އެމްސީބީ: ޗެކް ޖަމާކުރަން އެދިފައިވާ އެކައުންޓަކީ ބޭނުން ނުކުރާ އެކައުންޓެއް ކަމުން، ޗެކް ނުގެއްލުނަސް އެ ފައިސާ އެކައުންޓަށް ޖަމާ ނުކުރެވޭނެ ކަން ހުކުމުގައި ފާހަގަކުރި ---މިހާރު ފައިލް ފޮޓޯ
30 މާޗް 2017 - 14:21
މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އިން 250،000 ޑޮލަރު (3.8 މިލިއަން ރުފިޔާ) ގެ ޗެކެއް ގެއްލުނު މައްސަލާގައި، އެ ޗެކް ދޫކުރި ފަރާތަށް ގެއްލުމުގެ ބަދަލު ނަގައިދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މއ. އެވާގްލޯރީ އަބްދުﷲ އާރިފް އެމްސީބީއާ ދެކޮޅަށް ދައުވާކުރީ އޭނާ ދޫކުރި 250،000 ޑޮލަރު ޗެކަކާ އެމްސީބީން ހަވާލުވުމަށް ފަހު، އެ ބޭންކް ތެރެއިން އެ ޗެކް ގެއްލުމުން، އޭނާ އެހެން ފަރާތަކަށް ދައްކަންޖެހޭ ފައިސާ ނުދެއްކި ޖޫރިމަނާގެ ގޮތުގައި 10 މިލިއަން ރުފިޔާ އަރާފައި ވާތީ އެވެ. އޭނާ ދައުވާކުރީ ގެއްލުނު ޗެކްގައިވާ 250،000 ޑޮލަރާއި އެ ފައިސާ ލިބެންވީ ފަރާތަށް ފައިސާ ނުލިބުމުން ޖޫރިމަނާގެ ގޮތުގައި އެރި 10 މިލިއަން ރުފިޔާ އެމްސީބީ އަތުން ހޯދުމަށެވެ.
އެ މައްސަލަ ބެލުމަށް ފަހު ކޯޓުން ކުރި ހުކުމުގައި ވަނީ ޗެކް ގެއްލުނީ އެމްސީބީ ތެރެއިން ކަމަށް ވިޔަސް އެކަމުގައި ނަގައި ދިނުމަށް އާރިފް އެދިފައިވާ ގެއްލުމުގެ ބަދަލު ނަގައި ދެވެން ނެތް ކަމަށެވެ. ސަބަބަކީ ޗެކް ގެއްލުނު ކަން އެމްސީބީން އާރިފަށް އަންގާފައިވާތީ އިތުރު ޗެކެއް ހުށަހެޅުމުގެ ފުރުސަތު އޭނާ އަށް ލިބިފައި އޮތުމުން ކަމަށް ހުކުމުގައި ވެ އެވެ.
އެ ޗެކް ޖަމާކުރަން އާރިފް އެދިފައިވާ އެކައުންޓަކީ ބޭނުން ނުކުރުމުގެ ސަބަބުން އިންއެކްޓިވް ވެފައިވާ އެކައުންޓެއް ކަމަށާއި އެހެންވެ، އެ ޗެކް ނުގެއްލި އޮތަސް އެ އެކައުންޓުގެ ހާލަތު ބަދަލު ނުކޮށް އެ ފައިސާ އެ އެކައުންޓަށް ޖަމާ ނުކުރެވޭނެ ކަމަށް ހުކުމުގައި ވެ އެވެ. އާރިފް ދޫކުރި ޗެކަކީ އިސްލާމިކް ބޭންކުގައި ހުރި އެކައުންޓަކުން ދޫކުރި ޗެކެއް ކަމަށް ވާއިރު، އެ އެކައުންޓުގައި ކުރިން ފައިސާ ހުރި ނަމަ، އެ ޗެކް ޖަމާ ނުވުމުން ވެސް އެ ފައިސާ އެ އެކައުންޓުގައި ހުންނާނެ ކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން އާރިފް ފައިސާ ދައްކަން އުޅުނު ފަރާތަށް ފައިސާ ނުލިބުމުން ޖޫރިމަނާ އެރި ކަމަށް ބުނާއިރު ފައިސާ ދައްކަން އަންގައި، އެ ފަރާތުން އާރިފަށް ފޮނުވި އިންވޮއިސްއާ ގެއްލުނު ޗެކުގައި ބުނާ ފައިސާއާ ގުޅުމެއް ނެތް ކަމަށް ހުކުމުގައިވެ އެވެ. އަދި އެހެން ޗެކެއް މެދުވެރިކޮށް، އެ ފައިސާ ނެގުމުގެ ފުރުސަތު އޮތުމުން އެއީ އެމްސީބީން ޒިންމާވާން ޖެހޭނެ ކަމެއް ނޫން ކަމަށް ހުކުމުގައިވެ އެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލަ އާރިފްގެ ފަރާތުން އިސްތިއުނާފް ކުރަން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މރ. ހަދާނެއް ނުނެތޭ.
31 March 2017
ވަޓް އަ ގޭމް!؟
އަހުމަދު
31 March 2017
ވަކި ބަޔަކަށް ބައި އަޅަން އެއްބަސްވަނިކޮށް މިކަން ކާމިޔާބުވެދާނެ
އަބްދުއްލާ އަލީ
30 March 2017
މިކަން ދުނިޔޭގެ އެއްވެސް ކޯޓަކުން ކާމިޔާބެއް ނުވާނެ. މއީ ގޯހެއް
ފްރޯޑް
30 March 2017
ކުޅެން އުލުނު ފްރޯޑް ގޭމް ނާކާމިޔާބުވީ.