޭނެ ކަމީ ޔަގީންކަމެއް،" ޝަރީފް ވިދާޅުވި އެވެ.
މިރޭގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ ހަނިމާދޫ އެއާޕޯޓަކީ އުތުރުގެ ޓޫރިޒަމާއި އިގުތިސާދީ ތަރައްގީއަށް "ބޫސްޓެއް" ގެނެސްދޭނެ މަޝްރޫއެއް ކަމަށާއި މި ސަރުކާރުން ވާހަކަ ދައްކަނީ ނަތީޖާ ނެރެދީގެން ކަމަށެވެ.
"ދެންމެ އެމްޑީ ފާހަގަކުރެއްވި ފަދައިން ގާތްގަނޑަކަށް ތިރީހަކަށް ޕަސެންޓް މަސައްކަތް ނިމިފައި އޮތް، މި އެއާޕޯޓު އެތައް މަސައްކަތެއް އަވަސް ކޮށްގެން، އިންޑިއާ ސަރުކާރާއި ކޮންޓްރެކްޓަރާއި ދިވެހި ސަރުކާރާއި ހުރިހާ ފަރާތްތަކާއި އެންމެން ގުޅިގެން ކުރި މަސައްކަތުން 70 ޕަސެންޓް މިހާތަނަށް، މިހާ އަވަހަށް އަވަސްކޮށް، އަޅުގަނޑު ވައުދުވި ގޮތަށް ނިންމި ބޭނުމަކީ މި ދެންނެވި ފަދައިން މި ރަށާއި މި އަތޮޅާއި މި ސަރަހައްދުގެ ހުރިހާ ރައްޔިތުންނަށް އަވަސްމިނެއްގައި އިގުތިސާދީ ފަހި ފުރުސަތުތައް ހޯދައިދިނުން." ރައީސް ވިދާޅުވި އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ އެތެރެ: މިރޭ އެ އެއާޕޯޓު ވަނީ ހުޅުވައިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމަށް ހަރަދުކޮށްފައިވެ އެވެ.
އެ މަޝްރޫއުގެ ދަށުން ހަނިމާދޫ އެއާޕޯޓުގައި 2.7 ކިލޯމީޓާރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ އާ ޓާމިނަލަކާއި އެއިރޯ ބްރިޖަކާއި ޑިއުޓީ ފްރީ އާއި ލައުންޖާއި އާ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރަކާއި ކާގޯ އިމާރާތަކާއި ފިއުލް ފާމެއްގެ އިތުރުން ސީޕްލޭނަށް ހިދުމަތް ދެވޭނެ ޖެޓީ ވެސް ވަނީ ހަދައިފަ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާގެ ކަލްޕަތަރު ޕްރޮޖެކްޓްސްއާ އެ އެއާޕޯޓްގެ މަސައްކަތް ހަވާލުކުރީ ސެޕްޓެމްބަރު، 2022 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނިމުނީ
10 November 2025
ސުރުހީ ނުބައި ހަނިމާދޫ އެޔާޕޯޓް މިސަރުކާރުން ނިންމީ %72
ބޮޑުރިޔާ
10 November 2025
ކުރިއްޔާ ކުރި އަވަހަކީ ތިޔަތަންހެދިޔަނުދީ ހުއްޓުވަން ކުރި އަވަސް އެހެރީ ދައްކާފައި ހުރި ވާހަކަތައް ސޯސަލް މީޑިއާގައި ފެންނަން މިވަރުންވެސް ހަސަނު ބުހުތާނު ދޮގު
ބަކުރުބޭ
10 November 2025
ދެން މަގާމު ބޭނުމިއްޔާ ޖެހޭނީ ތިގޮތަށް ވާހަކަ ދައްކަން
ކޮލަމާހުއްޓާ
10 November 2025
މީނަޔަށް އެބަޖެހޭ ވެރިންނަށް ސަނާކިޔުންތެރިކަމުން އެވޯރޑެއްދޭން. ހާދަފޯރިއެކޭ ހުންނަނީ މުއިއްޒުއަށް ސަނާކިޔަން. ބަލަ ތިތަނުގެ ހަގީގަތް އެބައެނެގެޔޭ ތިރަށާ ބޮޑުތިލަދުންމަތީ އެންމެނަށް. ކާކަށް އޮޅުވާލަންތިއުޅެނީ.
ސަނާމުގު
10 November 2025
މިވަރަށް ސަނާ ކިޔަންޖެހޭނީ ކޮންމެވެސް ނުރަނގަޅު ކަމެއް ކުރެވިފައި އޮވެގެންބާއޭ ހިތަށް އަރާ.
ތެފައާސާ.
10 November 2025
72% ނިމިގެންތޯ މުޅި ސަރުކާރު އެއްވެގެން ރަސްމިއްޔާތު ބާއްވައި ހަވާ އަރުވާފައި މި ހުޅުވީ؟ އަދި އެއްކޮށް ނިމުނީމަ ވާނެ އަލުން ހަވާ އަރުވާފައި އަލުން ހުޅުވަން...
ގެޓެއްނުވި..
10 November 2025
ހަވާލުވީއިރު 28-30 އިންސައްތަ ނިމަފަ މިހާތަނަށް ނިމުނީ 70 އިންސައްތަ. ޔަޢުނީ މިސަރުކާރުން ނިންމީ 40 އިންސައްތައޭ. މަސައްކަތް ހަވާލުކުރީ ސެޕްޓެމްބަރ 2022ގަ. މާނަޔަކީ %30 ނިންމަން ކުރީ ސަރުކާރުން ހޭދަކުރީ 13ވަރަކަށް މަސްދުވަހޭ. މިސަރުކާރުން 24 މަސްދުވަސް މިކަމުގައި ހޭދަކޮށްގެން މި ނިންމާލެވުނީ %40 ދޯ؟ ދެން މި ސަރުކާރުން މަސައްކަތް އަވަސްކޮށްގެން ނިންމިއްޔޭ މި ކިޔާ އެއްޗެއް ބޮލަށް ނުވަންނަނީ. އަނެއް މި ވެސް މި ހެދީ އަދުރެމެޓިކްސްއިންތަ؟
އިބުރ
10 November 2025
"އަޅުގަނޑުމެން ހަވާލުވި އިރު، ޕެސެންޖާ ޓާމިނަލެއް ނުނިމޭ. ކާގޯ ޓާމިނަލް ބިލްޑިންއެއް ނުނިމޭ. ޖެޓީއެއް ނުނިމޭ. ފަޔަ ސްޓޭޝަނެއް ނުނިމޭ. އިންޖީނުގެއެއް ނުނިމޭ،" މިހެން ބުނާިއރުވެސް އެނގޭނެ އެބައިތައްވެސް ހިމަނައިގެންކަން ޕްރޮޖެކްޓް ހަދާފައިވަނީ. ދެން އެނޫނަސް ބައެއް މަސައްކަތްތަކަކީ ޕެރެލަލްކޮށް ކުރިޔަށް ގެންދާ މަސައްކަތްތައް އަނެއްބައި މަސައްކަތްތަކަކީ އެއްޗަކަށް ފަހު އެއްޗެއް ނިންމާ ޒާތުގެ މަސައްކަތް. ދެން ހަމަ ހިތުން މޮޅު އެއްޗެއް ބުނެލީއޭ!
އެދުރު1
10 November 2025
ތިތަން ފެންނަ ފެނުމަށް ރީތީ މަރިން ބަލާލަން އެތެރެއަށް ވަދެ މަތި ބަލާލީމަ ފެންނަނީ ދަނގަޑު ހޮޅި. ދުވަސް ކޮޅެއް ނުވެ ހޮޅި ތަކިގައި ދަބަރު ޖެހައިގެ ފުރާޅު ހަލާކުވެގެން ފެންފައިބަން ފަށާނި. މިކޮމެންޓް މީގެ ތިންވަރަކަށް އަހަރު ފަހުން މީހަކަށް ފެންނާނެ ކަމަށް އުއްމީދު ކުރަން
މޮޑަން
10 November 2025
/ އަސްލު އެބުނަންއުޅުނީ 28 ޕަސެންޓޭ ކުރީސަރުކާރަށް ނިންމުނީ. މިސަރުކާރުން ބާކީ 72 ޕަސެންޓް ނިންމައިފީމޯ. އެކަމަކު ހަގީގަތުގަ އެއާޕޯރޓް އަދިއެއް ނުނިމޭ. 30 ޕަސެންޓްގެ މަސައްކަތް އަދި އެބައޮތް. އަދި ހަމަސް ފަހުންވެސް ނޭނގޭ އެބައި ނިމޭނެކަމެއް.
އަފްރާސިޔާބު
10 November 2025
އިބޫ ސަރުކާރަކީ %28 ޕަސެންޓް ސަރުކާރެއްތަ؟ މިހެން މިބުނީ މި ޝަރީފު އަރާ ވާހަކަ ދައްކާ ކޮންމެ ތަނެއްގައި އެވާހަކަ ބުނާތީ. އެކަމަކު ބަލާބެލުމަށް 28 ޕަސެންޓެއްވެސް މިސަރުކާރަށް ނެތްނިންމިފައެއް. 800މިލިއަންޑޮލަރު އަގުހުރި އެއަރޕޯޓެއް އަޅަން ނިންމި ފަރާތަށާއި އެމަސައްކަތް ކުރާ އިންޑިއާގެ ކުންފުންޏަށް މަސައްކަތްކުރުމުގެ ތައުރީފު ހައްގުވަނީ. މަސަރުކާރަށް ނެތް އެއްވެސްކަމެއް. މުޅިން ނުނިމެނީސް ހުޅުވީތީ އެކަން ބަލައިނުގަންނަން.