ފުވައްމުލަކުގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައިފި

ފުވައްމުލަކުގައި ޒުވާނެއްގެ ގަޔަށް މިރޭ ވަޅި ހަރައި ޒަހަމް ކޮށްލައިފި އެވެ.


އެނގިފައިވާ ގޮތުގައި އުމުރުން 18 އަހަރުގެ ޒުވާނާ އަށް ހަމަލަދީ ޒަހަމް ކޮށްލުމާ ގުޅިގެން އޭނާ އަށް ފުވައްމުލަކުގެ ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ. އެ ޒުވާނާގެ ކަރަށާއި ބަނޑަށް ވަޅި ހަރާފައިވާއިރު ހާލު ސީރިއަސް އެވެ.

ޒުވާނާ އަށް ވަޅިން ހަމަލަ ދިނީ މޫނު ނިވާކޮށްގެން ތިބި ދެމީހުން ކަމަށް ވެ އެވެ.

ފުލުހުން ބުނީ، ފުވައްމުލަކުގައި މިރޭ ހިންގި މާރާމާރީގެ ތުހުމަތަށް އުމުރުން 15 އަހަރުގެ ކުއްޖަކު ހައްޔަރުކޮށް، މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ފުވައްމަލަކު ކައުންސިލް މެމްބަރަކު "މިހާރު" އަށް ވިދާޅުވީ ވަޅި ހެރުމުގެ ސަބަބުން ޒަހަމްވީ ހޯދަނޑު އަވަށުގެ ޒުވާނެއް ކަމަށެވެ.

ޒުވާނާއަށް ހަމަލަ ދިނީ ގޭގައި ހުއްޓާ އެ ގޭގެ ތެރެއަށް ބަޔަކު ވަދެ ކަމަށް ވެސް ކައުންސިލަރު ވިދާޅުވި އެވެ.