ޚަބަރު / ރާއްޖެ-އިންޑިއާ

ހަނިމާދޫ އެއާޕޯޓަށް ވައިގެ ދަތުރު އިތުރުކުރަން އިންޑިއާއިން ޓްރާންސްޕޯޓް މިނިސްޓަރާ މަޝްވަރާކޮށްފި

ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބު ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕޫ ރާމް މޯހަން ނައިޑު އާއި ރާއްޖޭގެ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ބައްދަލުކުރެއްވުން.-- ފޮޓޯ: އިންޑިއާ ހައި ކޮމިޝަން

10 ނޮވެމްބަރ 2025 - 15:50

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް ރޭ އަލުން ހުޅުވުމާ އެކު، އެ އެއާޕޯޓަށް ވައިގެ ދަތުރުތައް އިތުރުކުރުމަށް ދެ ގައުމުގެ މެދުގައި މިއަދު މަޝްވަރާކޮށްފި އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ހަނިމާދޫ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބު ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕޫ ރާމް މޯހަން ނައިޑު އާއި ރާއްޖޭގެ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން މިއަދު ބައްދަލުކުރައްވާފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާކުރީ ރާއްޖެ-އިންޑިއާގެ ގުޅުން ވަރުގަދަކުރުމާއި ދެ ފަރާތަށް ވެސް މަންފާކުރަނިވި ގޮތަށް ވައިގެ ދަތުރުފަތުރު އިތުރުކުރުމާ ގުޅޭ ގޮތުން ކަމަށް ހައި ކޮމިޝަނުން ބުންޏެވެ.

ނައިޑޫ ވަނީ ރައީސް އޮފީހުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ވެސް މިއަދު ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް މަޝްވަރާކުރައްވައިފަ އެވެ.

ނައިޑޫ މިއަދު ވަނީ ސީޕްލޭން ޓާމިނަލަށް ވެސް ޒިޔާރަތްކުރައްވައި ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓްގެ އޮޕަރޭޝަން ކުރިއަށްދާ ގޮތް ބައްލަވާލައްވައިފަ އެވެ. ހައި ކޮމިޝަނުން ބުނީ ރާއްޖޭގެ މި ތަޖުރިބާގެ ބޭނުން އިންޑިއާއަށް ހިފިދާނެ ކަމަށެވެ.

އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ އެހީގައި ތަރައްގީކޮށްފައިވާ ހަނިމާދޫ އެއާޕޯޓް ހުޅުއްވައިދެއްވީ، ކުލަގަދަ ރަސްމިއްޔާތަކާ އެކު، ރައީސް މުއިއްޒާއި ނައިޑޫ އެވެ.

ހަނިމާދޫ އެއާޕޯޓަކީ ރާއްޖޭގައި ހިންގި އެއާޕޯޓް ތަރައްގީކުރުމުގެ އެންމެ ބިޔަ އެއް މަޝްރޫއު އެވެ. އެ އެއާޕޯޓުގެ އާ ޓާމިނަލް މިދިޔަ މަހުން ފެށިގެން އަންނަނީ ބޭނުންކުރަމުންނެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާގެ ކަލްޕަތަރު ޕްރޮޖެކްޓްސްއާ އެ އެއާޕޯޓްގެ މަސައްކަތް ހަވާލުކުރީ ސެޕްޓެމްބަރު، 2022 ގަ އެވެ.

ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ދިވެހިންގެ އުޅުމާއި ސަގާފަތް ދައްކުވައިދޭ ގޮތަށް ފަރުމާކޮށްފައިވާ އަދި އެންމެ ޒަމާނީ ހިދުމަތްތައް ލިބޭ އާ ޓާމިނަލާ އެކު، އެ އެއާޕޯޓު ވާނީ އުތުރުގެ ލޭންޑްމާކަކަށެވެ. މިއީ ރާއްޖޭގެ އުތުރުގައި މިހާރު އޮތް އެންމެ ބޮޑު އެއާޕޯޓެވެ.

އެ މަޝްރޫއުގެ ދަށުން ހަނިމާދޫ އެއާޕޯޓުގައި 2.7 ކިލޯމީޓާރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ އާ ޓާމިނަލަކާއި އެއިރޯ ބްރިޖަކާއި ޑިއުޓީ ފްރީ އާއި ލައުންޖާއި އާ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރަކާއި ކާގޯ އިމާރާތަކާއި ފިއުލް ފާމެއްގެ އިތުރުން ސީޕްލޭނަށް ހިދުމަތް ދެވޭނެ ޖެޓީ ވެސް ވަނީ ހަދައިފަ އެވެ.

ހަނިމާދޫ އެއާޕޯޓުގެ އާ ރަންވޭ ހަދާފައި ވަނީ އެންމެ ބޮޑެތި ބޯޓުތައް ވެސް ޖެއްސޭނެ ގޮތަށެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އެ މަޝްރޫއަށް 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދުކުރި އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454