ސައުތު ޕޮލިސް ކޮމާންޑަރު، އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ޝަމީމު މިއަދު އޮންލައިން ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަނީ.
10 ނޮވެމްބަރ 2025 - 20:06
ޑްރަގާ ދެކޮޅަށް ފުވައްމުލަކުގައި ފެށި އޮޕަރޭޝަން މުޅި ދެކުނަށް ފުޅާކޮށް، އެ ސަރަހައްދުން 12 ނެޓްވޯކެއް ދެނެގަނެފައިވާ ކަމަށް، ސައުތު ޕޮލިސް ކޮމާންޑަރު، އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ޝަމީމު މިއަދު ވިދާޅުވެއްޖެ އެވެ.
ދެކުނުގެ ފުލުހުން ކުރާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ދިނުމަށް އޮންލައިންކޮށް ބޭއްވި ޕްރެސްގައި ޝަމީމް ވިދާޅުވީ "ވެށި ރައްކަލް"ގެ ނަމުގައި ޖެނުއަރީ 14، 2024 ގައި ފެށި އޮޕަރޭޝަން ގއ، ގދ، އަދި އައްޑު އަތޮޅަށް ވެސް ފުޅާކޮށްފައިވާ ކަމަށެވެ.
އެ ސަރަހައްދުން ޑްރަގުގެ 12 ނެޓްވޯކެއް ދެނެގަނެވިފައިވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.
ފުވައްމުލަކުގައި ފެށި އޮޕަރޭޝަންގައި 58 މީހަކު ހައްޔަރުކޮށް، އެ މީހުންގެ މައްޗަށް 75 މައްސަލައެއް ތަހުގީގުކުރި އެވެ. އޭގެ ތެރެއިން 65 މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާ ކޮށްދޭން އެދި ޕީޖީ އޮފީހަށް ވަނީ ފޮނުވައިފަ އެވެ. އޭގެ ތެރޭގައި، އެ ނެޓްވޯކުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރާ ފުވައްމުލަކު ދޫޑިގަން، ކަރަންކާވިލާ އަހުމަދު ނިއުޝާދު، 34، އަދި ދޫޑިގަން، ޒަމާނީވިލާ، ހަސަން އާޒިމް، 29، ހިމެނެ އެވެ.
އެ މީހުން "ޑީލަރުންނަށް" މުސާރަ ދީގެން، މަސްތުވާތަކެތި ވިއްކައިގެން ފައިސާ ހޯދާފައިވާ ކަމަށާއި އަދި ކްރެޑިޓަށް ދޫކޮށްފައިވާ މަސްތުވާތަކެތީގެ ހިސާބުތައް ވަކި ތަރުތީބަކުން ބަލަހައްޓާފައިވާކަން ވެސް ތަހުގީގަށް އެނގޭ ކަމަށް ޕީޖީ އޮފީހުން މީގެ ކުރިން ބުންޏެވެ.
ފުވައްމުލަކު ސިޓީގެ ކޮމާންޑަރު، އިންސްޕެކްޓާ އޮފް ޕޮލިސް މޫސާ ލަތީފު ވިދާޅުވީ، އޮޕަރޭޝަން ރައްކަލްގެ ދެ ވަނަ ފިޔަވައްސާ ހަމައަށް ދިޔައިރު، މަގުމަތީގައި ޑްރަގް ވިއްކާކަމުގެ ޝަކުވާތައް ނުލިބޭ ކަމަށެވެ. އެ ފަދަ ކަންކަމާއި ކައުންސިލްގެ ނަމްބަރުތަކަށް ބަލާއިރު އޮޕަރޭޝަންގެ ނަތީޖާ ރަނގަޅުކަމަށް ބުނެވިދާނެ ކަމަށް މޫސަ ވިދާޅުވި އެވެ.
އެ ސަރަހައްދުގެ ޕޮލިސް ސްޓޭޝަންތަކަށް މި އަހަރު ވަނީ 5،000 އެއްހާ މައްސަލަ ރިޕޯޓުކޮށްފަ އެވެ. އޭގެ ތެރެއިން، ގިނަ މައްސަލަތަކެއްގެ ތަހުގީގު އަދި ވެސް ދަނީ ކުރިއަށެވެ.
ނޫސްވެރިއެއްގެ ސުވާލަކާ ގުޅިގެން ޝަމީމް ވިދާޅުވީ މައްސަލައެއް ހުށަހެޅުމުން އެކަން ބަލާނެ ކަމަށާއި ނަަމަވެސް ތަހުގީގަށް ރަށްރަށަށް ދަތުރުކުރުމުގައި ގޮންޖެހުންތައް ދިމާވާ ކަމަށެވެ.
އެ މުއްދަތުގައި އައްޑުއިން އެކަނި ވެސް 2،701 މައްސަލަ ރިޕޯޓުކޮށްފައިވެ އެވެ.
އައްޑޫ ސިޓީގެ ކޮމާންޑަރު، ސުޕްރިޓެންޑެންޓު އޮފް ޕޮލިސް މުހައްމަދު މަސްއޫދު ވިދާޅުވީ އައްޑޫއިން ގިނައިން ރިޕޯޓުކޮށްފައިވަނީ ވައްކަމުގެ މައްސަލަތައް ކަމަށެވެ. އެއީ، ގޭގެއިން ވައްކަން ކޮށްގެން ހުށަހަޅާފައިވާ ރިޕޯޓުތައް ކަމަށް އޭނާ ވިދާޅުވި އެވެ.
މަސްތުވާތަކެތީގެ މައްސަލަތަކުގައި ވެސް އުޅެނީ އެއް ބައެއް ކަމަށާއި އެ މީހުންނަށް ދައުވާކޮށް، އަލުން އަނބުރާ މުޖުތަމައުއަށް ނުކުމެ، އަލުން އެ ކުށްތަކަށް އަރައިގަންނަ ކަން މަސްއޫދު ފާހަގަކުރެއްވި އެވެ. އެހެންވެ، ގޯތި ގެދޮރުން ވައްކަންކުރުން ހުއްޓުވަން ވަރަށް ގިނަ ކަންކަން ކުރާ ކަމަށާއި އޭގެ ތެރޭގައި މީހުން ހޭލުންތެރިކުރުވަން މަސައްކަތްކުރުން ހިމެނޭ ކަމަށް މަސްއޫދު ވިދާޅުވި އެވެ.
"ވެށިރައްކަލްގެ ނަތީޖާ ފެންނާނެ،" އޭނާ ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ އެ ސަރަހައްދުގައި އަލަށް ވައްކަމަށް ވަންނަ މީހުން ވަރަށް މަދު ކަމަށެވެ. ނަމަވެސް، ތަކުރާރުކޮށް ކުށްކުރާ މީހުން އުޅޭތީ އެކަމަށް ވަރަށް ބޮޑަށް މަސައްކަތްކުރިއަސް އެކަށީގާންވާ ހައްލެއް ނުހޯދޭ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިވޭ
12 November 2025
މަސްތުވާތަކެތި މިޤައުމުގައި އެހާ ޢާންމުވެ އެއީ މާބޮޑުކަމެއްނޫންކަން އިޙްސާސްކުރެވޭ ހިސާބަށް ކަންތައް ހިނގައްޖެ. ރަށްފުށުގައި މަސްތުވާތަކެތި ބޭނުންކުރުމާއި ވިއްކުން އަދި މާފަސޭހަކަމެއްގެ ގޮތުގައި ފެނިގެންދަނީ. ގިނަފަހަރަށް ރަށްތަކުގައި އެކަން ލީޑްކުރާމީހުންނާ އެ ރަށްތަކުގައިއުޅޭ ޕޮލިހުންނާވެސް ނިކަން ގުޅުން ރަނގަޅުކަމުގެ އަޑުތައްވެސް އިވޭ
ހުސްނޫނު
12 November 2025
ތިޔައިނީ ޑީސީޕީ ކަމަށް ޝަރުތުހަމަވެފަ. ދެން އާދޭ މާލެއަށް.
ުހ7ު7
12 November 2025
އަތް ލެވޭތަ؟ ނުލެވޭ ދޯ؟
އަޖައިބުވެ އަންތަރީސްވާ ވަރުވޭ
11 November 2025
މިކަމާ ދެކޮޅަށް ކޮމެންޓު ކޮން މިއަށް ފާޑު މި ކިޔާނީ ޑުރަގު ބޯމީންތަ ނޫނީ ވެރިކަމެއް ގެއްލިގެން ގެއްލުނު ބޮޑިވަރުގެ ހިތި ބާވޭ ހިތަށް އަރާ.. ހަމަގައިމުވެސް މީ ވަރަށް ބޮޑު އެޗީވްމަންޓް އެއް
ހާނޖީ
11 November 2025
12 ނެޓްވޯކް ފެނުންއިރު ހައިރާންވާގޮތްގޮތަށް އުންސުރު ގެއްލި ، ނުކިއްސަރު ގޮތްގޮތަށް ކޯޓުން ދޫކޮއްލަންޖެހުނު އަދަދުވެސް ހާމަކޮއްލިނަމަ. ގިނައީ ފުލުހުންނަސް ބައިއަޅައިގެން ހިންގާ ނެޓްވޯކްތަށް ކަމަށް ޝައްކު ކުރެވެނީ އެހެންވެ.
މައްކޫ
11 November 2025
އމޑޕ ގެ ވެރިކަމުގަ އިފެއްދިގެންސިޔަ ނެޓްވާރކްސް އެއީ އެމީހުންގެ ވިސްނުން، މިހާރު ެސް ްެ ކިޔަނީ ވޭޕްވެސް ހުއްދަކުރާނަމޭ
ޏަނާ
11 November 2025
މާލޭގައި ތިބި ޑްރަގް ނެޓްވޯރކްތަކުގެ އަތޮޅު/ރަށްތަކުގައި ހަރަކާތްތެރިވާ ގޮފިތައް ފަހަތުން ތި ދުވަނީ! ރޫޓް ކޯސްއަކީ މާލޭގައި ތިބި ގޭންގް ނެޓްވަރކްތައް… ފުރަތަމަ އެމީހުން ފަހަތުން ދޭ… އެ ނޫން އެހެން ގޮތަކަށް ތިކަމެއް ނުހުއްޓުވޭނެ! އިތުރު ބަޔަކު ތިކަމަށް އަނެއްކާވެސް އެ މީހުން ރެކްރޫޓްކުރާނެ!
ޖަރީމާ ސާވިސް
11 November 2025
ކައެމެން ތޮ ނެޓުވޯކުތައް ހޯދާ ވަރަކަށް ޑުރަގު ބޯ މީހުން އިތުރު ވާކަމަށް ދައްކަނީ ލޮލް
ފުވައްމުލަކުމީހާ
11 November 2025
އަހަރެމެން މި އުޅެނީ ތިކަން ނޭންގޭތީވެ އެއް ނޫން. ޑްރަގް ނެޓްވޯކްތަކުގެ މަޢުލޫމާތު ކިތަންމެ ވަރަކަށް ވެސް ދީފާނަން. ފުވައްމުލަކު ގައި މަގުމަތިން ނުވިއްކާތީވެ އެއީ އޮޕަރޭޝަން ކާމިޔާބު ވީކަމަށް ބެލުން އެއީ ގޯހެއް. ކުރިއަށްވުރެ ފުޅާކޮށް ސްމާޓްކޮށް އަދި ވެސް އެބަ ވިއްކާ ވިޔަފާރިކުރޭ. ނިއުޝާދު އާއި އާޒިމު ބަންދުކޮށްގެން މިކަން ނުނިމޭ، ކޮބާ މައްޗަށް ތިބި މާފިއާ ބޮސްތައް ؟ އަތް ލާން ނުކުރެނީ ކީއްވެ ؟ ލަތީފް ޖަވާބު ދީބަލަ.
ނޫނު ވ
11 November 2025
ނ ވެލިދޫ ތިޔާ ލިސްޓަށް އިތުރުކޮއްލާ. ބޯ މީހުންނާ ފުލުހުންނާ ގުޅިފަ ކަމަށް ރަށު ތެރޭ ކިޔާ
އައްޑޫ މީހާ
10 November 2025
ތިކަމަކުން ވަނީ ކީއްތަ؟ ރަށް ރަށުގެ ފުލުހުންނާ ބޯ ސޮރުތަކާ އެވިއްކާ ސޮރުތަކާ ގުޅި ލާމެހިފަ ތިބޭ ކަމަށް ރަށުތެރޭ ކިޔަނީ