އަންނަ އަހަރުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އޭސީސީގެ ރައީސް ޝާމިލް ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
12 ނޮވެމްބަރ 2025 - 15:15
ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ކަނޑައަޅާފައި ވަނީ ގާނޫނީ ޒިންމާ އެންމެ ފުރިހަމަ އަށް އަދާކުރެވޭ ވަރުގެ ބަޖެޓެއް ނޫން ކަމަށް އެ އިދާރާގެ ރައީސް އާދަމް ޝާމިލް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހުގައި ބަޖެޓް ދިރާސާ ކޮމިޓީީގެ ބައްދަލުވުމުގައި ޝާމިލް ވިދާޅުވީ، އަންނަ އަހަރަށް ކަނޑައަޅާފައިވަނީ އެ އިދާރާގެ ބަޖެޓް ސީލިންގަށް ވުރެ ވެސް ދަށް ބަޖެޓެއް ކަމަށެވެ.
އެ އިދާރާގެ ބަޖެޓް ސީލިންގަކީ 49.8 މިލިއަން ރުފިޔާ އެވެ. އެކަމަކު ބަޖެޓު ފޮތުގައިވާ ގޮތުން އޭސީސީ އަށް އަންނަ އަހަރަށް ކަނޑައެޅީ 47.4 މިލިއަން ރުފިޔާ އެވެ.
ޝާމިލް ވިދާޅުވީ "ނިއު ޕޮލިސީ އިނީޝިއޭޓިވް" ގެ ގޮތުގައި ބަޖެޓުގައި ހިމަނާފައި ވަނީ އެ އިދާރާ އިން ހުށަހެޅި ޕްރޮޖެކްޓްތަކުގެ ތެރެއިން އިސްކަންދޭ ތަރުތީބުން ތިންވަނަ އަށް އިސްކަން ދީފައިވާ ކަމެއް ކަމަށާއި އެކަމަށް ހޭދަވަނީ ދެ ލައްކަ ރުފިޔާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، އަންނަ އަހަރަށް ކަނޑައަޅާފައިވަނީ އޭސީސީގެ ގާނޫނުގެ 21 ވަނަ މާއްދާ އިން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށް ފުދޭވަރުގެ ބަޖެޓެއް ނޫން ކަމަށެވެ.
އަންނަ އަހަރުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އޭސީސީގެ ރައީސް ޝާމިލް އެ ކޮމިޓީގެ މެމްބަރުންގެ ސުވާލުތައް އަޑުއައްސަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
އޭސީސީގެ އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން 97 ޕަސެންޓް ހޭދަކުރަނީ މުވައްޒަފުންގެ މުސާރަ އާއި އޮފީސް ހިންގުމަށެވެ. އެހެންވެ، މަސްއޫލިއްޔަތު އަދާކުރުމަށް ސީދާ ހިންގާ ޕްރޮގްރާމުތަކަށް އޮތީ 3.4 ޕަސެންޓް ކަމަށް ޝާމިލް ވިދާޅުވި އެވެ. އެއީ 1.6 މިލިއަން ރުފިޔާ އެވެ.
"މުޅި ކޮމިޝަންގެ ބޭސްލައިން ބަޖެޓަށް ބަލާއިރު، އަޅުގަނޑުމެންނަށް 78.3 ޕަސެންޓް، އެއީ 37 މިލިއަން ރުފިޔާ މުވައްޒަފުންގެ މުސާރަ އާއި އިނާއަތްތަކަށް. ދެން އެ އަށް ފަހު ގާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށް ތަހުގީގުތައް ހިންގުމަށް ރާއްޖެ މި އޮތް ގޮތުން މީގައި ވަރަށް ބޮޑަށް ދަތިތަކެއް ކުރިމަތިވާނެ. ބަޖެޓުގައި މި އޮތް ގޮތުން 0.3 އިންސައްތަ (130،000ރ.) ތަހުގީގުގެ ދަތުރުތަކަށް ލިބިފައި ވަނީ،" އޭނާ ވިދާޅުވި އެވެ.
ޝާމިލް ވިދާޅުވި ގޮތުގައި، ބަޖެޓުގެ 10 ޕަސެންޓް ހޭދަކުރަން ޖެހެނީ ކުއްޔަށެވެ. އެކަމަކު، ކުލި ކުޑަކުރުމަށް ވަރަށް ބޮޑު މަސައްކަތްތަކެއް ކުރެއްވި ކަމަށް ވިދާޅުވި އެވެ.
އޭސީސީން މިހާރު ވެސް ދައުލަތުގެ ބަޖެޓުން ކުއްޔަށް 4.8 މިލިއަން ރުފިޔާ ހޭދަކުރެ އެވެ.
ޝާމިލް ވިދާޅުވީ، އޭސީސީ މިވަގުތު ހުންނަނީ މީހުން ދިރިއުޅޭ ގެއެއްގައި ކަމަށާއި އެއީ އެފަދަ އިދާރާއެއް ހިންގުމަށް އެންމެ އެކަށީގެންވާ ތަނެއް ވެސްނޫން ނަމަށެވެ. އާންމު މީހުން ދިރިއުޅޭ އިމާރާތެއްގައި އޭސީސީ ހިންގާތީ، ތަހުގީގުތަކަށް އަދި މައުލޫމާތު ސާފުކުރުމަށް ހާޒިރުކުރާ މީހުންގެ ރައްކާތެރިކަން އެންމެ ފުރިހަމަ އަށް ކަށަވަރު ކުރަން ދަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ބަޖެޓް ކޮމިޓީގެ ބައެއް މެމްބަރުން މިއަދު މަޝްވަރާއެއްގައި.---ފޮޓޯ: ނިޝާން އަލީ| މިހާރު
"ކުށްވެރި ވެގެނެއް ނޫން، ނޫން އެކަމަކު މައުލޫމާތު ސާފުކުރުމަށް ދަންނަވާލިއަސް، އާންމުކޮށް މީހުން، ނޫސްތަކުން އެ މީހުން ކުށްވެރިވި ކަމަށް ބަލާ ކަހަލަ ގޮތަކަށް ތަން މި ހުރީ. ދުނިޔޭގެ އެހެން ގައުމުތަކުގައި އެންޓި ކޮރަޕްޝަން ކޮމިޝަންތައް ވަރަށް ބޮޑަށް ހިންގަނީ ފުލުހުންގެ އިދާރާތައް ހިންގާ ގޮތަށް،" އޭނާ ވިދާޅުވި އެވެ.
އޭސީސީގެ ރައީސް ވިދާޅުވީ، އެ އިދާރާގެ މުވައްޒަފުން މިވަގުތު ވެސް މަސައްކަތް ކުރަނީ ވަރަށް ކުޑަ ޖާގައެއްގައި ކަމަށާއި އެކަމަށް އަވަސް ހައްލުތަކެއް ބޭނުންވާ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެންޓި ކޮރަޕްޝަން ކޮމިޝަން އެއްގޮތަކަށް ވެސް އާންމު މީހެއް އުޅޭ ގެއެއްގައި ހިންގޭ ގޮތަކަށް ނޫން އިންތިޒާމުތައް ހުންނަން ވާނީ. އެ އަށް ވުރެ އަޅުގަނޑުމެންނަށް މަސައްކަތްތައް ކުރެވޭނެ ގޮތަކަށް ހުންނަން ވާނީ. މިސާލަކަށް މިވަގުތު ވެސް، އަޅުގަނޑުމެންނަކަށް ނެތް މީހުން އަރާ ފޭބުމުގައި ވެސް ކޮންޓްރޯލްތަކެއް ގެންގުޅެވޭކަށް،" ކަންބޮޑުވުމާ އެކު އޭސީސީގެ ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޮޑިޓަރު
13 November 2025
މިއަދާ ހަމައަށްވެސް އޭސީސީ މިޤައުމުގަ އޮވެގެން ވީކަމެއް ނެތް. ވީމާ އޭސީސީ އުވާލާފަ ވަކިވަކި ކޭސްތައް އިންވެސްޓިގޭޓްކުރަން ޕްރައިވެޓް ސެކްޓަރ އޮޑިޓަރުންނާއި ހަވާލުކުރުން މާބޮޑަށްވެސް ރަނގަޅުވާނެ. އޭރުން ޕްރައިވެޓް ސެކްޓަރ އޮޑިޓަރުން އިތުރަށް ކުރިއަރާ އަދި ވާދަވެރި މާހައުލެއްގައި ހުރިހާ އޮޑިޓަރުންވެސް ޕްރޮފެޝަނަލް ސްޓޭންޑަޑްތައް ހިފަހައްޓަން މަސައްކަތްކުރާނެ. ވީމާ އޭސީސީ އުވާލުމަށްފަހު ޕްރައިވެޓް ސެކްޓަރއަށް މިބަޖެޓް ހޭދަކުރަން ގޮވާލަން
އަބުދުލް ޤާދިރު
13 November 2025
ޤާނޫނީ ޒިންމާއެއް އަދާކުރާ ނަމައެއްނުން ފައިސާ ނެތިގެން އެކަމަށް އުނދަގުލެއް ވާނީ.
އަލީމްގ
13 November 2025
ދައުލަތުން ބޮޑެތި އޮފީސް އިމާރާތްތައް އަޅާއިރު މަހަކު 400،000ރ ކުއްޔައް ހޭދަކުރަނީ ކޮން ބަޔަކައް މަންފާ ހޯދަދޭންތޯ ބަލަންޖެހޭ
މަނާޖު
13 November 2025
ސަރުކާރުގެ ވެރިން ލެވެލްގެ ބޭފުޅުންގެ ކޮރަޕްޝަން މައްސަލައެއް ބެލުމުގެ ގާބިލުކަމެއް ލިބިފައިވާ ވެރިން ތިބި އިދާރާއެއްނޫން އޭސީސީއަކީ. ރައީސް އޮފީހަށް ގޮސް އޭސީސީން އާދޭސް ކުރިޔަސް ލިޔެކިޔުން ނުދޭކަން އެންމެންނަށް އެނގޭ. ބޭނުންވަނީ މިވެނި މީހެއްގެ މިވެނި ދުވަހެއްގައި ކޮށްފައިހުރި މަސައްކަތުގެ ޑޮކިއުމަންޓޭ ނުބުނަނީސް އެއްވެސް ލިޔުމެއް ނުދޭނެ. ދެން މައްސަލަ ހުށަހެޅި މީހާ އެނގިގެން އެމީހާ ވަޒީފާއިން ވަކިކޮށްލަނީ.
ބަނީބަނީ
13 November 2025
މީހުންގެ އަބުރުކަތިލަން ފްރޭމް ކޮށް ރިޕޯޓް ނެރުން ނޫންކަމެއް ކުރެވުނުތޯ..... މުސާރައާއި އިނާޔަތް ނަގާގެން ނަޒާހަތްތެރިކަމާއެކު މަސައްކަތް ކުރެވުނުތޯ.... ގައުމު މިހާލަތައް ވައްޓާލީ ހަމަތި އެންޓި ކޮރަޕްޝަން ކޮމިސަން ނިދާފަ އޮވެގެން. ސަރުކާރުން ބޭނުން ވާގޮތަށް މަގާމުގެ ދަހިވެތިކަމުގައި ތިތިބެނީ .....
ކޮއޮމަލާ
13 November 2025
ތެދުވެރި އިހްލާސް ތެރިބައެއްނަމަ ހަމަ އެކަނި މިތާ މިހިރަ ކޮމެންޓް ތައްވެސް ފުދޭނެ އިސްތިއުފާދޭން. އެކަމަކު އެނގޭ އެކަމެއް ނުކުރާނެކަން. ވަޒީފާގެ ދިފާއުގައި ކޮންމެ ފަދަ ކަމެއްވެސް މި މީހުން ކުރާނެ.
އުއްތަމަ އުސްތާޛް
13 November 2025
މިހާރުވެސް ޒިންމާއެއް ނަގާތަނެއް ނޫންތީކީ. ބަޖެޓު ބޮޑުކުރުމުގެ ބޭނުމެއް ނުވިސްނޭ.
ކޮމޮޑަސް
12 November 2025
އޭސީސީން އަބަދުވެސް ބަޖެޓުގެ ވާހަކަ ދައްކައެވެ. ހަގީގަތަކީ އެތަނުގައި ކޮންމެ އިންވެސްޓްގޭޓަރެއްގެވެސް ކޭސްލޯޑު އިންތިހާއަށް ބޮޑެވެ. އިވެލުއެޝަން ސްޓޭޖުގައި ތަހުގީގުކުރަން ނިންމާ ގިނަ ކޭސްތައް ނިމެނީ ކޮރަޕްޝަން ނެތްކަމެށެވެ. ޕީޖީއަށް ފޮނުވާ ގިނަ މައްސަލަތައް ދައުވާނުކޮށް އަނބުރާ ފޮނުވާލަނީއެވެ. މިއީ ވަސީލަތްތައް ނެތީމާ އަދި ގާނުނުތައް ދޯހަޅިވީމާ ދިމާވާ ކޮލިޓީ މައްސަލަތަކެވެ. އަޅެ ވާގޮތެއް ބަލާލަން އެމީހުން އެދޭވަރަކަށް ބަޖެޓު ދޭންވީނު؟
ފުރޭތަ1
12 November 2025
ނުހިންގޭނެ މީގެން މީހެއްގެ އޮފީހަށް ވަދެލިއަސް ހީވަނީ ގަނޑުވަރެއް ހެން. ޢަގު ބޮޑު މެކް ބުކާ އައިފޯނާ ނޫނީ ބޭނުން ނުކުރެވޭ. ރަށްޔިތުންގެ ފަެއިސާ ބޭނުން ގޮތަކަށް ތަޅާ ބުރުރުވަނީ. ތިޔަ މުއައްސަސާ ހަދައިން އެންމެ ލާރިއެއްވެސް އަނބުރާ ލިބުނުތަ.
ދިއްދާ
12 November 2025
ނޫނޭވާ މޮޅު... ތިވީ ގޮތުން މިސަރުކާރުގެ ވެރިންގެ މައްސަލަތަށް ފެންމަތިވާނެތާ؟ ގޮތަކަށް އެވާހަކަ އެ ދެންނެވީ. ބުނިވަރަށް ދޭންށޭ ޖެހޭނީ ނޫނީ..... ހައްހައްހާ